Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- މަސްލަހަތުގެ މައްޗަށް ބިނާވާ ގުޅުން

ބައެއް ފަހަރު ހިޔަޅަށް ވެސް އޭގެ ޝިކާރައަކީ އޭގެ ލޯބިވެރިޔާކަން ދައްކަން ޖެހެއެވެ. ނަމަވެސް، ފަހަރެއްގައި ވެސް، ހިޔަޅަކަށް، އޭނާގެ ހަގީގީ މަގުސަދު އޮޅިފައެއް ނޯވެއެވެ. އޭނާގެ މަގުސަދަކީ އެންމެ ކުރިން ވެސް އަދި އެންމެ ފަހުން ވެސް އޭނާގެ ޝިކާރަ އަތުލައިގަނެ ކާލުމެވެ. ހިތާމައަކީ ވަރަށް ގިނަ ފަހަރަށް ހިޔަޅުގެ ޝިކާރައަށް މިކަން ނުވިސްނޭތީއެވެ. ހިޔަޅު ކިޔައިދޭ ލޯބީގެ ލަވަތައް އަޑުއަހައި ހިޔަޅު އުޅެނީ އޭނާ ދެކެ ހަމަ ރަނގަޅަށް ވެސް ލޯބިވެގެން ކަމަށް ހީކޮށް ހިޔަޅުގެ އުރުތެރެއަށް، ހިޔަޅުގެ ޝިކާރަ ވެއްޓޭ ގޮތް ވާތީއެވެ!

މިހާރު، ވަރަށް ހަލުވިކަމާއެކު ކައިރިވަމުން އަންނަނީ ހިޔަޅު، ހިޔަޅު އޭގެ ޝިކާރަ ދެކެ ލޯބިވާކަމުގެ ތަރާނާތައް ކިޔާ އަޑުގަދަ ދުވަސްވަރެވެ. މިހާރު އެ އަޑު އިވެން ފަށައިފިއެވެ. އެހެން މީހުން ގޯސްކުރުމެވެ. އެފަދައިން އެހެން މީހުން ގޯސްކުރާ މީހުންގެ ނަޒަރުގައި، އޭރުން ތިމާ ހުދުކާފޫރަށް ވެއެވެ. ތިމާއަށް މަލާއިކަތެއް ދަރަޖަ ލިބޭ ކަހަލައެވެ. ތިމާގެ އަމަލުތަކަށް ބަލާކަށް ނުޖެހެއެވެ. ތިމާ ގަދަފައި އަޅައިފައި ގައުމު ވިއްކާލި ކަމުގައި ވިޔަސް، ތިމާގެ ޚަސްމު ގޯސްކޮށްލުމުން، ތިމާ ރަނގަޅުވީއެވެ. ރަނގަޅު ނުރަނގަޅު ކަނޑައަޅާލުމުގެ ވަރަށް ވެސް މޮޅު ހިޔަޅީ ހަމައަކާއި ފަލްސަފާއެކެވެ.

ކޮންމެ އަކަސް ހިޔަޅުގެ ޝިކާރައަށް އޮތީ މިފަދަ ހިޔަޅީ ހަމައާއި ފަލްސަފާ ގެންގުޅޭ ހިޔަޅުންގެ މަޅީގައި ނުޖެހިވޭތޯ ބެލުމެވެ! މިކަން ވެވޭނީ ތިމާއަށް މާތްﷲ ދެއްވާފައިވާ ވިސްނުމާއި ފިކުރުކުރުމުގެ ބާރު ހެޔޮ ގޮތުގައި ބޭނުންކޮށް ބުއްދިވެރިވެގެންނެވެ. ބުއްދިވެރިޔަކީ ކޮބައި ހެއްޔެވެ؟ އެކަމާ ބެހޭ ގޮތުން އަޅުގަނޑުމެންގެ އިހުގެ ބުއްދިވެރި ޅެންވެރިޔަކު ވިދާޅުވަނީ:

ހަމަ ބުއްދިވެރިޔެކޭ ވިސްނައި އަގު ވަޒަން ކުރާ

ރަމަތަވެ، ލަދާއި ތަދު ވަކިކޮށް ދަންނަ މީހަކީ

އިޔަހޫދި ރަނުގެ ގިރިޓީ ކުރަމުން އެދާ ކޮކާ

ހިޔަލަށް ކަލޭގެ ގޮސް އެކުރާހާ ސުއާލަކީ

ވަގުތީ މަޒާއެކޭ އެކި މާމަލުން ހޮވާ

އަގު ކުޅައުމޭ ވަޒަން އެ ސުއާލުގެ ޖަވާބަކީ

ދޫނުކުރުމޭ ތިމާގެ ގަދަރު އެކި އެދުންތަކަށް

ހޫރުން ފަދައިން ތިމާ މޮޅުވާ އިމްތިޔާޒަކީ

ވެއްޓިއްޖެ ނަމަ ބުނާ މި ގަދަރު ދޫވެ ފައި ދަށަށް

ގެއްލިއްޖެ ޝަރަފު ނިކަމެތި ވިއްޔޭ ޚަސީސަކީ

އަނބުރާ ލިބޭނެ އެއްޗެއް ނޫނޭ ތެދޭ އިނގޭ

ގަބުރާއި އެކުވެ ދިޔަޔަސް ގެއްލިއްޖެ އަބުރަކީ

މި ތަސްވީރުން އެ ފެންނަނީ ހިޔަޅާއި އޭގެ ޝިކާރައެވެ. މަތީގައިވާ ތަސްވީރުން އެ ފެންނަނީ ހިޔަޅުގެ ފަރާތުން ދަރިވަރުވެގެން އުޅޭ އުޅުން ދައްކުވައިދޭ އާދަމީންގެ މަންޒަރެކެވެ.

އާދެ، ޅެންވެރިޔާ ވިދާޅުވަނީ، ހިޔަޅު ދައްކާ ލޯތްބާ މެދު، ވިސްނާލުން މުހިއްމުކަމެވެ. އޭނާގެ ވާހަކަތަކަކީ އޮޅުވާލުމުގެ ވާހަކަތަކެއް ކަމެވެ. ގިރީޓީކޮށް، ރަނުގެ ކުލަ ޖެއްސިފައިވާ ފަދަ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމެވެ. މިފަދައިން ވާހަކަދައްކަނީ އޭނާގެ އަމިއްލަ ބޭނުމެއް ފުއްދުމުގެ ނިޔަތުގައި ކަމެވެ. ހަގީގީ ލޯތްބެއް ވެގެން ނޫނީ އަޅާލާތީކީއެއް ވެސް ނޫން ކަމެވެ. މިފަދައިން ހިޔަޅު ކަންތައް ކުރާއިރު، އޭނަގެ ހަގީގީ ބޭނުމަކީ މިއީ ކަން ދެނެގަންނަން ޖެހޭ ކަމެވެ. އަދި، ތިމަންނާގެ ވަގުތީ އަމިއްލަ އެދުމެއް ފުއްދުމުގެ ގޮތުން ތިމަންނާގެ އަބުރާއި އިއްޒަތް ވިއްކާލާކަށް ނުވާނޭ ކަމެވެ. އެހެނީ އެފަދައިން ކަންތައްކޮށް ތިމާގެ އަބުރު ވިއްކާލައި ގެއްލުވާލައިފި ނަމަ، އެ އަބުރެއް، ދުވަހެއްގައިވެސް އަނބުރާ ނުލިބޭނޭ ކަމެވެ!