ނަފްސު އިޞްލާޙީ މަގުންދާން ބާރުލައިދޭ ރޯދައިން
ޣަފްލަތުގެ ކަޅު ލައްތަކުން ހިތް ސާފުކޮށްދޭ ރޯދައިން
އަޅުކަމާ ދުރުހެލިވެ އުޅެވޭ ބުރަކަމާ ކަންނެތްކަމާ
ތަޅުތަކާ ކަސްތޮޅު ތަކުން ކޮށްދޭ ސަލާމަތް ރޯދައިން
ނިކަމެތީން ހައިހޫނުގައި ތިބެގެން އުފުއްލާ ވޭންތަކީ
މިކަމުގައި އެކުލެވި ތަޞައްވުރުވާނެ ކަމެކޭ ރޯދައިން
ދަހިކަމާ މުށް ބާރުކަމުގައި ދުނިޔެއާމެދު ދަހިވިހިތް
ފަހިކަމެއް ލިބިގެން ހިތަށް މުށް ދޫވެ ހުޅެވޭ ރޯދައިން
ކުށްތަކާ މިލިގެން ޙަޔާތުގެ ލައްޒަތަށް ގެއްލޭ ހިނދުން
ފުށްފުށަށް ލެނބިގެން ނުގޮސް ސީދާވެގަނެވޭ ރޯދައިން
މަޙްޝަރާމެދުގައި ޙަޔާތުން ވެވުނުހައި އިހުމާލުގައި
ޝަހްވަތަށް ލެނބުމީ ކުށެއްކަން ބޮޑު ބަޔާންވީ ރޯދައިން
ކެއުމުގައި އެއްވެސް މިނެއް އަދި ބާވަތެއް ނުބަލައިކެވޭ
ތެއުތަކެތި ޝަރުބީގެ ގެއްލުން ދަށްވެގެންދޭ ރޯދައިން
