...

Support Us

ކޮލަމް މާޒީ: "ކިންގ ސަލްމާނު މިސްކިތް" ކިޔާން ޖެހޭ ސަބަބެއް ނުވިސްނުނެވެ.

ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ މީހަކަށް ކިޔާ ނަން އެހެން ބަޔަކު ބޭނުންކުރާ ނަމަ، އެ ބަހަކުން އެ ކިޔާ ނަމަކާ އެންމެ ކައިރި ކުރާ ގޮތަކަށް ނުވަތަ އެ ވާހަކަ ދައްކާ ބަހެއްގެ އަހުލުވެރީންނަށް ކިޔޭ ގޮތަކަށް ކިޔޭތޯ ބަލާންޖެހެއެވެ. އެ އެއްޗެއްގެ އަހުލުވެރީން ކިޔާ ގޮތަށް ނުކިޔޭ ނަމަ، ދެން އެންމެ ރަނގަޅީ އަޅުގަނޑުމެންގެ ބަހުން ކިޔޭ ގޮތަކަށް ކިޔުމެވެ. އެއާ ގުޅުމެއް ނެތް މާ ދުރުގައި ތިބި ބަޔަކު އަސްލު ލަފުޒު ރަނގަޅަށް ތަލައްފުޒުކުރާން ނޭނގޭތީ ކިޔާ ގޮތަށް ކިޔާކަށް ނުޖެހޭނެއެވެ. އަޅުގަނޑު ދެންނެވޭތޯ މި މަސައްކަތްކުރާ އެއްޗެއް ތިޔަ ބޭފުޅުންނަށް ސާފުކޮށް އެރުވޭތޯ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ހަމަ ގައިމު ވެސް ގިނަ ބަޔަކަށް އެނގޭނެ އެއް ނަމަކީ، "ސެމްސަން" (Samsung) މި ވިޔަފާރި މަރުކާއެވެ. މިއީ ކޮރެއާ ލަފުޒެކެވެ. މާނައެއްކަމަށް އަޅުގަނޑަށް އެނގިފައިވަނީ އެއީ "ތިންތަރި" ކަމަށެވެ. މި ލަފުޒު އެ މީހުން ކިޔައި އުޅެނީ "ސަމްސޮންގ" ނުވަތަ "ސަމްސުންގ" ނުވަތަ "ސަމްސަންގ" މި ފަދަ ގޮތަކަށެވެ. ނަމަވެސް "ސެމްސަން"އެކޭ ނުކިޔައެވެ. މިއީ ކިޔާންވާ އަސްލު ގޮތް، ނޭނގޭތީ ނުވަތަ އެ ގޮތަށް ނުކިޔޭތީ "ހުޅަނގު" މީހުން ކިޔާން ފެށި ގޮތެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ގިނަ މީހުންނަށް ރީތިވެގެން ކިޔަނީ ހުޅަނގު މީހުން ކިޔާ ގޮތަށެވެ. އަސްލު މީހުން ކިޔާ ގޮތަކަށް ނޫނެވެ. އެކަމަކު އަޅުގަނޑު ކިޔަނީ "ސަމްސުންގ" މިހެންނެވެ.

މެލޭޝިއާގައި ކުރީން ބޮޑުވަޒީރުގެ ނާއިބުގެ މަޤާމު ފުރުއްވައިފައިވާ ޢަބްދުލްޣައްފާރު ބިން ބާބާ (ރަޙިމަހުﷲ)ގެ ނަންފުޅު ހުޅަނގުގެ މީޑިއާތަކުގައި ލިޔެ ކިޔައި އުޅުނީ "މރ. ގާފާރ ބާބާ މިހެންނެވެ. އެހެންކަމުން ދިވެހި ނޫސްތަކުގައި ވެސް ލިޔެ އުޅުނީ "ގާފަރު ބާބާ" މިހެންނެވެ. އަޅުގަނޑު ލިޔުނު ލިޔުމެއްގައި ފުރިހަމަ ނަން ލިޔެ ނޫހަށް ފޮނުވުމުން ނޫސް ޗާޕުޖަހައިގެން ނުކުތްއިރު، އޮތީ އަޅުގަނޑު ލިޔުނު ގޮތް (ޢަބްދުލްޣައްފާރު ބިން ބާބާ) އެއީ ކުށް ގޮތެއްކަމުގައި ބަލައި "އިސްލާހުކޮށް"، "ގާފަރުބާބާ"އަށް ބަދަލުކޮށްފައެވެ.

ލިބީޔާގެ ކުރީގެ މަޝްހޫރު ލީޑަރު ކާނަލް މުޢައްމަރުލްޣައްޒާފީ (ރަޙިމަހުﷲ)ގެ ނަންފުޅު ހުޅަނގު މީޑިއާތަކުން ލިޔެކިޔައި އުޅޭތީ އިވި ފެނިފައިވަނީ "ގަޑާފީ" މި ފަދަ އަޑަކުންނެވެ. އަދި ޢިރާޤުގެ ރައީސް ޞައްދާމް ޙުސައިން (ރަޙިމަހުﷲ) އަށް ހުޅަނގުން ކިޔަނީ ސަޑޭމް ޙުސޭނެވެ. ނަމަވެސް ނަސީބަކުންމި ދެ އިސްވާރުންގެ ނަންފުޅު ދިވެހީން ލިޔެ އުޅުނީ ހުޅަނގުގެ ގައުމުތަކުން ލިޔެކިޔައި އުޅުނު ގޮތަކަށް ނޫނެވެ.

ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށަށް ކިޔަނީ "ރިޔާޟް" (رياض) އެވެ. މި ނަން ނިމެނީ ޟ (ض)އަކަށެވެ. ضއަކީ ޢަރަބީންގެ ޚާއްޞަ މަޚުރަޖެކެވެ. މި މަޚުރަޖު އެހެން ބަޔަކަށް ރަނގަޅަށް ކިޔޭނެ ކަމަކަށް ވެސް ޢަރަބީން ގަބޫލެއް ނުކުރާނެއެވެ. މިއީ، މި އަކުރަކީ ޢަރަބީންގެ ފަޚުރެވެ. އަޅުގަނޑުމެން ދިވެހީން ލެޓިން އަކުރުން ލިޔާއިރު މި އަޑު ރަމްޒުކޮށްދިނުމަށް ޓަކައި ބޭނުންކުރަނީ އެލްއަކުރަކާއި އެޕޮސްޓްރޮފީއެއް ކަމަށް ވިޔަސް، ގިނަ ބަސްބަހުގައި ޚާއްޞަކޮށް ޢަރަބީން ލެޓިން އަކުރު ބޭނުންކޮށްގެން އެއްޗެއް ލިޔާނަމަ، އެ އަކުރުގެ އަޑު ރަމްޒުކޮށްދޭން ބޭނުންކުރަނީ ޑީއަކުރު (D) ނުވަތަ ޑީއަކުރާއި އެޗްއަކުރު (Dh)އެވެ. އެހެންވީމާ، ލެޓިން އަކުރުން رياض ލިޔާނަމަ ލިޔާނީ Riyad ނުވަތަ Riyadh މިހެންނެވެ. ލެޓިން އަކުރުން ރަމަޟާން ލިޔާނަމަ ލިޔެ އުޅެނީ Ramadan މިހެން ނުވަތަ Ramadhan މިހެންނެވެ. ނަމަވެސް ދިވެހިބަސް ލެޓިން އަކުރުން ލިޔުމުގެ ގަވާއިދުގައިވަ ގޮތުން، ދިވެހިބަހުގެ "ޑ"ގެ އަޑު ރަމްޒުކޮށްދޭން ބޭނުންކުރަނީ ޑީއަކުރެވެ. ޑީއަކުރާއި އެޗްއަކުރު (Dh) ބޭނުންކުރަނީ "ދ"ގެ އަޑު ރަމްޒުކޮށްދޭށެވެ. ކޮންމެ އަކުރުތަކެއް ލިޔުނަސް ޟ (ض)ގެ އަޑަކީ ވިލާތު މީހުންނަށް ތަލައްފުޒުކުރާން ފަސޭހަ އަޑެއް ނޫނެވެ.

މި ކަންކަން މިހެން ހުރުމާއެކު ދިވެހި ޒުވާން ނޫސްވެރީންނަށް ޟ (ض)ގެ އަޑު އޮޅި، ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށުގެ ނަމަށް رياض (ރިޔާޟް) ލިޔުމުގެ ބަދަލުގައި ނިމޭ އަކުރު ޟ (ض)ގެ އަޑު ދާލުގެ އަޑަށް ބަދަލުވެ، رياض (ރިޔާޟް)ގެ ބަދަލުގައި "ރިޔާދު" މިހެން ލިޔުން އާންމުވެއްޖެއެވެ. ހިތާމަހުއްޓެވެ!

ސުޢޫދީ ޢަރަބިއްޔާގެ އެންމެ އިސް މަޤާމަކީ "الملك" (އަލްމަލިކު)އެވެ. މިހާރު އެ މަޤާމުގައި ހުންނަވަނީ ސަލްމާން ބިން ޢަބްދުލްޢަޒީޒެވެ. މާލޭގައި ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުން މާލީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ބިނާކުރެވިފައިވާ މިސްކިތަށް ނިސްބަތްކޮށް ޢަރަބިބަހުން ކިޔަނީ مسجد الملك سللمان ކަމަށް ވާނަމަ، އަޅުގަނޑުމެން ދިވެހިބަހުން ކިޔާންވާނީ ސަލްމާނު ރަސްގެފާނު މިސްކިތްތާއެވެ! މަސްޖިދު މަލިކު ސަލްމާނު ނުކިޔައި، ނުވަތަ ސަލްމާނު ރަސްގެފާނު މިސްކިތް ނުކިޔައި، އަޅުގަނޑުމެން ކިޔާ ހިތްވެގެން މި އުޅެނީ ހުޅަނގު މީހުން ކިޔާ ގޮތަށް ކިންގ ސަލްމާން މޮސްކް ކިޔާ ހިތުންތާއެވެ. ސަލްމާނު ރަސްގެފާނު ކިޔާން އުނދަގުލިއްޔާ، އަސްލު ބަހުން ملك سللمان (މަލިކު ސަލަމާން) ނުކިޔާން ވެގެން މި އުޅެނީ ހަމަ ވިލާތު މީހުން ކިޔާ ގޮތް ރީތިވެގެންބާވައެވެ؟

އާދޭހެވެ! އަޅުގަނޑު ދަންނަވައިލެވޭތޯ މި އުޅުނީ ބަޔަކު ތަނަކަށް، އެއްޗަކަށް ނުވަތަ މީހަކަށް ކިޔާ ޚާއްޞަ ނަމަކީ އެ ބަޔަކު ކިޔާ ގޮތާ އެންމެ ކައިރި ގޮތަކަށް ކިޔޭތޯބަލާން ޖެހޭނެ އެއްޗެކޭއެވެ. އެ ގޮތަށް ނުކިޔޭ ނަމަ، އަޅުގަނޑުމެން ބަހުން ކިޔާ ގޮތަށް ކިޔަސް އެންމެ ރަނގަޅުވާނެތާއެވެ! ނަމަވެސް ފެންނަނީ، އަސްލު ލަފުޒު ތަލައްފުޒު ކުރާން ނޭނގޭ ބަޔަކު ކިޔާ ގޮތަށް ކިޔާން އުޅޭ ތަނެވެ. ދިވެހިބަހުން "ރަސް ރަނި ބަގީޗާ" ކީމާ ވެސް ބަޔަކަށް ކަމަކު ނުދިޔަތާއެވެ. އެވެރީން ސުލްޠާން ކިޔާން ވެގެން ކިޔާ ސަލްޓަން މާ ރީތިވެގެން އެ ގޮތަށް އަލުން ބަދަލުކުރީތާއެވެ. ދިވެހި ރަސްރަސްކަލުންނަށް ޢަރަބި ބަހުން އަދި ދިވެހީން ކިޔައި އުޅުނު "ސުލްޠާން" ކީ ނަމަ ވެސް "ސަލްޓަން"އަށްވުރެ ރަނގަޅުވީސްތާއެވެ. އެންމެ ފަހުން ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށުގެ ނަން ވެސް އެ ޤައުމުގެ މީހުން ކިޔާ ގޮތް "ރިޔާޟް" ނުކިޔާން ވެގެން "ރިޔާދު" ކިޔައި ނޫސްވެރީން އެ ނަން ވެސް ހަރުކުރަނީތާއެވެ.

އަޅުގަނޑު މި މަސައްކަތްކޮށްލީ، ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ މީހަކަށް ކިޔާ ނަން، އެހެން ބަޔަކު ބޭނުންކުރާ ނަމަ، އެ ބަހަކުން އެ ކިޔާ ނަމަކާ އެންމެ ކައިރި ކުރާ ގޮތަކަށް ނުވަތަ އެ ވާހަކަ ދައްކާ ބަހެއްގެ އަހުލުވެރީންނަށް ކިޔޭ ގޮތަކަށް ކިޔޭތޯ ބަލާންޖެހޭ ކަމަށް ފެންނަ ވާހަކަ ދަންނަވައިލެވޭތޯއެވެ. ކޮންމެ ލަފުޒެއް އިނގިރޭސީން ނުވަތަ އެމެރިކާނުން ކިޔާ ގޮތަށް ކިޔާން ނުޖެހޭނެ ވާހަކަ ދަންނަވައިލެވޭތޯއެވެ. މިއީ ބައެއް ލިޔުންތެރީން ހިތްޕުޅު ހަމަނުޖެހޭ ފަދަ ވާހަކައަކަށް ވިޔަސް އަޅުގަނޑު އަބަދު ވެސް ލިޔެކިޔައި އުޅެނީ އެ ބަޔަކު ކިޔާ ގޮތަށް ލިޔެ ކިޔައި ހެދޭތޯއެވެ. ކޮންމެ އެއްޗެއް އިނގިރޭސީން ކިޔާ ގޮތަށް ކިޔާން ޖެހޭނެކަމަށް އަޅުގަނޑަށް ގަބޫލުކުރާން ފަސޭހަ ނޫންވީމާއެވެ. އެހެންވީމާ އަޅުގަނޑު ކިޔާ ހިތްވަނީ ސަލްމާނު ރަސްގެފާނު މިސްކިތް ނުވަތަ "މަސްޖިދު މަލިކު ސަލްމާނު"އެވެ. "ކިންގ" އެއީ ޢަރަބި ލަފުޒެއް ވެސް ދިވެހި ލަފުޒެއް ވެސް ނޫނެވެ. އެހެންވީއިރު، "ކިންގ ސަލްމާނު މިސްކިތް" ކިޔާން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ހަމަ އުޅެއުޅެ ވެސް ނުވިސްނުނީއެވެ. އަޅުގަނޑުގެ ހިތް ކޮށިކަމުން ނުވަތަ ހިތް ގާކަމުން ވެސް ތޯއްޗެކެވެ. ކޮންމެ ވެސް ބޭފުޅަކު އަޅުގަނޑަށް އެކަން ވިސްނައިދެއްވާނެ ނަމައެވެ!!

ކަވަރ ފޮޓޯ: ސަލްމާނު ރަސްގެފާނު މިސްކިތް ނުވަތަ މަސްޖިދު މަލިކު ސަލްމާނު… -ފޮޓޯ: ކަރޯ އައްބާސް/ އެފް.ބީ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.