ދެމަފިރިން ހަޔާތެއް ފެށުމަށްފަހު ދިރިއުޅުމުގައި ކުދިން ލިބޭ ހިސާބުން ނުވަތަ ޒަވާޖީ ހަޔާތުގައި އެކަނިވެރިވުމަކީ މި މުޖްތަމައުގައި ލޮލަށް ފެންނަން ހުރި ހަގީގަތެކެވެ. ނަމުގައި ދެމަފިރިންނެވެ. އެކަމަކު ދަރިންގެ ބުރަ އުފުލަނީ މަންމައެވެ. މަންމަ ފަރުވާ ކުޑަނަމަ ބައްޕައެވެ.
އާމްދަނީ ހޯދަމުން ފިރިންނަށް ދަރިންގެ ޒިންމާ އަދާނުކުރެވޭނަމަ އަނބިން ވަޒީފާ އަދާކުރަމުން ކުދިންގެ ކަންކަން ފުރިހިމަ ނުކުރެވޭނެކަމީ ޔަގީންކަމެވެ. ފިރިންނަކީ އޭޓީއެމް މެޝިންނެއް ނޫނޭ ބުނެ މިސާލު ޖެހޭނަމަ އަނބިންނަކީވެސް ބެޓެރިލައްވާފައިވާ ރޮބަޓުންނެއް ނޫނޭ ބުނެވިދާނެއެވެ.
ވަޒީފާ އަދާކުރުމަށް ފިރިން ދުރުގައި އުޅެންޖެހޭތީވެ އެބުނާ އިހްސާސްތައް ފިރިންގެ އުފަންވާނަމަ އަނބިންގެވެސް އެ އިހްސާސްތައް ވާނެއެވެ. ކާ ތަށި ދޮވެ ގޭތެރެ ސާފުކުރުމަކީ ފިރިމީހާގެ ހަށިގަނޑަށް ބުރަ ކަމަކަށްވާނަމަ އަނބިމީހާ އަށް އެއީ ބުރައެކެވެ. އެހެނީ އަނބިމީހާގެ ހަށިގަނޑުގައިވެސް ހުރީ ހަމަ ކައްޓާއި މަހާއި ލެޔެވެ.
ވަޒީފާއަށް ގޮސް ލާރި ނުހޯދާ އަނބިމީހާ ނަމަ ހަތަރު ފަސްބުރު ހަބުރު ދަރިން ސްކޫލުން ޓިއުޝަނުން ގުރުއާން ކުލާހުން ގެނެސް ގޭގެ އެތައް މަސައްކަތެއް އެބަ ކުރޭ ނޫންހެއްޔެވެ؟ ވަޒީފާއަށް ދާ އަނތްބެއްނަމަ އެ ދެ ޒިންމާވެސް އެބަނަގައެވެ.
އެއްކޮޅަށް ބަރުކޮށް 25 އަހަރު ނުވަތަ 30 އަހަރު އޮޑި ދުވުމަކީ ބުރަ ކަމެއްކަން އިހްސާސްވާނީ ދުއްވަން ހުންނަ މީހާއަށްތާއެވެ.
އަރާމް ހޯދަން، ހައްގު ހޯދަން ދެއަނބިން މިސާލަކަށް ނަގާއިރު ހަޔާތަށް ގެނެސް ސިނކުޑިއަށް ނުއުފުލޭހާ ބުރަދަން ބަރު ހަޔާތެއް އަންހެނަކަށް ތިދެނީ ކޮން އުސޫލަކުންތޯއެވެ؟
ތިމަންނަ ބިޒީކޮށް އުޅެފައި ގެއަށް އަންނައިރަށް ޝަކުވާ ހުށައަޅާތީވެ އަޑުނޭހޭ ނަމަ އެ ޝަކުވާ ހިތުތެރޭ ބަހައްޓައިގެން އަނބިމީހާ އުޅޭނެ ހާލު ވިސްނޭހެއްޔެވެ؟
ދިރިއުޅުމުގައި އެކަކު ފަރުވާކުޑަވި ނަމަވެސް ހާލަތަށް ބުރަވާނެއެވެ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކައިވެނި ކުރުމުގެ ކުރިން ލޯބިން ދެއްކި މާމުއި ހަނދުވަރީ ރޭތައް ކައިވެންޏަށްފަހު ނުދެއްކެނީ ހަޔާތުގެ ވަކި ހިސާބަކުން ކޮންމެވެސް އެކަކު ޒިންމާ އަދާކުރުމުގައި ފަރުވާ ކުޑަކުރެވިގެން ކަމެވެ. އޭގެ ފެށުމަކީ ވަރަށް ލޯބިން އަނބިމީހާ ފޮނުވާލި މެސެޖުގެ ރިޕްލައި ފިރިމީހާއަށް ނުދެވުމާއި ދަރިފުޅު ލިބިގެން ދަރިފުޅު ރުއި ރޭ އަޅާނުލައި ނިދަން އޮށޯއޮތުން ކަމުގައިވެސް ވެދާނެއެވެ.
ނަމަވެސް ސުވާލަކީ މިހާ ކުޑަކުޑަ ކަމަކުން މުޅި ދިރިއުޅުން އެކަކު އަނެކަކުގެ މަތިން ފޫހިވެ ތިބެ ދިރިއުޅެން ޖެހޭހެއްޔެވެ؟ ހައްލު ހޯދަން ބޭނުންނަމަ ދެމީހުންނަށް ވާހަކަ ދެއްކޭ ނޫންހެއްޔެވެ؟ ކައިވެނިކުރަނީ ނިކަން ލޯބިން އެތައް ރެއްއެއްގެ އެތައް ގަޑިއެއްގެ ވާހަކަ ދެއްކުމުގެ ފަލްސަފާއަކަށްފަހު ކަމަށް ވީއިރު އެކުގައި ދިރިއުޅެން ބޭނުންވާނަމަ ވާހަކަ ނުދެއްކެންވީ ސަބަބެއްނެތެވެ.
ތިމަންނާއަށް ފަރުވާ ކުޑަކުރެވުނު ކަންތައްތައް ރަނގަޅުވެސް ކޮށްލެވޭނެއެވެ. ވިހި ތިރީސް އަހަރު ނަމަކަށް ދިރިއުޅުމަށްވުރެ ހަޔާތުގެ ބައިވެރިޔާ ކިބައިން ފެންނަ އުނިސިފަތައް ވާހަކަދައްކައި އެކުގައި ވަގުތު ހޭދަކޮށްލައިގެން ހައްލު ހޯދައި އުފާވެރި ދިރިއުޅުމެއް ބިނާކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.



advertisment