Support Us

ކީރިތި ޤުރްއާނުގެ ވަރަށް އިހުގެ ކޮޕީއެއް ބަޔަކު ބަލަނީ: ޢުޘްމާނުގެފާނުގެ މުޞްޙަފުގެ ނަމުން ނަންދެވިފައިވާ މި ކޮޕީ ރައްކާކުރެވިފައިވަނީ މިސުރުގެ ހުސައިނުގެފާނުގެ މިސްކިތުގައި.

ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަގެއް- 1

[ނޯޓު: މިއީ މީގެ ހައެއްކަ އަހަރު ކުރިން ފެށުނު މަސައްކަތެކެވެ. ނަމަވެސް، ދިމާވި ސަބަބަކާ ހުރެ މެދުކެނޑާލެވުނީއެވެ. އަނެއްކާ ވެސް، ބައެއް އިސްލާހުތަކާއެކީ އިރާދަކުރެއްވިއްޔާ، މެދުކަނޑާނުލަައި، މި މަސައްކަތް ކުރިއަށް ގެންދެވޭތޯ އަލުން ފަށައިގަންނަން ގަސްދުކޮށް ލިޔަން ފެށީއެވެ.]

'ކީރިތި ޤުރުޢާނު ފަހުމްކޮށްގަތުމަށް މަގެއް' މިސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މި ސިލްސިލާއަށް ދެވިފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިލެވޭތޯ މަސައްކަތްކުރުމެވެ. ކީރިތި ޤުރުއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށްޓަކައި އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ ބެލުމެވެ.

ކީރިތި ޤުރުއާނު އެކުލެވިގެންވަނީ ބައިތަކަކަށް، ސޫރަތްތަކަކަށް ބަހައިލެވިގެންނެވެ. މިއިން ސޫރަތެއްގެ މާނަ ވިސްނާ ފަހުމްކޮށްގަތުމަށްޓަކައި ދެނެގަންނަންޖެހޭ މުހިއްމު ކަންތައްތަކެއްވެއެވެ. ސޫރަތުގެ މައިގަނޑު މައުޟޫއާއި، އަދި އިތުރު އެހެން ޘާނަވީ މައުޟޫތައް ވާނަމަ، އެއީ ކޮބައިކަން ވެސް، ދެނެގަތުމެވެ. ސޫރަތް ބިނާކުރެވިފައިވަނީ ކިހިނެއްކަމާއި، އޭގައި އެކުލެވޭ ބައިތަކަކީ ކޮބައިކަމާއި އެބައިތަކުގައި އައިސްފައިވާ ވާހަކަތައް މައިގަނޑު މައުޟޫއާ ގުޅެނީ ކިހިނެއްކަން ވެސް ދެނެގަތުމެވެ. ސޫރަތުގައި އެކުލެވޭ މުހިއްމު މަފްހޫމު ތަކަކީ ކޮބައިކަން ފާހަގަކޮށް، އެމަފްހޫމުތަކުގެ މާނަ ދެނެގަތުމެވެ. ސޫރަތުގެ ނުވަތަ އާޔަތުގެ ސިޔާގަކީ، އޭގެ ތާރީޚީ، އިޖްތިމާއީ، ސިޔާސީ އޮނިގަނޑަކީ، ކޮބައިކަން ދެނެގަތުމެވެ. މީގެ އިތުރުން ބަލާލެވޭ ސޫރަތުން، މުއުމިނުންނަށް ލިބެން އޮތް ފިލާވަޅަކީ، ފައިދާއަކީ، ކޮބައިކަމާ މެދު ވެސް ވިސްނުމުގެ ނަޒަރު ހިންގާލަންޖެހެއެވެ. ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށްޓަކައި، އެހީތެރިވެދިނުމުގެ ގޮތުން ކޮށާލަން ގަސްދުކުރާ މަގުގައި، މަތީގައި ދެންނެވުނު ނުކުތާތަކުގެ އަލީގައި، ބަލާލަން ގަސްދުކުރަނީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ޖުމްލަ މާނައާއި މެސެޖަކީ ކޮބައިކަމާމެދުގައެވެ.

ކީރިތި ޤުރްއާންގެ މާނަ ދެނެގަތުމެ މަސައްކަތުގެ ތާރީޚުގެ މައްޗަށް އަވަސް ކަޅިއެއް

މަތީގައި އިޝާރަތް ނަންގަނެވުނު މަސައްކަތް ފެށުމުގެ ކުރިން، ކީރީތި ޤުރުއާން ދެނެގަނެ، ފަހުމްކޮށްގަތުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ. އެ މަސައްކަތުން ހިއްވަރު ލިބިގަނެ، ކީރިތި ޤުރުއާން ފަހުމްކޮށްގަތުމަށް މަސައްކަތް ކުރުމުގެ އެދުން، އެފޮތަށް ލޯބިކުރާ މީހުންގެ ހިތްތަކުގައި އަށަގަނުވައި ދިރުވޭތޯއެވެ. ސިލްސިލާގެ ފުރަތަމަ ބޮޅުގެ މައުޟޫއަކީ މިއެވެ. ކީރިތި ޤުރްއާނުގެ ތަފްސީރުގެ ތާރީޚަށް، ވަރަށް ކުރުކޮށް ނަމަވެސް، ބަލައިލުމެވެ.

ކީރިތި ޤުރުއާން ބާވާލައްވަން ފެށުނީ މައްކާގައެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާގެ އުމުރުފުޅުން ގާތްގަނޑަކަށް 40 އަހަރުފުޅުގައެވެ. އެއީ އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމުގެ 13 ވަރަކަށް އަހަރު ކުރިންނެވެ. މީލާދީ ސަނަތުން 610 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ބާވާލެއްވުނީ އަލަޤް ސޫރަތުގެ ފުތަރަމަ ފަސް އާޔަތެވެ. "ކަލޭގެފާނު [މުހައްމަދުގެފާނު] ހެއްދެވި، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ އިސްމުފުޅު [ނަންގަނެ، ފައްޓަވައިގެން] ކިޔަވައިވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! އެކަލާނގެއީ ހުރިހާ އެއްޗެއްމެ އުފެއްދެވި ކަލާނގެއެވެ. ގަނޑު ލޭކޮޅަކުން، އެކަލާނގެ، އިންސާނާ އުފެއްދެވިއެވެ. ކަލޭގެފާނު ކިޔަވާވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! ކަލޭގެފާނުންގެ ސާހިބުވަންތަ ކަލާނގެއީ އެންމެ ދީލަތިވަންތަ ކަލާނގެއެވެ. އެކަލާނގެއީ ގަލަން މެދުވެރިކޮށް (އެބަހީ، ލިޔެކިޔުން މެދުވެރިކޮށް) އުނގަންނައިދެއްވި ކަލާނގެއެވެ. އިންސާނާއަށް ނޭނގޭ ކަންތައްތައް (ލިޔެކިޔުން މެދުވެރިކޮށް)، އޭނާއަށް، އެކަލާނގެ، އުނގަންނައިދެއްވިއެވެ."

ކިޔެވުމާއި އުނގެނުމަށް ބާރުއަޅައި ކީރިތި ޤުރުއާނުގެ އެންމެ ފުރަތަމަ ބާވާލެއްވުން ބާވާލެއްވުމަށްފަހު، އޭގެ ތޭވީސްވަރަކަށް އަހަރު ފަހުން، ހިޖުރައިން 11 ވަނަ އަހަރުގައި، ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތް ކަމުގައި ބެލެވޭ އާޔަތް ބާވާލެއްވުނެވެ. އަލްބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. ކޮންމެ މީހަކު ވެސް، ދުނިޔަވީ ހަޔާތުގައި، އޭނާގެ އަމަލުތައް ހެޔޮގޮތުގައި ބެހެއްޓުމަށް ހަނދާންކޮށްދީ އެކަމަށް ބާރުއަޅަމުންނެވެ. "ކަލޭމެން، އެދުވަހަކަށް، ބިރުވެތި ރައްކާތެރިވެ ތިބޭހުށިކަމެވެ. ކަލޭމެން އެންމެން، އެދުވަހުން، (މާތް)ﷲގެ ހަޒުރަތަށް، (އަނބުރާ) ގެންދެވޭނޭ ދުވަހަށެވެ. އަދި އެއަށްފަހު، ކަލޭމެންގެ ކޮންމެ މީހަކަށް ވެސް (އެމީހެއްގެ އަމަލުތަކުން) ލިބިގަތް ކަމެއްގެ ޖަޒާ، ފުރިހަމަ ގޮތުގައި، އެމީހަކަށް ދެވޭނެއެވެ. އެއްވެސް މީހަކަށް (ކުޑަކޮށް ވެސް) އަނިޔާވެރިވުމެއް، (ބޭއިންސާފުވެރިވުމެއް،) ނެތިއެވެ." މިއާޔަތް ބާވާލެއްވުނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ނުވަވަރަކަށް ދުވަސް ކުރިން ކަމަށް ބައެއް ހަދީސްތަކުގައި ރިވާވެގެން ވެއެވެ. އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތާއި އަދި އެންމެފަހުން ބާވާލެއްވުނު އާޔާތުގެ ދެމެދުގައި، 23 އަހަރުގެ މުއްދަތުގެ ތެރޭގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް ބާވާލެއްވި އެފޮތް ފުރިހަމަ ކުރެވިގެން ދިޔައެވެ.

ކީރިތި ޤުރުއާނުގެ އިނގިރޭސި ތަރުޖަމާއަކާ އަދި ތަފްސީރެއް ލިޔުއްވި މުހައްމަދު އަސަދު ވިދާޅުވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ބާވާލެއްވުނު އެ ފޮތް، އާދެ، ކީރިތި ގުރުއާން، ހިމެނިފައިވަނީ ދުނިޔޭގެ ތާރީޚުގައި ހިނގައިދިޔަ އެހެން އެއްވެސް ހާދިސާއެއް ނުކުރުވާ ފަދަ ބޮޑު ތައުސީރެއް އިންސާނާގެ ދީނީ، އިޖުތިމާއީ އަދި ސިޔާސީ ހަޔާތަށް ކުރުވާފައެވެ. ތައުރާތާއި އިންޖީލު ފަދަ މުގައްދަސު އެހެން އެއްވެސް ފޮތެއް ވިޔަސް، ނޫނީ ތާރީޚީ އެހެން އެއްވެސް ހާދިސާއެއް ވިޔަސް، ކީރިތި ޤުރުއާން، އެންމެ ފުރަތަމަ، އެބައެއްގެ މައްޗަށް އެ ފޮތް ބާވާލެއްވުނު މީހުންގެ ހަޔާތަށް، ކުރުވި ފަދަ ތައުސީރެއް ކުރުވާފައެއް ނެތެވެ. ކީރިތި ޤުރުއާން އެމީހުންގެ ހިތްތަކަށް ވިސްނުމާއި ފިކުރުކުރުމުގެ އިންގިލާބެއް ގެނައެވެ. އަދި ކިޔެވުމާއި އިލްމު އުނގެނުމުގެ އެދުން އެމީހުންގެ ހިތްތަކުގައި އަށަގެންނެވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ، ކީރިތި ޤުރުއާން އެބައެއްގެ މައްޗަށް ބާވާލައްވައި، އެފޮތަށް އީމާންވި ފުރަތަމަ ޖީލަށް ފަހު، ދެން އައި ތިން ހަތަރު ޖީލެއްގެ މުސްލިމުން، ދުނިޔެއަށް، އިލްމީ ބޮޑު އިންގިލާބެއް ގެނައުމެވެ. އަދި މި އިންގިލާބު، އަދުގެ ހުޅަނގުގެ އިލްމީ ކުރިއެރުމުގައި، މުހިއްމު ދައުރެއް އަދާކުރިއެވެ. ހުޅަނގުގެ ހަޟާރަތުގެ ބިންގާ ކަމުގައިވާ ޔޫނާނީ ޙަޟާރަތުގެ އިލްމީ ތަރިކަ ދިރުވައި ރައްކާކޮށް، އެތަރިކައަށް އިތުރު މުއްސަނދިކަން ގެނެސް، އެތަރިކަ ހުޅަނގަށް ފޯރުކޮށްދިނެވެ. އާދެ، މުސްލިމުންގެ ތެރޭގައި، މިދެންނެވި އިލްމީ އަދި ފިކުރީ އިންގިލާބު ގެނައީ ކީރިތި ޤުރުއާނެވެ. އެފޮތުގައި ކިޔެވުމާއި އުނގެނުމަށް ބާރުއަޅައިފައި އޮތް އޮތުމެވެ.

މި ހިސާބުން އުފެދޭ ސުއާލަކީ އިލްމީ ތަފާތު ރޮނގުރޮނގުގައި އިލްމު އުނގެނި ކުރިއަށްދާން، ކީރިތި ޤުރުއާން، އެފޮތް އެންމެ ފުރަތަމަ ބަލައިގަނެ، އެ ފޮތް ކިޔެވި ޖީލުތަކަށް ހިއްވަރު ލިބުނުއިރު، ފަހުގެ ޖީލުތަކުގެ މުސްލިމުން، އަދި ވަކީން ޚާއްސަކޮށް، އަދުގެ މުސްލިމުން، އިލްމީ ރޭހުގައި ފަހަތަށް ދިޔައީ ކީއްވެބާއެވެ؟ އިހުގައި ކީރިތި ޤުރުއާންވެފައި އޮތީ އިލްމީ ގޮތުން ކުރިއެރުމަށް ބާރު އަޅައި ހިއްވަރުދިން ފޮތަކަށެވެ. މިހާރު ކަންތައް އޮތީ މިހެން ބާވައެވެ؟ މި ސުއާލުތަކުގެ ޖަވާބު ހޯދައި ކަނޑައަޅާލުމަކީ މިލިޔުމުގެ މަގުސަދެއްނޫނެވެ. ނަމަވެސް، މިސުއާލާ ދޭތެރޭ ވިސްނާލުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށްލުމުގެ ގޮތުން މި ސުއާލުތައް އުފުލާލެވުނީއެވެ.

އެއްވެސް ޝައްކެއްނެތެވެ. ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް، އެފޮތް އުނގެނި ދަސްކޮށް، އެފޮތުގެ އާޔަތްތަކާއި މެދު ވިސްނައި ފިކުރުކުރުމަށް، ބާރުއެޅިފައި އެބަ އޮތެވެ. މަތީގައި ނަންގަނެވި ދިޔަ ޢަލަޤު ސޫރަތުގެ އާޔަތްކޮޅަށް ބަލާލިޔަސް މިކަން ފެނިގެންދެއެވެ. މީގެ އިތުރުން، ވިސްނައި ފިކުރުކުރުމަށާއި އިލްމު އުނގެނުމަށް ބާރުއަޅާ އެހެން އެތައް އެތައް އާޔަތެއް ވެސް ކީރިތި ޤުރުއާނުގައި ވާރިދުވެފައި ވެއެވެ. މިސާލެއްގެ ގޮތުން ދެތިން އާޔަތަކަށް އިޝާރަތްކޮށްލާނަމެވެ. އަލްއަންޢާމު ސޫރަތުގެ 98ވަނަ އާޔަތުގައި ކީރިތި ޤުރުއާން ބާވާލެއްވިފައިވަނީ 'ރަނގަޅަށް ފަހުމްކޮށް ވިސްނާ' ބައެއްގެ މައްޗަށް ކަމުގައި އައިސްފައި ވެއެވެ. ޔޫނުސު ސޫރަތުގެ 24 ވަނަ އާޔަތުގައި އެފޮތް ބާވާލެއްވިފައި ވަނީ 'ވިސްނާ ފިކުރުކުރާ' ބައެއްގެ މައްޗަށްކަމުގައި އައިސްފައި ވެއެވެ. އައްނަޙްލު ސޫރަތުގެ 12ވަނަ އާޔަތުގައި އެފޮތް ބާވާލެއްވިފައިވަނީ 'ބުއްދީގެ ހަމަތައް ބޭނުންކުރާ' ބައެއްގެ މައްޗަށް ކަމުގައި އައިސްފައި ވެއެވެ. އައްނިސާ ސޫރަތުގެ 82ވަނަ އާޔަތުގައްޔާއި ޞޯދު ސޫރަތުގެ 29ވަނަ އާޔަތުގައި، ކީރިތި ޤުރުއާނުގެ އާޔަތްތަށް އިޝާރާތްކުރާ މާނައަކީ ކޮބައިކަމާމެދު 'ތަދައްބުރު ކުރުމަށް’، 'ފުންކޮށް ވިސްނައި ފިކުރުކުރުމަށް' ގޮވާލެވިފައި ވެއެވެ. މިއިން އެނގެނީ ކީރިތި ޤުރުއާނަކީ އުނގެނި ދަސްކުރަން އޮތް ފޮތެއްކަމެވެ. އެ ފޮތުގެ އާޔަތްތަކަކީ އެޔާ މެދު ވިސްނައި ފިކުރުކުރުމަށް އޮތް އާޔަތްތަކެއް ކަމެވެ. މިކަން އަދައިގެން މަސައްކަތްކޮށްފި ކޮންމެ މީހަކަށްމެ، އެއީ ކުރެވިދާނޭ ކަމެއްކަން ވެސް މިއާޔަތްތަކުން ދޭހަވެއެވެ.

އެއްވެސް ޝައްކެއްނެތެވެ. އެންމެ އިހުގައި މުސްލިމުން ކީރިތި ޤުރުއާން ކިޔަވައި އުޅުނީ އެފޮތުގެ މައްޗަށް ވިސްނައި ފަހުމްކޮށްގަތުމަށްޓަކައެވެ. އިސްލާމީ ތާރީޚުގެ ސަފުހާތަކުން މިކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ހިޖުރައިން އަށް ވަނަ އަހަރު މައްކާ ފަތަހަކުރެވި، އެއާ ވިދިގެން އަރަބިކަރައިގެ ހުރިހާ ގަބީލާތަކެއްހެން، އިސްލާމް ދީން ގަބޫލުކުރުމުން، އެގަބީލާތަކުގެ މީހުންގެ ގާތަށް، ކީރިތި ރަސޫލާ، ބައެއް އަސްހާބު ބޭކަލުން، ފޮނުއްވިއެވެ. އެމީހުންނަށް ޤުރުއާން ކިޔުއްވައިދެއްވުމަށްޓަކައެވެ (ليقرئ عليهم القرآن). އަދި އެހެން ރިވާޔަތެއްގައި "އެމީހުންނަށް ޤުރްއާން އުނގަންނައިދެއްވުމަށްޓަކައެވެ (ليعلمهم)". މިދެ ރިވިޔާތް އަޅާކިޔާލުމުން، (ليقرئ)، 'ކިޔުއްވައިދެއްވުމަށްޓަކައި' އޮތް އިބާރަތުގެ މާނައަކީ (ليعلم) 'އުނގަންނައިދިނުމަށްޓަކައި’ކަން ވަރަށް ސާފުކޮށް އެނގެއެވެ.

ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު ކީރިތި ޤުރުއާން އުނގެނުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އިސްލާމީ އުއްމަތުގެ އެ ދުވަސްވަރުގެ މައި ރަށްތަކުގައެވެ. ހިޖާޒުކަރައިގެ މައްކާއާއި މަދީނާގައެވެ. ޝާމްކަރައިގެ ދިމިޝްގުގައެވެ. އިރާގުގެ ކޫފާއާއި ބަސްރާ އަދި ބަޣުދާދުގައެވެ. މިސުރުގެ ފުސްތާތުގައެވެ. (އިހުގެ ފުސްތާތުކަމުގައި ހިމެނުނު ރަށުގެ ސަރަހައްދު މިއަދު ހިމެނެނީ މިސުރުގެ ވެރިރަށް ގާހިރާގެ ތެރޭގައެވެ.) އަދި، ފަހުން އުތުރު އެފްރިކާގެ ރަށްތަކުގައްޔާއި އަންދަލުސް (މުސްލިމް ސްޕެއިން)ގައި ވެސްމެއެވެ. މިރަށްރަށުގެ މިސްކިތްތަކު ގައްޔާއި މަދަރުސާތަކުގައެވެ. މި މަސައްކަތްކުރެވުނު ގޮތުގެ ތަސައްވުރެއް، އަޅުގަނޑުމެންގެ އަތުގައިވާ ބައެއް އިސްލާމީ ފޮތްތަކުން ލިބެން އެބައޮތެވެ. ހަދީސްފޮތްތަކުގައި ލިޔެވިފައިވާ ޤުރުއާން ތަފްސީރާ ބެހޭ ބާބުތަކުންނެވެ. އަދި އިހުގެ ޤުރްއާން ތަފްސީރުތަކުން ވެސް މެއެވެ.

އަތުން ލިޔެވިފައިވާ ކީރިތި ޤުރްއާނުގެ ވަރަށް އިހުގެ ކޮޕީއެއް ބަޔަކު ބަލަނީ: ޢުޘްމާނުގެފާނުގެ މުޞްޙަފުގެ ނަމުން ނަންދެވިފައިވާ މިކޮޕީ ރައްކާކުރެވިފައިވަނީ މިސުރުގެ ހުސައިނުގެފާނުގެ މިސްކިތުގައި. މިކޮޕީ ލިޔެވުނީ ހިޖުރައިން އެއްވަނަ ގަރުނުގެ ފަހުކޮޅު ނުވަތަ ދެވަނަ ގަރުނުގެ ކުރީކޮޅު ކަމުގައި ބެލެވޭ.

އިހުގެ ތަފްސީރުތައް ކަމުގައި ހިމެނޭ އައްތަބަރީގެ (އަވަހާރަވީ310ހ./923މ. ގައި) ޖާމިޢު އަލްބަޔާން، އާއި އިބްނު ކަޘީރުގެ (އަވަހާރަވީ 774ހ./1373މ.) 'ތަފްސީރު އަލްޤުރްއާނި އަލްޢަޡީމް’އާއި އަދި އައްސުޔޫތީގެ 'އައްދުރް އަލް މަންޘޫރު' (އަވަހާރަވީ 910ހ./1505މ. ގައި) ފަދަ ކީރިތި ޤުރްއާނުގެ ތަފްސީރު ފޮތްތަކަށް ބަލާލާއިރު، ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމަށްޓަކައި، އެންމެ ކުރީގެ ޖީލުތަކުގެ މުސްލިމުން ކުރި މަސައްކަތް، ކޮންމެވެސް ވަރަކަށް ނަމަވެސް، ފެންނަން އެބައޮތެވެ. މިދެންނެވި ފަދަ ތަފްސީރުތަކުގައި ކީރިތި ޤުރްއާނުގެ އެކިއެކި އާޔަތްތަކާބެހޭ ގޮތުން، ފުރަތަމަ ދެތިން ޖީލުގެ މުސްލިމުންގެ- އަސްހާބުބޭކަލުންނާއި ތާބިއީ ބޭކަލުންނާއި އަދި ތަބައަ ތާބީއީ ބޭކަލުންގެ- ރައުޔުތައް ބަޔާން ކުރެވިފައި ވެއެވެ. ކީރިތި ޤުރްއާނުގެ އާޔަތްތައް، އެބޭކަލުންނަށް ފަހުމްވެވަޑައިގަތް ގޮތާއި އަދި އެ ފަހުމުވުން ބިނާވެފައިއޮތީ ކޮންކަމެއްގެ މައްޗަށްތޯ،- ހަދީސެއް، ނުވަތަ އަސަރެއްގެ، މައްޗަށް ރިއާޔަތް ކުރެވިގެންތޯ ނޫނީ އެބޭކަލުންގެ އަމިއްލަ ވިސްނުންފުޅު ބޭނުންކޮށް، ބަހާއި އަދި އެނޫންވެސް އެކަންކަމުގެ މައްޗަށް މާނަ ކަނޑައަޅާލެވޭ އެކިއެކި ކަންތައްތަކުގެ މައްޗަށް ބައްލަވައި ރިއާޔަތްކުރެވިގެންތޯ- ވެސް ފެންނަން އެބައޮތެވެ. މިކަމުން، އިހުގެ މުސްލިމުންގެ މެދުގައި، މިނިވަންކަމާއި ފޯރިއާއެކު، ކީރިތި ޤުރުއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން މުސްލިމުންގެ އެންމެ ކުރީގެ ޖީލުތަކުގައި ކުރެވުނު މަސައްކަތުގެ ތަސައްވުރެއް ހިތަށް ފެނިގެންދެއެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *