...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ހިޔަޅުގެ އިޚުލާސްތެރި ނަސޭހަތް

ހިޔަޅު މަގުމަތީ ހިނގާފައި ދަނިކޮށް ކުއްތާއަކާ ދިމާވިއެވެ. ކުއްތާއާ މެދު ހިޔަޅު، ކުޑަކޮށް ހިތްހަމަނުޖެހިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންވެ، އެކަމުގެ ސަބަބު ކުއްތާއަށް އޮޅުންފިލުވައިދޭން ގަސްތުކޮށް، ކުއްތާ ހުއްޓުވިއެވެ. އަދި ކުއްތާއާ ވާހަކަ ދައްކަން ހިޔަޅު ފެށިއެވެ. ތިރީގައި އެވަނީ ހިޔަޅާއި ކުއްތާއާ ދެމެދު ދެކެވުނު ވާހަކައެވެ.

ހިޔަޅު: އޭ އަހަރެންގެ ބޮޑުބޭގެ ދަރިފުޅާއެވެ! އިންސާނުންނާ ދޭތެރޭ ކަލޭ ބުނަނީ ކީކޭ ހެއްޔެވެ؟

ކުއްތާ: ބުނާނީ ކީކޭ ހެއްޔެވެ؟ މީހަކު ދެރަކޮށްލަން ވެއްޖިއްޔާ އެ މީހަކާ ދިމާއަށް، 'ކުއްތާއެކޭ' ކިޔައި އިންސާނުން ގޮވައެވެ.

ހިޔަޅު: އެންމެ ރަނގަޅެވެ. ކަލޭމެން ކަލޭމެންގެ ދަރިން ކަތިލައި، މަރައި ހަދަމު ހެއްޔެވެ؟

ކުއްތާ: ނޫނެކެވެ.

ހިޔަޅު: ކަލޭމެން ކަލޭމެންގެ މީހުންނަށް ޚިޔާނަތްތެރިވަން ހެއްޔެވެ؟

ކުއްތާ: ނޫނެކެވެ.

ހިޔަޅު: އެމީހުންގެ ކުކުޅުކޮއްޓަށާއި ބަކަރި ކޮއްޓަށް އަހަރެން ހަމަލާ ދީފާނެތީ، ކަލޭމެން އެތަންތަނުގެ ފޯރިމަރައި ފާރައަށް ނުތިބެން ހެއްޔެވެ؟

ކުއްތާ: އާނއެކެވެ. އަހަރުމެން އެތަންތާނގައި ފޯރިއަށް ތިބެމެވެ. އަދި، ވަރަށް ވެސް ވަފާތެރިކަމާއެކު އެކަން އެމީހުންނަށް އަހަރުމެން ކޮށްދެމުއެވެ.

ހިޔަޅު: ތިކަން އޮތީ ތިހެން ކަމަށް ވިޔަސް، ހޭލުންތެރި، ވިސްނުން ތޫނު، ކެރޭ، ހިއްވަރު ގަދަ މީސްމީހުންނަށް އިންސާނުން ކިޔައި އުޅެނީ ކީކޭ ހެއްޔެވެ؟ ކުއްތާއޭ އެފަދަ މީހުންނާ ދިމާއަށް ފަރެއްގައި ވެސް އެމީހުން ކިޔާ ހެއްޔެވެ؟

ކުއްތާ: ތައުރީފުކޮށް، ސާބަސްދިނުމުގެ ގޮތުން، އެފަދަ މީހުންނަށް އެމީހުން ކިޔައި އުޅެނީ 'ހިޔަޅެވެ'. ފަހަރެއްގައި ވެސް އެފަދަ މީހަކާ ދިމާއަށް ކުއްތާއެކޭ އިންސާނުން ކިޔާ އަޑެއް މަށެއްވާ ނާހަމެވެ.

ހިޔަޅު: އަހަންނާ ދެބެންގެ ދެދަރި ތިމާގެ، ކުއްތާއެވެ! އަޅެ ނިކަން ވިސްނާލަބާލާށެވެ! މިހާރު ކިތައް ފަހަރަކު، އަހަރުމެންގެ ތެރެއަށް އައިސް ހިޔަޅަކަށް ވާން ކަލޭ ކައިރީ އަހަރެން ބުނެފިން ހެއްޔެވެ؟ އިންސާނުންގެ ކުދިންނާއި އެމީހުންގެ ގެރިބަކަރި ކަތިލައި، އެމީހުންގެ މުދާތައް ފޭރި، އެމީހުންގެ މީހުންނަށް ޚިޔާނަތްތެރިވާ މީހުން އެމީހުން ބަތަލުންނަށް ހަދައި، އެފަދަ ބަތަލުންނަކީ މޮޅެތި ހިޔަޅުން ކަމުގައި އިންސާނުން ދެކޭނޫން ހެއްޔެވެ؟ ކުއްތާއެވެ! ކަލެއަށް ވެސް ވިސްނޭހާ ދުވަސް ވެއްޖެ ނޫން ހެއްޔެވެ؟ އިންސާނުން ބޯލަނބައި ކިޔަމަންގަނެ، އަޅުކަން ކުރަނީ އެމީހުންގެ ޖައްލާދުންނަށެވެ. އެމީހުންގެ ކައިރީގައި ހީރޯއިންނަކީ ޚިޔާނާތްތެރި ޣައްދާރުންނެވެ. އެމީހުންގެ ތެރެއިން އެންމެ ބޮޑެތި ވައްކަން ކުރާ މީހުންނަކީ ގައުމީ ޚިދުމަތުގައި އުޅޭ މާތް މީހުން ކަމުގައި އެމީހުން ކަނޑައަޅާލާ ނޫން ހެއްޔެވެ؟

ދެން، ކަލޭމެން ފަދަ، ވަފާތެރިންނާ މެދު އިހާނެތިކޮށް ހިތައި، އެފަދަ ވަފާތެރިން ނިކަމެތިކޮށްލައި އެމީހުންނަކީ ކުއްތާއިންނަށް ހަދާލާނޫން ހެއްޔެވެ؟ އެހެން ކަމަށްވާ އިރު، ވަފާތެރިންގެ ގޮތުގައި ތިބެގެން ކަލޭމެންނަށް އޮތީ ކޮންފައިދާއެއް ހެޔެވެ؟

އޭ އަހަރެން އަޚު ކުއްތާއެވެ! ތިޔަހެން ވަފާތެރިކަން މަތީ ނޯވެ، އަހަރުމެން ހިޔަޅުންގެ ބައިގަނޑާ ބައިވެރިވެ، އަހަރުމެން ފަދަ މަކަރުވެރި ހީލަތްތެރި ހިޔަޅުންނަށް ވާން އަންނާށެވެ! އޭރުން ކަލޭމެން ވެސް މޮޅެތި ހިކުމަތްތެރިންގެ ތެރޭގައި ހިމެނި ކަލޭމެންގެ މޭމަތީގައި ވެސް ހުރަހާއި ދިގަށް ކުލަޖައްސާލައި ފުރާލެވޭނެއެވެ!

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.