ރާއްޖޭގައި ތަންކޮޅެއް ކުރީގައި އޮތީ އިހުޒަމާނޯލައެވެ.
އެ ޒަމާން އެއީ، ބައެއްމީހުން މިހައިރު ކިޔައިއުޅޭ ގޮތުގައި، ބޯދާ، ކަޓު ޒަމާނެކޯލައެވެ. ދިވެހީން ދުނިޔެތެރެޔަށް ހޭލައިނުގަނެ ތިބި، ތަހުޒީބުނުވި ޒަމާނޯލައެވެ. ޖުމުލަކޮށް ދަންނަވާކަމަށްވަންޏާ، ދެންވެސް ހިތަށް އައިހައި ދެރަވަރުގެ ކަމީނާ ނަންއިތުރުތަކުން މިހައިރުގެ މީހުން އެދުވަހުގެ ރައްޔިތުންނަށް ނިސްބަތްކޮށް އުޅޭ ޒަމާނެވެ. އެހެނެއްކަމަކު، އެ ޒަމާން އެއީ ’ދެ އޮޑި މަހަށް ފޮނުވައިގެން، ދެ ތަންދޮށަށް ކާށި ލިޔޯ‘ވެސް ޒަމާނެވެ. ހަމަ ގައިމުވެސް، އަތުގައި ހުރި އެންމެހައި ވަޞީލަތެއްގެ ބޭނުން ފުރިހަމަޔަށް ހިފައިގެން ބަޔަކު އުޅުނު ޒަމާނެއް މެއެވެ. އިރުވައި މަސްވެރިކަމުގައި ބޭނުނު ވަރަކަށް ބާނައި، ކައްކައި، ދިލަޖައްސައި، ހިއްކައި، ފައްލަވަކުރި ޒަމާނެވެ. ހާމަހާއި ރިހާކުރުވެސް ހަދައިއުޅުނު ޒަމާނެވެ. ހުޅަނގުގެ ވަޔާއި ވިއްސާރަޔަށް ދުރައިލައި ތައްޔާރުވާން އެނގުނު ޒަމާނެވެ! ހުޅަނގުގައި ގޭ ފުރާޅަށް ވެހޭހައި ފެނެއްހެން ނަގައި، ޖާޑިޔާއި ތާނގީގައި ރައްކައުކުރި ޒަމާން މެއެވެ.
ރާއްޖޭގައި ދެން މިހައިރު މިއޮތީ އެންމެ މިހައިރުގެ މޮޅު ޒަމާނެވެ.
މި ޒަމާން މިއީ، ބައެއްމީހުން ކިޔައިއުޅޭ ގޮތުގައި، ތަހުޒީބާއި ތަމައްދުނުގެ ޒަމާނެވެ. ދުނިޔެތެރެޔަށް ދިވެހީން ހޭލައިގަތް ހޭލައިގަތުމުގެ ފުރިހަމަކަމާއެކު ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންނަށް ’އުދުހިފަ އާދޭ، ޔޮޓުގައި އާދޭ‘ގެ ދަޢުވަތު ދީދީ ތިބޭ ޒަމާނެވެ. މެދުމަދުރަސީ ފެންވަރުން ފޭލިވެގެން އިސްކޯލުން ނިކުތް މީހާގެ ޢިލްމަށްވުރެ އެބުނާ ޙިލްމެއް ނިހާޔަތަށްވުރެވެސް ބޮޑުވެގެންގޮސް، އެންމެ ފަހުގެ އައިފޯނުން ނޫނީ ދަންވަރު ބަގީޗާގައި މަލެއްވެސް ނުފޮޅުވޭ ޒަމާނެވެ.
ރާއްޖޭގައި މިހައިރު މިއޮތީ ޓެކްނޯލޮޖީގެވެސް ޒަމާނޯލައެވެ.
މިހައިރު މިއޮތް ޓެކްނޯލޮޖީގެ ޒަމާނުގައި ކަމެއް ޑިޖިޓަލްވުމަކީވެސް ވާ ކަމެކެވެ. ބޯ ޖަންގައްޔެއް ކަހަލަ ވެބްސައިޓަކަށް ވަދެގެން އޭގެ ތެރެޔަށް ވަދެ، އަދި ރަނގަޅަށް ވައުނުވަދެވި ސަލާމަތްވެއްޖިއްޔާ، ދިގު ފޯމެއް ޑައުންލޯޑް ކުރަން ލިބޭ ޒަމާނެވެ. އަދި އެ ފޯމަކީ ކަރުދާހަށް ޕުރިންޓު ކޮށްގެން، ގަލަމުން ފުރައިގެން، އެވެނި މަގެއްގައި ހުންނަ އެވެނި ގޮތްޕަކަށް ލާންޖެހޭ އެއްޗަކަށްވިޔަސް، އެޔަށްވެސް ކިޔަނީ ޑިޖިޓަލްވުމެވެ. ވާހަކަދެއްކުމުގެ މުބާރާތަކުން ފެށިގެން ގޮސް ދެންމެލިބުނު ދަރިފުޅަށް ނަންކިޔަންވެސް އެގޮތަށް ޑިޖިޓަލްވާން މަޖުބޫރުވާ ޒަމާނެވެ.
އެކަމަކު މިއޮތީ ހަމަ ޒަމާނެކެވެ!
ރާއްޖޭގައި މަސްއޮޑީގައި އިންޖީނުއަޅަން ފެށި ދުވަސްވަރުގެ ’މިނިކާރާއްޖޭ ގަސްކަރަ ބަލައިލަން ދާން‘ ޖެހޭނެ ކަމަށް ލަވައިގައި ނަމަވެސް ކިޔައިއުޅުނު ޒަމާން މާޒީޔަށް ދޫކޮށްލީމައި ލިބުނު ޒަމާނުގެވެސް ފަހުގެ ޒަމާނެވެ. އޭގެ ފަހުން އައި ’ބޭނި މަސްކޮޅު ދޭ ކިރައިލަން، ވަގުތުން ފައިސާ‘ގެ ވަޢުދުވެސް ކުޑަކޮށްލައި، މާޒީކޮށްލި ޒަމާނެވެ. މިހައިރު އަޅުގަނޑުމެން މިތިބީ އެޔަށްވުރެ ބޮޑެތި، މާނަ ފުން، ހުވަފެނުން ފޮނި، ޒަމާނުގައެވެ. މޮޑަރންވުމާއި މޮޑެވުން ވަކި އަދި ނުވިޔަސް، ކޮންމެ އެއްޗަކާއި ކަމެއްވެސް އެންމެ މޮޅަށް އެބައޮތްކަމަށް ބުނެވޭ ޒަމާނެވެ.
މިއޮތްފަދަ ތަހުޒީބު ޒަމާނުގައި މިހައިރަކު މިސްކިތު ވަޅަކުން ނުވަތަ ރައްޔިތުންގެ ތާނގީއަކުން ފެނެއް ނުބޯނެއެވެ. އޭގެ ބަދަލުގައި ހުންނާނީ ފުޅީފެނެވެ. އެކަމަކު ފުޅީފެން ޤަވާޢިދުން ނުގެންދެވިގެން ރަށެއްގެ ރައްޔިތުން ފެނަށްޖެހުމަކީ އެހެން ކަމެކެވެ. ބޭނި މަސްކޮޅަށް ވަގުތުން ފައިސާ ލިބުނު މަސްއޮޑިތައް ފީވިޔަސް، މިހައިރުގެ މޮޅު، ބޮޑެތި، ފައިބަރު ’ފިޝިންގް ވެސެލް‘ އަށް ބާނާ މަސްކޮޅަށް ވަގުތުން ފައިސާ ނުލިބޭތާނގައި އެ މަސްކޮޅު އެކީ ކިރުވައިލެވޭނޭ ގޮތްވެސް ނެތުނީމައި އެއީ އަދި އެހެން ވާހަކައެކެވެ. ގޭދޮށުގައި ބަހައްޓައިލައިފައި ހުންނަ ދެރަ ބައިސްކަލުގަނޑު ދެދުވަސް ވަންދެން އެތާ ހުއްޓަސް ނުގެއްލުނު ދުވަސް ދޫކޮށްލައިފައި މިހައިރު ގޭދޮށުގައި މިޒަމާނުގެ މޮޅު ސައިކަލު ނުބެހެއްޓިގެން ދެ ކޮށި ދުރުގައި ހުރި ޕާކިން ޒޯނަކަށް ލާތާ ދިހަ މިނެޓުގެ ތެރޭގައި ސައިކަލު ގެއްލުނަސް، ސީސީޓީވީ ހުއްޓަސް، އެކަން އެއީ އެއްވެސް ފަރާތަކަށް ކަމަކަށް ނުވާކަންވެސް އެއީ އެހެން ވާހަކައެކެވެ.
މާޒީވީވެސް ޒަމާނެކެވެ.
އެދުވަހު ދިވެހީން ފަހަށް ރައްކައުކުރިއެވެ. އަދި އެޔަށްވުރެވެސް މުހިންމު ކަމަކަށް ބަލައިގެން ފަހަށް ތައްޔާރުވެސް ވިއެވެ. އިރުވައި މޫސުމުގައި ބޯފެން ހުސްވެދާނެ ކަމަށް ބަލައިގެން ދުރައިލައި ފެން ރައްކައުކުރިއެވެ. ހެއިނަކަތުގެ ރަށުބަންދަށް މަހާއި، ކާށްޓާއި، ފަލަމަޑީގެ ބާވަތްތައް ގިނަ ދުވަހު ހުންނާނޭ ހެން އެކި ގޮތްގޮތަށް ހަދައި ރައްކައުކުރިއެވެ. ގިނައިން ބާނާ ދުވަސް އަންނާނީ މި މޫސުމުގައިކަން، ގިނައިން ވެހޭނީ މި ނަކަތުގައިކަން، ބަންގާޅު ދަތުރު ފުރާނީ މި މަހުގައިކަން ދެނެގެން އުޅުނެވެ.
އެކަމަކު މިހައިރު…؟
މިހައިރު މިއީ އެކަކު އަނެކަކު ބަދުނާމުކޮށް، އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމު އަޅުވައި، އެކަކު އަނެކަކަށް ވަގަށް ގޮވައި ހަދައިގެން ނަމަވެސް އެއްބަޔަކު އަމިއްލަޔަށް އިސްނަގައިގެން ކުރާން ޖެހޭ ކަންކަން ހަނދާންނެތޭ ޒަމާނެކޭ އަޅުގަނޑު ނުދަންނަވާނަމެވެ. އަޅުގަނޑު އެއްޗެއް ދަންނަވާނީ ދެންމެ ބޭނި މަސްކޮޅު މާކަނޑަށް އަޅައިލައިފައި އައިސް އޭގެ ފަހުންނެވެ. ހަމަ ދެންމެޔަކު ރާއްޖެއައި ބިދޭސީ ރައްޓެއްސެއް އައި މަތިންދާބޯޓު ޖެއްސިތާ ގަޑިޔެއްގެ އިރު ވީއިރުވެސް ޓަރމިނަލްއިން އޭނާ ނުނިކުމެގެން އެތަނަށް ގޮސްއުޅެނިކޮށް އެތަނަށް އެކި ކަންކަމު ގޮސް ތޮއްޖެހިގެން އުޅޭ މީހުންގަނޑުގެ ތެރެއިން ސަލާމަތްވެގެން ނިކުމެވުނު އިރަކުންނެވެ. ޑިޖިޓަލް އޮފީހަކުން ހޯދަންޖެހޭ ހުއްދަޔެއް ހޯދަން ލާންޖެހޭ ފޯމު ޑައުންލޯޑުކޮށްގެން ގަލަމުން ފުރައިލައިގެން ގެންގޮސް އެބުނާ ހަނި ގޯޅިޔެއްގައި ހުންނަ ގޮތްޕަކަށް ލީމައި، ހިތަށް އެރި ވަގުތެއްގައި އެތަނުން ނިކުންނަ ބޮޑާ ކިބުރުވެރިޔަކު އެ ފޯމު ބަލައިގަތިއްޔާ، އޭގެވެސް ފަހުންނެވެ.
One Response
މީ ލައްކަ ވާހަކަ ދެއްތޯ. ވަރަށް ފުރިހަމަ ލިޔުއްވުމެއް.
ތިޔަ ވިދާޅުވެލައްވަނީ މިހާރުގެ "ވެރިން"ނާއި އަނގަ ފުޅާ މީހުންގެ ވާހަކަ.
ނަގާކިޔާ ނޫސްތަކުގައިވެސް…
"ރޯނގާ" ޖެހުނު "ތާރީޙް" "ފާހަނގަ" ކޮށްފައި، "ގާޞީ" ވިދާޅުވާއެއްޗެއް….. ދެންކީކޭ ބުނާނީ… މިހެން ލިޔުނީމާ އެހެރީ ދިވެހިބަހަށް އެންމެ މޮޅުވެފައެވެ.