...

Support Us

ﷲގެ ޙަޟްރަތުގައި އެ ދެ މީހުންގެ ފަރަޤު އުޑާއި ބިމާހާ ތަފާތެވެ.

އިމާމް އަޙްމަދުގެ މުސްނަދުގައި ޞައްޚަ ސަނަދަކުން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ. އެއް ދުވަހަކު قُضاعةَ އަވަށުގެ ދެބޭކަލަކު ކީރިތި ރަސޫލާ ﷺ އަރިހަށް ވަޑައިގެން ޝަހާދަތް ކިޔައި އިސްލާމް ދީން ޤަބޫލުކުރެއްވިއެވެ. މިދެ ސަޙާބީންވެސް އިސްލާމްދީން ޤަބޫލުކުރެއްވީ އެކުއެކީގައި އެއް ވަގުތެއްގައެވެ. އަދި ދެބޭކަލުންނަކީވެސް ދީނީ ކަންކަމަށް ވަރަށް ފަރުވާތެރި ވަރަށް ހެޔޮލަފާ ދެބޭކަލުންނެވެ.

ކޮންމެއަކަސް މީގެ ތެރެއިން އެއް ބޭކަލަކު ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވެ ދިޔައެވެ. އަދި އޭގެ އެއް އަހަރު ފަހުން އަނެއް ބޭކަލަކު ދުނިޔެ ދޫކުރެއްވިއެވެ. އެ ސަޙާބީ މަރުވެގެން ދިޔައީ އާދައިގެ މަރަކުންނެވެ. ‎ދެންފަހެ ޞަޙާބީންގެ ތެރެއިންވެސް ދަރަޖަ މަތިވެރި ބޭކަލެއް ކަމުގައިވާ ޠަލްޙާ އިބްނު ޢުބައިދުﷲ ރަޟިޔަﷲ ޢަންހު އަށް އެއް ދުވަހަކު ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެ ހުވަފެނުގައި އެކަލޭގެފާނަށް ފެނިވަޑައިގަތީ، ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވި ސަޙާބީއަށްވުރެ ކުރިން، ފަހުން އާދައިގެ މަރަކުން މަރުވި ސަހާބީ ސުވަރުގެ ވަދެވަޑައިގަތްތަނެވެ. ދެން طَلْحةُގެފާނު ހޭފުޅުލައްވައި އެކަމާ ޢަޖައިބުވެ ޙައިރާންފުޅުވިއެވެ. އެހެނީ މި ދެ ބޭކަލުންނަކީ ވެސް އެއް ދުވަހެއްގައި އެކުއެކީގައި އިސްލާމްދީން ޤަބޫލުކުރެއްވި ދެ ބޭކަލުންނަށްވެފައި ކުރިން ދުނިޔެ ދޫކުރެއްވި ސަހާބީއަކީ ﷲގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުމުގެ އިތުރުން އެކަލޭގެފާނުގެ ހަޔާތުގައިވެސް އަނެއް ސަހާބީއަށް ވުރެ މާބޮޑަށް ދީނީ ދަޢުވަތު ދެއްވުމާއި ޖިހާދުކުރުމުގައި އަވަދިނެތި އުޅުއްވި ބޭކަލަކަށް ވުމެވެ.

ކޮންމެއަކަސް ތަލްހަތުގެފާނުގެ މި ހުވަފެންފުޅުގެ ވާހަކަ ކީރިތި ރަސޫލާ ﷺގެ އަރިހުގައި ދެންނެވިއެވެ. އަދި ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އެ ދެ ބޭކަލުންނަކީ އެއް ދުވަހެއްގައި އިސްލާމްދީން ޤަބޫލުކުރެއްވި ދެ ބޭކަލުންނަށްވެފައި ފުރަތަމަ މަރުވި ސަހާބީ ދީނަށް ގޮވާލުމާއި ޖިހާދު ކުރުމުގައި އަވަދިނެތި އުޅެ އަދި ﷲގެ މަގުގައި ޝަހީދުވެދިޔައިރު، އާދައިގެ މުސްލިމެއްގެ ގޮތުގައި އުޅެ މަރުވި ސަހާބީ ފުރަތަމަ ސުވަރުގެއަށް ވެއްދެވީ ކީއްވެތޯއެވެ؟"

އެހިނދު މާތް ނަބިއްޔާ ﷺ ހަދީޘްފުޅު ކުރެއްވިއެވެ. "އޭ ޠަލްޙާ އެވެ. ތިބާ ޙާއިރާންވާންވީ ކޮންކަމަކާ ތޯއެވެ؟ ދެވަނަ އަށް މަރުވި މީހާ، ފުރަތަމަ މަރުވި މީހާއަށް ވުރެ އިތުރަށް އެއްއަހަރު ދުނިޔޭގައި ނުއުޅޭހެއްޔެވެ؟ އަދި އޭނާއަށް އިތުރު ފުރިހަމަ ރަމަޟާން މަހަކާ ބައްދަލުވެ ރޯދަ ނުހިފާހެއްޔެވެ؟" طَلْحةُ ގެފާނު ޖަވާބުގައި ދެންނެވިއެވެ. "އާދޭހެވެ. ފުރަތަމަ މަރުވި މީހާއަށް އިތުރު ރަމަޟާން މަހަކާ ބައްދަލުވިއެވެ. އަދި އިތުރަށް ނަމާދުކޮށް ހެޔޮ އަމަލު ކުރުމުގެ ފުރުޞަތު ލިބުނެވެ."

އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. "އޭނާ އިތުރު އެއްއަހަރު ދުނިޔޭގައި ހުރެ އިތުރު ރަމަޟާން މަހަކާ ބައްދަލުވެ، ފުރަތަމަ މަރުވި މީހާއަށްވުރެ އިތުރަށް އޭނާ ކުރި ނަމާދުތަކާއި އަޅުކަންތަކުގެ ސަބަބުން ﷲގެ ޙަޟްރަތުގައި އެ ދެ މީހުންގެ ފަރަޤު އުޑާއި ބިމާހާ ތަފާތު ބޮޑެވެ."

އަޚުންނޭވެ! މިއީ ރަމަޟާން މަސް ﷲ ގެ ޙަޟުރަތުގައި މަތިވެރިވެގެންވާ މިންވަރެވެ. އެ މައްސަރާ ބައްދަލުކޮށްފި މީހަކަށް الله ތައްޔާރު ކުރައްވާފައިވާ މަތިވެރި އަޖުރާއި ޘަވާބުގެ ބޮޑުކަމެވެ. އެމަހުގައި 1000 މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއްވެއެވެ. ފަހެ ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. (أتاكم شهرُ رمضانَ شهرٌ مباركٌ فرض اللهُ عليكم صيامَه، فيه ليلةٌ خيرٌ من ألفِ شهرٍ من حرمَ خيرَها فقد حُرِم) "ތިޔަބައިމީހުންނާ ރަމަޟާން މައްސަރު ބައްދަލުކޮށްފިއެވެ. ބަރަކާތްތެރި މައްސަރެކެވެ. އެމައްސަރުގައި ރޯދަ ފަރުޟުކުރެވިގެންވެއެވެ. އެ މައްސަރުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހަކީ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.