Support Us

ހިލިހިލާ ޖަހައިފައި ސިންގާ ކޮށްޓަށް އެއްލާލި ޢިލްމުވެރިއެއްގެ ވާހަކަ

އަހުމަދު ބިން ތައުލޫން މިސްރުގައި ވެރިކަން ކުރެއްވި ދުވަސްވަރު އެ ގައުމަށް ވެރިވެފައި ވަނީ މޮޅިވެރިކަމާއި ހިތާމައެވެ. ބިރުވެރިކަމާއި މާޔޫސްކަމެވެ. އަނިޔާވެރިކަމަކާއި ނާއިންސާފެވެ. ރައްޔިތުން ތިބީ މި އަނިޔާވެރިކަމާއި ނާއިންސާފުން ފުރިގެންވާ ވެރިކަމުގެ ކުރިމަތީގައި އިސްޖަހައިގެންނެވެ. ކަނުލޮލަކާއި ބީރު ކަންފަތެއް ދީ މަންމަން ބަޔަކަށް ވެގެންނެވެ. ގައުމުގެ ވެރިޔާގެ ކުރިމަތީގައި އުފްއޭ ބުނަންވެސް ނުކެރިފައެވެ. ލިބިދާނެ އަދަބެއްގެ ބޮޑުކަމުންނެވެ.

އެހެން ނަމަވެސް ބައެއް ހެޔޮލަފާ، ޞާލިޙް އިލްމުވެރިން އޭރުވެސް ތިއްބެވީ މި އަނިޔާވެރިކަމާއި ނާއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާ ގޮތަކަށް ނޫނެވެ. ހިނގަމުންދިޔަ އަނިޔާވެރިކަމާ ކުރިމަތިލައްވައި ފުރާނައިން ޤުރުބާންވާން ތައްޔާރަށެވެ. އޭގެތެރެއިން އެއް ބޭފުޅަކީ މުހައްމަދު ހަމްދާން ބިން ސައީދެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ އިލްމު އުނގަންނައިދެއްވުމާއި މުންކަރާތްތައް ނަހީކުރައްވައި ފާޅުގައި ހައްޤުބަސް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

ކޮންމެއަކަސް އެކަލޭގެފާނު މި އަނިޔާވެރި ވެރިމީހާގެ ގާތަށް ވަޑައިގެން ވެރިކަމުގައި ހުރި ނުރަނގަޅު ކަންތައްތައް ބަޔާންކޮށްދެއްވިއެވެ. ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިންގަވަމުންގެންދަވާ ގޯސް އަމަލުތަކުގެ ވާހަކަދެންނެވިއެވެ. މިވާހަކަތައް އަޑުއައްސަވާފައި އަހުމަދު ބިން ތައުލޫން އިންތިހާއަށް ކޯފާވިއެވެ. ހައްޤުބަސް ވިދާޅުވުމުން އެކަން ބަރުދާސްތެއް ނުކުރެވުނެއެވެ. އަދި ވަގުތުން އޭނާގެ ސިފައިންނަށް މުހައްމަދު ހަމްދާން ބިން ސައީދު ހިފައި ހައްޔަރުކޮށް ބަންދުކުރުމަށް އަމުރުކުރެއްވިއެވެ. އަދި އަދަބެެއްގެ ގޮތުން ހައިވެފައި ތިބި ސިންގާތަކުގެ ތެރެއަށް އެއްލާލުމަށް އަމުރުކުރެއްވިއެވެ. އަދި މިއަމުރު ތަންފީޒުކުރުމަށްޓަކައި ސިންގާތަކަށް ކާންނުދީ އެތައް ދުވަހަކު ބޭތިއްބުމަށްފަހު މި ކުޅިވަރު ބެލުމަށް މީސްތަކުން އެއްކުރުމަށް އަމުރުކުރެއްވިއެވެ.

ކޮންމެއަކަސް އަހުމަދު ބިން ތައުލޫންގެ އަމުރަށް ހަމްދާން ބިން ސައީދުގެ އަތްޕުޅުގައި ހިލިހިލާޖަހައިގެން ގެންގޮސް ސިންގާތައް ތިބި ކޮށްޓަށް އެއްލާލިއެވެ. އޭރު މި މަންޒަރު ބަލަން އެއްވެފައި ތިބި މީހުންގެ ތެރޭގައި އެކަލޭގެފާނުގެ ދަރިވަރުންނާއި އެކަލޭގެފާނަށް ތަބާވާ މީހުންވެސް ތިއްބެވެ. މީސްތަކުން ތިބީ ލޯމަރައިލައިގެން ނޭވާ ހިފަހައްޓައިގެންނެވެ. އަނެއްބަޔަކު ބާރުބާރަށް ރޮމުންގެންދިޔައެވެ. ދެންވާނީ ކިހިނެއްކަން އެންމެންނަށްވެސް އެނގޭތީއެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ހައިވެފައި ތިބި ސިންގާތައް ވެރިވެގަންނާ ގޮތް ހިތަށްއަރާފައެވެ.

ނަމަވެސް އެއްމެންވެސް އާޝޯޚުވެ އަންތަރީސްވީ ހީކުރިގޮތާ ޚިލާފަށް ސިންގާތައް މަޑުމަޑުން ގޮސް އެކަލޭގެފާނުގެ ފައިންޕުޅުގައި ވަސްބަލާފައި ދުރަށް ޖެހިލުމުންނެވެ. މަންޒަރު ބަލަން ތިބި މީސްތަކުންނަށް ހީވީ ނުފެންނަ ބާރަކުން ސިންގާތައް އެކަލޭގެފާނުގެ އަރިހުން ދުރަށް ގެންދާހެނެވެ. ދެން އެއަށްފަހު އެ ސިންގާތައް އެކަލޭގެފާނަށް އިޙްތިރާމް ކުރާހެން ހީވާ ފަދައިން ދުރަށް ގޮސް ބިންމަތީގައި ބަނޑުޖަހާލާފައި އޮށޯވެ ތިބެއްޖެއެވެ. އެވަގުތު އެއްވެ ތިބި މީސްތަކުންގެ ތަކުބީރުގެ އަޑުން މުޅިތަން ގުގުމަންފެށިއެވެ.

ތައުޙީދުގެ ކަލިމައާއި ﷲ އަކުބަރުގެ އަޑުން މުޅިތަން ގުގުމައިގަތުމުން އަހުމަދު ބިން ތައުލޫން ލަދުވެތިކަމާއެކު އިސްދަށަށް ޖައްސަވައިލެއްވިއެވެ. އަދި އިއްޒަތްތެރި ކަމާއެކު ހަމްދާން ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ.

އެއަށްފަހު އެކަލޭގެފާނު މިނިވަންކުރެއްވުމުން އެކަލޭގެފާނުގެ އަރިސްބޭފުޅުން ސުވާލުކުރެއްވިއެވެ. "އެ ސިންގާތައް ކަލޭގެފާނާ ދިމާކޮށްލި އިރު އިހުސާސްތަކަކީ ކޮބައިތޯއެވެ؟" ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. "لم يكن علي بأس، كنت أتفكر في سؤر السباع، هل هو طاهر أم نجس؟" (އަހަރެން އެއްވެސް ބިރެއް ނުގަނެއެވެ. އަހަރެން ވިސްނަމުން ދިޔައީ އެ ޝިކާރަވެރި ޖަނަވާރުންގެ ކުޅަކީ ޠާހިރު ނުވަތަ ނަޖިސް އެއްޗެއްތޯއެވެ.)

ޝައްކެއްވެސް ނެތެވެ. ﷲގެ ވަހީބަސްފުޅަކީ ހައްޤުބަސްފުޅެވެ. މާތްﷲ އަލް ޙައްޖު ސޫރަތުގެ 38 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.

إِنَّ اللَّهَ يُدَافِعُ عَنِ الَّذِينَ آمَنُوا ۗ إِنَّ اللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ

މާނައީ: ހަމަ ކަށަވަރުން، اللَّه، إيمان ވި މީހުން دفاع ކޮށްދެއްވަތެވެ. ހަމަ ކަށަވަރުން، خيانة ތެރިވެ، كافر ވާ އެއްވެސް މީހަކަށް، اللَّه ލޯބިވެ ވޮޑިގެނެއް ނުވެތެވެ.

މަސްދަރު: އިބްނި ކަޘީރުގެ އަލް ބިދާޔާ ވަން ނިހާޔާ

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *