Support Us

ކޮލަމް ކޯދު: އިބުރާހިމް ބިން އަދުހަމު އިންނެވި ނާކޮޅެއްގެ ވާހަކަ

ހިޖުރީ ސަނަތުން ދެވަނަ ގަރުނުގެ އިލްމުވެރިއެއް އަދި ނަން މަޝްހޫރު އަޅުވެރި ބޭކަލެއް ކަމުގައިވާ އިބްރާހީމު ބިން އަދުހަމު ކަނޑުދަތުރެއް ކުރައްވަމުން ވަޑައިގަންނަވަނިކޮށް، ކަނޑު ގަދަވިއެވެ. ވައި ގަދަވެ، ރާޅު ބޮޑުވިއެވެ. ވިދާ ގުގުރައި ވާރޭ ވެސް ވެހެން ފެށިއެވެ. އަދި، އިބުރާހީމު ބިން އަދުހަމު ވެސް އިންނެވި ނައުކޮޅު ރާޅުތަކުގެ ތެރޭގައި ތެޅުވި، ނައުގެ މީހުންގެ ހިތަށް ބިރުވެތިކަން އައިސް ރޯންފެށިއެވެ. ނަމަވެސް، އިބުރާހީމު ހަމަޖެހިއްލައްވައިގެން މަޑުން އަޅުކަމައިގެން މަޝްޣޫލުވެވަޑައިގެން އިންނެވިއެވެ، އަދި އެހެން އިންނަވައި މި ދުއާ ކުރައްވަމުން ގެންދެވިއެވެ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ބާރުގެ ގަދަފަދަކަން އަޅަމެންނަށް ދައްކަވައިފީމުއެވެ. ހަމަ އެފަދައިން، އަޅަމެންނަށް، އިބަރަސްކަލާނގެ ތަނަވަސް ރަހުމަތްފުޅު ދައްކަވާނދޭވެ!"

އިބުރާހީމު ބިން އަދުހަމު މި ގޮތުގައި ދުއާކުރެއްވުމުގައި ސާބިތުވެ އިންނެވިއެވެ. ދެން، މާގިނަ އިރުތަކެއް ނުވަނީސް، ވިއްސާރަ ހުއްޓާލިއެވެ. ވައި މަޑުވެ، ކަނޑުގެ ރާޅުތައް ވެސް ހިނދުނެވެ. އަދި، ސަލާމަތުން، އައްސޭރިއަށް ނަވަށް ދެވުނެވެ.

އަޅުގަނޑުމެންގެ މުޖުތަމައުގެ ނަވަށް ވެސް، ދޭތެރެދޭތެރެއިން ލޮޅުން އަރާ ގޮތް ދިމާވެއެވެ. އެ ފަދަ ވަގުތުތަކުގައި އިބުރާހީމު ބިން އަދުހަމަކަށް އަޅުގަނޑުމެން ވެސް ބޭނުންވެއެވެ. ހަމަޖެހިގެން ނަވުގެ ކަންކަމާ މެދު ވިސްނައި، ސަލާމަތުގެ އައްސޭރިއަށް ނައު ގެންގޮސްދޭނޭ އިބުރާހިމު ބިން އަދުހަމަކަށެވެ.

އިބުރާހިމު ބިން އަދުހަމުގެ ނަވަށް ލޮޅުން އެރި ފަދައިން، އަޅުގަނޑުމެންގެ މުޖުތަމައުގެ ނަވަށް ވެސް ލޮޅުން އެރުމަށް، ދީނީ ނަޒަރަކުން ބަލާއިރު، އިލާހީ ހިކުމަތެއް އޮވެދާނެ ކަމަށް ފެނެއެވެ. ނިދިފައި ތިބި ބައެއް ހޭލައްވާލުމެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގި ދަތުރުކުރަމުންދާ ބަޔަކަށް އެކަން އަންގާލުމެވެ. ދާންވީ މަގު ގެއްލިފައިވާ ބަޔަކަށް މަގު ދައްކައިދިނުމެވެ.

ޝައްކެއް ނެތްގޮތުގައި މުޖުތަމައުގެ ނަަވަށް ލޮޅުން އަރަނީ މިފަދަ ކޮންމެ ވެސް އިލާހީ ހިކުމަތެއް އޮންނާނެވެ. އަދި، އެކަމަށް ނިމުން އަންނަނީ ވެސް އިލާހީ ރަހުމަތުގެ ސަބަބުންނެވެ. އެ ލޮޅުން އެރުމުގެ ހިކުމަތް ދެނެގަނެ، ނަައު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރެވުމުންނެވެ.

މުޖުތަމައުގެ ނަވަށް ލޮޅުން އެރުމާއި އަދި އެކަން ހުއްޓި ހަމަހިމޭންވެ، ނިޔާމަކަމާއެކު ދަތުރުކުރުމާ ދޭތެރޭ އެތައް ކަމެއް ފެނިގެން ދެއެވެ. ހިތްތައް އިމްތިހާނު ވެގެން ދިޔުމެވެ. ހިތްތަކުގެ ހަގީގަތް ފާޅުވެގެން ދިޔުމެވެ. ހެޔޮ އަތަށް ލެނބުމުގެ ގާބިލުކަން ހުރި ހިތްތަކީ ކޮބައިކަމެވެ. އެ ހިތްތަކުގެ އެހީގައި ނަޔާ ޖީލެއް ނިކުތުމެވެ. އަދި ހަމަ އެހެންމެ، ދެފުށް ދެގޮތް އިންތިހާޒީ މުނާފިގުން ވެސް ކަޝްފުވެ ހާމަވެގެން ދެއެވެ.

އެހެންވެ، އިބުރާހިމު ބިން އަދުހަމުގެ ނަވަށް ލޮޅުން އައި ވަގުތު، މާޔޫސްކަމެއް ނެތި އޭނާ ސާބިތުވެ އިންނެވިހެން، މުޖުތަމައުގެ ނަވަށް ލޮޅުން އަރާ ވަގުތުވަގުތު އެންމެން ވެސް ސާބިތުވެ ތިބެންޖެހެއެވެ. އަދި، އިބުރާހިމް ބިން އަދުހަމު ފަަދައިން، ނައު ކޮންޓުރޯލުކޮށް ހިފެހެއްޓުމަށް ޓަކައި، އެ ވަގުތު ކުރެވެން އޮތް މަސައްކަތެއް ކުރަންޖެހެއެވެ. އެ ގޮތުގައި ކަންތައް ކުރެވިއްޖެ ނަމަ، އިބުރާހީމު ބިން އަދުހަމުގެ ނައުގެ އަހުލުވެރިންނަށް އިލާހީ ރަހުމަތުގެ ރަހަ ލިބުނު ފަދައިން އެހެން މީހުންނަށް ވެސް ހަމަ އެ ރަހުމަތުގެ ރަހަ ލިބި، މުޖުތަމައުގެ ނަވަށް ވެސް، މާތްރަސަކަލާނގެ އިޒުނަފުޅައިގެން، އަލުން ހަމަޖެހުމާއި ސާބިތުކަން ލިބޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. ހަމަ ނުޖެހޭ އެއްޗެހި ދޫކޮށްލެވޭނެ. ކަމު ނުދަންޏާ ނުކިޔާ ދޫކޮށްލުން ބުއްދިވެރި. އޭރުން ބޮލަށް ވެސް ހަމަޖެހުން ލިބޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *