...

Support Us

ކޮލަމް ކޯދު: ޖަލާލުއްދީނު ރޫމީގެ ބަސްކޮޅެއް

ޖަލާލުއްދީނު މުހައްމަދު ރޫމީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމަނާލެވޭ އިލްމުވެރިއެކެވެ. ހަނަފީ ފަގީހެކެވެ. މާތުރީދީ އުސޫލީއެކެވެ. އިލްމުވެރިކަމުގެ އިތުރުން، އޭނާއަކީ ވަރަށް ވެސް މަޝްހޫރު ޅެންވެރިއެކެވެ. އޭނާގެ މަޝްހޫރުން ނަމުން ބުނާ ނަމަ، ރޫމީ އުފަންވެވަޑައިގަތީ 1207ގައި ބަލްޚުއޭ ކިޔޭ ރަށެއްގައެވެ. އެއިރު އެއީ ޚުރާސާނުގެ ސަރަހައްދުގައި ހިމެނޭ ރަށެކެވެ. ބަލްޚު މިހާރު ހިމެނެނީ އަދުގެ އަފްޣާނިސްތާނުގައެވެ. އޭނާ އަވަހާރަވީ 1273ގައި ކޮންޔާ، އިހުގެ އައިކޯނިއާ ގައެވެ. މިއަދު ކޮންޔާއަކީ ތުރުކީވިލާތުގެ ރަށެކެވެ.

ރޫމީގެ ގިނަ ލިޔުންތައް އޭނާ ލިޔުއްވީ ފާރިސީ ބަހުންނެވެ. ނަމަވެސް، އަރަބި ބަހާއި ތުރުކީ ބަހާއި އަދި ޔޫނާނީ ބަސް ވެސް އޭނާގެ ލިޔުންތަކުގައި ބޭނުންކުރެވިފައި ވެއެވެ. އޭނާގެ އެންމެ މަޝްހޫރު ލިޔުމަކީ ފާރިސީ ބަހުން އޭނާ ލިޔުއްވި، 25،000 ބައިތުގެ މައްޗަށް އެކުލެވޭ މަޘްނަވީއެވެ. މިއީ ފާރިސީ ބަހުގެ އެންމެ މަޝްހޫރު ޅެން ކަމުގައި ބެލެވެއެވެ. މި ޅެމުގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައި ވަނީ މާތްﷲ މައުރިފާކޮށް އެކަލާނގެއަށް ލޯބިކުރާނީ ކިހިނެއް ކަމާ މެދުގައެވެ.

ތިރީގައި އެވަނީ ރޫމީގެ ހިކުމަތްތެރި ބަސްތަކުން ހޮވާލެވިފައިވާ ބަސްކޮޅެކެވެ.

  1. ’ހަމަހިމޭން ކަމަކީ އިލާހީ ބަހުރުވައެވެ. އެހެން ހުރިހާ އެއްޗިއްސަކީ އެ ބަހުރުވައިގެ ކޮރު ތަރުޖަމާއެކެވެ.'

އާދެ، ހަމަހިމޭން ވަގުތުތަކުގައި އަމިއްލަ ނަފްސާއި އަދި އެ ނަފްސުގެ ވަށައިގެންވާ އެއްޗިއްސާ މެދު އަމިއްލައަށް ވިސްނާށެވެ. އަމިއްލަ ނަފްސާއި އަދި އެ ނަފްސުގެ ވަށައިގެންވާ އެއްޗެހި ބުނާ ވާހަކަތައް އިވި، އިލާހީ ބަހުރަވަ އަމިއްލައަށް ވިސްނި ފަހުމުވާނެއެވެ! އެހެން މީހުންގެ ތަރުޖަމާތަކަކަށް ބޭނުމެއް ނުޖެހޭނެއެވެ.

  1. (ކަންކަން ކުރުމަށްޓަކައި، ބޭރުން) އިނބަ ހޯދަމުން ތިދާ އިލްހާމު އިނބަގެ ނަފްސުގެ ތެރޭގައި ފޮރުވިފައި ވެއެވެ. ހިމޭންވެ، (އިނބަގެ ނަފްސު ބުނާ ވާހަކަ) އަޑުއަހާށެވެ!

ކޮންމެ މީހެއްގެ ކިބައިގައި ވެސް ކަންކަން ކުރުމުގެ އެކަށޭނަ ކަމެއް ލެއްވިފައި ވެއެވެ. އެހެންވެ، ކޮންމެ މީހަކަށް ވެސް އޮތީ އެ މީހެއްގެ ނަފްސާ ބައްދަލުކޮށް އެކަން ދެނެގަނެ، އޭނާގެ އެކަށޭނަކަމުގެ އޮށް ހައްދައި ފޯއްދުމުގެ މަސައްކަތާއިގެން ކުރިއަށް ދިޔުމެވެ.

  1. އިނބަ ގަބޫލުކުރާ ވަރަށް ވުރެން އިނބަގެ ހިއްވަރު މާ ގަދަކަން އަބަދުވެސް ހަނދާންކުރާށެވެ! އަދި، އިނބައަށް ފެންނަ ވަރަށް ވުރެ އިނބަ މާ ވަރުގަދަ ވެސް މެއެވެ. އަދި އިނބަ ހީކުރާ ވަރަށް ވުރެ މާ މޮޅު ވެސް މެއެވެ. އަދި، އިނބަގެ ހިތަށް ދުވަހަކު ވެސް ގެނެސްފައިނުވާ ފަދަ ގޮތެއްގައި ދެ ގުނަ ރީތި ވެސް މެއެވެ.

އިންސާނާގެ ކިބައިގައި ލެއްވިފައި ހުންނަ ކުޅަދާނަކަން އޭނާގެ ވެށީގެ ސަބަބުން ފޮރުވިފައި އޮވެއެވެ. މިސާލަކަށް، އޭނާގެ ވެއްޓަކީ އަމިއްލައަށް ވިސްނާ ފިކުރުކުރުމަށް ހިއްވަރު ނުދޭ ވެއްޓަކަށް ވުމެވެ. ނޫނީ އޭނާގެ ވެއްޓަކީ ހުނަރާއި މޮޅުކަމަކީ ވަކި ބައަކަށް ޚާއްސަވެފައި އޮންނަ ކަންކަންކަމުގައި ދެކޭ ވެއްޓަކަށް ވުމެވެ. މިފަދަ ވެއްޓެއްގެ ތެރޭގައި އުޅޭ މީހަކަށް، އޭނާގެ ކިބައިގައި ފޮރުވިފައި އޮންނަ ހުނަރެއް ފާހަގަ ނުކުރެވި އޮވެދާނެއެވެ. އެހެންވެ، އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭ ގޮތް ދިމާވެއެވެ. ނަމަވެސް، އޭނާ ގަބޫލުކުރަން ޖެހޭނީ އެހެން އެންމެންނެކޭ ވެސް އެއްފަދައިން އޭނާގެ ކިބައިގައި ވެސް ހުނަރަކާއި މޮޅުކަމެއް ހުންނާނޭ ކަމެވެ. އަދި، އެކަންކަން ދިރުވައި އޭގެ ފައިދާ އޭނާއަށާއި އޭނާގެ މުޖުތަމައަށް ފޯރުކޮށްދޭން މަސައްކަތް ކުރަންވާނެއެވެ.

  1. އިއްޔެ އަހަރެން ދުށީ އަހަންނަކީ މޮޅު މީހެއްގެ ގޮތުގައެވެ. އެހެންވެ، އަހަރެން އުޅުނީ މުޅި ދުނިޔެ އިސްލާހުކޮށް ބަދަލުކޮށްލާށެވެ. ނަމަވެސް މިއަދު، އަހަރެން ބުއްދިވެރިވެއްޖައީމެވެ. މިއަދު، އަހަރެން ބޭނުންވަނީ އަހަރެންގެ އަމިއްލަ ނަފްސު އިސްލާހުކޮށް ބަދަލުކުރާށެވެ.
  2. (ވާހަކަދެއްކުން ހުއްޓާލައި) އަޑުމަޑުކުރި ވަރަކަށް ގިނަ އެއްޗެހި އަހަރުމެންނަށް އިވޭ ގޮތް ވެއެވެ.
  3. އިނބަ ބޭނުންވާ މަގުގައި ހިނގަން ފެށުމުން، އިނބައަށް އެ މަގު ފެންނަ ގޮތް ވެއެވެ. އެއީ އިނބަގެ މަގެވެ. ހަމައެކަނި އިނބަގެ މަގެވެ. އެ މަގުގައި އިނބައާ އެކުގައި އެހެން މީހުން ހިނގާތަން ވެސް ފެނިދާނެއެވެ. ނަމަވެސް، އެކަކަށް ވެސް، އިނބައަށްޓަކައި އިނބަގެ މަގުގައި ހިނގައެއް ނުދެވޭނެއެވެ.
  4. އިނބަގެ ބަސްތައް އުފުލެވި ދިޔަ ދޭށެވެ. އިނބަގެ އަޑެއް ނޫނެވެ. މާމެލާމެލި ހެދެނީ ވާރޭ ފެނުންނެވެ. ވިއްސާރައިރު އިވޭ ގުގުރީގެ އަޑަކުން ނޫނެވެ.
  5. ހަންހާރަވެތި އަޅާލަނިވި ލޮލަކުން (އެންމެނަށް ވެސް) ބަލާށެވެ. ބަލައިގަންނަ ކަންފަތަކުން (އެންމެންގެ ވާހަކަތައް ވެސް) އަޑުއަހާށެވެ. ލޯބީގެ ދުލަކުން ވާހަކަ ދައްކާށެވެ.
  6. ބޭރުން އަހަރުމެން ލިބިގަންނަން އެދޭ އަޖައިބުތައް އަހަރުމެންގެ ނަފްސުގެ ތެރޭގައި (ފޮރުވިފައި) ވެއެވެ.

ބޭރުން އަހަރުމެންނަށް ފެންނަ އެހެން މީހުންގެ މޮޅެތި އަޖަައިބުކުރުވަނިވި ކަންކަމަކީ ހަމަ އަހަރުމެންނަށް ވެސް ކުރެވިދާނޭ ކަންކަމެވެ. ހިއްވަރާއެކު މަސައްކަތްކުރުމުންނެވެ.

  1. (މާތްﷲއަށް) ޝުކުރުވެރިވުމަކީ ފުރާނައިގެ، އިންސާނީ ޖައުހަރުގެ، ރަލެވެ. އެ ރަލުން ރާ ބޮއި، މަސްތުވާށެވެ.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.