Support Us

ކޮލަމް ކޯދު: ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ

ބައެއް ލިޔުންތެރިން ފާހަގަކުރައްވާ ގޮތުގައި، ގައުމެއްގެ ތަރައްގީގެ ހަޔާތުގައި ތަފާތު އެކި މަރުހަލާތައް ކަޑައްތުކުރަން ޖެހެއެވެ. ބަތަލުންގެ ދައުރުގެ މަރުހަލާއެވެ. މި މަރުހަލާގައި ގައުމުގައި ކުރެވޭ ހުރިހާ ރަނގަޅުކަމަކާއި ލިބޭ ހުރިހާ ކާމިޔާބީތަކެއް ނިސްބަތްކުރެވެނީ އެވަގުތު ގައުމުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކަށެވެ. އަދި ހަމަ އެހެންމެ، ގައުމުގައި ހިނގާ ހުރިހާ ނުރަނގަޅު ކަމަކާއި ގައުމަށް ލިބޭ ނާކާމިޔާބީއެއް ވެސް އެވަގުތު ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅުވެއެވެ. ރާއްޖޭގެ ކައިރި މާޒީއަށް ބަލައިލި ކަމުގައި ވިޔަސް، ރާއްޖޭގެ ތަރައްގީގެ ހަޔާތުގައި ވެސް މި މަރުހަލާ ކަޑައްތުކުރަމުން ދާތަން ފެނެއެވެ. ރައީސް މުހައްމަދު އަމީނުގެ ދައުރުގައްޔާއި ރައީސް ނާސިރުގެ ދައުރުގައެވެ. އަދި ރައީސް މައުމޫނުގެ ދައުރުގައި ވެސް މެއެވެ.

ވެރިކަމުގެ މި ދައުރުތަކުގައި، ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނަމަ، އެކަމުގެ ރީތި ނަން ލިބެނީ ވެރިޔާއަށެވެ. އަދި، ވެރިކަމުގައި ވެރިޔާ ހުންނަވާހާ ދުވަހަކު، އެއްވެސް ކަހަލަ ބިނާކުރުވަނިވި ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލުމެއް ނެތި، ވެރިޔާއަށް ތައުރީފުގެ ބަސްތައް އިއްވައި، ޚުޝާމަދުގެ ގުލްދަސްތާތައް އޭނާގެ ކަރުފުޅަށް އުކެއެވެ. ހަމަ އެހެންމެ، ވެރިޔާ ވެރިކަމުން ވަކިވެވަޑައިގަތުމުން، ގައުމާ ކުރިމަތިވެފައި އޮންނަ ހުރިހާ ނުރަނގަޅު ކަމެއް، އޭނާގެ އިސްތަށިފުޅުގައި އަޅުވައި، އޭނާއަށް، ހަޑިހުތުރު ބަސްތައް ރައްދުކުރެވެއެވެ. ކުރިއެކޭ އެއްފަދައިން، އެއްވެސް ކަހަލަ، ބިނާކުރުވަނިވި ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލެވިގެންނެއް ނޫނެވެ.

ތަރައްގީގެ ބަތަލުންގެ މި މަރުހަލާގައި، ވެރިޔާ ވެރިކަމުގައި ހުންނަވާއިރު، ގައުމުތަކުގެ މުވާތިނުން ދަންނަ ގައުމީ ޚިދުމަތަކަށް ވެފައި އޮންނަނީ، ދިވެހި ލިޔުންތެރިޔަކު އިބާރާތްކުރައްވާފައިވާ ފަދައިން، ވެރިޔާއަށް 'ލީޑަރު ތަސްބީހަ ކިޔައި' އޭނާއަށް ތައުރީފުގެ ބަސްތައް އިއްވުމެވެ. އަދި އޭނާގެ ވެރިކަން ނެތި ދިޔުމުން، އޭނާގެ އޭނައާ ދިމާއަށް ހަޑިހުތުރު އެއްޗެހި ކިޔައި 'މަހާނަމައްޗަށް މަޑިޔަށް ޖެހުމެވެ.'

މިކަން މިހެން ދިމާވާން ޖެހޭ ސަބަބަކީ ކޮބައިކަމުގެ މައްޗަށް، ތަފްސީލީ ގޮތެއްގައި ބަލައިލުމަކީ، މި ލިޔުމުގެ މަގުސަދެއް ނޫނެވެ. ނަމަވެސް، މިކަމާ ބެހޭ ގޮތުން ކުޑައެއްޗެއް ބުނެލާފައި ފުއްދާލާނަމެވެ. މިކަމުގެ ސަބަބު ގުޅެނީ، މައިގަނޑު ގޮތެއްގައި، ވެރިކަމުގެ ނިޒާމަކީ ވަރުގަދަ އިސްތިބްދާދީ (ޑިކްޓެޓޯރިއަލް) ނިޒާމަކަށް ވެފައި އޮތުމެވެ. އެއްވެސް ސިފައެއްގައި، މިނިވަންކަމާއެކު، ގައުމީ މައްސަލަތަކާ މެދު، ފާޑުކިޔުމުގެ ނަޒަރުން ބަލައި އެއްޗެއް ބުނުން މަނާކުރެވިފައި އޮތުމެވެ. މިކަމުގެ ސަބަބުން، ގައުމިއްޔަތެއް ހުރި، ގައުމު ދެކެ ލޯބިވާ ހޭލުންތެރި، ރައްޔިތެއް އުފެދިފައި ނެތުމުން ވެސް މެއެވެ. މިހެންވެ، ވެރިޔާއަކީ، ހުރިހާ ގޮތަކުން ވެސް، ގައުމުގައި އެވަގުތު ހުންނެވި އެންމެ 'މޮޅު’، އެންމެ 'ހިކުމަތްތެރި' ހުރިހާ ކަމެއް ވެސް 'އެންމެ މޮޅަށް އެނގިވަޑައިގަންނަވާ' ބޭފުޅާ ކަމުގައި ބެލެވެނީއެވެ. އަދި، މިކަން، ވަރަށް ގިނަ ފަހަރު، ޚުދު ވެރިޔާއަށް ވެސް ގަބޫލުފުޅު ކުރެއްވެނީއެވެ. މި މަންޒަރު، ޚާއްސަ ގޮތެއްގައި، ރައީސް އަމީން ދީދީގެ ދައުރުގައްޔާއި ރައީސް މައުމޫނުގެ ދައުރުގައި ފެނިގެންދިޔައެވެ.

މިސާލެއްގެ ގޮތުން 1978ގައި ރައީސް މައުމޫންގެ ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވެ، މަޖީދިއްޔާ އިސްކޫލު ހޯލުގައި އޮތް ޖަލްސާއެއްގައި މަރުހޫމު އިބްރާޙިމް ޝިހާބު ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫނަށް ތައުރީފުކުރައްވައި، ރައީސް މައުމޫނަކީ އެވަގަތު ރާއްޖޭގައި ހުންނެވި 'އެންމެ ބޮޑު އިލްމުވެރިޔާ' ކަމުގައި ވިދާޅުވިއެވެ. ދެން ޖެހިގެން އައި ދުވަހު، ދުވަހު ނޫހުގެ މައި ސުރުޚީއަކަށް އޮތީ ރައީސް މައުމޫނަކީ ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އިލްމުވެރިޔާ ކަމެވެ. އަދި، އާންމު މުވާތިނުން، ހިތުގެ އަޑިން، މިކަން ގަބޫލުވެސް ކުރިއެވެ. ނަތީޖާއަކަށްވީ، ވިދިގެން ދެން އައި ތިރީހަކަށް އަހަރު، މިކަން އޮތީ، ގަލުގައި ކަނޑައިނަގައި ލިޔެވިފައި އޮތް ފަދަ، ބަދަލުވެގެން ނުދާނޭ ހަގީގަތެއްގެ ގޮތެއްގައެވެ!

ތަރައްގީގެ މަގުގައި، ގައުމުތައް ކަޑައްތުކުރާ މަރުހަލާތަކުގެ ތެރޭގައި، ބަތަލުންގެ ދައުރާ ގުޅިފައި އޮންނަ އެހެން ދައުރެއްވެސް އޮވެއެވެ. ނަފުރަތުގެ މައްޗަށް ބިނާވާ ގުޅުންތަކާއި އިއްތިހާދުތައް އުފައްދާ ދައުރެވެ. ޚާއްސަ ގޮތެއްގައި، އިހުގައި އޮތް މުސްކުޅި ނިޒާމަކުން، އާ ނިޒާމަކާ ދިމާއަށް ގައުމުގެ ސިޔާސީ ނައު ދަތުރުކުރަމުންދާއިރުއެވެ. މި ލިޔުމުގައި އަލިއަޅުވާލަން ގަސްދުކުރަނީ މިކަމުގެ މައްޗަށެވެ.

ރާއްޖޭގެ ކައިރި މާޒީގެ ސިޔާސީ މަސްރަހަށް ބަލާލާއިރު މިދެންނެވި ކަހަލަ ނަފްރަތުގެ މައްޗަށް ބިނާވާ ސިޔާސީ 'އިއްތިހާދުތައް' ފެނެއެވެ. މިކަން ކައިރި މާޒީއިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2008ގައެވެ. މި ގޮތުން 2008ގެ އިންތިޚާބުގައި އެއްކޮޅުން ވާދަކުރެއްވީ ރައީސް މައުމޫނެވެ. އަނެއްކޮޅުގައި ތަފާތު ސިޔާސީ ލީޑަރުން ތިއްބެވިއެވެ. މިއިން އެއްވެސް، ލީޑަރަކީ ގައުމުގެ ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލެއްވި ލީޑަރުންނެއް ނޫނެވެ.

ދެހާސް އަށަކާ ހަމައަށް އައިއިރު، ރާއްޖެ އޮތީ ވަރަށް ވެސް ނިކަމެތި ހާލަތެއްގައެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި، ހަރުދަނާ ސިޔާސަތުތަކާއި އުސޫލުތައް ނެތި ޚަރަދުތައް ކުރުމުގެ ސަބަބުން، ތަން އޮތީ ދަރަނިވެރިވެފައެވެ. މިކަމުގެ ހައްލެއްގެ ގޮތުން، ފައިސާ ހޯދުމަށްޓަކައި ތަނުގެ ހަރުމުދާ ކަމުގައި ހިމެނޭ ރަށްތައް، ދިގު މުއްދަތަށް ވިއްކުން ނޫން ގޮތެއް ސަރުކާރުގެ އިސް ވެރިންނަށް ވަނީ ހޯދަން ނުކުޅެދިފައެވެ. މި ފައިސާ ހޯދުމުގެ މައިގަނޑު މަގުސަދަކަށްވެފައި އޮތީ ފަހަރެއްގައި ވެސް ރައްޔިތުންގެ މަސްލަހަތެއް ނޫނެވެ. ވެރިކަމުގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ ތަރަފުގެ ދިރިއުޅުން ދެމެހެއްޓުމެވެ. މީގެ އިތުރުން، އިޖުތިމާއީ އެތައް ބަލިތަކެއް ވެސް އޮތީ ފެތުރިފައެވެ. ސަރުކާރުގެ އިދާރާތަކުގައި ރިޝްވަތާއި ފަސާދަ އޮތީ އަށަގެންފައެވެ. ތަނުގެ ޝަރުއީ ނިޒާމު އޮތީ ހަލާކުވެފައެވެ. ގާޒީންނަށް ރިޝްވަތު ދީގެން މައްސަލަތައް ނިންމުމުގެ ފަސާދައެވެ. ގާތް ތިމާގެ މީހުން ކުށްކުރުމުން ކުށްވެރިނުވުމުގެ ފަސާދައެވެ. މަސްތުވާތަކެތީގެ ވަބާ ވެސް އޮތީ އާންމުވެފައެވެ. ގާތްތިމާގެ ކަމާއި ރައްޓެހިކަމުގެ ތަރާދުން ކިރައި ސަރުކާރުގެ އިސް ވަޒީފާތައް ބަހާލުމުގެ ސަގާފަތް ވެސް އޮތީ އާންމުވެފައެވެ. ދައުލަތުގެ ބައިތުލްމާލު އޮތީ 'ގާނޫނީ ސިފަ ލިބިގެން' ވެރިޔާ ބޭނުންފުޅުވާ ގޮތަށް، އެއާ މެދު ކަންތައް ކުރެވޭ ގޮތަށް ހަމަޖެހިފައެވެ. 'ގަނޑުވަރުގެ' ޚަރަދުތަކުތެރޭގައި ރައީސް ބޭނުންފުޅު ކޮންމެ ކަމެއް ވެސް ހިމަނާލެވޭ ގޮތަށެވެ. އަދި، ހަމަ މިފަދަ ގޮތެއްގައި، ދައުލަތުގެ މުދަލާއި ފައިސާއާ ކުޅެވޭ ގޮތަށް، ވެރިޔާގެ އާއިލީ ބައެއް ވެރިންނަށް ވެސް ކަންތައްތައް ހަމަޖެހިފައި އޮތެވެ.

މިފަދަ ހާލަތެއްގައި ރާއްޖެ އޮތުމުން، 2008ގައި، އިދިކޮޅު ހުރިހާ ޕާޓީތަކުގެ އެދުމަކަށް ވެފައި އޮތީ، އޭރު އޮތް ސަރުކާރު، އާދެ، ރައީސް މައުމޫނުގެ އިސްތިބްދާދީ ވެރިކަން ނިމުމަކަށް ގެނައުމެވެ. މިކަމުގެ ޒާތަށް ބަލާލާއިރު، މިއީ ހަމަ އެންމެ ރަނގަޅު ކަމެކޭ ބުނެވިދާނެއެވެ. އިތުރު އެއްވެސް ހެވެއް އެވެރިކަމުން ދެން، ލިބެން ނެތް ވެރިކަމަކީ އެކަމަށް ނިމުން ގެނައުން ހަމަ އެންމެ ރަނގަޅު ކަމަކަށް ވާތީއެވެ. އަދި ގުދުރަތީ ސުންނަތް، ނުވަތަ ގުދުރަތުގެ ގާނޫނު ވެސް ނިޔާކުރަނީ މިހެން ކަމަށް ވާތީއެވެ.

ނަމަވެސް، މިވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، ގައުމު ބިނާކުމުގެ ފިކުރެއް، އިދިކޮޅު ޕާޓީތަކަކުން ހުށަހަޅައެއް ނުލައެވެ. ގައުމަށް ކުރިމަތިވެފައި އޮތް މައްސަލަތައް ހައްލުކޮށް، އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެ، ގައުމައިގެން ކުރިއަށްދާނޭ ސިޔާސަތުތަކެއް އެ ޕާޓީތަކަކުން ހުށަހަޅާއެއް ނުލައެވެ. އެންމެންގެ ވެސް ހަމައެކަނި އަމާޒަކަށް ވެފައި އޮތީ ވެރިކަން ބަދަލުކުރުމެވެ. މި އަމާޒަކީ ހަމަ އެކަނި ޕާޓީތަކުގެ އަމާޒެއް ވެސް ނޫނެވެ. ދެހާސް އަށެއްގައި ވަރަށް ގިނަ މުވާތިނުންގެ ވެސް އެދުމަކަށް ވެފައި އޮތީ ހަމަ މި އެދުމެވެ. ތިރީސް އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމެވެ. ދެން، އެއަށް ފަހު، ގައުމައިގެން ކުރިއަށްދާނީ ކިހިނެއްތޯއާއި ގައުމަށް ކުރިމަތިވެފައި އޮތް މައްސަލަތައް ހައްލުކޮށް އަލުން ގައުމު ބިނާކުރުމުގެ މަސައްކަތް ކުރާނީ ކިހިނެއްކަމީ ވިސްނާ ފިކުރުކުރަން ޖެހުނު ކަމަކަށް ނުވިއެވެ.

ދެން، 2013ގެ ރިޔާސީ އިންތިޚާބުގައި ވެސް ހަމަ މިކަން ފެނިގެން ދިޔައެވެ. މި އިންތިޚާބުގައި ވެސް އިއްތިހާދެއް އުފެދުނެވެ. މިފަހަރުގެ އިއްތިހާދުގެ މަގުސަދަކަށްވީ 2012ގައި ވެއްޓުނު ވެރިކަން އިއާދަވެ ނުދިޔުމެވެ. އެގޮތް މިގޮތް ހަދައިންގެން، މި މަގުސަދު މި އިއްތިހާދަށް ވެސް ހާސިލުކުރެވުނެވެ. ނަތީޖާއަކީ ހެއްޔެވެ؟ ދާދި އަވަހަށް އިއްތިހާދު ރޫޅިދިޔުމެވެ. މި އިއްތިހާދަށް ކާމިޔާބު ހޯދައިދިނުމުގައި މުހިއްމު ރޯލުތަކެއް އަދާކުރި މީސްމީހުން އިއްތިހާދުން ވަކިވެ، އެ އިއްތިހާދާ އިދިކޮޅުވެސް ވުމެވެ. މިހެންވުމުގެ ސަބަބަކީތޯއެވެ؟ އެއްކޮޅުން އިއްތިހާދުގެ ބޭނުމަކަށް އޮތީ ގައުމުގެ މަސްލަހަތު އިސްކުރުމެއް ނޫނެވެ. މައިގަނޑު މަގުސަދަކަށް އޮތީ ވަކި މީހަކު ވެރިކަމަށް އަޔަނުދިނުމެވެ. ދެން، ތިމާ ބޭނުންވާ މީހަކު ވެރިކަމަށް އައުމުން، ތިމާ ބޭނުންވާ ގޮތަކަށް، ސަރުކާރުގެ އިސް ވަޒީފާތަށް ހަމަޖެހިގެން ދިޔުމެވެ. އިއްތިހާދު ކާމިޔާބުކޮށްދިނުމުގައި މަސައްކަތްކުރި ބައެއް އިސްވެރިން، އިއްތިހާދު ކާމިޔާބުވުމުން ބޭނުންވީ، އެމީހުންގެ ދަރިދަރިންނަށް، ނުވަތަ ގާތް މީސްމީހުންނަށް ސަރުކާރުގެ ވުޒާރާތަކާއި އިސް ވަޒީފާތައް ދިނުމެވެ. އަދި، ކުރިއަށް އޮތް ތާނގައި، އެ ދަރިންގެ ތެރެއިން މީހަކު ވެރިކަމަށް އަންނާނޭ މަގު ވެސް ފަހިވާގޮތްވުމެވެ. ދެން، އެންމެ އެދޭ ގޮތަށް މިކަންކަން ނުވުމުން އިއްތިހާދު ރޫޅި، އިއްތިހާދުގެ ބައިވެރިން 2013ގައި ގާއިމުކުރެވުނު ވެރިކަމާ ދެކޮޅުވީއެވެ. އަދި، ކޮންމެ ގޮތެއް ހަދައިގެން ވިޔަސް، އެ ވެރިކަން ވެސް ވައްޓާލުމުގެ މަސައްކަތް ފެށުނީއެވެ. ބޭރުގެ ބާރުތައް ތަނުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވައްދައި، ރިޝްވަތު ދީގެން ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނާއި އަދި، ކޯޓުތަކުގެ ގާޒީންވެސް ގަނެގެންނެވެ. މިއީ ތިމާގެ ދީންވެރިކަން ނޫނީ ތިމާގެ އާންމު އަޚުލާގީ މިންތައް މަނާކުރާކަމެއް ކަމުގައި ނުވިއެވެ.

ދެން އައީ 2018ގެ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ވެސް، ފެނިގެން ދިޔައީ ހަމަ ނަފުރަތުގެ މައްޗަށް ބިނާވި އިއްތިހާދެކެވެ. މަގުސަދަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ކުރީގެ އާދަކާދައިގެ ވެސް މަތިން، އޭރު އޮތް ސަރުކާރު ވައްޓާލުމެވެ. މިކަން ކުރުމަށް އެހީވެދިން ސަބަބުތަކެއް ވެސް ހުއްޓެވެ. ސަރުކާރުގައި ފަސާދައިގެ ހަރަކާތްތައް ކުރިއަށް ވުރެވެސް ބޮޑަށް އަށަގަނެ، ފާޅުގައި މިކަން ކުރުމެވެ. މީސްމީހުންގެ 'ވަފާތެރިކަން' ގަނެވިއްކުމުގެ ވިޔަފާރި އާންމުވުމެވެ. އަދުލު އިންސާފުގެ ނިޒާމު، ގޯހުންގޯހަށް ގޮސް، ހަލާކުވެ ދިޔުމެވެ. ގާތް ތިމާގެ މީހުންގެ ކުށަކީ ކުށަކަށް ނުވުމެވެ. މިސާލަކަށް ޕެންޝަން ފަންޑާ ބެހޭ އޮފީހުގެ އިސް މުވައްޒަފަކު ލައްކައިން ރުފިޔާ ނަގައި، ޚިޔާނަތްތެރިވުން އެކަން އެއްވެސް ކަމަކަށް ނުވިއެވެ. އަދިވެސް މިނޫންވެސް، ޚިޔާނާތުގެ ބޮޑެތި ބޮޑެތި މައްސަލަތަކެވެ. މީގެ އިތުރުން، ވޯޓަކީ މުޅިންހެން ގަނެ ވިއްކޭ އެއްޗަކަށް ވުމެވެ. މިފަދަ އެތައް ސަބަބުތައް ހުރުމާއެކު، 2018ގައި، އޭރު އޮތް ސަރުކާރާ އިދިކޮޅު އިއްތިހާދެއް އުފައްދައި، ރިޔާސީ އިންތިޚާބު މެދުވެރިކޮށް، އެ ސަރުކާރު ނިމުމަކަށް ގެނައެވެ. މި ކާމިޔާބު ބިނާވީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ގާބިލުކަމުގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރި އިދާރީ ތަޖުރިބާއާއި ގައުމުގެ އިގުތިސާދު އޭނާ ކުރިއަށް ގެންދާނޭ ގޮތަކީ ކޮބައިކަން ދެނެގަނެގެންނޫނެވެ. މިއިން އެއްވެސް ކަމަކީ އެ ކަންކަމަށް ބަލަން ބޭނުންވި ކަމަކަށް ނުވިއެވެ. ހުރިހާ ވެސް ބޭނުމަކީ ސަރުކާރު ވައްޓާލުމެވެ. އެހެންވެ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި 'ހިމާރެއް' ކުރިމަތި ލިޔަސް، އެ ހިމާރު އިންތިޚާބު ކާމިޔާބު ކުރީހެވެ. މިވާހަކައަކީ ބައެއް މީހުން ފާޅުގައި މިފަދައިން ބުނާ ވާހަކައެކެވެ. ސަބަބަކީތޯއެވެ؟ އިއްތިހާދުގެ އަމާޒަކީ ވެސް، އަދި، ގިނަ މުވާތިނުންގެ އަމާޒަކީ ވެސް އޭރު އޮތް ސަރުކާރު ވައްޓާލުމެވެ. އެހެންވެ، އިދިކޮޅު ކެންޑިޑޭޓަކީ ހިމާރެއްތޯ ނޫނީ ގަމާރެއްތޯ ބެލުން މުހިއްމުނުވީއެވެ! ނޫނީ ދެން އަންނަ ސަރުކާރު ކަންތައް ކުރާނީ ކިހިނެއްކަމާ މެދު ބަލަން ނުޖެހުނީއެވެ. އާދެ، ނަފުރަތުގެ ފަނާކުރުވަނިވި ފިކުރުގެ މައްޗަށް ގާއިމުވާ އިއްތިހާދުގެ ނަތީޖާއެވެ!

އާޚިރު ނަތީޖާއަކީ ކޮބާހެއްޔެވެ؟ މިކަމުގެ ދެރަ، ރައްޔިތުން އުފުލަން ޖެހުމެވެ. ކަންތައްތައް ހަމަ ކުރިންވެސް އޮތް ގޮތުގައި އެއްވެސް ހެޔޮ ބަދަލެއް ނައިސް އޮތުމެވެ. ފަސާދައިގެ ސަގާފަތް ބަދަލުނުވެ، އެކަމަށް އިތުރަށް ދިރުން ލިބިގެން ދިޔުމެވެ. އެއް ބަޔަކު އަނެއް ބަޔަކު ބަދުނާމުކޮށްކޮށް ތިބުމެވެ. ކުނިވެފައި އޮތް ކިސަޑު ފެންގަނޑެއްގެ ތެރެއަށް މުޅި ގައުމު، މަޑުމަޑުން ގެނބިގެން ދިޔުމެވެ. ކަންކަން ނުކުރެވުމުން، އެކަމުގެ ހަގީގީ ސަބަބުތަކަކީ ކޮބައިކަން ހޯދައި، ކަންކަން ހައްލުކުރަން އުޅުމުގެ ބަދަލުގައި ކުރިން ކަން އޮތީ ވެސް މިހެންނޭ، އެހެންނޭ ކިޔައި، ބަހަނާތައް ދައްކަދައްކައި ތިބުމެވެ. ކުރީގެ އުނިކަމަކީ މިހާރުގެ އުނިކަން ފޫބައްދައި އެކަމަށް ފުރިހަމަކަން ގެނެސްދޭ ކަމެއް ކަމަށް ވުމެވެ. މިވެނި މީހެއްގެ ފަސާދައާ ގުޅޭ މައްސަލައެއް ނުވަތަ ދޯހަޅި ކަމެއް، ފާހަގަކުރެވިއްޖެ ނަމަ، ހަމަ އެފަދަ ސިފަތައް، ކުރިން ތިބި މީހުންގެ ކިބައިގައި ވެސް ހުރިކަން ބުނުމެވެ. އަދި، ކަންތައް އޮތީ ކަންތައް އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތަށް ކަމަށާއި އަދި ކަންތައްތައް ކުރެވެމުންދަނީ ވެސް އެންމެ ރަނގަޅަށްކަން ބުނެދޭން ދައްކަން އޮތް މޮޅު ހުއްޖަތަކީ، ކުރީގައި ވެސް އޮތީ ފަސާދައާއި ވައްކަމާއި ހިތުހުރި ގޮތަކަށް ކަންތައް ކުރުންކަން ބުނުމެވެ.

ދެން މިކަމަށް އޮތް ހައްލަކީ ކޮބައިހެއްޔެވެ؟ މިކަމުގެ ހައްލު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. އެންމެ ފުރަތަމަ، ރައްޔިތުން ހޭލުންތެރިވާންވީއެވެ. ރައްޔިތުންނަކީ އެމީހުން ތާއީދުކުރާ މީހުންނަކީ ކުދިކުދި ކަލާނގެތަކަކަށް ހަދާ ބަޔަކަށް ނުވާންވީއެވެ. އަދި، ވެރިންގެ ފާރަވެރިންކަމުގައި ރައްޔިތުންވާންވީއެވެ. ވެރިންނަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ދިފާއުކުރަން ތިބޭ ބައެއްކަމުގައި ހެދުމަށް ރައްޔިތުން މަސައްކަތްކުރަންވީއެވެ. މިކަން ކުރެވޭނީ، އެންމެ ފުރަތަމައިން ވޯޓުވިއްކުން ހުއްޓާލައި، ވެރިންނަށާއި ރައްޔިތުން ތަމްސީލުކުރުމަށް ގާބިލު މީހުން ހޮވައިގެންނެވެ. އަދި، އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ހިސާބުން، ގައުމުގެ ޖަމާއީ ހަޔާތުގައި ބައިވެރިވުން ނިންމާނުލައި، ވެރިންގެ އަމަލުތަކަށް ބެލުމުގައި ރައްޔިތުން ފާރަވެރިވެ ތިބެގެންނެވެ. އެ އަމަލުތަކުގެ މައްޗަށް ބުރަވެ ހުރެ، އެމީހުންގެ އަގުވަޒަންކޮށް، އެމީހުން މަސްއޫލުވެރި ކުރުވަން ދަސްކޮށްގެންނެވެ. ވެރިކަމުގެ އިސް ސަފުގައި ހިމެނުމުން، އެމީހުން ދައްކާ ކޮންމެ ވާހަކައަކީ، އޭގެ މައްޗަށް ބުއްދީގެ ނަޒަރުން ނުބަލައި، ކަމުދާ ރަނގަޅު ވާހަކަތައް ކަމުގައި ކަނޑަނާޅަންވީއެވެ. މިފަދަ ހޭލުންތެރި ރައްޔިތެއް އަޅުގަނޑުމެންގެ ތެރޭގައި އޮވެއްޖެ ނަމަ، ނަފުރަތާއި ފަނާވަނިވި ފިކުރުގެ މައްޗަށް ބުރަވެ ތިބެ، ވަކި ބަޔަކު ނުވަތަ ވަކި މީހަކު ވެރިކަމަށް ނުގެނައުމަށްޓަކާ، އަޅުގަނޑުމެންގެ އިގުތިސާދު، އެބަޔެއްގެ އަތްމަތީ އެއް ފަހަރު، ހަލާކުވެ ދިޔަ ބައެއްގެ އަތްމައްޗަށް، ދެވަނަ ފަހަރަށް، އެމީހުންގެ އަތްމަތީގައި ގައުމުގެ އިގުތިސާދު އަނެއްކާވެސް ހަލާކުވެ ދިޔުމަށްޓަކައި އެމީހުންނާ ވެރިކަން ހަވާލެއް ނުކުރާނެއެވެ. އަދި، ހަމަ ކޮންމެ މީހަކު ވެސް، ވެރިކަމަށް އައުމުން، ހަގީގަތަކަށް ބެލުމެއް ނެތި، އޭނާއަށް ތައުރީފުކޮށް ޚުޝާމަދުގެ ބަސްތަކެއް ނީއްވާނެއެވެ.

ނަމަވެސް، ހިތާމައަކީ އަދިވެސް، މިފަދަ ގޮތެއްގައި ކަންތައް ކުރެވޭ ކަމެވެ. ދާދި ފަހުން ލިޔެވި ޝާއިއުކުރެވުނު ލިޔުމެއްގައި، މިހާރުގެ ރައީސަކީ ދިވެހި ބަރުލަމާނީ ހަޔާތުގެ މިހާރުގެ އެންމެ އުސް ތަނބުކަމުގައި ފާހަގަކުރެވިފައި ލިޔެވުނެވެ! އެއްވެސް، ޝައްކެއް ނެތް ގޮތުގައި، ލިޔުންތެރިޔާ މިހެން ލިޔުނީ، ކުޑަވެސް މަޖުބޫރު ކަމެއް އޮވެގެންނެއް ނޫނެވެ. ކުރިން އިޝާރަތްކޮށްލި، އަޅުގަނޑުމެންގެ ތެރޭގައި އޮތް، ބަތަލުންގެ ސަގާފަތުގެ ސަބަބުންނެވެ. އެހެން ނޫން ނަމަ، އަދުގެ ރައީސަށް އެފަދަ މަތިވެރި ލަގަބެއް ދިނުން ހައްގުވާ ސަބަބު، ހެއްކާ އެކު ލިޔުންތެރިޔާ ބަޔާން ކުރީހެވެ. ރައީސަށް އެ ލަގަބު، އެރުވުމުގެ ހަމަ އެކަނި ސަބަބަކަށް ލިޔުންތެރިޔާ ފާހަގަކުރަނީ ދިގު މުއްދަތެއްގައި މަޖުލިހުގެ މެމްބަރަކަށް ރައީސް އިންނެވިކަމެވެ. އެތަނަށް ރައީސް ހޮވި ވަޑައިގަތީ ކިހިނެއްކަމާއި އެތަނުގައި އިންނަވައިގެން، ގައުމަށް ފައިދާކުރާނޭ ގޮތެއްގައި ކުރެއްވީ ކޮން ކަމެއްކަން، ލިޔުންތެރިޔާ ފާހަގަކޮށެއް ނުދެއެވެ. ގިނަ ދުވަހު، ތަނެއްގައި، ކަމެއް ނުކޮށް ވިޔަސް، ދެމިހުރުމަކީ، މަތިވެރި ކަމަކަށްވާ ނަމަ، މަޖުލިހުގެ ފާރުތަކާއި ކޮންކުރީޓު ތަނބުތަކަކީ ވެސް އެފަދަ މަތިވެރި ލަގަބުތައް ހައްގުވާ ތަކެއްޗަށް ވާންޖެހެއެވެ! މިވާހަކަ ނަންގަނެލުމުގެ ބޭނުނަކީ، ގައުމުގެ ކަންކަން އިސްލާހުވާނީ، މިފަދަ ބަތަލުން ނޫފައްދައި، ކަންކަމާ ދޭތެރޭ، އިންސާފުވެރި ކަމާއެކު، ފާޑުކިޔުމުގެ ނަޒަރުން ބަލަން ދަސްކުރެވިގެން ކަމަށް ބުނުމެވެ. އަދި، މިގޮތުން މަސައްކަތްކުރެވި، އަޅުގަނޑުމެންގެ ސިޔާސީ ސަގާފަތް ބަދަލުކުރެވިގެންކަމަށް ވެސް ބުނުމެވެ. ހަމަ އެހެންމެ، އާންމު ރައްޔިތުންގެ ވިސްނުން ވެސް ބަދަލުކޮށް، ބިނާކުރަނިވި ފިކުރުގެ މައްޗަށް އެކުލެވޭ ސިޔާސީ ސަގާފަތެއް ވެސް އުފެއްދިގެން ކަމަށް ވެސް ބުނުމެވެ.

މިފަދަ ސިޔާސީ ސަގާފަތެއް ބިނާ ކުރެވިއްޖެ ނަމަ، އަޅުގަނޑުމެންގެ ސިޔާސީ ގުޅުންތައް ބިނާވެފައި އޮންނާނީ ނަފުރަތާއި ފަނާކުރުވަނިވި ގުޅުމުގެ މައްޗަކަށް ނޫނެވެ. އަޅާލުމާއި ބިނާކުރުވަނިވި ފިކުރުގެ މައްޗަށެވެ. ކަންކަމާ ދޭތެރޭ ވިސްނާފިކުރުކޮށް، ކަންކަން ކުރިއަށް ގެންދިޔުމައްޓަކައި އެކުލަވާލެވޭ ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ނަޒަރު ހިންގައި، އެކަމުގެ ރަނގަޅު ނުރަނގަޅުގެ މައްޗަށް ބެލިގެންނެވެ. އަދި، ފޯރުންތެރިކަން ތަންދޭ މިންވަރަކުން، އެ ސިޔާސަތުތަކަށް އަމަލީ ސިފަގެނެވޭނީ ކިހިނެއްތޯ ވެސް ބެލިގެންނެވެ. އިސްކަންދޭންވީ ކަންކަން ފާހަގަކޮށް އެކަންކަމަށް އިސްކަން ދެވިފައިވޭތޯ ވެސް ބެލިގެންނެވެ. ދެއްކުންތެރިކަމާއި އިސްރާފުގެ މަގުން އެއްކިބާވެ ތިބިތޯ ވެސް ބެލިގެންނެވެ. އަމިއްލަ ނުރަނގަޅު ގޮތްތައް ރަނގަޅު ކުރުމުގެ ބަހަނާއެއްގެ ގޮތުން މާޒީގެ ވާހަކަތައް ދެއްކުން ހުއްޓާލައިގެންނެވެ. މާޒީގެ ވާހަކަ ދައްކަން ޖެހޭނީ މާޒީގެ ކުށްތަކުން އިބުރަތް ލިބިގަނެ، އެކުށްތަކަށް އަރައި ނުގަނެ، އެކުށްތަކާ ދުރުހެލިވުމުގެ މަގުސަދުގައެވެ. އަދި މާޒީގެ ނުރަނގަޅު ގޮތްތައް އިސްލާހުކުރުމައްޓަކައެވެ. އަމިއްލަ ކަންކަން އިސްލާހުކުރެވޭނީ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، އަމިއްލައަށްކަން ދެކި، އަމިއްލަ މީހުންގެ މައްޗަށް ބަރާސޯވެ ތިބެގެންނެވެ. އަދި، މިކަން ކުރުމަށްޓަކައި، މިހާރު މިއޮތް ކުލައިގެ ގަބަލިއްޔަތުގެ ސަގާފަތް، – ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް ތިމަންނާގެ ގަބީލާގެ މީހުން ރަނގަޅވާ ގޮތް- ނެތިކޮށްލައިގެންނެވެ. ނަފުރަތާއި ރުޅިވެރިކަމުން ދުރުވެ ތިބެ، ތިމަންމެން ތަމްސީލުކުރުމައްޓަކައި، އެކަށޭނަ، ގާބިލު މީހުން ހޮވައި، އިންތިޚާބުކުރެވިގެންނެވެ.

(ތަސްވީރުން ފެންނަ ލިޔުން ކޮޅު ދިވެހިކޮށްލުން: ވޯޓުލުމަކީ އުފުލަން މަޖުބޫރުވެފައި އޮތް ބުރައެއް ނޫނެވެ. އެއީ ކަމަށް ހުރިހާ ގޮތަކުން ވެސް އެންމެ ގާބިލު، އެކަށީގެންވާ މީހާ ހޮވުމަށްޓަކައި ވޯޓުލުން ހައްގު ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައި އޮތް މުގައްދަސު މަސްއޫލިއްޔަތެކެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ވޯޓު ލުމުގެ ކުރިން، ވޯޓު ވިއްކުން ހުއްޓުވަންޖެހޭ. އެކަން ކުރެވޭނީ ފުދުންތެރި މުޖުތަމަޢެއް އޮވެގެން. ފުދުންތެރި ވެވެންއޮތީ އެއްކަަލަ ހަރާންކޯރުވި ބައިގަނޑަށް ގައުމުގެ ތިޖޫރި ފޮރުވައިގެން. ދެން މިކަން ކުރާނީ ކިހިނެއް؟ ވުމަށްވުރެ ނުވުން ގާތީ. މަގޭ ވޯޓު މަ ނުވިއްކާނަން ނުކައި ހުންނަން ޖެހުނަސް. ސިޔާސީ މައިދާނުގަ އަދި އަހަންނަކަށް ނުފެނޭ ޢުމަރު ނަސީރު ފިޔަވައި ވޯޓު ދޭންވީ އެއްވެސް މީހެއް. މަރަން ޖެހޭ މީހުން މަރަން ޖެހޭނެ. ފަސާދަ އިތުރުވަނީ ގުރުއާނާ ސުންނަތް ދޫކޮށްލުމުގެ ސަބަބުން. ރައްޔިތުންގެ މަޖިލީހާ ކޯޓުތަކާ ތަންފީޒީ އިދާރާތަކުގަ ތިބި ބައެއް މީހުންނަށް ހީވަނީ ތިމަންނަމެންނަކި ކުދި ކަލާނގެ ތަކެއް ކަމަށް. ވިސްނާ ފިކުރުކުރާ ބަޔަކަށް ހެކިތައް ފެންނާނެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *