Support Us

ކޮލަމް ކޯދު: ބިސް ހުކުރުގެ ވާހަކަ

ދުވަހަކީ ހުކުރު ދުވަހެކެވެ. ބޮޑު ހުކުރު ދުވަހެކެވެ. އިމާމު ޚުތުބާގައި ވާހަކަދައްކަމުން ގޮވާލީ، ޖަލުގައި ބަންދުކުރެވިފައި ހުރި އިދިކޮޅު ސިޔާސީ ޒައީމު ދޫކޮށްލުމަށެވެ. އަދި، ހުކުރުން ފައިބައިގެން އެންމެން ރަށުގެ ބޮޑު މައިދާނަށް އެއްވުމަށެވެ. އަދި، އިދިކޮޅު ޒައީމު ޖަލުން ދޫކޮށްލުމަށް އަޑުގަދަކުރާތަކުން ގޮވަމުން ރަށުތެރޭގައި އެންމެން ހިނގައި މުޒާހަރާކުރުމަށެވެ.

ހުކުރު ނިމިއްޖެއެވެ. އަދި، އެންމެން ރަށުގެ ބޮޑުމައިދާނަށް އެއްވެއްޖެއެވެ. މީހުންގަނޑު ހިނގައިގަންނަން ތައްޔާރުވިތަނާހެން، ބޮޑު ދެތިން ލޯރި އައެވެ. އަދި، އަޑުގަދާކުރާއަކުން ގޮވަންފެށިއެވެ. ބާޒާރުގެ އަގަށްވުރެ، ދެބައި އަގު ހެޔޮކޮށް ބިސް ލިބެން ހުރި ވާހަކައެވެ.

ދެން ހެއްޔެވެ؟ މުޒާހަރާއަކާ މުޒާހަރާއެކެވެ. މައިދާނުގައި އެއްވެފައި ތިބި އެންމެން، ލޮރީތަކާ ދިމާއަށް ދުއްވައިގަތެވެ. އަދި، އެންމެން ވެސް ބިސް ގަތެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހުރިހާ ލޯރިއެއްގައި ހުރި ބިސްތައް ވިކި ހުސްވިއެވެ. މައިދާނަށް ބަލާލުމުން، އެއްވެފައި ތިބި މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އަތުގައި މަދުވެގެން ޑަޒަނެއްގެ ބިސް އޮތެވެ. ބައެއް މީހުން އަތުގައި ދެ ޑަޒަން އަދި ތިން ޑަޒަން ވެސް އޮތެވެ.

ބިސް ލޯރިތައް ހަމަ ދިޔަތަނާ ސިފައިންގެ ލޯރިތަކުގެ ރަނގަބީލުގެ އަޑު އިވިއްޖެއެވެ. މާ ގިނަ އިރުތަކެއް ނުވަނީސް މީހުން އެއްވެފައި ތިބި މައިދާނަށް މުގުރުބުރިތައް ހިފައިގެން ތިބި ސިފައިންތައް އަތުވެއްޖެއެވެ. މުޒާހަރާކުރަން ދާން އެއްވެ ތިބި މީހުންތައް ރޫޅާލައި ގެޔަށް ފޮނުވާލުމައްޓަކައެވެ.

ކޮންމެ މީހަކުވެސް މުގުރުބުރި ހިފައިގެން ތިބި ސިފައިންނަށް ބަލާލިއެވެ. ދެން، އެމީހުންގެ އަތުގައި އޮތް ބިސް ޑަޒަނަން ކަޅިއެއް އެއްލިއެވެ. އަދި، އެންމެން، އެންމެން، ހިތާހިތާ ބުނިހެން ހީވިއެވެ. ބިސްތައް ހިފައިގެން ސިފައިންނާ ކުރިމަތިލާކަށް ނުވާނެއެވެ. އެހެނީ، ސިފައިންނާ ކުރިމަތިލައި ބިސްތައް ތެޅި، ބޭކާރުވެގެން ދިޔުންވާނީ، ވަރަށް ވެސް ބޮޑު އިސްރާފަކަށެވެ. އެހެންވެ، އެންމެ ބުއްދިވެރި ގޮތެއް ކަމުގައި، އެންމެނަށް ވެސް ފެނުނީ، ބިސްކޮޅުގެ ހެޔޮ ހާލައިގެން، އެންމެން ވެސް، މިއަދު، ގެއަށް ދިޔުމަށެވެ. އެއީ އެހެން ދުވަހަކުން ވެސް މުޒާހަރާކުރެވިދާނެތީއެވެ. ނަމަވެސް، އެހެން ދުވަހަކުން އަގު ހެޔޮކޮށް ބިހެއް ނުލިބޭނެއެވެ. އަދި، އިދިކޮޅު ޒައީމުގެ ހައްގުގައި ބިސްތައް ގުރުބާންކޮށްލެވޭ ވަރަށް ވުރެ، ބިސްތަކުގެ އަގު މާ ބޮޑެވެ!

މުގުރުބުރި ހިފައިގެން ތިބި ސިފައިން ގުޑިވެސް ނުލާ، ތިބި ގޮތުގައި ހިމޭނުން ތިއްބެވެ. އަދި، އެއްވެފައި ތިބި އެންމެން، ހިނގާލާފައި މަޑުމަޑުން ގެއަށް ދިޔައެވެ. ބޮޑު ހުކުރަކަށްވާން އޮތް ހުކުރު، ތާރީޚުގެ ތެރެއަށް ދިޔައީ ބިސް ހުކުރަށް ވެގެންނެވެ!

އާދެ، ބިސް ޑަޒަންގެ ވާހަކައިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ބިސް ޑަޒަނުގެ ވާހަކަ އިޝާރަތްކުރާ ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ފާސިދު ސިޔާސީ ނިޒާމުތައް، އެ ނިޒާމުތައް ރައްޔިތުންގެ މައްޗަށް ހިންގަމުންދާ އިރު، ކޮންމެ ރައްޔިތެއްގެ އަތަށް 'ބިސް ޑަޒަނެއް' ދީފައި އޮންނަ ކަމެވެ. ވަޒީފާގެ ބިސް ޑަޒަނެވެ. އަމިއްލަ މަސައްކަތުގެ ބިސް ޑަޒަނެވެ. އެ ފާސިދު ނިޒާމުގެ ތެރެއިން ލިބިގަންނަން ބޭނުންވާ އަމިއްލަ ފައިދާގެ ބިސް ޑަޒަނެވެ. އުފުލަން ޖެހިފައި އޮންނަ އަމިއްލަ ކަންބޮޑުވުންތަކާއި އުދާސްތަކުގެ ބިސް ޑަޒަނެވެ. އެ ފާސިދު ނިޒާމު، ކޮންމެ މީހެއްގެ އަތަށް މިފަދަ ބިސް ޑަޒަނެއް ދީފައި އޮންނައިރު، މިނިވަންކަމާއެކު ހިނގައިގަނެވޭކަށް ނޯވެއެވެ. އެއްޗެއް ބުނެވޭކަށް ނޯވެއެވެ. އެމީހެއްގެ އަތުގައި އޮންނަ ބިސްޑަޒަން ތެޅިދާނެތީއެވެ!

މިފަދައިން ކަން އޮންނައިރު، ފާސިދު ނިޒާމެއް އިސްލާހުކުރުމާ މެދު ވިސްނާ ފިކުރުރުކޮށް، އެފަދަ އިސްލާހީ ވާހަކަ ދެއްކުން މުހިއްމުވެ، އެކަމަށް ފުރުސަތު އޮންނާނެ ހެއްޔެވެ؟ ކޮންމެ މީހަކަށް ވެސް އެންމެ މުހިއްމު ވާނީ، އެމީހެއްގެ ބިސް ޑަޒަން ރައްކާކުރުން ނޫން ހެއްޔެވެ! އެހެން ކަމަށް ވާއިރު، ކަންކަން އޮތީ ހަމަ އެކަންކަން އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތުގައި ކަމަށް އެ ފާސިދު ނިޒާމުގެ ސަންގުތަކުން ގޮވަމުން ދާއިރު، އެ ނޫން އަޑެއް އިވުމުގެ ޖާގަ ދެވޭނީ ކިހިނެއް ހެއްޔެވެ؟ އެއަޑުތަކުގެ ރޮނގުވަޅު ނޫން ރޮނގުވަޅަކުން، ކަންކަމުގެ މައްޗަށް ނަޒަރު ހިންގާލާން މަގެއް ކޮށާލާނޭ ހިއްމަތެއް، ހިއްވަރެއް، ނެރެވިދާނެ ހެއްޔެވެ؟