Support Us

ކޮލަމް މާޒީ: ލިޔުންތެރީންނަށް މި ޝަރަފު ނުލިބެނީ ކީއްވެގެންބާ؟

މިއަދު އަޅުގަނޑުގެ ގަލަމުން މި ހިއްސާކޮށްލަނީ އަޅުގަނޑުގެ ވެސް ޝުޢޫރެކެވެ. ނަމަވެސް މި ޝުޢޫރުތައް ޢިބާރާތެއްގެ ސިފައިގައި ހާމަކޮށްލާން ހިތްވަރު ލިބުނީ ނުވަތަ އެކަމަށް ޝައުޤުވެރިވީ ރާއްޖޭގެ ވަރަށް މަޝްހޫރު ލިޔުންތެރިޔަކު، އަޅުގަނޑާ ޙިއްސާކޮށްލެއްވި ޝުޢޫރުތަކަކާ ގުޅިގެންނެވެ. އޭނާގެ މައިގަނޑު ޝުޢޫރަކީ ނުވަތަ ސުވާލަކީ "ލިޔުންތެރީންނަށް މި ޝަރަފު ނުލިބެނީ ކީއްވެގެން"ހެއްޔެވެ؟ ކޮން ޝަރަފެއްތޯއެވެ؟ ކުޅުންތެރީންނާއި ފަންނާނުންނާއި ރެހެންދީންނާއި ނޫސްވެރީންނާއި މިފަދަ ޚިދުމަތްތެރީންގެ އަގު ވަޒަންކޮށް ދޭ ފަދަ ޝަރަފެކެވެ. އެ ފަދަ ފަރާތްތަކަށް ޝަރަފުދޭ ފަދައިން ލިޔުންތެރީންނާއި މުޞައްނިފުންނާއި މުތަރުޖިމުންގެ އަގުވަޒަންކޮށް އެ މީހުންނަށް ވެސް ޝަރަފު ނުލިބެނީ ކީއްވެގެންތޯ ކުރާ ސުވާލެވެ.

ޢިލްމާއި ފަންނުތަކުގައި މުސްލިމުން އިހުގައި ހޯދި އާދަޔާ ޚިލާފު ބޮޑެތި ކާމިޔާބީތައް ތާރީޚުން އެހެރީ ފެންނާށެވެ. މި ޒަމާނުގައި ތަޢާރަފުވެފައިވާ ގިނަ ޢިލްމުތަކުގެ ބާނީންނަކީ މުސްލިމުންނެވެ. ހިސާބު ޢިލްމާއި ފަލަކީ ޢިލްމާއި ކީމިޔާއީ ޢިލްމާއި ޖުޣުރާފީ ޢިލްމާއި، ޙަޔަވީ ޢިލްމާއި މި ނޫނަސް ދުނިޔަވީ މުހިންމު ހުރިހާ ދާއިރާއެއްގައި މުސްލިމުން ހޯދި ކާމިޔާބީތަކަކީ މިއަދުގެ ފަންނިއްޔާތުގެ ޒަމާނުގައި ހުޅަނގާއި އެމެރިކާއިން ހޯދައިފައިވާ ކާމިޔާބީގެ އަޞްލު މަޞްދަރުތަކެވެ.

ތެދުފުޅެކެވެ! އިސްލާމީ ތާރީޚުގެ ރަން ޒަމާނުގައި މުސްލިމުން ކުރިއަރައިގެން އައީ އިލްމުވެރީންނަށާއި ލިޔުންތެރީންނަށް އިސްލާމީ ޚިލާފަތުން ދެއްވި އާދަޔާ ޚިލާފު ސަމާލުކަމެއްގެ ސަބަބުންނެވެ. ޢިލްމުވެރީންނާއި ލިޔުންތެރީންނަކީ ޚަލީފާއިންގެ އަރިހުގައި އެންމެ ޤަދަރުވެރީންކަމުގައި ހިމެނުނެވެ. ޢިލްމުވެރީންނާއި ލިޔުންތެރީން ލިޔުންވާ ނުވަތަ ތަރުޖަމާކުރައްވާ ޢިލްމީ ފޮތްތަކަށް އަގުދެއްވީ ބަރުދަނާ އެއްވަރަށް ރަނުންނެވެ. އެހެންކަމުން ލިޔުންތެރިކަމާއި ޢިލްމީ މައިދާނުގައި ވާދަވެރިކަން އުފެދި އަގުނުކުރެވޭ ފަދަ މަތިވެރި އެތައް ތަޞްނީފުތަކެއް ދުނިޔެ ވަނީ ދެކެފައެވެ.

އަޞްލު މައުޟޫޢަށް އަވަހަށް ރުޖޫޢަވުމަށް ޓަކައި އިސްލާމީ ތާރީޚުން އެއްފަރާތްވެލައި ދިވެހި މާޙައުލަށް ޖެހިލަމާތޯއެވެ!

އަޅުގަނޑުމެން ވަރަށް ފަސޭހައިން ކުރާ ޝަކުވާއެކެވެ. ދިވެހިބަހުން ލިޔެފައި ހުންނަ ފޮތްތައް ނުހުންނަ ކަމުގެ ޝަކުވާއެވެ. މަޢުލޫމާތު ލިބޭ ފޮތްތައް މަދުކަމުގެ ޝަކުވާއެވެ. ކުޑަކުދީން ޝައުޤުވެރިވާ ގޮތަށް ލިޔެވިފައި ހުންނަ ފޮތްތައް އަމުދުން ނުހުންނަކަމުގެ ޝަކުވާއެވެ. ދިވެހިބަހާމެދު ކުރެވިފައިވާ ދިރާސާތައް ނެތްކަމުގެ ޝަކުވާއެވެ. ބަލާހިތްވާ ފަދަ ކާޓޫނުތަކާއި ފިލްމުތައް ދިވެހިބަހުން ލިބޭން ހުންނަލެއް މަދުކަމުގެ ޝަކުވާއެވެ. ދިވެހި ޤައުމިއްޔަތާ ވަކި ނުކުރެވޭނެ އަދި ދިވެހީންގެ ފަޚުރުކަމުގައިވާ ދިވެހިބަހަށް އިހުމާލުވާ ކަމުގެ ޝަކުވާއެވެ. ނަމަވެސް މި ކަންކަމުގެ ސަބަބަކަށް ވިސްނައިލަނީ ވަރަށް މަދުމީހެކެވެ.

ތެދުފުޅެކެވެ. ދިވެހިރާއްޖޭގައި ވެސް އެކި ޢިލްމުތަކުގެ މާހިރުން އެބަ ތިއްބެވިއެވެ. އެތައް ބަހެއް ދެނެވަޑައިގަންނަވާ ބަސްވާރުން ވެސް އެހާ ގިނައެވެ. ލިޔުންތެރިކަމަށް ލޯބިކުރާ ޒުވާނުންނާއި ހަރު މީހުން މަދެއް ނޫނެވެ. ނަމަވެސް…

ނަމަވެސް މި ދެންނެވި ޢިލްމީ ގަލަންކޮޅުތަކާ ކައިރިކުރާ މިންވަރަކަށް ވެސް ޢިލްމީ ފޮތެއް ވުޖޫދަކަށް ނާދެއެވެ. ދިވެހިބަހުން މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ވެސް އެންމެ ބޮޑު ދައްޗަކަށް ކުރިމަތިވަނީ ކިޔާނެ، ބަލާނެ ދިރާސާކުރާނެ ފޮތް ނުހުންނަކަން ކަމަށް އެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ވިދާޅުވާ އަޑު އިވެއެވެ. އެހެންނަމަވެސް އެ ކަމުގެ ސަބަބާ މެދު ވާހަކަދައްކަވާކަށް ގިނަ ބޭފުޅުން ބޭނުންފުޅެއް ނުވެއެވެ.

ޝިޔާމުގެ "ތިރީސް ކުރުވާހަކަ" ނެރުމުގެ ހަފުލާގެ ތެރެއިން… -ފޮޓޯ: ޝިޔާމް

ދިވެހި ލިޔުންތެރީން ވެސް ލިޔުއްވާން ބޭނުންފުޅުވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ކޮންމެވެސް ތަނަވަސް މީހެއްގެ އެހީތެރިކަން ނުލިބި، ނުވަތަ އަމިއްލަ ޗާޕުޚާނާއެއްގެ ބާރު އޮންނަ ލިޔުންތެރިއަކަށް ނޫނީ އޭނާ ލިޔާ ފޮތެއް ވުޖޫދަށް ގެނައުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަދި އެ ފަދަ މަސައްކަތެއް ކޮށްގެން އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބެއެވެ. ވީމާ، ތިމާއާއި ޢާއިލާގެ ޚަރަދުބަރަދު ބަލަހައްޓާން މަސައްކަތް ނުކޮށް ހަމައެކަނި ހިލޭސާބަހަށް ނުވަތަ ދަރުމައަށް ލިޔުމުގެ މަސައްކަތް ނުވަތަ ތަރުޖަމާކުރުމުގެ މަސައްކަތް ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމަކަށް ނުވާނެއެވެ.

ދިވެހިބަހަކީ މުއްސަނދި ބަހެއްކަމަށް ކުރާ ދަޢުވާއަށް އަޅުގަނޑު ވެސް ތާއީދުކުރަމެވެ. ނަމަވެސް ދިވެހިބަހުގެ މުއްސަނދިކަމާއި ފުރިހަމަކަން ސާބިތުކޮށްދެވޭނީ އެ ކަމަށް ސަމާލުކަން ދޭންވާ ފަރާތްތަކުން ސަމާލުކަން ދިން ދުވަހަކުންނެވެ. ހީބްރޫ ބަސް މޫނުއަޅައި ހަމައެކަނި ފައްޅީގައި ފަހު ނޭވާއަށް ދެމިދެމި އޮއްވައި އެ ބަސް ކުރިއަރުވައި މަތީތަޢުލީމުގައި ކިޔަވައިދޭ އަދި ފަންނިއްޔާތު ވެސް އެ ބަހާ ރައްޓެހި ބަހަކަށް ހެދީ، ޤައުމިއްޔަތު ދެކެ ލޯބިވި ބަޔަކު ޤައުމިއްޔަތަށް ޓަކައި އެ ބަހަށް ދިން ޚާއްޞަ ސަމާލުކަމެއްގެ ސަބަބުންނެވެ. އެހެންވީ މިއަދު ވެސް ހެޔޮ ހާލުގައި ފުރިހަމައަށް ނޭވާލައިލައި އޮތް ބަހެއް އަދި އެތައް ހާސް އަހަރެއް ވަންދެން ދިރި ދުނިޔޭގައި ޙަރަކާތްތެރިވި ބަހެއް، ދިވެހިބަސް، ކުރިއަރުވައި ތަރައްގީ ނުކުރެވޭނެ ސަބަބެއް ނެތެވެ.

ކުރީން ވެސް ދެންނެވި ފަދައިން، ދިވެހިބަސް ކުރިއަރުވައި ޢީލްމީ ތަޞްނީފުތައް ވުޖޫދަށް ގެނައުމަށް ޓަކައި ބޭނުންވަނީ "ބެލެނިވެރީންގެ" ސަމާލުކަމެވެ. މަސްއޫލުވެރީންގެ އަޅައިލުމެވެ. އެ ކަމަށް ސިޔާސަތު ކަނޑައަޅައި ތަންފީޒުކޮށްގެންނެވެ.

އަޅުގަނޑަށް އަޑު އިވިފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީބަހަށް އިސްކަން ދިނުމުގެ ކަންކަން ތަންފީޒުކުރާ މައި ވިދާރާގައި ފަންނިއްޔާތުގެ ދާއިރާގެ މުވައްޒިފަކު ނެތްތާ އެތައް ދުވަހެއް ވެއްޖެއެވެ. މަދުވާ މުވައްޒިފެއްގެ ބަދަލުގައި ވެސް މުވައްޒިފުން ލެވެނީ ވަރަށް ހާލުންނެވެ.

ލިޔުންތެރީންނާއި މުތަރުޖިމުންގެ އަގު ވަޒަންކުރެވޭނެ މަންސައެއް ދިވެހިރާއްޖެއަކު ނެތެވެ. ތިޔަ ވިދާޅުވަނީ ގައުމީ އިނާމުދޭ ފަރާތްތަކުގެ ތެރޭގައި ލިޔުންތެރީން ވެސް ހިމެނެޔޭ ނޫންތޯއެވެ! އާދޭހެވެ! ހިމެނެއެވެ. ނަމަވެސް އެއީ ލިޔުންތެރީންނަށް ޚާއްޞަކުރެވޭ މަންސައެއް ނޫނެވެ. ފިލްމީ ތަރީން، ޒުވާން ޚިދުމަތްތެރީން، އިޖުތިމާޢީ ޚިދުމަތްތެރީން، ކުޅިވަޅުކުޅުންތެރީން، ނޫސްވެރީން ވެސް ޤައުމީ އިނާމުގައި ހިމެނިވަޑައިގަންނަވާލެއް މަދެއް ނޫނެވެ. ހަމަ އެއް ޚިދުމަތަކަށް ތިން ދިމާއަކުން އިނާމު ލިވަޑައިގަންނަވައެވެ. ނަމަވެސް ލޔުންތެރީންނާއި މުތަރުޖިމުންގެ ތެރެއިން މީހަކު ފަހަރަކުން ފަހަރަކު، ގައުމީ އިނާމުގެ ލިސްޓްގައި ހިމެނިފައި ވިޔަސް އެ މީހުންގެ އަގު ވަޒަންކުރެވޭނެ އެހެން އިންތިޒާމެއް ނެތެވެ.

ބަޖެޓު ނެތިގެން، މުވައްޒިފުން ނެތިގެން، މަސައްކަތެއް ކުރާނެ ޖާގައެއް ނެތިގެން، ލިޔުންތެރިކަމާއި ބަސްކުރިއަރުވާނެ ފުރުޞަތުތައް ހަނިވެފައިވާއިރު، ދާދި އިހަކަށް ދުވަހު ވެސް އަޅުގަނޑުމެންނަށް ފެނުނީ، އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރައްވައިގެން "ސްޕޯޓްސް އެވޯޑްސް" ދެއްވި ތަނެވެ. ބަޖެޓުގެ ތާށިކަން އޮވެގެން ބަހަށް ޚިދުމަތްކުރެވޭން ނެތް އިރު، ކުޅިވަރަށް މިލިއަން މިލިއަނުން ޚަރަދުކުރާނެ ފައިސާ ހުރުމަކީ ސުވާލެކެވެ. ހަމަ ގައިމު ވެސް ދިވެހިރާއްޖެއަކީ ކުޅިވަރަށް މާ މޮޅު ބަޔަކު ތިބި ތަނެއް ވެސް ނޫނެވެ. ފުޓްބޯޅަ މުބާރާތް އޮންނަކަން ވެސް ދަންނަނީ މަދުބަޔެކެވެ. ކުޅޭ ދުވަސްދުވަހު ވެސް ދަނޑު އޮންނަނީ ހުސްކޮށެވެ. ދަނޑު ފުރައިލެވުނީ "ގަވާއިދަށް އަޅުވާން" ބިދޭސީން ވެއްދި ދުވަހަކު އެކަންޏެވެ.

އާދޭހެވެ! ކުޅިވަރު ކުރިއަރުވާން ވެސް ޚަރަދުކުރެވޭންވާނެއެވެ. ސްޕޯޓްސް އެވޯޑްސް" ވެސް ދޭންވީއެވެ. "ފިލްމީ އެވޯޑްސް" ވެސް ދޭންވީއެވެ. "ރެހެންދި އެވޯޑް"އާއި "ރަސް އެވޯޑް" ވެސް ދޭންވީއެވެ. "ނޫސްވެރިކަމުގެ އެވޯޑް" ވެސް ކުރިއަށް ގެންދާންވީއެވެ. އެއީ ކުރާން ޖެހޭ ކަންކަމެކެވެ. ނަމަވެސް އެއީ ދިވެހި ޤައުމިއްޔަތުގެ އެއްބައި ކަމަށްވާ ދިވެހިބަހަށް ދޭ ސަމާލުކަން އެއް ފަރާތްކޮށްފައި ކުރާ ކަމަކަށް ނުވާންވީއެވެ. އެހެން އެކަން ވުމަކީ މައްސަލައެކެވެ.

ދިވެހި ރާއްޖެ ޢިލްމީ ގޮތުން ކުރިއަރުވައި ބަސް ތަރައްގީކުރާނަމަ، ފޮތް ލިޔެ ތަރުޖަމާކޮށް ތަޞްނީފުކުރާ މަރުކަޒެއް ގާއިމުކުރެވޭން އެބަޖެހެއެވެ. ނުވަތަ ދިވެހިބަހުގެ އެކެޑަމީއަށް އެ ދައުރާއި އެ ކަން ކުރެވޭނެ އެހީތެރިކަން ފޯރުކޮށްދެވޭން އެބަޖެހެއެވެ. ލިޔުންތެރީންނަށް އެ ބައިމީހުންގެ އުފެއްދުންތައް ވުޖޫދަށް ގެނެވޭނެ ފުރުޞަތުތަކެއް ފަހިކުރެވޭން އެބަޖެހެއެވެ. މި ދެންނެވި ފަދަ މަރުކަޒަކުން، ނުވަތަ ދިވެހިބަހުގެ އެކެޑަމީން ނަމަވެސް ފެންވަރު ރަނގަޅު އިލްމީ ފޮތްތައް ލިޔެ ނުވަތަ ތަރުޖަމާކޮށް ނެރެވޭނެ މާޙައުލެއް ތަނަވަސްވާން އެބަޖެހެއެވެ. ސަރުކާރުގެ ޗާޕުޚާނާއެއް ހުންނާން އެބަޖެހެއެވެ. ރާއްޖޭގައި ތަރައްގީކުރެވިފައި ހުރި، ޒަމާނީ ޗާޕުޚާނާއެއް 2008 އާ ހަމައަށް ރާއްޖޭގައި ހުއްޓެވެ. އެ ތަން އުވައިލައި އެތާނގައި ހުރި އަގުބޮޑު ސާމާނު "ރައްޓެހީންނަށް" ނުއަގުގައި ވިއްކައިލެވުނުކަމީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމުގައި ނޫނީ އަޅުގަނޑެއް ނުދެކެމެވެ.

އިލްމީ ފޮތް ލިޔެ ތަރުޖަމާކޮށް އުފައްދާ ފަދައިން ކުޑަކުދީން ބަލާހިތްވާނެ ކާޓޫނު ފިލްމާއި ޤާއުމީ ރޫޙު އާލާކުރެވޭނެ ފިލްމުތައް ދިވެހިބަހުން އުފައްދައި އާންމުކޮށްލެވޭނެ ފުރުޞަތުތަކެއް ފަހިވާން އެބަޖެހެއެވެ. ފަންނާނުންނެކޭ އެއް ފަދައިން މި ފަދަ ފަންނުވެރީންނާއި ލިޔުންތެރީންނާއި މުތަރުޖިމުންނާއި ޢިލްމުވެރީންނަށް ޤަދަރުކުރެވި އެ މީހުންގެ އަގު ވަޒަންކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރެވޭން އެބަޖެހެއެވެ.

މި ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ އިސް އިދާރާއަކުން އިސްވެ މަސައްކަތްތަކެއް ފަށައިގަންނާން އެބަޖެހެއެވެ. މި ދާއިރާއަށް ޚާއްޞަކުރެވިފައިވާ ވުޒާރާއެއް ހުރިކަމަށް ވާނަމަ، އެ ވުޒާރާގެ މަސައްކަތްތައް ވަރަށް ފުޅަލެވެ. ކުރާންހުރި މަސައްކަތްތައް ވަރަށް ގިނައެވެ. ބައިވަރެވެ.

އާދޭހެވެ! ދިވެހިބަހަށް އިސްކަންދީ، ޢިލްމީ އުފެއްދުންތައް ވުޖޫދަށް ގެނައުމަކީ ދިވެހިރާއްޖޭގައި ވެސް އުނދަގޫ ކަމެއްކަމަކަށް އަޅުގަނޑެއް ނެދެކެމެވެ. ބޭނުންވަނީ މި ކަމަށް މަގުފަހިކޮށްދޭނެ ސިޔާސަތެއް އެކަށައެޅި އެ ސިޔާސަތު ތަންފީޒުވުމެވެ. ލިޔުންތެރީންނާއި މުތަރުޖިމުންނާއި ޢިލްމުވެރީންގެ އަގު ވަޒަންކުރާނެ ސަގާފަތެއް އުފައްދައި އެ ސަގާފަތް ކުރިއެރުވުމެވެ. މިއީ މަސްއޫލުވެރީންގެ ވިސްނުންފުޅަށް، އަދި ސިޔާސަތަށް ގެންނަވާ ކުޑަކުޑަ ބަދަލަކުން ދާދި ފަސޭހައިން ކުރެވޭނެ ކަމެއްކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. މި ކަންކަމާ ގުޅިގެން ބައެއް ލިޔުންތެރީންގެ ހިތްޕުޅުގައި އުފެއްދޭ ސުވާލަކީ "ސްޕޯޓްސް އެވޯޑްސް"އަށް ސަމާލުކަން ދެވޭ ފަދައިން ދިވެހިބަހަށް ދިވެހި މުތަރުޖިމުންނަށް ދިވެހި ލިޔުންތެރީންނަށް ސަމާލުކަން ދެވޭނީ ކޮން ދުވަހަކުންބާވައެވެ!!