ބަރަކަތާ ހެޔޮ ރަހްމަތާ އެކުގައި އައީ ރަމަޟާން ކަރީމް
ހަރު އަޑުން ކިޔަވާށެވީ ނިއުމަތް އަދައި ޤުރުއާން ކަރީމް
ދަމުނަމާދަށް އިސްކަމެއްދީ ފަރުސުތަށް އިސްފަސް ނުކޮށް
ހަމަހިމޭން މެންދަމު ދުލުން ކިޔަވާށެވީ ޤުރުއާން ކަރީމް
މަޑުއަރާމުގެ ތަންމަތީގައި ނުތިބެ ޣާފިލުކަންމަތީ
މަޑުމޮޅިވެ މާތް ޙަޟުރަތަށް ކިޔަވާށެވީ ޤުރުއާން ކަރީމް
ސުންދުސީ ފޭރާމުގައި ޖަންނަތުގެ ފިނިފިނި ހިޔަލުގައި
ވުންއަދައިގެން ޒިކުރުކޮށް ކިޔަވާށެވީ ޤުރުއާން ކަރީމް
ކައުޘަރުގެ އާރުން ލިބުންއެދި މާމުޔަށްވުރެ ފޮނިބުއިން
ޝައުގުގައި ޙާލިސްވެ ތިބެ ކިޔަވާށެވީ ޤުރުއާން ކަރީމް
މާތް އިލާހުގެ ޙަޟުރަތުން ހެޔޮދަރުމަ އެދި ހެޔޮނިޔަތުގައި
މާތްމި މައްސަރު އައި ހިނދުން ކިޔަވާށެވީ ޤުރުއާން ކަރީމް