Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ރޯދަޔަށް ހަނދުބެލުމަށް އެހީއެއް 

ރޯދައަށް ހަނދުބެލުމަކީ، އިސްލާމުންގެ ވަރަށް ވަރުގަދަ، ދީނީ އަދި ސަގާފީ އާދައެކެވެ. ޢިލްމާއި ޒަމާނީ ވަސީލަތްތަކާއި، ޒަމާނަށް އަންނަ ބަދަލުތަކުން، އެކަމުގައި ތަފާތު ކުލަތައް ޖެހެމުން އައި ނަމަވެސް، ރޯދަމަހަށް ހަނދުބެލުމަކީ، ދޫކޮށްނުލައި ކޮންމެވެސް ސިފައެއްގައި އިސްލާމުން މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމެކެވެ.

އިހުގައި ހަނދު ބެލުމަށް ޝަޢުބާން މަހުގެ 29 ވަނަ ދުވަހު އިރު އޮއްސޭ ވަގުތު އިރު އޮއްސޭތަން ފެންނަ ހިސާބަށް މީހުން ނުކުމެ ހަނދުފެނޭތޯ ބަލައެވެ. އެކަމަށްޓަކައި ޒާތްޒާތުގެ މީރު ކާބޯތަކެތި ވެސް ހަދައި ނެރެ، ނިކަން އުފާވެރިކަމާއި ފޯރީގައި ކައިބޮއި ހެދުމުގެ ތެރެއިން، ހަނދު ބެލުމާއި ހަނދުގެ ޚަބަރުވޭތޯ އިންތިޒާރު ކުރުމާއި އެކަމަށްޓަކައި ހޭލައިވެސް ތިބެއެވެ.

ޒަމާނީ ކުރިއެރުމުގައި ހަނދުބެލުމާއި ހަނދުގެ ޚަބަރު ލިބުން ލުއިވެ، ކަމާބެހޭ ރަސްމީ އިދާރާއަކުން ކުރައްވާ އިޢުލާނަކުން އެކަން އެންމެނަށް، ނުހަނު ފަސޭހަކަމާއެކު އެނގޭނޭ ގޮތް، ތަނަވަސްވެފައި ވާތީއާއި، އަދި ކަނޑައެޅިގެންވާ ޝަރުޠު ތަކެއްގެ މަތީން، އިސްލާމީ ގައުމުތަކަށް ހަނދު ފެނި ސާބިތު ވިޔަސް، ހަނދު ލައްވާ އުޞޫލެއް ވެސް އޮތުމުން، ހަނދު ފެނުމާއި ހަނދު ލެއްވުމުގެ ޚަބަރު ފަސޭހައިން ލިބޭނޭ ގޮތް ފަހިވުމުން، ހަނދުބެލުމާއި ހަނދުބަލާ ރޭގައި ކަންކަން ކުރާ އިހުގެ އާދަތައް މިހާރަށް ނެތިފައިވަނީއެެވެ.

އިހުގައި ހަނދު ފެނުނަސް، ކައިރި ރަށްރަށަށް ވެސް ޚަބަރު ދެވޭނެ ގޮތެއް ނޯންނާތީ، އެކަންކޮށް އުޅުނު ގޮތަށް ބަލައިލާއިރު، ހަނދު ފެނިއްޖެނަމަ، އެކަން އެހެން ރަށްރަށަށް އެންގުމަށްޓަކައި އިރުއޮއްސުމުގެ ކުރީން އަތިރިމަތީގައި ހިކިފަނާއި ހިކި ފަތްފަތުން، އުސް މުންނާރެއްގެ ޒާތަށް ހަދާ ބިނާއެއްގައި ހުޅުލައި ރޯކޮށްލައިގެން އޭގެ ހުޅުގަނޑު ދުރަށް ފެންނާނެ ގޮތް ހަދައިގެން ހަނދު ފެނުނުކަން އަންގައިދޭން މަސައްކަތް ކުރި ޒަމާން އަޅުގަނޑުމެން ދެކެފައި ވެއެވެ. އަދި އެއް ރަށަކުން ރޯކުރާ ހުޅުގަނޑު ފެނުމުން އެއަށް ތަބާވެގެން އަނެއް ރަށަކުން އެފަދަ ހުޅެއް ރޯކޮށްގެން، އެއްރަށުން އަނެއް ރަށަށް ހަނދު ފެނުނުކަން އަންގާން މަސައްކަތް ކުރި ޒަމާން ވެސް ދާދި ކައިރި މާޒީގައި ދެކެފައިވެއެވެ. އަދި ރިޔަލުގައި ވައި ނުޖެހޭނަމަ ފަލިޖަހާފައި ކުދި ބައްތެލިފަހަރުގައި ރަށްރަށަށް ގޮސްގެން ވެސް، ކައިރި ރަށްރަށަށް ހަނދުގެ ޚަބަރު ފޯރުކޮށްދިން ޒަމާން ވެސް އަހަރުމެންވަނީ ދެކެފައެވެ.

އެހެނަސް މިއަދު ރޭޑިއޯ ޓީވީއާއި މޯބައިލް ފޯނު ފަދަ، ޒަމާނީ ވަސީލަތްތައް ފުރިހަމަ ވެފައިވުމުން ހަނދާބެހޭ ޚަބަރު ފަސޭހަކަމާއެކު ލިބޭނެގޮތް ވަރަށް ވެސް ފަސޭހައެވެ.

ހަނދުބެލުމުގައި ހަނދުބެލުމޭ ބުނާ ބަހުގެ އިޞްޠިލާޙީ އަޞްލަކީ، ކޮބައި ހެއްޔެވެ؟ ހަނދުބެލުމޭ ބުނަނީ، ހަނދުގެ ހުޅެވި (އިރުގެ އަލިން ހަނދަށް އެޅިފައިވާ އަލިކަން) ދުނިޔެއާ ދުރުފަރާތަށް ނުވަތަ އިރާވީ ފަރާތަށް އެނބުރި ހުރެފައި، އެއްއުއިވުމުން ފެށޭ، އާ މައްސަރުގައި ދުނިޔެ ވަށައިގެން ހަނދު ޖަހާންފަށާ ބުރަށް ފެށުމުގެ ސަބަބުން، ހަނދު، އިރާ ފެޔަށް ހެޖޭ މިންވަރާ ގުޅޭ ގޮތުން، ހަނދުގެ ތިރީ އަރިން، އިރާވީ ދިމާއިން ހަނދަށް އެޅިފައިވާ އިރުގެ އަލިކަން، ދުނިޔެއާވީ ފަރާތަށް ވަންނާން ފަށާ ފެށުމުން، ހަނދުން ކޫރުންފަށެއްގެ ސިފައިގައި ފާޅުވާ އެންމެ ފުރަތަމަ އަލިކަމުގެ މިންވަރު ދުނިޔެއަށް ފެންނަ ފެނުމެވެ.

އެގޮތުން އެ އަލިކަން ދުވާލަކު ފާޅުވާ ނިސްބަތުން، އެއްރެއިން އަނެއްރެއަށް ފާޅުވާ މިިންވަރަކީ ހުޅެތްވެއްގެ މިންވަރެވެ. ނަންއިތުރުގެ ޢިބާރާތުން "ހުޅެވިހަނދު" ކަމަށް ބުނުމުން، ފަލަކީ ގޮތުން ކަންހިނގާ ގޮތުގެ ޢިލްމީ އަޞްލު ގެއްލި، ކަމުގެ އަޞްލު ދޭހަވުމަށް ހުރަސް އެޅެއެވެ. އެހެންކަމުން ހަނދު ބެލުމޭ ބުނާ ބުނުމަށް، ފަލަކީ ބަހުރުވައިން ކަންހިނގާ ގޮތް ދޭހަވާން އެންމެ ޞައްޙަ ޢިބާރާތަކީ، ނިސްބީ ޖުމްލައެއްގެ ގޮތުގައި "ހަނދުގެހުޅެވި" ކަމުގައި ބުނަން ޖެހެއެވެ.

ސަބަބަކީ، ސޫރަތުލް ބަޤަރާގެ 189 ވަނަ އާޔަތުގައި އޮތް اَلْأَهِلِّةُ  ކަލިމައިގެ މާނަ ނަންއިތުރުގެ ޢިބާރާތުން އޮތުމުން، އެ ބަހުގެ ގިނަ ގޮތް (ނުވަތަ ޖަމްޢު ގޮތް) ގެއްލިފައިވުމާއި އެކަހެރި ގޮތް ނުވަތަ (މުފްރަދު) ގޮތް އެކަނި ފާޅުވެފައިވުމެވެ. ދިވެހިބަހަށް އެ ކަލިމައިގެ ގިނަގޮތް، ގެނެވިފައި ނުވުމުން ފަލަކުގައި ކަން ހިނގާ ގޮތުގެ ޢިލްމީ ޙަޤީޤަތްވަނީ ފޮރުވިފައެވެ. މިފަދަ ކަންކަމަކީ، އެކަންކަމުގެ ކަންހިނގާ ގޮތުގެ ޢިލްމާ ނުލައި، ހަމައެކަނި ބަހަވީ ގޮތުން ދޭހަވާނޭ ކަންކަން ކަމުގައެއް ނުވެއެވެ. މިފަދަ ޢިލްމީ ޒަމާނެއްގައި މިފަދަ ކަންކަން ފޮރުވިފައި އޮތުމަކީ، ވާންވީ ގޮތެއް ނޫނެވެ. ހިލާލު (ނުވަތަ ހުޅެވި) އޭގެ މުފްރަދާއި ޖަމްޢުގެ ޢިބާރާތުން ވެސް ދޭހަވެފައި އޮންނާނެ ޖެހެއެވެ.

ފަހެ، އިޝާރާތް ކުރެވުނު އާޔަތުގައި هِلَالُ ގެ ޖަމްޢުގެ ޞީޣާއަކީ، اَلْأَهِلِّةُ ކަމުގައި ވިޔަސް، ޖަމްޢު (ގިނަގޮތު) ގެ ޢިބާރާތުން، ދިވެހި ބަހުގައި ބަޔާން ނުކުރެވި އޮތަތީ، ހުޅެވިހަނދޭ ބުނާ ނަންއިތުރުގެ ޢިބާރާތުން މުފްރަދު ގޮތަށް ބޭނުންކުރާން ޖެހެނީއެވެ. ހަނދުގެހުޅެތްވޭ، މުފްރަދު (އެކަހެރި) ނިސްބީ ލަފްޒުން ބުނެވޭން އޮތުމުން، ހުޅެވިތަކޭ ބުނެ ގިނަ ގޮތުގެ ޢިބާރާތް ވެސް ގެނެވޭނެކަމަށް އިންކާރެއް ކުރާނެ ތަނެއް ނެތެވެ.

އެ ކަލިމަ ޤުރުއާނުގައި އޮތްފަދައިން ޖަމްޢުގެ ޞީޣާއިން ބުނުމުން، ކަންހިނގާ ގޮތުގެ ޢިލްމީ އަޞްލު ސާފުވެފައި އޮޅުމެއް ނާރާކަން ޤަބޫލުކުރައެވެ. އަދި އެއްބަހުން އަނެއްބަހަށް ތަރުޖަމާ ކުރުމުގައި ވެސް، ޖަމްޢު ލަޒްޒެއް ޖަމްޢުކޮށް، މުފްރަދު ލަފްޒެއް މުފްރަދުކޮށް، ގެންނައުމަކީ އެންމެ ޞައްހަ ގޮތެވެ.

هِلَالُ އަކީ، ހުޅެތްވެވެ. އެއީ، މުފްރަދު ކަލިމައެކެވެ. اَلْأَهِلِّةُ އަކީ، ހުޅެވިތަކެވެ. ޖަމްޢުގެ ޢިބާރާތެކެވެ. ދުނިޔެ ވަށައިގެން ކޮންމެ މަހަކު ހަނދު ޖަހާ ބުރުގައި، ހަނދު ހުންނަ މަންޒިލު (ނުވަތަ ނަކަތު) ގެ ގޮތުން، ހަނދުގެ އަލިކަން، އެއްދުވަހަށް ވުރެން އަނެއް ދުވަހު އިތުރުވާ އަލިކަމުގެ ނިސްބަތަކީ، އަދި ހަނދުމަހުގެ 15 ގެ ފަހުން، ހަނދު ކެފޭ ޙާލަތުގައި އެއްދުވަހަށް ވުރެން އަނެއް ދުވަހު އަލިކަން އުނިވާ ނިސްބަތަކީ، ހުޅެތްވެއްގެ މިންވަރެވެ. ފުރަތަމަ هِلَالُ ން ފެށިގެން عُرْجُوْنِ الْقَدِيْمِ އަށް، ހަނދުގެ އަލިކަން ދުވަހަކަށް އިތުރުވެ، އުނިވާ ނިސްބީ މިންވަރަކީވެސް ހުޅެތްވެއްގެ މިންވަރެވެ.

ދިވެހި ބަސްފޮތުގައި "ފުޅެވި" ކަމުގައި އަދި ފުޅެތްވަކީ "ހުޅެވި" ކަމުގައި ބަޔާންވެފައިމެ އެ ލަފްޒުގެ މާނަ، ބަސްފޮތުގައި ނެތްނަމަވެސް، އެ ލަފްޒުގައި ހުޅެވިހަނދޭ ބުނާ ނަން އިތުރުގެ ޢިބާރާތުގައި އޮތް ނަންއިތުރަކީ، ހަނދަށް ސިފަ ދިނުމަށް ބޭނުންކޮށްފައިވާ "ހުޅެވި" އެއީ، ހަނދަށް ސިފަ ދިނުމަށް ބޭނުންކުރި  ނަންއިތުރެއް ކަމުގައިވުމުން، ހުޅެތްވާއި ހަނދާއި ދެ ލަފްޒު ވަކިކޮށްފިނަމަ، ހުޅެތްވަކީ ހަނދަށް ސިފަ ދެވުނު ނަން އިތުރެއްކަން ވަންހަނާއެއް ނުވާނެއެވެ. އެ ހުޅެތްވަކީ، ހަނދާ ގުޅިފައިވާ ލަފްޒެއްކަމަށް އިންކާރު ކުރާނެ ތަނެއްވެސް ނެތެވެ.

هِلَالُ އަކީ، ދެނެގަންނާން ލާޒިމު ވަރަށް މުހިންމު ދައުރެއް އަދާކޮށްދޭ އެއްޗެކެވެ. އެހެނީ، ސޫރަތުލް ބަޤަރާގެ 189 ވަނަ އާތަޔަތުގައި އޮތް اَلْأَهِلِّةُ ގެ ފުރިހަމަ މާނައަކީ، ހުޅެވިތައް ކަމުގައި ވުމުން، އެ އާޔަތުގެ މާނައިގެ ޞައްޙަ ގޮތަކީ، "ހިލާލުތަކާ (ހުޅެވިތަކަކާ) މެދު އެއުރެން ކަލޭގެފާނާ ސުވާލު ކުރެތެވެ." މިހެންކަމުގައި ވުމުން، މި ބަސްފުޅުން ދޭހަވަނީ، ހަމައެކަނި ހަނދުމަސް ފެށުމުގައި ކޫރުން ފަށެއްގެ ސިފައިގައި ފާޅުވާ ފުރަތަމަ ހިލާލުގެ ވާހަކަ އެކަނި، ނޫންކަމާއި، އެހެން ކަންތައްތައް ވެސް އެނގޭނޭ ގޮތުގެ މަތީން ލައްވާފައިވާ ހިލާލުތަކެއްގެ ވާހަކަކަން އެނގޭން އޮތަތީ، އެއިން އެނގޭ އެތައް އެތައް ކަންތައްތަކެއް ވެސް ވާކަން ޤަބޫލުކުރާން ޖެހެއެވެ.

އޭގެ މިސާލެއްގެ ގޮތުން އެއްކަމެއް ބަޔާން ކުރާނަމެވެ. އެއީ، އެ އާޔަތުގައި އޮތް "ޙައްޖުގެ ދުވަސްތައް ފާހަގަކުރުމަށްވާ އެއްޗެކެވެ." މިފަދައިން އޮންނަ ބަސްފުޅަށް ނަޒަރު ކުރާއިރު، 8 ވަނަ ހުޅެވި، ދެނެގަނެ ގަތުމަކީ، ޙައްޖު ދުވަސް ކަށަވަރުކުރުމަށް، ހިލާލުން (ހުޅެވިން) އެނގޭން އޮތް އަޞްލެެއްކަން އެނގެއެވެ.

އެހެނީ، ހަނދު މައްސަރެއްގެ 7 ވަނަ ދުވަހުގެ އިރު އޮއްސޭ ވަގުތު، ހަނދު ހުންނާނީ ދުނިޔޭގެ ކޮންމެ ބަޔަކަށް ވެސް އެބަޔަކު ތިބޭ ޠޫލަށް މެދުވާ ގޮތަށް މެދު އުޑުގައިކަމާއި، ހަނދު ހުންނާނީ ބަރާބަރު އެއްފަޅި ހަނދެއްގެ ސިފައިގައިކަމާއި، ހަނދުގެ އަލިކަން ހުންނަ، ފަޅި، ހުންނާނީ ހުޅަނގަށް، ނުވަތަ އިރު ހުރި ދިމާޔަށްކަން އެނގޭން އޮންނަ ކަށަވަރު އެނގުން ނަފީކުރެވޭނެ އަސާސެއް ނެތެވެ.

ހަނދުމަހުގެ 7 ވަނަ ދުވަހު އިރު އޮއްސޭ ވަގުތު އެބައަކު ތިބޭ ޠޫލުން މެދުވާގޮތަށް ހުންނަ އެއްފަޅީގެ އަލިކަން ފުރިހަމަވެފައިވާ ހަނދުން ފާޅުވާ، 8 ވަނަ هِلَالُ ނުވަތަ 8 ވަނަ ހުޅެވި، އަންގައިދެނީ، ހަނދު ދުނިޔެ ވަށައިގެން ޖަހާ ބުރުގެ ފުރަތަމަ ކުއާޓާރ ފުރިހަމަވެއްޖެކަމާއި، އެދުވަހު އިރު އޮއްސުނީ ހަނދުމަހެއްގެ 8 ވަނަ ރެއަށް ކަމެވެ.

އެގޮތުން 8 ވަނަ ހުޅެވިން އެނގެނީ، ކުރިއަށް އޮތް ދުވަހަކީ ހަނދުމަހެއްގެ 8 ވަނަ ދުވަސްކަމެވެ. އެއީ، ޙައްޖުމަސް ނަމަ، 8 ވަނަ ދުވަސް ކަށަވަރުވުމުން ޙައްޖުދުވަސް ފާއިތުވުމުގެ ކުރީގައި އެދުވަސް އެނގި ޔަޤީންވީއެވެ. އަށް ވަނަ ދުވަހަކީ، ޙައްޖަށް އިޙްރާމް ބަންނަ ދުވަހެވެ. ޖެހިގެން އަންނަ ދުވަހަކީ ޙައްޖު ދުވަސްކަން ކަށަވަރުވެ އެނގުނީއެވެ.

ދެން ބަލައިލަނީ އަންނަ ރޯދަމަހަށް ހަނދުބަލާ ރޭ، "ހަނދުގެހުޅެވި" ނުވަތަ "ހުޅެވިހަނދު" ފެނާނެތޯ ނުވަތަ ނޫންތޯ ކޮންމެ މުސްލިމެއްގެ ހިތުގައި އުފެދޭނެ ސުވާލުގެ މައްޗަށެވެ. ހަނދުބަލާ ރެއަކީ، ރޯދަމަހުގެ ފުރަތަމަ ރެއަށް ވޭތޯ ނުވަތަ އެއީ، ހިނގަމުންދާ ޝަޢުބާން މަހުގެ 30 ވަނަ ރޭތޯ އުފެދޭ ސުވާލުގެ މައްޗަށެވެ.

ދުނިޔޭގެ ހުރިހައި އިސްލާމީ ޤައުމަކުން ހަނދު މައްސަރުތައް ފެށޭ ދުވަހަކީ، ހުރިހައި ގައުމަކަށް ވެސް އެއްދުވަހެއް ކަމުގައި ކަނޑައަޅާފައިވާ ޤާޢިދާއެއް އަދި ނެތަތީ، މި ނުކުތާގައި މި ބަލައިލަނީ، ޢާންމުކޮށް ޢަމަލުކުރާ ގޮތްކަމުގައިވާ، އެބަޔަކު ތިބޭ ތަނަކަށް ހަނދު އޮއްސޭ ވަގުތަށް ނަޒަރުކޮށްގެން އެބަޔަކަށް ހަނދު ސާބިތުކުރުމަށް ހަނދު ބަލައި، ހަނދު ލައްވައި އުޅޭ ހަމައަށެވެ.

އެގޮތުން ހަނދުބަލާ ދުވަހު އެބަޔަކު ތިބޭ ތަނަށް، ހަނދު އޮއްސޭ ވަގުތާއި، އިރު އޮއްސޭ ވަގުތުގެ ތަފާތު ދެނެގަތުމުގައި ސީދާ ހަމަލޮލަށް ހަނދު ނުފެންނަ ޙާލަތްތަކުގައި، އިރަށް ވުރެ، ހަނދު އޮއްސޭ ވަގުތުގެ އިސްކަން ނުވަތަ ފަސްކަން، ފަލަކީ ޙިސާބުން ދެނެގަނެ ކަށަވަރު ކުރެވެއެވެ.

އެބަޔަކު ތިބޭ ތަނަށް އެދުވަހު އިރު އޮއްސޭ ވަގުތަށް ވުރެން، ހަނދު އޮއްސޭ ވަގުތު އެދުވަހު ފަސްވާކަން ޔަޤީން ކުރެވޭ ނަމަ، ކުރިއަށް އޮތް ދުވަހަކީ، މުލަރޯދަ ދުވަސް ކަމުގައި ކަނޑައަޅައެވެ. އެގޮތަށް އެދުވަހު ލޮލަށް ހަނދު ނުފެނިފައި، އަދި ހަނދު އޮއްސޭ ވަގުތު، އިރަށްވުރެން އިސްވާކަން ފަލަކީ ޙިސާބަށް ޔަޤީން ކުރެވޭ ނަމަ، ކުރިއަށް އޮތް ދުވަހަކީ، ހިނގަމުންދާ ޝަޢުބާން މަހުގެ 30 ވަނަ ދުވަސްކަމުގައި ކަނޑައަޅައެވެ.

ހަމަލޮލަށް ހަނދުގެހުޅެވި ފެނުމުގެ ފުރުޞަތު ލިބޭނީ އާ މަހެއް ފެށޭ ރޭގައި ވަރަށްވެސް މަދު ފަހަރެއްގައެވެ. ސަބަބަކީ، އެއްއުއިވާ ވަގުތާއި އިރު އޮއްސޭ ވަގުތާ ދެމެދު ހިނދު ދިގުނޫން ފަހަރުފަހަރު އެފުރުޞަތު ނޯންނަ ފަދައިން، ދުނިޔެއާއި އެންމެ ދުރުގައި ހަނދު ހުންނަ ދުވަސްދުވަހު ހަނދުގެ ސައިޒު ފެންނަ ފެނުމުގެ ކުޑަކަމުން ހަނދުން ފާޅުވާ ހުޅެވި ހަމަލޮލަށް ފާޅުވުމަށް ފުރުޞަތު ހަނިވުމާއި، އިރާއި ހަނދުގެ އެވަގުތުގެ ޑިކްލިނޭޝަންގެ ގޮތުން ހުންނަ ދުރުމިނުގެ ތަފާތު ކުޑަ ފަހަރުފަހަރު ވެސް، ހަނދުގެހުޅެވި ހަމަލޮލަށް ފެނުމުގެ ފުރުޞަތު ނޯންނާތީއެވެ. މޫސުން އަދާކުރާ ދައުރު ވެސް އެކަމުގައި ކުޑައެއް ނޫނެވެ. މިކަންކަން މީގެ އެކޮޅުކޮޅަށް ހުންނަ ފަހަރުފަހަރު ހަމަލޮލަށް ފެނުމުގެ ފުރުޞަތު އުދަރެސް ސާފު ނަމަ ހުރިހައި ގޮތަކުން ވެސް ތަނަވަސް ވެއެވެ.

އަދި ޓެލެސްކޯޕާއި ދުރުމި ފަދަ ޒަމާނީ އާލާތަކުން ހަނދުގެހުޅެވި ފެނޭތޯ ބަލާއިރު ކޮންމެހެން ދެނެގަންނާންވާ ކަންކަންވެސް އެބަހުއްޓެވެ. އެހެނީ، ވިލާކޮޅެއް ފިޔަވައި ހަނދާއި ދުނިޔެއާ ދެމެދަށް އެއްޗެއް ވަދެގެން ހަނދު ފޮރުވޭނެ އެއްވެސް އެއްޗެއް ނުހުނާނެކަމާއި، އަބަދުވެސް ހަނދު ބަލާ ދުވަހު ހަމަލޮލަށް ފެންނާތީ ހަނދު ހުޅެވި ފާޅުވާނަމަ ހުޅެވިކަމާއި، އެކަމަކު، ދުރުމިއާއި ޓެލެސްކޯޕު ފަދަ އާލާތްތަކުގެ އެހީގައި ބަލާއިރު، ހަނދުގެ ހުޅެވި ފާޅުނުވިޔަސް، ހަނދު، ކަޅުހަނދެއްގެ ގޮތުގައި ފެންނާން ހުންނާނެކަމާއި، އަދި އިރަށް ވުރެން ފަހުން އޮއްސޭ ބައެއް ޕްލެނެޓްތައް ވެސް، ކަޅުކޮށް ނުވަތަ އެއިން ޕްލެނެޓެއްގެ އަރިމަތީން ހުޅެވި ފާޅުވެގެން ފެންނާނެކަން ވެސް ދެނެގަތުމަކީ، ޓެލެސްކޯޕު ފަދަ ވަސީލަތްތަކުން ހަނދުބަލާން މައްސައްކަތްކުރާ ފަރާތްތަކަށް އެނގޭންވާ ކަމެކެވެ.

އެގޮތުން، ޒުހުރަތާއި، ޢަޠާރިދަކީ، ޢާމްނު ގޮތެއްގައި، އިރާ ކައިރީގައި ދައުރުވާ ދެ ގުރަހަ ކަމަށްވާތީ، އިރަށް ވުރެން އެ ދެ ގުރަހަ އުދަރެހުގައި ހުންނަ އުސްމިނު (އަލްޓިޓިޔުޑް) ގެ ތަފާތު ކުޑަވުން ނުވަތަ އިރަށް ވުރެން "އަލްޓިޓިޔުޑް" އިތުރުކޮށް، އިރު އޮއްސޭ ވަގުތުގައި ހުންނަ ފަހަރު ފަހަރާއި، އަދި މުސްތަރީއާއި މިއްރީޚާއި ޒުޙަލު ވެސް، އެ ފަދައިން އިރު އޮއްސޭ ވަގުތު އިރަށް ވުރެން "އަލްޓިޓިޔުޑް" އިތުރުކޮށް އުދަރެހުގައި، އިރާ ދުރުމިނުގެ ތަފާތު ކުޑަކޮށް ހުންނަ ޙާލަތްތަކުގައި، އެ ގުރަހަތައް ވެސް، ފެންނާން ހުންނަ ހުންނަކަން އެނގުން ރަނގަޅެވެ.

އެހެނަސް، މިފަހަރު (1 އޭޕްރީލް 2022 ވަނަ ދުވަހު) ހަނދު ފިޔަވައި ބުނެވި ދިޔަ އެއްވެސް ޕްލެނެޓެއް އިރު އޮއްސުމުގެ ކުރީގައި އޮއްސޭތީ، ޓެލެސްކޯޕާއި ދުރުމި ފަދަ ޒަމާނީ އާލާތްތަކުން ހަނދުބަލާ މީހުންނަށް 373 ދަރަޖަވީ ސަމުގާ މިޞްރާބުން، މިފަހަރު ހަނދުބަލާ ރޭގައި، ހުޅަނގު އުދަރެހުން ހަނދު ފިޔަވައި ފެންމަތީންނެއް ނުފެންނާނެއެވެ.

އެހެނީ، 1 އޭޕްރީލް 2022 ގައި، އިރު ހުންނަނީ މޭސަ ރާހީގެ 11 ދަރަޖައިގައިކަމަށް ވެފައި އިރާއި އެންމެ ކައިރީގައި އެވަގުތު ހުންނަ ޢަޠާރިދު ހުންނަނީ މޭސަ ރާހީގެ 10 ރަދަޖައިގައި ކަމުން، ފަލަކުގެ ބުރުޖުތަކާއި އެ ބުރުޖުތަކުގެ ދަރަޖަތައް އޮއްސޭ ހަމައާއި ތަރުތީބަށް ބަލާއިރު މޭސަ ރާހީގެ 10 ވަނަ ދަރަޖައިގެ ފަހުގައި މެނުވީ، 11 ވަނަ ދަރަޖަ ނޯއްސޭތީ އާއި، މުސްތަރީ ހުންނަނީ މީންޏަ ރާހީގައި ކަމަށްވެފައި، ޒުހުރަތާއި ޒުޙަލާއި، މިއްރީޚް އެވަޤުތު ހުންނަނީ، ކުންބަ ރާހީގައިކަމުން، މޭސަ ރާއްސަށް ވުރެން ކުރީން، މީންޏަ ރާއްސާއި ކުންބަ ރާހި ވެސް އޮއްސޭތީ، ހަނދުބަލާ ރޭ އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސުމާ ދެމެދު ބުނެފައިވާ އެއްވެސް ޕްލެނެޓެއް ފެންމަތީގައެއް ނުހުންނާނެއެވެ.

އެދުވަހު މާލެއަށް އިރު އޮއްސޭނީ 18:14.48 ގައި ކަމާއި، އިރަށް ވުރެން ކުރިން، 18:13 ގައި، ޢަޠާރިދު، 16:54 ގައި މުސްތަރީ، 15:15 ގައި ޒުހުރަތު، 14:53 ގައި މިއްރީޚް އޮއްސޭކަން އެނގޭން އޮވެއެވެ. އަދި އެދުވަހު ޒުޙަލު އުދަވަނީ، ފަތިހު 3:06 ގައިކަމާއި އޮއްސެނީ 15:00 ގައިކަން ވެސް އެނގޭން އޮތުމުން، އެދުވަހު އިރު އޮއްސޭ ވަގުތުގެ ފަހުން، ހަނދު ފިޔަވައި ބުނެވިދިޔަ ގުރަހަތަކުން ގުރަހައެއް ފެންމަތީގައި ނުހުންނާނެއެވެ.

މި ޝަޢުބާންމަހު، ދުނިޔެ ވަށައިގެން ހަނދުޖަހާ ބުރު ނިމި، އެއްއުއިވާ ވަގުތަކީ، 01 އޭޕްރީލް 2022 (29 ޝަޢުބާން 1443) ވަނަ ދުވަހު، މާލޭގަޑިން ހެނދުނު 11:23 ގައެވެ. އެއީ، މޭސަރާހީގެ 11 ދަރަޖަ 30 ދަގީގުގައި، ނުވަތަ މޭސަ ރާހީގެ "ރޭވަ" ނަކަތުގެ 07 ދަރަޖަ 40 ދަގީގުގައި އިރާއި ހަނދު ހަމަހަމަވާ ވަގުތުގައެވެ. އެއީ، އެދުވަހު އިރު އޮއްސުމުގެ 6 ގަޑިއިރާއި 51 މިނެޓާއި 48 ސިކުންތުގެ ކުރިއެވެ.

އޭޕްރީލް 1 ވަނަ ދުވަހު، އިސްލާމީ ދައުލަތްތަކުގެ ތެރެއިން އެންމެ އިރުމައްޗަށް އޮންނަ އިންޑޮނޭޝިޔާގެ އެންމެ އިރުމަތީ ރަށެއްކަމުގައިވާ ޖަޔާޕޫރަށް ހަނދު އޮއްސޭނީ އިރަށް ވުރެން 7 މިނެޓް ފަހުންކަން އެނގޭން އޮވެއެވެ.

އަދި ސަޢޫދީ ޢަރބިއްޔާގެ މައްކާއަށް އިރު އޮއްސޭނީ 18:35.46 ގައިކަމާއި ހަނދު އޮއްސޭނީ 18:52.29 ގައިކަން އެނގޭން އޮންނަ އޮތުމުން، މައްކާއަށް ހަނދު އޮއްސޭނީ އިރު އޮއްސޭ ވަގުތަށް ވުރެން، 16 މިނެޓް 43 ސިކުންތު ފަހުންކަން އެއެނގޭން އޮވެއެވެ.

އަދި ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް އިރު އޮއްސޭނީ 18:38.40 ގައިކަމާއި ހަނދު އޮއްސޭނީ 18:55.29 ގައިކަން އެނގޭން އޮންނަ އޮތުމުން، ޖިއްދާއަށް ހަނދު އޮއްސޭނީ އިރު އޮއްސޭ ވަގުތަށް ވުރެން، 16 މިނެޓް 49 ސިކުންތު ފަހުންކަން އެއެނގޭން އޮވެއެވެ.

އެފަދައިން، އެންމެ ހުޅަނގަށް އޮންނަ އިސްލާމީ ދައުލަތް ކަމުގައިވާ، މޮރޮކޯގެ ކަސަބުލަންކާ އަށް އިރު އޮއްސޭނީ 18:51.15 ގައިކަމާއި ހަނދު އޮއްސޭނީ 19:14.28 ގައިކަން އެނގޭން އޮތުމުން، މޮރޮކޯގެ ކަސަބު ލަންކާއަށް ހަނދު އޮއްސޭނީ އިރު އޮއްސޭ ވަގުތަށް ވުރެން، 23 މިނެޓް 13 ސިކުންތު ފަހުންކަން އެނގެއެވެ.

އަދި އޭޕްރީލް 1 ވަނަ ދުވަހު މާލެއަށް އިރު އޮއްސޭނީ 18:14.48 ގައިކަމާއި، ހަނދު އޮއްސޭނީ 18:28.36 ގައިކަން އެނގޭން އޮތުމުން، މާލެއަށް ހަނދު އޮއްސޭނީ، އިރަށް ވުރެން 13 މިނެޓް 48 ސިކުންތު ފަހުންކަން އެނގޭން އޮވެއެވެ. މާލެއަށް ހަނދު އޮއްސޭނީ، މުރިނގު އަސަތަމާނުގެ މެދުގެ އުތުރު ފަޅިއަށް (87W ނުވަތަ 273° ދަރަޖަވީ) މިޞްރާބަށެވެ.

އެހެން އެކަން ހުރުމުގެ އިތުރުން، ރާއްޖޭގެ އެންމެ އުތުރުން ތުރާކުނަށާއި އެންމެ ދެކުނުން އައްޑު އަތޮޅު ހިތަދޫއަށާއި އެންމެ ހުޅަނގުން މަކުނުދޫއަށް ވެސް، ހަނދު އޮއްސޭ ވަގުތު އިރަށް ވުރެން ފަސްވާކަމާއި، ހަނދު އޮއްސުމުގެ ތަފާތު މާލެއަށް ހަނދު އޮއްސޭ ވަގުތާ އަޅައިބަލާއިރު، ސިކުންތުކޮޅެއްގެ ތަފާތެއް މެނުވީ ނެތްކަން އެނގޭން އޮންނާތީ، ރާއްޖޭގެ އުތުރާއި ދެކުނާއި ހުޅަނގަށް ހަނދު އޮއްސޭ ތަފާތުގެ ތަފްޞީލު، އެކި ރަށްރަށަށް ވަކިވަކީން، ބަޔާންކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެވެ.

އެހެންކަމުން، 02 އޭޕްރީލް ވާ ހޮނިހިރު ދުވަހަކީ، ރާއްޖެއާއި އިސްލާމީ ދުނިޔޭގެ ގައުމުތަކުން، 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ މުލަރޯދަ ދުވަސްކަމަށް، ކަނޑައެޅުމަކީ، މި ފަހަރު އެންމެ އެކަށީގެންވާ ގޮތްކަމުގައި ފެނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ފަލަކީ މައުލޫމާތާ ނަކަތްތެރިކަމުގެ މައުލޫމާތު ވަރަށް ފުރިހަމައަށް ގެނެސްދެއްވައިފި. އިލްމީ ގޮތުންވެސް މިއީ ދެވަނައެއް ނެތް މޮޅު ލިއުމެއް. ވވ ސުކުރިިއްޔާ!
    އެބޭފުޅާ ލިޔުއްވުންތައް ދެވަނައެއް ނެތްހާ މޮޅު. އަދިވެސް މިފަދަ ލިއުއްވުންތައް ފެންނާނެ ކަމަށް އުއްމީދުކުރަން. އަދިވެސް ސުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *