Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަގުމެދުގައި އޮތް ބޮޑުގަލެއް، މަގުން ދަތުރުކުރުމަށް ހުރަސް އަޅައިފިއެވެ. މޮޅު ކާރެއްގައި އައި މީހަކު، އެ ގަލާ ހަމައަށް އައިސް އޭނާގެ ކާރު ހުއްޓާފައި، ކާރުން ފައިބައި، އެއްޗެހި ކިޔަން ފެއްޓިއެވެ. "މިއީ ކާކު ކޮށްފައި އޮތް ކަމެއް ހެއްޔެވެ؟ އެ މީހަކަށް މިއީ އެންމެނަށް އުނދަގޫވާނޭ ކަމެއްކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ދެންވެސް އެތައް އެއްޗެއް ކިޔައިފައި ކާރަށް އަރައި އަނބުރާލާފައި އައި ކޮޅަށް ހިނގައްޖެއެވެ.

ދެވަނަ މީހަކުވެސް އޭނަގެ ސަވާރީގައި އައިސް، އެ ގަލާ އަރާ ހަމަވެ، ކުރިއަށް ނުދެވުމުން، ހުއްޓާފައި، ހަމަ ކުރީ މީހާ ފަދައިން އެއްޗެހި ކިޔާފައި އެނބުރި ދިޔައީއެވެ.

ތިންވަނަ މީހަކުވެސް އައެވެ. އޭނާވެސް އެކަމަކީ ކޮށްގެން ނުވާނޭ ކަމަށް ބުންޏެވެ. ނަމަވެސް، ކުރިން އައި ދެމީހުންނާ ޚިލާފަށް، އޭނާގެ ސަވާރީން ފައިބައި، އެ ގާ ގުޑުވާލައި އެއްފަރާތްކޮށް، މަގު ސާފުކޮށްލެވޭތޯ މަސައްކަތް ފެށިއެވެ. އަދި، އޭނާގެ ފަހުން އައި މީހުން ވެސް އޭނައާ ބައިވެރިވެ، އިސާހިތަކު، އެ ބޮޑު ގާ މަގުން ނަގައި އެއްފަރާތްކޮށް މަގު ސާފުކުރިއެވެ. އަދި، ކުރިއެކޭ ވެސް އެއްފަދައިން، މަގުން އެންމެނަށް ވެސް ދަތުރުކުރެވޭ ގޮތް ހެދިއެވެ.

އާދެ، މި ސޫރަ ބުނެދޭ ވާހަކައަކީ މިއެވެ. ކަންކަމާ މެދު، ފާޑުކިޔައި އެއްޗެހި ކިއިދާނެއެވެ. އަދި، ކިޔަން ވެސް ވާނެއެވެ. ނަމަވެސް، ފާޑުކިޔައި އެއްޗެހި ކިޔުން އެއީ އޭގެ ޒާތަށްޓަކައި ކުރެވޭ ކަމަކަށް ހަދައިގެން ނުވާނެއެވެ. ނަމަވެސް، އެކަން ވާންޖެހޭނީ މައްސަލަ ހައްލުކުރުމުގެ ގޮތުން ފާޑުކިޔައި، ވާހަކަދެއްކޭ ދެއްކުމަކަށެވެ.