Support Us

ކުރު ވާހަކަ: ގާޒީއަށް ހައްގު ވިސްނި، ގާޒީގެ ގިންތި އެނގި ދިޔުން

ތަންކޮޅެއް ކުރީ ޒަމާނެއްގައި، ދުރު ރަށެއްގައި އުޅުނު މީހެކެވެ. އޭނާގެ ހަމައެކަނި އެކުވެރިޔަކީ އޭނާގެ ވަފާތެރި ކުއްތާއެވެ. އެ ކުއްތާ މަރުވުމުން، އޭނާ، ރަށުގެ ގަބުރުސްތާނުގައި، ކުއްތާ ވަޅުލިއެވެ.

މީސްތަކުންނަށް މިކަން އެނގިގެން، ރަށުގެ ގާޒީއާ ހަމައަށް މައްސަލަ އުފުލައި، ޝަކުވާކުރިއެވެ. ދެން، ކުއްތާގެ ސާހިބު މީހާ ކޯޓަށް ހާޒިރުކުރެވުނެވެ.

ގާޒީ ސުއާލު ކުރެއްވިއެވެ: "އެއީ ތެދެއް ހެއްޔެވެ؟ މުސްލިމުންގެ ގަބުރުސްތާނެއްގައި، ކަލޭގެ ކުއްތާ ކަލޭ ވަޅުލިން ހެއްޔެވެ؟"

"އާދޭހެވެ!"

"އެފަދަ، އަމަލެއް ކުރަން ހެޔޮވާނެ ހެއްޔެވެ؟ އެކަން ކަލޭ ކުރީ ކީއްވެ ހެއްޔެވެ؟"

"އިއްޒަތްތެރި، އަދުލުވެރި، މާތް ގާޒީއެވެ! އަޅުގަނޑު އެކަން އެ ގޮތަށް ކުރީ، އަޅުގަނޑުގެ ކުއްތާގެ ވަސިއްޔަތުގެ މަތިންނެވެ. މަރުވުމުގެ ކުރިން، މުސްލިމުންގެ ގަބުރުސްތާނުގައި ވަޅުލުމަށް އަޅުގަނޑުގެ ކުއްތާ އަޅުގަނޑަށް ވަސިއްޔަތްކުރިއެވެ!"

"އެހެންހެއްޔެވެ؟ އެއީ ކިހިނެއްވާނޭ ކަމެއް ހެއްޔެވެ؟"

"ދަންނަވަންތޯއެވެ! އަޅުގަނޑުގެ ކުއްތާގެ އިތުރު ވަސިއްޔަތެއް ވެސް އެބަ އޮތެވެ! ގާޒީއަށް ދިހަ ހާސް ފައުނު ދޭން ވެސް އަޅުގަނޑުގެ ކުއްތާ ވަސިއްޔަތް ކުރިއެވެ!"

"ހަމަ ރަނގަޅަށް ހެއްޔެވެ؟ ކަލޭގެ ކުއްތާ ވާނީ ވަރަށް ވެސް އާދަޔާ ޚިލާފު، ބުއްދިވެރި ކުއްތާއަކަށެވެ! މިހާރު އަހަންނަށް ވިސްނި، ހައްގަކީ ކޮބައިކަން އެނގިއްޖެއެވެ!"

ދެން، މީސްތަކުން ހައިރާންވިއެވެ. ގާޒީގެ ވާހަކަފުޅު ބަދަލުވެގެން ދިޔަލެއް އަވަސްކަމުންނެވެ! އެ ވަގުތު ކޯޓުގައި އިން ރަށުގެ ބޮޑު ސޭކު ބުންޏެވެ. ކޮންމެ އެއްޗަކަށް ވެސް އެ އެއްޗަކާ އެއްގޮތް އެއްޗެހި ފާހަގަކުރަން ވަރަށް ފަސޭހައިން އެނގޭނެއެވެ. ތިޔައީ އެހާ ހައިރާންވާންވީ ކަމެއް ނޫނެވެ! ތިއޮތީ ބުއްދިވެރިޔަކަށް ހަމަ އޭނާ ކަހަލަ ބުއްދިވެރިޔަކު ފެނި، އޭނަ ހިމެނޭ ގިންތި ހާމަވެ، އެނގޭ ގޮތް ވެފައެވެ!

ރަށުގެ ބޮޑު ސޭކުގެ ވާހަކަ އަޑު އަހައި، ގާޒީގެ މޫނަށް އެންމެން ބަލައިލިއެވެ. މަތީގައިވާ ތަސްވީރުން އެ ދައްކުވައިދެނީ އެވަގުތު އެމީހުންނަށް ގާޒީގެ މޫނުފުޅު ފެނުނު ގޮތެވެ! މާފުކުރެއްވުން އެދެމެވެ! ދެން، ރަށު މީހުންނަށް ވިސްނުނީ ގާޒީންގެ ތެރޭގައި ވެސް، އެ ބުއްދިވެރި ކުއްތާ ފަދަ….! އެ މީހުންނަކަށް ހިތަށް އައި ޖުމްލަ ނިންމާލުމުގެ ހިއްވަރެއް ނުލިބުނެވެ! އެ މީހުންނަކީ ބުއްދިވެރި، އިއްޒަތްތެރި، މާތް، ކުއްތާއިންގެ ގިންތީތެރޭ ހިމެނޭ ބަޔަކަށް ނުވުމުން ކަމަށް ވެސް ވެދާނެއެވެ!