...

Support Us

ވާހަކަ: މާކަނާކަލޯއަށް ޖެހުނު ދަތުރު

ކޮންމެ ދުވަހަކު ބަނޑުފުރާނަ މުއްތިކުރުމަށް މަސް ހިފަން ނުގޮސްވާނެ ފަސޭހަ ގޮތެއް އޮތްތޯ މާކަނާކަލޯ ވިސްނިއެވެ. ވަރަށް ބޮޑަށް ވިސްނުމަށްފަހު މަހަށްދާ ކެޔޮޅަކާ އެއްބަސްވުމެއް ހެދިއެވެ. އެ އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު ކެޔޮޅުބޭ މާކަނާކަލޯއަށް މަހެއް ގެނެސްދެއެވެ. އޭގެ ބަދަލުގައި ކެޔޮޅުބެއަށް މާކަނާކަލޯގެ ގައިން ލުހެފައި ފަތެއް ދެއެވެ. ކެޔޮޅުބޭ މާކަނާކަލޯ ދޭ ފަތުން މަސް ބާނާ ވަދު ހަދައެވެ. މާކަނާކަލޯ ގޭގައި އެއްވެސް ކަމެއް ނުކޮށް އިނދެގެން މަސްކަމުންދެއެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު މާކަނާކަލޯ ފަތެއް ދިނުމުން ކެޔޮޅުބޭ މަހެއް ދެމުންދެމުން ދިޔަ ދުވަސްވަރު މާކަނާކަލޯ ރަހުމަތްތެރިންނަށް އޭނާގެ ބޯ ބޮޑުކަމާއި ބުއްދިގަދަކަމާއި މޮޅުކަމުގެ ވާހަކަ ދައްކައި ފޮނިކަނޑައި އުޅެއެވެ. ކޮންމެކޮންމެ ދުވަހަކު ރޯމާ އަވީގައި ދުވާލުދާ ހަތަރުދަމު މަސްހޯދަން ލޯބޯ ފިއްސައިގެން މަސައްކަތްކުރާ ދޫނިތަކަށް އެ ސޮރު މަލާމާތްކޮށް އުޅެއެވެ.

އެގޮތުގައި ދުވަސްތަކެއް ފާއިތުވިއިރު މާކަނާކަލޯގެ ގައިގައި ހުރި ރީތި ފަތްތައް މަދުވާންފެށިއެވެ. ފަތްލުހެން ފެށުމުން އެކި ތަންތަނުން ހަންގަނޑު ހާމަވެ ފެންނަން ފެށިއެވެ. އެކަމާ ލަދުން އެއްގޮތަކަށް ވެސް ބޭރަށް ނުނިކުމެ މާކަނާކަލޯ އަބަދުވެސް ގޭގައި އޮންނަން ފެށިއެވެ. އެގޮތުގައި ވެސް ދުވަސްތަކެއް ފާއިތުވެއްޖެއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މާކަނާކަލޯގެ ގައިގައި އިން އެންމެފަހު ފަތް ލުއްސާލައިފައި ކެޔޮޅުބެއަށް ދިން ދުވަހެވެ. ކެޔޮޅުބޭ މަހެއް ދީފައި ބުންޏެވެ. މާކަނާކަލޯއެވެ. މިއަދުން ފެށިގެން އަހަރެމެން ދެ މީހުންގެ ދެމެދުގައި ހެދި އެއްބަސްވުން ނިމުމަކަށް އައީއެވެ. މިހާރު ކަލޯގެ ގަޔަކު އިތުރަށް ދޭނެ އެންމެ ފަތެއް ވެސް ނެތެވެ. އެހެން ކިޔާފައި ކެޔޮޅުބޭ ހިނގައްޖެއެވެ.

މާކަނާކަލޯގެ ގައިގައި ހުރި ހުރިހާ ފަތެއް ލުހުމުން މިހާރު މާކަނާކަލޯއަށް އެއްތަނުން އަނެއްތަނަށް ދިއުމަށް އުދުހިއެއް ނޫޅެވެއެވެ. އަދި މުޅި ގައިގެ ހުރިހާ ފަތެއް ލުހެފައި ވާތީ ގަންނާކުރައްވާ ލަދުން ބޭރަށް ނިކުމެ އުޅޭކަށް ވެސް ނުކެރެއެވެ. މާކަނާކަލޯ ހިތަށް އެރިއެވެ. މިއީ އަހަރެންގެ ކަންފަސޭހަކަމުން ޖެހުނު ހާލެވެ. އަތުންފައިން މަސައްކަތް ކޮށްގެން ދިރިއުޅެން ވިސްނުމުގެ ބަދަލުގައި ކަންފަސޭހަ ގޮތް އިޚުތިޔާރު ކުރުމުން ޖެހުނު ދަތުރެވެ.

ނުކައިނުބޮއި އިންނަން ޖެހުމުން މާކަނާކަލޯ ބަލިވެއްޖެވެ. ހާލު ދެރަވަމުން ދެރަވަމުންގޮސް އެންމެ ފަހުން މާކަނާކަލޯ މަރުވެއްޖެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.