...

Support Us

ކޮލަމް ކޯދު: ހިސާބު މުދައްރިސް ފޮތްތައް ރަނގަޅުކުރެއްވުން- އޭކް ދުއި ދަސް ސައްހަވުން

މިއީ އަޅުގަނޑުމެންގެ މަޖީދީ ތައުލީމުގެ ދުވަސްވަރުގައި ކިލާހުގައި ހިނގި ކަމެކެވެ. އަހަރަކީ 1975 ވަނަ އަހަރެވެ. އޭރު އަޅުގަނޑުމެން އުޅުނީ ގުރޭޑު ހައެއްގައެވެ. މި ވާހަކަ ގުޅެނީ އެ އަހަރުގެ ހިސާބު ކިލާހާއެވެ. ހިސާބު މުދައްރިސު ފިލާވަޅު އޮޅުން ފިލުއްވައިދެއްވުމަށް ފަހު، ގިނަ ތަމްރީނުތަކެއް ހެދުމަށް ކުދިންނާ ހަވާލުކުރައްވައެވެ. ހިސާބުގެ މަންހަޖީ ފޮތުގެ ފަހު ސަފުހާތަކުގައި ތަމްރީނުތަކުގެ ޖަވާބު ލިޔެފައި އޮވެއެވެ. ދެން، ބައެއް ކުދިން ކަންތައް ކުރާ ގޮތަކީ އަމިއްލައަށް، މުދައްރިސު ދެއްކެވި ގޮތަށް، ފިޔަވަޅަކަށް ފަހު ފިޔަވަޅަކައިގެން ކުރިއަށް ގޮސް، ހެޔޮ ގޮތުގައި ތަމްރީނުތައް، ހައްލުކުރުމުގެ ބަދަލުގައި، ތަމްރީނު ހައްލުކުރި ގޮތް ދައްކާލަން އެކުދިން ބޭނުންވާ އެއްޗެއް އެގޮތް މިގޮތަށް ލިޔެލާފައި، ފޮތުގެ ފަހަތުގައި އޮންނަ ސައްހަ ޖަވާބު ނަކުލުކޮށް، ތަމްރީނުގެ ކޮންމެ ނަމްބަރެއްގެ އެންމެ ފަހަތުގައި ލިޔެލަނީއެވެ. ދެން، ހިސާބު މުދައްރިސު، ކުދިންނަށް އިތުބާރުކުރައްވާފައި، ބައްލަވާލައްވަނީ ހަމަ އެކަނި ޖަވާބަށެވެ. އެ ޖަވާބަށް ވާސިލުވުމަށް ދަރިވަރުން އެޅި ފިޔަވަޅުތަކަކަށް ނުބައްލަވައެވެ. ދެން، ފަހުން އަޅުގަނޑުމެން އެ ފަދަ ކުދިންގެ ހިސާބު ފޮތް ބަލާލުމުން ފެންނަނީ އޭކް ދުއި ދަސް އަންނަތަނެވެ. އާދެ، އެކަކާއި އެކަކާ އެއްކުރީމާ ދިހައެއް ވެސް ނިކުމެފައި އޮންނަ ނަތީޖާއެވެ. ދެން، މިކަމާ އަޅުގަނޑުމެން އެންމެން މަޖާކޮށް ހީ ހަދަމެވެ. މިކަން ފަޅާއެރީ ލައްކަ ދުވަސް ފަހުންނެވެ!

މިހާރު މިކަހަލަ މަންޒަރެއް އަޅުގަނޑުމެންގެ ތެރެއިން އެބަ ފެނެއެވެ. އޭކް ދުއި ތީން އަށް ވުމުގެ ބަދަލުގައި، އޭކް ދުއި ދަސްއަށް ވާ މަންޒަރެވެ. މި މަންޒަރު ގުޅެނީ ރާއްޖޭގައި، ސަރުކާރުގެ ފެންވަރުގައި ހިނގާ ފަސާދައިގެ އަމަލުތަކާކަމުން، މިވާހަކައިގެ ތަފްސީލަށް ދިޔުމުގެ ކުރިން، މުހިއްމު ނުކުތާއެއް ފާހަގަކޮށްލަން ބޭނުމެވެ. ރާއްޖޭގައި، ކައިރި މާޒީއަށް ބަލާލާއިރު، ވޭތުވެދިޔަ ހަތްދިހަވަރަކަށް އަހަރުތަކުގެ ތެރޭގައި އުފެދުނު ހުރިހާ ސަރުކާރެއްގައި ވެސް، ފަސާދައިގެ އަމަލުތައް ހިންގިއެވެ. މިސާލަކަށް ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުގައި، ރާއްޖޭގެ ގިނަ ރަށްރަށުގައި އާންމު ރައްޔިތުން ބަނޑަށް ޖެހުނު އިރު، ވެރިޔާގެ ޚާއްސުންނަށް ޚާއްސަ އިނާޔަތްތައް ލިބި 'އުދުހުނު' ވާހަކަ ދެކެވުނެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖޭގެ އާންމުންގެ ބަޔަކަށް، ލިބުނު ގެއްލުމުގެ ބަދަލުގައި މި މީސްމީހުނާ ހަވާލުކުރުމަށް ޖަޕާނު ސަރުކާރުން ދިން ބޮޑު އަދަދެއްގެ ނަގުދު ފައިސާ، އެމީހުންނަށް ނުދީ، ވެރިޔާ ބޭނުންކުރެއްވި ވާހަކަވެސް ދެކެވެއެވެ. ރައީސް ނާސިރުގެ ދުވަސްވަރުގެ ޚިޔާނާތުގެ މައްސަލަތަކެއް 80ގެ އަހަރުތަކުގެ ކުރީކޮޅުގައި، ރައީސް ނާސިރުގެ މައްޗަށް އުފުލި ޝަރީއަތުން ސާބިތުވިއެވެ. އެއީ އެ ދުވަސްވަރުގެ ނިސްބަތުން ބޮޑެތި އަދަދަދުތަކެކެވެ. ރައީސް މައުމޫނުގެ ދުވަސްވަރު އެންމެ އަޑުގަދަވި ފަސާދައިގެ އަމަލަކީ އެފް.ޕީ.އައި.ޑީ.ގެ މައްސަލައެވެ. އެ މައްސަލައިގައި ޝާމިލުވާ މީސްމީހުންނަށް ރިސޯޓުތަކާއި ރާއްޖެއިންނާއި ރާއްޖޭން ބޭރުން އިމާރާތްތައް ގަނެވި ދިޔައިރު، އެ މައްސަލައިގެ ތަހުގީގު ނިމުނީ ތަހުގީގަށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ބުނެފައެވެ. އަދި، ދެން އައި ދުވަސްވަރުވެސް މިކަހަލަ ކަންކަން ކުރެވުނެވެ. ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ބައެއް އެއާޕޯޓު ބޭރުގެ ފަރާތްތަކާ ހަވާލުކުރެވުނު ހަވާލުކުރުމުގެ 'ޑީލްތަކަށް' ބަލައިލުމުން ހޯދަން ބޭނުންވާ މީހަކަށް މިކަން ފެންނާނެއެވެ. އަދި، ފަހުގެ އެންމެ ބޮޑު ޚިޔާނަތުގެ މައްސަލަ ގޮތުގައި އެމް.ޕީ.އާރު.ސީ.ގެ މައްސަލަ ވެސް އެއޮތީއެވެ. އެކަމުގައި ހިމެނޭ މަދު ބައެއް ކުށްވެރިވިއިރު، އެކަމުގައި ހިމެނޭ އަނެއް ބަޔަކު ތިބީ ސަލާމަތުން ނުވަތަ ސަލާމަތުގެ ދޮރުދޮށުގައެވެ. ކޮންމެ އަކަސް، އޭކް ދުއި ދަސްގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ފަހަރެއްގައި ވެސް، ހިނގައިދިޔަ ފަސާދައިގެ އެއްވެސް އަމަލަކީ ރަނގަޅު އަމަލެއް ކަމުގައި ހެދުމެއް ނޫނެވެ. އަދި، އެއް ބަޔަކު ގޯސްވުމުން، އޭގެ ނަތީޖާއަކީ އަނެއް ބަޔަކު، ރަނގަޅުކަމުގައި ބުނުމެއް ވެސް ނޫނެވެ. ގޯސްވާނީ ގޯހަށެވެ. ކޮންމެ މީހަކު އެކަންކުރި ކަމުގައި ވިޔަސް ވެހެވެ. ވައްކަން ވައްކަމަށް ވަނީ ވަކި ބަޔަކު ކުރުމަކުން ނޫނެވެ. ވައްކަން ވައްކަމަށްވީމައެވެ. ދެން، އޭކް ދުއި ދަސްގެ ވާހަކައައިގެން ކުރިއަށް ދަމާހެއްޔެވެ؟

އަޅުގަނޑުމެންނަށް މިހާރު އެންމެ އަޑުގަދަކޮށް އިވޭ ވާހަކައަކީ އިހުގައި ވައްކަންކުރި ނުވަތަ ކުރާ ވާހަކައެވެ. މިހާރު އެކަމަށް ހުއްޓުން އައިސްފި ކަމުގައެވެ. މިކަމުގެ ހަގީގަތް ބަލާލަން އެންމެ ފަސޭހަވާނީ އެންމެން ވެސް ބަލައިގަންނަ ތަފާސްހިސާބުގެ އަދަދުތަކެވެ. މިވެނި އަހަރެއްގައި ރާއްޖޭގެ ރިޒާވު ހުރީ ކިހާވަރެއްގައިތޯ ބަލައިލާފައި ދެން ވިދިގެން އައި އަހަރުތަކުގައި މި ރިޒާވަށް އައި ބަދަލު ބަލައިލުމުން ވައްކަމާއި ފަސާދައިގެ އަމަލުތައް ހުއްޓުނުތޯ ނުވަތަ ނޫންތޯ ކަނޑައަޅާލެވިދާނެއެވެ. މިސާލަކަށް 2013 ހިސާބުގައި ރާއްޖޭގެ ރިޒާވުގައި 200 މިލިޔަން ޑޮލަރުވަރު ހުރިކަމުގައި ވިއެވެ. ދެން، 2018 ވަނަ އަހަރާ ހަމައަށް އައިރު މި އަދަދު 850 މިލިޔަން ޑޮލަރަށް ވުރެ މައްޗަށްދިޔަ ކަމަށް ވެއެވެ. އަދި، 2020 އައި އިރު މިއަދަދު 200 މިލިޔަން ޑޮލަރަށް ވުރެ ދަށަށް ހިނގައްޖެ ކަމަށް ވިއެވެ. މި މަދުވި އަދަދު ޚަރަދުވެގެން ދިޔައީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ. މި ފައިސާ ބޭނުންކޮށްގެން ތަރައްގީގެ މާ ބޮޑު މަޝްރޫއުތަކެއް ނުހިންގެއެވެ. ނަމަވެސް، ބަދަލު ދިނުމުގެ ގޮތުން ގައުމީ ޚަޒާނާގެ ޖާޑިން ނެގުނު ވަރަކަށް ނަގައި ބައެއް ފަރާތްތަކަށް މިލިޔަނުން ބަދަލު ދެވުނެވެ. ކޮންމެ އަކަސް، މި ނަންގަނެވުނު އަދަދުތަކަށް ބަލާލުމުން ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟ އަށް ސަތޭކަ ފަންސާސް މިލިޔަން ޑޮލަރަކީ 200 މިލިޔަން ޑޮލަރަށްވުރެ ކުޑަ އަދަދެއްކަމެވެ! މިގޮތުން 2013އިން 2018 އާ ހަމައަށް އައި އިރު، އެ މުއްދަތުގެ ތެރޭގައި ބޮޑެތި ޚިޔާނަތުގެ މައްސަލަތައް ހިންގައިފައި ވާއިރުވެސް ދައުލަތުގެ ރިޒާވު މައްޗަށް ދިޔަކަމެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ރިޒާވު 850 މިލިޔަން ޑޮލަރުން 200 މިލިޔަން ޑޮލަރަށް ވުރެ ދަށްވެ، ސަރުކާރުގެ ބަޖެޓު ހުސްވެ، ރާއްޖޭގެ ޑޮލަރުގެ އަގު ބޮޑުވެ، އެތައް ލޯނުތަކެއް، ބޮޑެތި އިންޓަރެސްޓު ރޭޓުތަކުގައި ނެގުމުގައި ފަސާދައިގެ އެއްވެސް އަމަލެއް ނެތްކަމެވެ. އާދެ، އޭކު ދުއި ދަސް އަށް ވެގެން ދިޔައީއެވެ.

ދެން އޮތީ ލޯނުގެ ދަންތުރައިގެ ވާހަކައެވެ. އަނެއްކާވެސް ހަމަ އޭކު ދުއި ދަސް ކަހަލަ ވާހަކައެކެވެ. އާދެ، ޗައިނާއިން ނެގި ލޯނުތަކަކީ ލޯނުގެ ދަންތުރައެކެވެ. ތަނުގެ އިސްތިގުލާލާއި މިނިވަންކަން ގެއްލިގެން ހިނގައިދާނޭ ކަމެކެވެ. މިއީ މިއަދުގެ ސަރުކާރުން ކެނޑިނޭޅި ގޮވަމުންދާ ގޮވުމެކެވެ. ޝައްކެއް ނެތް ގޮތުގައި، ނުފޯރާ ފޮތިން ފޫގަޅަން އުޅެއްޖެ ނަމަ، އޮރިޔާން ނިވާނުކުރެވި، ބަރަހަނާވާނެއެވެ. ހަމަ އެހެންމެ، ނުދެއްކޭނޭ ވަރުގެ ލޯނުތަކެއް ނަގަން ވެއްޖެނަމަ ބޮޑެތި ބޮޑެތި ގެއްލުންތައްވާނެއެވެ. ދަރަނިވެރިވެ، ދައުލަތަކީ ފޭލްވެދިޔަ ދައުލަތެއް ކަމުގައި ބެލެވޭނެއެވެ. ދެން، އަނެއްކާވެސް ހިސާބުގެ ބައެއް އަދަދުތަކަށް ބަލާލަމާ ހެއްޔެވެ؟ ހަގީގަތް ހޯދުމުގެ ބޭނުމުގައެވެ.

  • ހުޅުމާލޭ ބުރިޖަށް ދައްކަން ޖެހޭނޭ ކަމަށް ވަނީ 90 މިލިޔަން ޑޮލަރެވެ. ތިރީސް އަހަރުގެ މުއްދަތުގެ ތެރޭގައެވެ. މިއަދަދު އަނބުރާ ދައްކާތޯ، ތިރީސް އަހަރު ވަންދެން ޗައިނާގެ ސިފައިން ތިބި ކަމެއް އަދި އެނގިފައެއް ނެތެވެ.
  • މާލެއާއި ވިލިނގިއްޔާ ދެމެދު ބުރިޖު އެޅުމަށް އިންޑިޔާއިން 500 މިލިޔަން ޑޮލަރުގެ ލޯނެއް ދީފި ކަމަށް ބުނެއެވެ.

މިތަނުން ބޮޑީ ކޮން އަދަދެއް ހެއްޔެވެ؟ އޭކް ދުއި ދަސްގެ އުސޫލުން 500 މިލިޔަނަށް ވުރެ ބޮޑީ 90 މިލިޔަނެވެ. ކީއްވެ ހެއްޔެވެ؟ އެއީ 500ގެ އަދަދު ދިނީ އިންޑިޔާއިން ކަމަށް ވެފައި 90ގެ އަދަދު ދިނީ ޗައިނާއިން ކަމަށްވާތީއެވެ.

މީގެ އިތުރުން ވެސް، ބޮޑެތި އަދަދުތަކުގެ ލޯނު އިންޑިޔާއިން ނެގިއްޖެއެވެ. އެންމެ ފަހުން އިއުލާނު ކުރެވުނީ 250 މިލިޔަން ޑޮލަރުގެ ލޯނުގެ ވާހަކައެވެ. މި ލޯނުން ހަގީގަތުގައި، އެއްބަޔަކީ ކުރީގައި އިންޑިޔާއިން ނަގާފައިވާ ލޯނު ދެއްކުމަށްޓަކައި ބޭނުންކުރަން ޖެހޭ ފައިސާއެވެ. އެ ގޮތުން ގާތްގަނޑަކަށް 100 މިލިޔަން ހޭދަކުރަން ޖެހެއެވެ. މި ލޯނުގެ އިންޓަރެސްޓު ރޭޓަކީ އަށް ޕަސެންޓު ކަމުގައި ބުނެވެއެވެ. އިހުގައި މިފަދަ ލޯނުތައް ނެގިއިރު އެންމެ ބޮޑު އިންޓަރެސްޓު ރޭޓަކަށް އޮތީ ފަސް ޕަސެންޓެވެ. ދެން، ނަންގަތް 250 މިލިޔަން ޑޮލަރުގެ ލޯނަކީ 10 އަހަރުގެ ކުރިން ދައްކައި ޚަލާސްކުރެވޭނޭ އެއްޗެއް ނޫންކަމަށް ޝަރުތުކުރެވިފައިވާކަން ވެސް ބައެއް ޚަބަރުތައް ބުނެއެވެ. މި ޚަބަރުތައް ތެދުކަމުގައިވާ ނަމަ، 10 އަހަރު ދުވަސް ވަންދެން، އިންޓަރެސްޓު ދައްކާލަ ދައްކާލައި ތިބުން ރާއްޖެއަށް މަޖުބޫރެވެ. ކަން މިހެން އޮތަސް ދަރިނީގެ ދަންތުރައަކީ ކޮބާ ހެއްޔެވެ؟ ޗައިނާއެވެ! އިންޑިޔާއެއް ނޫނެވެ! ކީއްވެ ހެއްޔެވެ؟ އަނެއްކާވެސް ހަނދާންވަނީ އަޅުގަނޑުމެންގެ ހިސާބު މުދައްރިސަށް ކުދިންގެ ތަމްރީނުތަކުގެ ޖަވާބު ފެނިވަޑައިގަތް ގޮތެވެ. އޭކު ދުއި ދަސްއެވެ. މިކަން އިތުރަށް ސާފުވެދިޔުމަށްޓަކައި ތިރީގައިވާ ކުރެހުމަށް ބަލާލާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12

3 Responses

  1. ހީހީހީ. އޮޑިޓަރ ޖެނެރަލްއެއް އައްޔަން ކުރަން ބޭފުޅަކާއެކު އިންޓަވިއުއެއް ކުރެވުނެވެ. 1+1 އަކީ ކިހާވަރެއްތޯ ދެންނެވުމުން އޭނާ ބުނީ ތީގެ ޖަވާބު އެނގިވަޑައިގަންނަވަނީ ހަމައެކަނި މަނިކުފާނަށެވެ.

  2. މަނިކުފާނު ރިޒާވްގެ ހުރި އަދަދުތައް ހަމަ އެއްވެސް ވަރަކައް ބަލާލާފަނެތްކަން އިނގެއެވެ.. ނޫނީ ޔާމިނުގެ ވެރިކަން ނިމުނުއިރު ހުރިވަރު މަނިކުފާނު ބޭނުން ނުވަނީ ކަންނޭނގެ ބުނަން.. ކިތައްމެވަރަކައް މަތިޖަހަން އުޅުނަސް ޔާމިނުގެ ވެރިކަމުގަ ހިނގިވަރަކައް އަދި ރާއްޖޭގެ ތާރީހުގަވެސް ވައްކަމާ ފަސާދަ ހިނގާފައެއް ނެތެވެ.. ޙަބަރު ކިޔުމުގެ ޒިންމާ ރަނގަޅުގޮތުގަ ނަގާށެވެ…

  3. ބައެއް ބޭފުޅުން ޤައުމުން ބޭރުގައި ދުވަސްތަކެއް ވަންދެން ހުރެފައި ރާއްޖެ އައިސް ކުރިންގެންގުޅުނު ސައިކަލު ލައިސަންސް ހަމަވެފައި އޮތުމުން "މޭޒު އަޑިން" ލައިސަންސް ހޯދުމަކީ އޭކު އެއްކަން ދާސް ކަހަލަ ކަމެއްދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.