Support Us

ކޮލަމް ކޯދު: ތަސްވީރަކާ ބެހޭ ވާހަކައެއް

މަތީގައިވާ ތަސްވީރުން ފެންނަ ފޮޓޯއަކީ މިދިޔަ އަހަރު ދުނިޔޭގެ ޚަބަރުތަކުގެ މައި ސުރުޚީގައި އެޅިފައިވާ ޚަބަރަކާ ގުޅޭ މަންޒަރެކެވެ. އާދެ، ސުއޭޒު ކެނަލްގައި ބީހި، ހުރަސްވެފައިވާ އެންމެ ބޮޑެތި ކޮންޓައިނަރު ބޯޓުން ބޯޓެއްގެ މަންޒަރެވެ. އަދި އެކަމުގެ ސަބަބުން މުޅި ކެނަލް ބަންދުވެ، އިރުން ހުޅަނގަށް އަދި ހުޅަނގުން އިރަށް ސުއޭޒު ކެނަލް ހުރަސްކޮށް ބޯޓުފަހަރު ދަތުރުކުރުމަށް ހުއްޓުން އައިސް، ދުނިޔޭގެ ވިޔަފާރިއަށް ވެސް ވަގުތީ ގޮތުން ބުރުއެރިއެވެ.

މިކަމުގެ ސަބަބުން، މިކަމާ ބެހޭ ޚަބަރުތަކުގައި ފާހަގަކޮށްލެވުނު އެއްކަމަކީ މިފަދަ ކާރިސާއަކަށް މިސުރު ތައްޔާރުވެފައިވާލެއް ކުޑަކަމެވެ. އިގުތިސާދީ ގޮތުން މިސުރަށާއި އަދި މުޅި ދުނިޔެއަށް ވެސް، ދަތުރުފަތުރުގެ މުހިއްމު މިފަދަ ފެންއޮޅިއެއް ބެލެހެއްޓުމުގެ މަސައްކަތަށް، ކޮންމެވެސް ވަރަކަށް ނަމަވެސް، ފަރުވާކުޑަކުރެވިފައިވާ ކަމެވެ. އަދި، އެހެންވެ، ދުނިޔޭގެ ފާޑުކިޔުމާއި މަލާމާތް މިސުރަށް ލިބެމުން ދެެއެވެ.

ކަންކަން ގޯސްކޮށް ކުރެވުމާއި ކަންކަން ކުރަންވީ އެންމެ ރަނގަޅު ގޮތަަށް ނުކުރެވި އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަންކަން ފާހަގަކުރެވުމުން، ގޯހެއް ހެދިފައި އޮތް ނަމަ، އެކަމަށް އަވަހަށް އިއުތިރާފުވެ، ކަމާ ބެހޭ މާހިރުންގެ އިރުޝާދާއި ބެލުމުގެ ދަށުން، އެކަން އިސްލާހުކުރުމުގެ މަސައްކަތް ފަށައި، އިސްލާހިކޮށް، އެފަދަ ކަންކަމުން އިބުރަތް ލިބިގަނެ، އެފަދަ ކަންކަން އިއާދެވެ ނުވޭތޯ މަސައްކަތްކުރެއްވިއްޖެ ނަމައެވެ.

ނަމަވެސް، މި ކަމާ ވިދިގެން، އެންމެ ފުރަތަމަ ފެނި އިވިގެން، ދިޔަ ބައެއް ޚަބަރުތަކަކީ، ކަންކަން އިސާލާހުކުރުމަށް މަގުފަހިކޮށްދޭ ޚަބަރަކަށް ވުރެ ބޮޑަށް އިސްލާހުގެ މަގަށް ހުރަސްއަޅާ ޚަބަރެކެވެ. އާދެ، މި ދިމާވި ކާރިސާއަކީ ބޭރުގެ ދުޝްމަނު ނުވަތަ މިސުރަށް ހެޔޮ ނޭދޭ ބަޔަކު ގަސްދުގައި ކުރި ކަމެކޭ ކިޔައިގެން ދެއްކި ވާހަކަތަކެވެ. ގިނަ ފަހަރަށް، މިފަދައިން ވާހަކަ ދައްކަންޖެހޭ މައިގަނޑު ސަބަބަކީ މަސްއޫލުވެރި ފަރާތުގެ އުނިކަމާއި ނުކުޅެދޭކަން ފޮރުވުމަށެވެ. އިސްތިބްދާދީ ސަރުކާރުތަކުގައި ހުރިހާ ބާރަކާއި އިޚުތިޔާރެއް އޮންނަނީ ވެރިމީހާގެ އަތްމަތީ ކަމުގައި ވުމުން، ހުރިހާ ކަމެއްގެ މަސްއޫލިއްޔަތެއް ވެސް އޮންނަނީ އޭނާއާ ގުޅިފައެވެ. އޭނާގެ ނަފްސު މީސްތަކުންނަށް ދެއްކިފައި އޮންނަނީ އެންމެ ފުރިހަމަ މީހާގެ ގޮތުގައެވެ. ނަމަވެސް، މި ދިމާވި ކާރިސާއިން އެކަން އޮތީ އެހެން ނޫންކަން އެނގިގެންދިޔައެވެ. މިކަން ފޫބެއްދުމަށްޓަކައި އެންމެ ފަސޭހަ އެއް ގޮތަކީ އެކަން ބޭރުގެ ޚިޔާލީ ނުވަތަ ހަގީގީ ކޮންމެވެސް ދުޝްމަނަކާ ގުޅުވާލުމެވެ!

ކަންކަން ނުކުރެވުމުން، އެކަން ފޫބެއްދުމުގެ ސަގާފަތް އޮންނަނީ ހަމައެކަނި މިސުރުގައެއް ނޫނެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް، މިފަދަ ސަގާފަތެއް އޮވެއެވެ. އެންމެ ގިނައިން މި ކަން ފެނިގެންދަނީ ދީނީ މައިދާނުގައި ވާހަކަދައްކައި ލިޔެހަދައި އުޅޭ މީހުންގެ ކިބައިންނެވެ.

ދީނީ މައިދާނުގައި މަސައްކަތްކުރާ މީހުންގެ ކިބައިން، ވަރަށް ގިނައިން އިވޭ ވާހަކައެއް އޮވެއެވެ. މުސްލިމުންގެ އަގީދާ ހަލާކުކޮށް އެ މީހުންގެ ކުރިއެރުން ހުއްޓުވާ ބަޔަކީ އެހެން ދީންތަކުގެ މީހުން ކަމެވެ. އެހެން ދީންތަކުގެ މީހުން ކުރިމަތިކުރުވާ ޝައްކުތަކެވެ. ފިކުރީ ހަނގުރާމައެވެ. ނަމަވެސް، ތިމާމެންގެ އަމިއްލަ ފިކުރު ބޭނުންކޮށްގެން ކަންކަމާ މެދު ވިސްނައި ފިކުރުކުރާ ވާހަކަ ބުނެފި ނަމަ، އެކަން ކުރާ ހިތެއް ނުވެއެވެ. އެކަން ކުރާކަށް ވަގުތެއް ނޯވެއެވެ. އިހުގައި ފިކުރީ މައްސަލަތައް ކުރިމަތިވުމުން، މުސްލިމު އިލްމުވެރިން، މިހާރު މިފެންނަ ޒިހުނީ ކަންނެއްތެރިކަން ދެއްކުމެއް ނެތި، އެކަމާ ފިކުރީ ގޮތުން ކުރިމަތިލައި އެކަމުގެ ފިކުރީ ޖަވާބު ދެއެވެ. މީގެ މިސާލެއްގެ ގޮތުން، އިހުގެ އަޝްއަރީންނާއި މުއުތަޒިލީންގެ ވާހަކަތައް ހަނދާނަށް ގެނައުން މުހިއްމެވެ. މި ވާހަކަތަކަކީ ހިޖުރީ ފުރަތަމަ ދެތިން ގަރުނުތަކުގެ ތެރޭގައި ކުރިމަތިކުރިވި އަގަދީ މައްސަލަތަކާއި ކުރިމަތިލައި ފިކުރީ ގޮތުން އެކަންކަމަށް މުސްލިމުންގެ އިލްމުވެރިން ދިން ޖަވާބެވެ. ފިކުރީ އެކިއެކި މައްސަލަަތަކުގައި އިބްނު ތައިމިއްޔާ ދެއްވި ފިކުރީ ރައްދު މި ތިން ފޮތުން ފެނިގެންދެއެވެ. كتاب الرد على المنطقيين އާއި الجواب الصحيح لمن بدل دين المسيح އާއި އާއި الصارم المسلول لمن شتم الرسول މި ތިން ފޮތެވެ. މީގެ ތެރެއިން ފުރަތަމަ ފޮތަކީ މަންތިގުގެ އިލްމުގެ އަލީ ކުރިމަތި ކުރުވާ ޝައްކުތަކަށް ދެވުނު ޖަވާބެކެވެ. ދެވަނަ ފޮތަކީ މަސީހީ ދީން ކުރިމަތި ކުރުވާ ޝައްކުތަކަށް ދެވުނު ޖަވާބެކެވެ. ތިންވަނަ ފޮތަކީ ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނަށް ކުޑަައިމީސް ބަހެއް ބުނާ މީހުންނަށް ދެވުނު ރައްދެކެވެ.

މީގެ އިތުރުން ވެސް މިފަދަ އެތައް މިސާލުތައް ފެނެއެވެ. އިމާމު ޣަޒާލީގެ المنقذ من الضلال އާއި تفاهت الفلاسفة ފަދަ ފޮތްތަކެވެ. ފުރަތަމަ ފޮތަކީ ދީނުގެ އަސްލު އަސާސީ މައްސަލަތަކާ މެދު މެދުވެރިކުރުވި ޝައްކުތަކުގެ ސަބަބުން، އެކަން ސާފުކޮށްދެއްވުމަށްޓަކައި ލިޔުއްވި ފޮތެކެވެ. ދެއަހަރެއްހާ ދުވަސްވަން ދެން، އެދުވަސްވަރުގެ ކަމާ ބެހޭ ހުރިހާ ފޮތެއް ބެއްލެވުމަށް ފަހު ލިޔުއްވި ފޮތެވެ. ދެވަނަ ފޮތަކީ ފަލްސަފާވެރިންގެ ވާހަކަތައް ރައްދު ދެއްވައި ލިޔުއްވި ފޮތެކެވެ. މި ފަދަ އިހުގެ ލިޔުންތަކުގެ އަސަރު މިއަދު ވެސް ފެންނަން އެބައޮތެވެ. މުސްލިމުންގެ ތެރެއަކުންނޫނެވެ، މުސްލިމު ނޫން މީހުންގެ ލިޔުންތަކުންނެވެ. މިސާލަކަށް ކަލަކު ވޮޑިގެންވޭތޯ ނޫނީ ނުވޭތޯ މި ބަހުސުގައި ކަލަކުވޮޑިގެންވާ ކަމުގެ ހެކި ގެނެވޭއިރު ގެނެވޭ އެންމެ ވަރުގަދަ އެއް ހެއްކަކީ އިހުގެ މުސްލިމު މުތަކައްލިމުން، އާދެ، އިލާހިއްޔާތުގެ އިލްމުވެރިންގެ ހުއްޖަތެވެ. މިކަން، މި މައުޟޫއުގައި މިއަދު ބަހުސްކުރައްވާ މަޝްހޫރު އެއް އިލްމުވެރިޔެއްގެ ވާހަކަތަކާއި އޭނާ ލިޔުއްވި ފޮތަކުން ފެނިގެން ދެއެވެ. އާދެ، އޭނާގެ 'ދަ ކަލާމު ކޮސްމޯލޮޖިކަލް އާގިޔުމެންޓު' މި ފޮތުންނެވެ. އޭނާގެ މުނާޒަރާތުތަކާއި މުހާޒަރާތަކުގައި މި މައްސަލަ ގެނެސްފައިވެއެވެ. (ޔޫޓިޔުބްއިން އޭނާގެ ބައެއް ވާހަކަތައް ފެންނަން އޮންނާނެއެވެ.)

ދީނީ މައިދާނުގައި މަސައްކަތްކުރާ މީހުން ފަދައިން، ސިޔާސީ މީހުންގެ ވާހަކަތައް ވެސް ހުންނަނީ ހަމަ އެފަދަ ގޮތަކަށެވެ. މައްސަލަތައް ކުރިމަތިވުމުން ކޮންމެ ވެސް އެހެންކަަމަކަށް ފޫޅުކަނޑާ ގޮތެވެ. ސިޔާސީ ވެރިން، މަގާމުތަކަށް އަންނަނީ ތަފާތު ވައުދުތައް ކުރަމުންނެވެ. ތަނުގައި އޮތް އިޖުތިމާއީ، އިގުތިސާދީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ވައުދުކޮށްފައެވެ. ފަސާދަ ނައްތާލުމުގެ ވައުދެވެ. ވައްކަމާއި ރިޝްވަތު ނެގުމާއި، ކޮމިޝަންނެގުމާއި މިފަދަ ފަސާދައިގެ އަމަލުތަކެވެ. ޑުރަގުގެ ވަބާ މުޖުތަމައިން ނައްތާލުމުގެ ވައުދެވެ. ގެދޮރު ހޯދައިދިނުމުގެ ވައުދެވެ. ރަނގަޅު އާމްދަނީއެއް ލިބޭނޭ ފުރުސަތު ފަހިކޮށްދިނުމުގެ ވައުދެވެ. ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ވައުދެވެ.

ނަމަވެސް، އެމީހުނަން، އެމީހުން އެދޭ މަގާމުތައް ލިބުމުން ކަންތައްތައް ހިނގަނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ކަމެއް ހަނދާން ނެތެއެވެ. އެމީހުންނަކީ މުޅި އުއްމަތް ކަމަށް ވެގެން ދެއެވެ. މުޅި ގައުމަކީ އެމީހުންގެ ތަރިކަ މުދާ ކަމަށް ބެލެވިގެން ދެއެވެ. އެމީހުންގެ ޕާޓީއަކީ މުޅި ގައުމުކަމުގައި ހަދާލެވެއެވެ. ނުމީހުން މީހުނަށްވެ، މަގާމުތައް އެފަދަ މީހުންގެ މެދުގައި ބަހާލެވެއެވެ. ދައުލަތުގެ ޚަޒާނާ އެމީހުންގެ ލޯމައްޗަށް ފެނިގެންދަނީ ފިހެފައި އޮންނަ ބޮޑު ގެރިއެއްގެ ސިފައިގައެވެ. އެމީހުންގެ މީހުން، އެމީހުން އެދޭ ވަރަކަށް އެ ގެރިން މަސްކަނޑައިގެން ކާންވީއެވެ. ބޭނުން ތަނަކަށް ބޭނުން ވަރަކަށް ދަތުރުތައް ކުރަންވީއެވެ. ރާއްޖެއިން ސިލޯނަށް ސީދާ ކުރެވެން އޮންނަ ދަތުރުވެސް، ސިންގަޕޫރު މަގުން ސިލޯނަށް ކުރަންވީއެވެ. ދަތުރުތަކުގައި ޚަރަދުތައް ވެސް ހިތުހުރި ގޮތަކަށް ކުރަންވީއެވެ. އަގު ބޮޑު ރެސްޓޯރަންޓުތަކާއި ރާޚާނާތަކަށް ގޮސް ބޭނުން ވަރަކަށް ޚަރަދުކުރަންވީއެވެ. އެކިއެކި ނަންނަމުގައި، އެމީހުންގެ މީހުންނަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތައް ދޭންވީއެވެ. ފަސާދައިގެ އަމަލުތަކުގައި ޝާމިލުވާ މީހުންނަށް ދައުވާ ނުކޮށް ފުރުވާލަންވީއެވެ. ނޫންނަމަ، ތަހުގީގެއް ކުރުމަކާ ނުލައި ހެކި ނެތްކަމަށް ހަދައި މައްސަލަތައް އޮއްބާލަންވީއެވެ.

ދެން މިކަމާ މެދު މީހަކު އެއްޗެއް ބުނެފިނަމަ އިވެނީ ކޮން އަޑެއް ހެއްޔެވެ؟ ކުރީގެ ސަރުކާރުތަކުން ވެސް މީހުން ކަން ކުރީ ހަމަ މިހެން ކަމެވެ. އެ ސަރުކާރުތަކުގައި ފަސާދައިގެ އަމަލުތައް ހިންގުނު ކަމެވެ. މިހެން ބުނުމުން، ފަސާދައިގެ އަމިއްލަ އަމަލުތަކަކީ ހަމަ އެންމެ ރަނގަޅު ކަންތައްތަކެއް ކަމުގައި ވެގެންދާ ކަހަލައެވެ! ފަހަރެއްގައިވެސް، ތިމާމެންނަކީ މިކަންކަން އިސްލާހުކުރަން އައި ބައެއް ކަމުގެ މަތިން، ކުޑަކޮށް ވެސް ހަނދާނެއް ނުހުރެއެވެ.

މި ވާހަކަތަކުން ފާހަގަކޮށްލަން ބޭނުންވަނީ، މިސުރުގެ ސުއޭޒު ކެނަލަށް އެ ބޮޑު ބޯޓު ބީހުމުން، އަމިއްލަ ނުކުޅެދޭކަމާއި އަމިއްލަ އުނިކަން ފާހަގަކޮށް އެކަން އިސްލާހުކުރުމުގެ ބަދަލުގައި އެކަން ފޮރުވަން މަސައްކަތް ކުރާ ފަދައިން، މައްސަލަތައް ކުރިމަތިވުމުން، އެކަންކަން އެހެން މީހުންގެ ބޮލަށް ފޫޅުކެނޑުމުގެ ސަގާފަތް ދޫކޮށް، ކަންކަން އިސްލާހުކުރަން މަސައްކަތް ކުރަންވެއްޖެ ވަގުތު އަތުވެއްޖެ ކަމެވެ. އަދި، މިކަން ކުރަން އެނގޭނޭ، މިކަން ކުރަން ކެރޭނޭ ހިއްވަރު ހުރި ބަޔަކު އުފެދި، އެފަދަ ބަޔަކު ނިކުންނަން ވެއްޖެކަމެވެ.