Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާލެމަތީން އިރު ދަތުރުކުރުން

އިރުގެ ދައުރުވުމާއި ހިނގުމުގައި، އިރުގެ އަލިއެޅިގެން އުފެދޭ ހިޔަނީގައި، އިންސާނުންނަށް އެތައްއެތައް ކަންތައްތަކެއް ދެނެގަނެވޭނޭ ގޮތް، މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައި ވެއެވެ. އެގޮތުން، އިރުގެ ހިޔަނި ދެމޭ ގޮތްތަކާއި ދެމިގެންވާ ގޮތުގެ މައްޗަށް ހުރި ޢިލްމީ ބޮޑަތި ދަލީލުތަކުގެ މައްޗަށް އިޝާރާތް ކުރައްވައި ސޫރަތުލް ފުރްޤާނުގެ 45 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ މަތިވެރި އާޔަތަށް ބަލައިލާނަމެވެ. އެއީ، أَلَمْ تَرَ إِلَىٰ رَبِّكَ كَيْفَ مَدَّ ٱلظِّلَّ وَلَوْ شَآءَ لَجَعَلَهُ سَاكِنًا ثُمَّ جَعَلْنَا ٱلشَّمْسَ عَلَيْهِ دَلِيلًا މި އާޔަތެވެ. މި އާޔަތުގެ މާނައީ، "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ހިޔަނި ފަތުރުއްވާފައިވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރެއްވި ނަމަ ހިމޭންވެ ހުންނަ އެއްޗެއް ކަމުގައި އެ ހިޔަނި ލައްވައިފީހެވެ. ދެން އެ ހިޔަނީގެ މައްޗަށް ދަލީލެއް ކަމުގައި ތިމަންރަސްކަލާނގެ އެ އިރު ލެއްވީމެވެ."

މި އާޔަތުގެ މާނަ ލިޔެފައި އެވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާގައިވާ ގޮތަށް ކަމުގައި ވާތީ، ތަރުޖަމާ ލިޔުމުގައި "ހިޔަނި ފަތުރުއްވާފައިވަނީ" އެވެ، މިފަދައިން ޢިބާރާތް އޮތް ނަމަވެސް، ޢަރަބި ބަހުގެ "مَدَّ ٱلظِّلَّ" ގެ މާނައަށް ބަލާއިރު އެއީ، ހިޔަނި ދެމިގެންވުންކަމާއި، ހިޔަނި ދެމިގެންވުމުގައި އެކުލެވިގެންވާ ގިނަގުނަ ޢިލްމީ ކަންތައްތައް ހުރިކަން ޤަބޫލު ކުރާން ޖެހެއެވެ.

އެކަމަކު، ހިޔަނި ދެންމެވި ގޮތުގެ ޢިލްމުގެ އަލީގައި ހޯދާ ބެލޭން ހުރި، ކަންތައްތަކުން ޒައްރެއްގެ މިންވަރުވެސް ދެނެގަތުމަކީ، ވާނޭކަމެއް ނޫނެވެ. އެހެނީ، މަދު މިންވަރެއް މެނުވީ ޢިލްމުގެ ތެރެއިން ލިބިގެން ނުވާތީއެވެ.

ދުވާލުގެ ކޮންމެ ވަގުތަކާއި، އަހަރުގެ ކޮންމެ މައްސަރަކާއި އަދި މައްސަރުގެ ކޮންމެ ދުވަހަކާއި، އަދި ޤިބްލަވީ ދިމާއާއި، އެނޫން ތަންތަންވެސް އޮންނަ ދިމާ، ދެނެގަތުންފަދަ ކަންކަން، ދެމިގެންވާ ހިޔަނީގެ ޒަރީޢާއިން، ސަމުގާއަށް ވުރެވެސް ކަށަވަރުކޮށް، ދެނެގަނެވޭ ވަސީލަތެއް ކަމުގައި، ދެމިގެންވާ ހިޔަނި ވާތީއެވެ.

ދެމިގެންވާ ހިޔަނިން، ސަމުގާއަކާ ނުލައި، ސީދާ ޤިބްލަވީ ދިމާ ދެނެގަންނެވޭ ގޮތުގެ ކަށަވަރު ކަމުގެ ތެރެއިން، މިއަހަރުގެ ޖޫންމަހުގެ 21 ވަނަ ދުވަހު މާލޭގަޑިން 14:43 ގައި، މާލޭގައި އޮލަނބަށް ހުންނަ ތަކެތީން އިރު ދެކުނަށް ދެމޭ ހިޔަނީގެ ހުޅަނގު އުތުރަށް ދެމިފައިވާ ކޮޅު، ދެމިފައިވާނީ ސީދާ ޤިބްލައާ ދިމާއަށްކަން، އެނގޭކަން އެއީ، އެކަމަށް ހުރި ކަށަވަރުކަމުގެ ދަލީލެވެ.

އެވަގުތު މާލޭގެ ނިސްބަތުން، އިރު ހުންނާނީ، ސީދާ ކައުބާވީ މިޞްރާބު ކަމުގައިވާ 59.09W ގައި ނުވަތަ 300.91 ދަރަޖަވީ މިޞްރާބުގައި ކަމަށް ވާތީއެވެ. ދެމިގެންވާ ހިޔަނީގެ ޢިލްމުގައި އެކަން ދެނެގަނެވޭނޭ ގޮތް، މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައި ވެއެވެ. ދަންނަ ބަޔަކަށް އެކަލާނގެ އާޔަތްތައް ތަފްޞީލްކޮށް ދެއްވާކަން ސޫރަތުލް އަންޢާމުގެ 97 ވަނަ އާޔަތުގެ ނިމުމުގައި އެކަލާންގެ ބަޔާންކުރައްވާފައިވެއެވެ.

މި އަހަރުގެ ޖޫންމަހުގެ 21 ވަނަ ދުވަހުގެ ވަގުތެއް، މިސާލުގައި ގެނެސްފައިވަނީ، ހިޔަނި ޤިބްލަ ދެނެގަތުމަށް ބަލާއިރު، ޤިބްލަ ފާހަގަކުރެވޭ އެންމެ ދިގު ހިޔަންޏެއް ފާޅުވާ ދުވަހެއްގެ ވަގުތެއް ގެނައުމުން ހިޔަނި ބަލާން ފަސޭހަވާނެ ކަމަށްޓަކައެވެ. ނަމަވެސް، ކަރުކަށަ ރާހީގެ އަދަ ނަކަތަކީ ރާއްޖެއަށް އެންމެ ގަދަ ދެ ނަކަތުން ނަކަތެއް ކަމުގައިވާތީ، ވިއްސާރައިގެ ސަބަބުން ހިޔަނި އެދުވަހު ނުވަތަ އެދުވަހުގެ އެވަގުތު ނުފެނުމީ ވެދާނެވެސް ކަމެކެވެ.

ދެކުނުން އުތުރަށް މިއަހަރު އިރު ކުރާ ދަތުރުގައި މި ހިނގާ މާރިޗު މަހުގެ 31 ވަނަ ދުވަހު، މާލޭ ގަޑިން މެންދުރު 12 ގަޑި 10 މިނެޓް 13 ސިކުންތުގައި، މާލެ މަތީން އިރު ދަތުރުކުރާނެއެވެ. އެވަގުތު އިރުގެ "ލޯކަލް އަވަރ އެންގަލް" އަކީ، 359 ދަރަޖަ 59.0 ދަގީގު އީސްޓް ކަމަށް ވެފައި، އިރުގެ ޑިކްލިނޭޝަން އަކީ، 4 ދަރަޖަ 12.5 ދަގީގު އުތުރުކަމަށް ވުމުން، އިރު އެވަގުތު ހުރަސްކުރާނީ މާލެމަތީންނެވެ.

އެހެންކަމުން، އެވަގުތު މާލޭގައި އޮލަނބަށް ހުންނަ އެއްވެސް އެއްޗެއްގެ ހިޔަނި، އެ އެއްޗަކާ ހުރިހައި ގޮތަކުންވެސް ހަމަވާނެއެވެ. އަދި އެ އެއްޗެއްގެ އެއްވެސް ފަރާތަކަށް، އެ އެއްޗެއްގެ ހިޔަނި ނެއްޓިފައެއްވެސް ނުހުންނާނެއެވެ.

އަދި އަންނަ ޖޫންމަހުގެ 21 ވަނަ ދުވަހު، މާލޭގަޑިން ހެނދުނު 8 ޖަހާއިރު މިތުނަ ރާހީގެ އަދަ ނަކަތުގެ 5 ދަރަޖަ 23 ދަގީގަށް އިރު ވާޞިލުވާ ވަގުތަކީ، މިއަހަރު އިރު އެންމެ އުތުރަށް ދަތުރުކުރާ ވަގުތެވެ. އިރު އެންމެ އުތުރަށް ދަތުރުކުރާ މިންވަރަކީ، 23 ދަރަޖަ 26.3 ދަގީގެވެ.

އިރު އެންމެ އުތުރުގައި ގާއިމުވެ ހުންނާނީ އެދުވަހުގެ ރޭ މާލޭގަޑިން 9 ޖެހުމާ ހަމައަށެވެ.