ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ދެކަނބަލުން ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވާފައެވެ. މި ދެ ސިޓީގައި ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ސިޓީގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައި ހުރި މިހާރު ކުރިޔަށްދާ މުހިންމު މަޝްރޫޢުތަކެއްގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެ ސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި މި ދެ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ވަނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްޤީކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިދެއްވާފައެވެ. މި ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވިފައިވާ ފެސިލިޓީއެކެވެ. އަދި މިފެސިލިޓީގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުޞޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ހުޅުވައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަރަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 12 ކްލާސްރޫމް އިމާރާތް އިފްތިތާޙްކޮށްދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ވަނީ މި ދެސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލެއްވުމުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާފައެވެ.



advertisment