...

Support Us

ކޮލަމް ކޯދު: ވަގުންގެ ޖަމާއަތެއްގެ ތަޖުރިބާ

ބޭންކަކުން ވައްކަން ކުރަން އުޅުމުގެ މަސައްކަތުގައި، ވަގުންގެ ތެރެއިން އިސްކޮށް ހުރި މީހާ ބޭންކުން ޚިދުމަތް ލިބިގަންނަން ގޮސް ތިބި މީހުންނާ މުޚާތަބުކޮށް ބުންޏެވެ. "ބޭންކުގެ ހުރި ފައިސާގެ ޒިންމާ ނަގާނީ ބެންކުންނެވެ. އެ ފައިސާ ގެއްލުމަކުން ކަލޭމެންނަކަށް ގެއްލުމެއް ނުވާނެއެވެ. ނަމަވެސް، ކަލޭމެންގެ ފުރާނައަކީ ކަލޭމެންގެ އެއްޗެކެވެ. އެ ފުރާނައަށް ކަލޭމެން ރައްކާތެރިވާން ޖެހޭނެއެވެ. އެހެންވެ، އެންމެން ބަންޑުން އޮށޯވެ، ލޯމަރައިގެން ތިބޭށެވެ!"

ދެން، ވަގުން އެދުނު ގޮތަށް އެ މީހުން ކަންތައް ކުރިއެވެ. މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ވިސްނުން ބަދަލުކޮށްލާ ގޮތާއި ބަދަލު ކޮށްލެވުނު ތަނެވެ! މީހުން ބިރުގަންނަވާލުމުން، ކޮންމެ ފަދަ، ނުރަނގަޅު ކަމެއް ކުރުމަށް ވެސް، މަގު ފަސޭހަވެގެންދާ ކަމެވެ. ހަމައެކަނި ވިސްނައިދޭން ޖެހޭނީ އެމީހެއްގެ އަމިއްލަ ސަލާމަތް އޮތީ ކިހިނެއް ކަމެވެ. ދެން، ކޮންމެ ފަދަ، ޖަރީމާއެއް ހިންގާލުމަށް، މަގުފަހިކޮށްލުމަށްޓަކައި މީހުންގެ ފިކުރު ބަދަލުކޮށްލެވޭނެއެވެ. މިސާލަކަށް ވަޒީފާ ގެއްލުމުގެ ބިރު ހީވުމުން، ފެންނަ ނުރަނގަޅު ހުރިހާ ކަމެއް ނުފެންނަ ކަމަށް ހަދާލެވެއެވެ. ބައެއް ނޫސްތަކުން ވެސް މިކަމުގެ ރަނގަޅު މިސާލުތައް ފެނެއެވެ. ގައުމު ވިއްކާލުމަކީ ވެސް ހަމަ އެންމެ ރަނގަޅުކަމެއް ކަމުގެ ބަހަނާ ދައްކައި، އެކަމާ އިދިކޮޅު ހަދާ ކޮންމެ މީހަކީ ނުރަނގަޅު މީހަކަށް ހަދައި މީހުންގެ ފިކުރު ގައުމު ވިއްކާލުމަކީ ރަނގަޅު ކަމެއްކަން ގަބޫލުކުރުމަށް އަނބުރާލުމުގެ މަސައްކަތް ކޮށް، އެކަން ކާމިޔާބު ވެސް ކުރެއެވެ.

ވަގުން ބޭންކުން ވައްކަންކޮށް ނިމުމުން، ވަގުންގެ ލީޑަރާ މުޚާތަބުކޮށް ވަގުންގެ ތެރެއިން ޒުވާން އެކަކު ބުންޏެވެ. "އަވަހަށް ފައިސާ ގުނާލަމާ އަންނާށެވެ." މިހެން ބުނި މީހަކީ ޑިގުރީއަށް ކިޔަވައިގެން، ސަނަދު ލިބިފައި ހުރި މީހެކެވެ. އެ ވަގުތު، އިބްތިދާއީ މަދަރުސާ ވެސް ނުނިންމާ ހުރި، ނަމަވެސް މެދު އުމުރު ފަހަނައަޅައިފައިވާ ވަގުންގެ ލީޑަރު ބުންޏެވެ. "ކަލެއަކީ މޮޔައެކެވެ. އަހަރުމެން މިހާ ގިނަ ފައިސާ ވަގަށް ނަގައިފައިވާއިރު، އެ ގުނަން ވަރަށް ގިނަ ވަގުތު ނަގާނެއެވެ. މިރޭ ޓީވީން، ޚަބަރު ކިޔާއިރު، އަހަރުމެން ވަގަށް ނެގި ފައިސާގެ އަދަދު އެނގޭނެއެވެ. އެހެންވެ، އަވަހަށް މިތަނުން ނިކުންނަމާ އަންނާށެވެ!" މިއިން ފެނިގެންދަނީ ކޮން ކަމެއް ހެއްޔެވެ؟ ބައެއް ފަހަރު، ހޯދާ އިލްމީ ސަނަދަށް ވުރެ، ތަޖުރިބާ މުހިއްމު ކަމެވެ. މި ދުވަސްވަރު، އަހަރުމެންނަށް ފެންނަނީ އިލްމީ ސަނަދުތަކަށް ވުރެ ބޮޑަށް ތަޖުރިބާއަށް އިސްކަންދެވޭ ތަނެވެ. ވައްކަން ކުރުމުގައި ތަޖުރިބާގެ ފައިދާއާއި އެކަމުގެ މުހިންމުކަން ބޮޑުވީމައެވެ. ކިޔަވައި، ކަންކަން ކުރުމުގެ ހުނަރުތައް ލިބިގަނެ، މަތީ ފާސްތައް ނެގުން މުހިންމުވަނީ ގައުމު ބިނާކުރުމުގެ މަސައްކަތަށެވެ. ވައްކަންކުރުމާއި ފޭރުމުގެ މަސައްކަތަށް އެފަދަ ހުނަރާއި ފާސްތަކެއް ބޭނުމެއް ނުވެއެވެ.

ވަގުން ފޭރިގަތް ފައިސާ ހިފައިގެން އެ މީހުން ދިޔުމުން، ބޭންކުގެ އިސް މެނޭޖަރު ބުންޏެވެ. އަވަހަށް ފުލުހުންނަށް މައްސަލަ ރިޕޯޓުކުރާށެވެ. މިހެން ބުނުމުން، ފަރުއީ މެނޭޖަރަކު ބުންޏެވެ. އަދި މަޑުޖައްސާލާށެވެ. އިތުރަށް އަހަރުމެން ވެސް 10 މިލިޔަން ޑޮލަރު ނަގަމާ އަންނާށެވެ. ދެން، ކުރިން އަހަރުމެން ނަގާފައިވާ 70 މިލިޔަން ޑޮލަރު ވެސް، ހިމަނައި، މި ހުރިހާ ފައިސާއެއް ވަގުންގެ ބޮލުގައި އަޅުވަމާ އަންނާށެވެ. މިއީ ރަނގަޅު ޚިޔާލެއް ކަމުގައި އިސް މެނޭޖަރު ވެސް ގަބޫލުކޮށް، އެމީހުން ވެސް ބޭންކުން ވައްކަން ކުރިއެވެ. އަދިވެސް އިތުރަށް އޭނާ ބުންޏެވެ. ކޮންމެ މަހަކު އެއްފަހަރު ބޭންކުން ވައްކަން ކުރުމުގެ ފުރުސަތު ވަގުންނަށް ދޭންވާނެއެވެ. މިކަމަށް ކިޔަނީ ކީކޭ ހެއްޔެވެ؟ ޖެހޭ ވަޔާ އެއް ގޮތަށް ދޯނި ދުއްވުމެވެ. އަދި، ފުރުސަތުގެ ބޭނުންކޮށް ތިމާގެ އަމިއްލަ މަސްލަހަތު ވެސް ރައްކާތެރިކުރުމެވެ. އެހެންވެ، ފުރުސަތު ލިބުމުން، ވައްކަމާއި ފަސާދައިގެ އަމަލުތައް ހިންގައި، އެކަން ވަގުންގެ ބޮލުގައި، ކުރީ ސަރުކާރުތަކުގެ ބޮލުގައި، އެޅުވީމާ ނިމުނީއެވެ! މި ގޮތަށް ކަންތައް ނުކުރާނީ މޮޔައިންނޭ ވެސް ބުނެއުޅޭ ނޫން ހެއްޔެވެ؟

ދެން އަނެއް ދުވަހުގެ ޚަބަރުގައި ވަގުންގެ ބަޔަކު ބޭންކަށް ވަދެ، ބޭންކުން ސަތޭކަ މިލިޔަން ޑޮލަރު ފޭރިގަތް ވާހަކަ ގޮވިއެވެ. މިވާހަކަ އަޑު އަހައި، އެންމެ ފުރަތަމައިން، ވަގުންގެ މީހުންނަށް ހިސާބަކަށް އޮޅުންއެރިއެވެ. އެއީ އެމީހުން ފޭރިގަތް ފައިސާ އެތައް ފަހަރަކު ގުނުމުން ވެސް، އެމީހުން އަތުގައި އޮތްކަމަށްވީ 20 މިލިޔަން ޑޮލަރެވެ. ދެން، ފަހުން، އެމީހުންނަށް ވެސް ވެގެން އުޅޭ ގޮތް ސާފުވިއެވެ. ބޭންކުގެ މީހުން ވެސް ވައްކަންކުރިކަމެވެ.

މިކަން ރޭކާލުމުން، ވަގުންގެ މީހުން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި ބުންޏެވެ. އަހަރުމެންގެ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން، ނިސްބަތުން، އަހަރުމެންނަށް މިލިބުނީ ދާދި ކުޑަ އެއްޗެކެވެ. ބޮޑުބައި މި ނަގަނީ ބޮޑެތި މަގާމުތަކުގައި ތިބޭ ބޮޑެތި ސިޔާސީ ވެރިންނެވެ. އެހެންވެ، ދެން، މި މަސައްކަތް ދޫކޮށްލާފައި ސިޔާސީ ޕާޓީއަކާ ގުޅި ބޮޑު މަގާމެއް ލިބޭތޯ މަސައްކަތްކުރުން މާ ބުއްދިވެރިއެވެ. މިއަށް ކިޔަނީ ކީކޭ ހެއްޔެވެ؟ ތަންދޮރު ދެނެގަނެ ހޭލުންތެރިވުމެވެ. ތަނުގެ ސަގާފަތް އެނގުމެވެ. ދެން އޮތީ ތަނުގައި އަށަގަންފައި އޮތް ސަގާފަތާ އެއްގޮތަށް މަސައްކަތް ކުރުމެވެ. ޖެހެމުންދާ ވަޔާއި ދެމެމުންދާ އޮއިވަރާ އެއްގޮތަށް ހަޔާތުގެ ނައު ދުއްވުމެވެ. އޭރުން، ތިމާމެންގެ ފުރާނަ ނުރައްކަލަށް ހުށަނާޅައި ވައްކަންކޮށް މުއްސަނދިވުމުގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ!

މިފަދަ ޖާހިލީ ސަގާފަތެއް އަށަގެންފައިވާ ތަނެއްގެ ސަގާފަތް ބަދަލުކޮށް ރަނގަޅު ކުރެވިދާނެ ހެއްޔެވެ؟ ތާރީޚުގެ އަލީގައި ބުނަން ޖެހެނީ އެކަން ކުރެވިދާނޭ ކަމެވެ. ސަލާމާއި ސަލަވާތް ލެއްވި އިތުރު ރަސޫލާ ބަދަލުކޮށްލެއްވި ހަމަ މިފަދަ ޖާހިލީ ސަގާފަތެކެވެ. އެންމެ ފުރަތަމަ އެކަން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ވިސްނައި ފިކުރު ކުރެއްވިއެވެ. އިންޝިރާޙު ސޫރަތުގައި މިކަމަށް އިޝާރަތްކުރެވިފައި ވެއެވެ. ދެން، ވަރަށް ސާފު ސަރީހަ ބަހުން އެކަލޭގެފާނުގެ ދައުވަތުގެ ވާހަކަތައް ދެއްކެވިއެވެ. ހަމައެކަނި މާތްﷲއަށް އީމާންވެ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. ދޮގު ނުހެދުމަށެވެ. ވައްކަން ނުކުރުމަށެވެ. ޒިނޭ ނުކުރުމަށެވެ. ސިހުރުގެ އަމަލުތަކާ ދުރުވުމަށެވެ. އާދެ، ކުރު ގޮތަކަށް މިކަންކަމަށް އިޝާރަތް ކުރައްވާ ހަދީސްފުޅުކުރެއްވީ މާތްﷲއަށް އީމާންވުމަށް ފަހު، އަޚުލާގީ ގޮތުން މީހާ ސީދާވުމަށެވެ. މިވާހަކަތައް ޚުލާސާ ގޮތެއްގައި މުމްތަހީނާ ސޫރަތުގައި ބަޔާން ކުރެވިފައި ވެއެވެ. މި ޖައުހަރީ އަގުތައް ބަލައިގަނެ، ގަބޫލުކުރި މީސްމީހުންގެ ހިތްތަކުގައި، އެއްވެސް ހާލަތެއްގައި، މިކަންކަމާ ޚިލާފު ނުވާނޭ ދަރަޖައަށް މިކަންކަން އަށަގަތުމުން، ދެން، އެމީހުންނަށްޓަކައި، ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވާ ދައުލަތަކާއި މުޖުތަމައެއް ބިނާކުރެއްވިއެވެ. އާދެ، މިވާހަކަތަކުގެ ތަފްސީލުތަކުގެ މައްޗަށް ނަޒަރު ހިންގާލުމުން ފެންނަނީ ޖާހިލީ ސަގާފަތެއް، ހެޔޮ ގޮތުގައި ބަދަލުކޮށްލެވޭ ތަނެވެ. އެއީ ކުރެވިދާނޭ ކަމެއް ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. އިންޝިރާޙް ސޫރަތަކީ ކޮބާ؟ ޚަތިމުގާ އެނަންކިޔާ ސޫރަތެއް އޮވޭބާ!

    1. ޝުކުރިއްޔާ!
      ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތަކަށް އެއް ނަމަށް ވުރެ ގިނަ ނަން ކިޔޭ. މިސާލަކަށް އަލްފާތިޙާ ސޫރަތަށް އަލްޙަމްދު ސޫރަތް، އުއްމު އަލްކިތާބި. ސަބްޢު އަލްމަޘާނީ. އަލްއިސްރާއު ސޫރަތަށް ބަނޫ އިސްރާއީލު ސޫރަތް. ހަމަ މިފަދައިން، އައްޝަރްޙު ސޫރަތަށް (94ވަނަ ސޫރަތް) އަލްއިންޝިރާޙު ސޫރަތޭ ވެސް ކިޔޭ. އައްޝަރުޙުގެ މާނައަކީ ހުޅުވާލުން (އިޝާރަތްކުރެވެނީ ކީރިތި ރަސޫލާގެ ހިތްޕުޅު ހުޅުވާލުމަށް، މާނައަކީ އެކަންކަމުގެ މައްޗަށް އެކަލޭގެފާނު ވިސްނައި ފިކުރުފުޅު ކުރެއްވި ކަންކަން ވިސްނިވަޑައިގެން ފަހުމުވެގެން ދިޔުން؛ މިނޫން ގޮތްތަތަށް ވެސް މިކަން މާނަކުރެވިފައި އޮވޭ). އަލްއިންޝިރާޙު ގެ މާނައަކީ ވެސް ހަމަ އެއީ. ތަފާތަކީ އަލްއިންޝިރާޙު އިޝާރަތްކުރަނީ އެކަން ވެގެން ދިޔުމަށް. ފުރަތަމަ ލަފްޒު އިޝާރަތްކުރަނީ އެކަންވުމަށް. ފުރަތަމަ ލަފްޒުއެއީ ކަންރައްދުވާއެއް އޮންނަން ލާޒިމުކުރާ ކަމެއްގެ މަސްދަރު. (ފިޢުލު މުތަޢައްދީއެއްގެ މަސްދަރު، ޓްރާންސިޓިވް ވާބްއެއްގެ އިންފިނިޓިވް). ދެވަނައަށް އެއީ ކަންރައްދުވާއެއް އޮތުން ލާޒިމު ނޫން ކަމެއްގެ މަސްދަރު (ފިޢްލު ލާޒިމެއްގެ މަސްދަރު، އިންޓްރާންސިޓިވް ވާބްއެއްގެ އިންފިނިޓިވް)

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.