ވަރލްޑް ގަވަރންމަންޓް ސަމިޓް 2022 ގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސުލްޖުމްހޫރިއްޔާ ފައިޞަލް ނަސީމް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ރޭ ފުރާވަޑައިގެންފިއެވެ.
މި އަހަރުގެ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ ޝިއާރެއްގެ ގޮތުން ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެގޮތް ވަޒަންކޮށް ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަޤްބަލް ތަޞައްވުރުކުރާނެއެވެ. އެކި ޤައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތް ނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާލު ބަދަލުކުރައްވައި، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހިކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ޔޫ.އޭ.އީ.ގެ އިސް ބައެއް އޮފިޝަލުންނާ ނައިބު ރައީސް ބައްދަލުކުރެއްވުމުގެ އިތުރުން ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސްގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހު 31 ގައެވެ.



advertisment