Support Us

އައްޑޫ ސިޓީގެ މަގުހެދުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

އައްޑޫ ސިޓީގެ މަގުހެދުމާއި ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވައިދެއްވައިފިއެވެ. މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު ފައްޓަވައިދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ ސުބްރަމާނިއަން ޖަޔަޝަންކަރާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބުދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢަކީ އައްޑޫސިޓީގައި މިހާތަނަށް ހިންގޭ މަގު ހެދުމުގެ އެންމެ ބޮޑު މަޝްރޫޢުއެވެ. ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ މި މަޝްރޫޢު ކުރިޔަށްގެންދަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އައްޑޫ ސިޓީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފެން ހިންދާ ނިޒާމު، އައްޑޫ ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވޭނެއެވެ. އެގޮތުން މި މަޝްރޫޢުގައި މުޅި އައްޑޫ ސިޓީގައި 103 ކިލޯމީޓަރުގެ ސްޓޯމް ވޯޓަރ ޑްރެއިނޭޖް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަގުހެދުމުގެ މަސައްކަތުގެ ދަށުން ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ހުޅުދޫ އަދި މީދޫގައި 40 ކިލޯމީޓަރުގެ މަގު ތާރު އަޅައިގެންނާއި ގައު އަޅައިގެން ތަރައްޤީކުރެވޭނެއެވެ. އަދި ގާތްގަނޑަކަށް 67 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓިބިލައިޒްޑް ބޭސް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހަންކެޑަ ހިމެނޭ ސަރަޙައްދުގައި މިހާރު ބޭނުންކުރަމުންދާ ލިންކްރޯޑުގެ ހުޅަނގުން ހަންކެޑައަށް ނާރާގޮތަށް، ހިތަދޫ ގައުކެޑިއާއި މަރަދޫ ގުޅާލުމަށްޓަކައި 1.4 ކިލޯ މީޓަރުގެ ހަތަރު ލޭނުގެ އައު ލިންކްރޯޑެއް ހެދުން ވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް