Support Us

އައްޑޫގެ ބިން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މަޝްރޫޢަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ހިތަދޫ، މަރަދޫ އަދި މަރަދޫ-ފޭދޫއަށް ބިން އިތުރުކުރުމާއި އަދި އައްޑޫ ސިޓީގެ ފަޅުތެރެއިން ފަތުރުވެރިކަމަށް ދެ ރަށް އިތުރުކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހުޅުދޫ މީދޫއަށް ބިން އިތުރުކުރުމުގެ މަޝްރޫޢުގެ ކުރިޔަށްގެންދިއުމަށް ނިންމާފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން ބާއްވާފައި ވަނީ މިއަދު އައްޑޫސިޓީގެ ނެޝަނަލް ކޮލެޖްއޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަރމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ޙަމީދެވެ. ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޑްރެޖިންގ، ކޮރނީލިއަސް އެޑްރިއާން ޑިބްރުއިންނެވެ. މި މަޝްރޫޢުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް