އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަން ޖަޔަޝަންކަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އައްޑޫ ސިޓީގެ އިކުއިޓޯރިއަލް ވިލެޖުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ދޭދޭ ގާތް ރަޙްމަތްތެރި ގުޅުން ފާހަގަކުރައްވައި، ދެ ޤައުމުން ވެސް ޝައުގުވެރިވާ ކަންކަމުގައި ދެ ޤައުމަށްވެސް ފައިދާވާނެހެން ބައިނަލްއަޤުވާމީ މައިދާނުގައި މި ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ޤައުމަކީ އިންޑިޔާކަން ފާހަގަކުރައްވައި، އިންޑިޔާގެ 'ނެއިބަރހުޑް ފަރސްޓް ޕޮލިސީ’ގެ ދަށުން ރާއްޖެއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. މީގައި އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއިން 'އިންޑިޔާ ފަސްޓް' ޕޮލިސީ ނަގަހައްޓާނެ ކަމަށާއި އިންޑިޔާ އާއެކު އޮތް ގާތް ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ކޮވިޑް-19 އިން އަރައިގަތުމަށް ދެޤައުމުންވެސް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުންނާއި، ދެ ޤައުމުގެ ފަތުރުވެރިކަމާއި، އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، މީހުން ބިނާކުރުމުގެ ދާއިރާއާއި، ސަރަޙައްދީ ރައްކާތެރިކަން ޤާއިމްކުރުމާއި، ބައިނަލްއަޤްވާމީ ކަންކަމުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ފާހަގަކުރައްވައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެޤައުމުގެ ދެމެދުގައިވާ ބަދަހި ގުޅުމުގެ މުހިންމު ރަމްޒެއްކަމުގައި ވިދާޅުވެފައެވެ.
އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ ސުބްރަމާނިއަން ޖަޔަޝަންކަރު މިހާރު އައްޑޫ ސިޓިއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވައި، ރާއްޖެއާއި އިންޑިޔާއާ އެކު ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއާއި އިންޑިޔާއާ ދެޤައުމުން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގައެވެ. އަދި، އިންޑިޔާއަކީ 1965 ވަނަ އަހަރު ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ.



advertisment