އައްޑޫ ސިޓީކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތަކަކީ މުޅި އައްޑޫގެ ތާރީޚުގައި ވެސް ކުރިޔަށްދާ އެންމެ ބޮޑެތި މަޝްރޫޢުތައްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ހިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް ބޭނުންވާ ކަންކަމާއި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމާއި ސިޓީ ކައުންސިލުގެ ބަޖެޓް އިތުރުކުރުމާއި ޒޯން ސްޓޭޑިއަމްގެ ލައިޓިން ހަރުކުރުން ފަދަ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތަކާއި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި، އިންސާނީ ވަޞީލަތް އިތުރުކުރުމާއެކު އިތުރު ވަޞީލަތްތައް ބޭނުންވާ ކަމާއި އަދި މި ނޫންވެސް ސިޓީގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ވެސް ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި މަގުތައް ތަރައްޤީކުރުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ކަންކަމާއި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ކުރަމުންގެންދާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އައްޑޫސިޓީގެ ރައްޔިތުންގެ ފަރާތުން ވިދާޅުވި މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރުކާރުން އެކި ރަށްރަށާއި ސިޓީތަކުގައި ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށް ގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢޫލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޓީމުން ކައުންސިލާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ ބައެއް ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ސިޓީ ކައުންސިލާ މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



advertisment