...

Support Us

ކޮލަމް ކޯދު: ހާޒިރު ޖަވާބު

ހާޒިރު ޖަވާބޭ ހެއްޔެވެ؟ އެއީ ލަދުގަންނަވާލުމުގެ ގޮތުން، ނުވަތަ މަލާމާތްކޮށްލުމުގެ ގޮތުން ކުރިމަތިކުރެވޭ ބައެއް ކަހަލަ ސުއާލުތަކަށް، ވަގުތުން ދެވޭ، މުނާސިބު އަދި އޭގައި ހެއްވާލުން ވެސް ބައެއް ފަހަރު އެކުލެވޭ ޖަވާބެވެ.

އަޅުގަނޑުމެންގެ ތެރޭގައި ވެސް މިފަދަ ސުއާލުތަކަށް ހާޒިރު ޖަވާބުގެ އަހުލުވެރިން އުޅުނެވެ. އޭގެ ތެރެއިން އިހުގައި ފާހަގަކޮށްލެވުނު ވަރުގަދަ ޝަޚުސިއްޔަތުގެ ތެރޭގައި ހިސާބު އިލްމުވެރިޔާ އިސްމާއީލުކަލޭފާނު ތުއްތު ނުވަތަ އާންމު ނަމުން ނަމަ، ތުއްތު ސާހިބު ފާހަގަކޮށްލެވެއެވެ. ތުއްތު ސާހިބަކީ އަޅުގަނޑުގެ ބައްޕަގެ އެދުރެއް، އަދި ފަހުން، ވަރަށް ގާތް އެކުވެރިއެއް ވެސް މެއެވެ. އޭނާގެ ބައެއް ވާހަކަތައް ބައްޕަގެ ފަރާތުން އިވިފައި ވެއެވެ.

ހާޒިރު ޖަވާބުގެ މިސާލެއްގެ ގޮތުން ތުއްތުސާހިބާ ބެހޭ މިވާހަކަ ލިޔެލަމެވެ. އެއް ދުވަހު، ހެންވޭރު އުތުރު ފަރާތު އަތިރިމަތީ ތުއްތު ސާހިބު ހުންނަވަނިކޮށް، ދަތުރުކޮށްފައި ދިޔަ ދޯންޏެއް އޭނާއަށް ދައްކާފައި ތުއްތު ސާހިބު އަރިހުން މީހަކު އެއްސެވެ. "ތުއްތު ސާހިބެވެ! އެ ފެންނަ ދޯންޏަކީ އަންނަ ދޯންޏެއް ތޯއެވެ؟ ނުވަތަ ދާ ދޯންޏެއް ތޯއެވެ؟" ޖަވާބުގައި ތުއްތު ސާހިބު ވިދާޅުވި ކަމަށްވަނީ މިހެންނެވެ. "އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ވެސް ހުރޭ ނޫން ހެއްޔެވެ؟"

އާދެ، ތިރީގައި އެވަނީ މިފަދަ ބައެއް ހާޒިރު ޖަވާބުތަކެކެވެ.

  1. އެއް ދުވަހަކު، ވަރަށް ފަލަ އަންހެނަކު، ބަހަކަށް އެރި އެވެ. މިތަން ފެނިފައި، އޭނައާ ފޮށިލުމުގެ ގޮތުން، ބަހުގައި އިން މީހަކު ބުނި އަޑު އިވުނެވެ. "މިއީ އެތް އެތައް ޚާއްސަ ބަހެއް ކަމަކަށް އަހަރެން ހިޔެއް ނުކުރަމެވެ!"

މި ވާހަކަ އަޑުއަހާފައި، އެ އަންހެން މީހާ ވަރަށް މަޑުމައިތިރިކަމާއެކު ބުންޏެވެ. "މި ބަހަކީ ނޫހުގެފާނުގެ ނައުކޮޅު ފަދަ ބަހެކެވެ. އޭގައި އެތާ އަދި ހިމާރުން ވެސް ތިބޭނެއެވެ."

  1. މަޝްހޫރު ލިޔުންތެރިއަކު ކަމުގައިވާ ބާނާޑް ޝޯއާ ސަމާސާކޮށްލުމުގެ ގޮތުން އެއް ދުވަހަކު އެހެން ލިޔުންތެރިއަކު ބުންޏެވެ. އިނބަ ލިޔެ އުޅެނީ ފައިސާއަށްޓަކައެވެ. ނަމަވެސް އަހަރެން ލިޔެ އުޅެނީ ޝަރަފާއި މާތްކަން ލިބިގަތުމަށްޓަކައެވެ.

ޖަވާބުގައި ޝޯ ބުނުއްވިއެވެ. "ކޮންމެ މީހަކު ވެސް ލިޔެ އުޅެނީ އޭނާގެ ކިބައިގައި ނެތް އެއްޗެއް ހޯދާށެވެ!"

  1. އިސްލާމީ ތާރީޚުގެ ކުރީކޮޅުގެ މަޝްހޫރު ލޯފަން ޅެންވެރިއެއް ކަމުގައިވާ ބައްޝާރު ބިން ބުރުދުއާ ދިމާކޮށްލުމުގެ ގޮތުން މީހަކު ބުންޏެވެ. މީހަކު ލޯފަން ކުރެއްވުމަށް މާތްﷲ އިރާދަކުރައްވައިފި ނަމަ، އޭގެ ބަދަލުގައި އެމީހަކަށް ކޮންމެ ވެސް އެހެން ހުނަރެއް މާތްﷲ ދެއްވައެވެ. އިނބަ ލޯފަންކުރެއްވި ހިނދު، މާތްﷲ އިނބައަށް ދެއްވީ އެހެން ކޮން އެއްޗެއް ހެއްޔެވެ؟

ޖަވާބުގައި ބައްޝާރު ބުނުއްވިއެވެ. "ކަލޭ ކަހަލަ އެއްވެސް އަޚުލާގެއް ނެތް ދަށު ދަރަޖައިގެ މީހުން އަހަންނަށް ނުފެނުމެވެ!"

  1. ލޯފަން މީހަކާ އިން އަންހެނަކު އޭނާގެ ފިރިމީހާ ގާތު ބުންޏެވެ. "އަހަރެންގެ ރީތިކަން ކަލާއަށް ފެންނަ ނަމަ، ކަލާ އަޖައިބުވެ އަންތަރީސްވީހެވެ!"

ޖަވާބުގައި ލޯފަން ފިރިކަލޭގެ ބުންޏެވެ. "ކަލާ ތިބުނާހާ ރީތި ނަމަ، ލޮލަށް ފެންނަ މީހުން ކަލާއާ ހިތާނުވީ ކީއްވެ ބާވައޭ އަހަރެންގެ ހިތަށް އަރައެވެ."

  1. މީހަކު މީހަކަށް މަލާމާތްކޮށް ދެރަކޮށްލުމުގެ ގޮތުން އޭނާއާ ދިމާއަށް ބުންޏެވެ. "ދުރުން ކަލޭ ފެނުމުން އަހަރެން ހީކުރީ ކަލެއަކީ އަންހެނެއް ކަމަށެވެ."

ޖަވާބުގައި އޭނާ ބުންޏެވެ. "ދުރުން ކަލޭ ފެނުމުން އަހަރެން ހީކުރީ ކަލެއަކީ ފިރިހެނެއް ކަމަށެވެ!"

  1. ވަޒީރަކު ސަމާސާކޮށްލުމުގެ ގޮތުން އޭނާގެ ހިކިހިކި ސެކެއްޓަރީއާ ދިމާއަށް ބުންޏެވެ. "ބޭރު ރާއްޖެއެއްގެ މީހަކަށް އިނބަ ފެނިއްޖެ ނަމަ، އެ މީހުން ހީކުރާނީ އަހަރުމެންގެ ތެރޭގައި ބަނޑުހައިހޫނުކަމެއް ފެތުރިގެން އުޅޭ ކަމަށެވެ."

ދެން ފަލަކޮށް ހުންނަ އެ ވަޒީރާ މުޚާތަބުކޮށް ސެކެއްޓަރީ ދެންނެވިއެވެ. "ބޭރު ރާއްޖޭގެ ހަމަ އެމީހާއަށް މަނިކުފާނު ފެނުނު ނަމަ، އެކަމުގެ ސަބަބަކީ ކޮބައިކަން ވެސް އޭނައަށް އެނގުނީހެވެ!"

  1. ކައިރި އަވަށަކަށް ޖުހާ ދިޔުމުން، އޭނާއަށް ދެރަކޮށްލުމުގެ ގޮތުން މީހަކު ބުންޏެވެ. "ޖުހާއެވެ! އަހަރުމެންނަށް ކަލެއަކީ ކާކުކަން އެނގެނީ ކަލޭގެ ހިމާރު ފެނުމުންނެވެ."

ޖަވާބުގައި ޖުހާ ބުންޏެވެ. "އެއީ މައްސަލައެއް ނޫނެވެ. ހިމާރުން ފާހަގަކުރަން އެނގޭނީ ހަމަ ހިމާރުންނަށް ނޫން ހެއްޔެވެ؟

8. ފިރިހެނަކު އަންހެނަކު ފެނިގެން ޚުޝާމަދުކޮށްލުމުގެ ގޮތުން އޭނަގާތު ބުންޏެވެ. "ކަލާ ހާދަހާވާ ރީއްޗެވެ." ދެން ފަޚުރުވެރިވެލާފައި އަންހެން މީހާ ބުންޏެވެ. "މާފުކުރާށެވެ! ކަލާއާ ދިމާއަށް ރީއްޗޭ ބުނެވޭ ވަރަށް ވުރެ ކަލާ މާ ހުތުރެވެ."

ދެން، ޖަވާބުގައި ފިރިހެން މީހާ ބުންޏެވެ. "އެއީ އެއްވެސް މައްސަލައެއް ނޫނެވެ! އަހަރެން ދޮގު ހަދައި ހަގީގަތާ ޚިލާފަށް އެއްޗެއް ބުނިފަދައިން ކަލާއަށް ވެސް ދޮގު ހަދައި ހަގީގަތާ ޚިލާފަށް އެއްޗެއް ބުނެވިދާނެތާއެވެ!"

9. އަންހެނަކު، ދެ ހިމާރު ގޮވައިގެން ބާޒާރަށް ދަނިކޮށް ތިން ޒުވާނުންނަށް ފެނިގެން އޭނައާ ފޮށިލާ ހިތުން، އޭނައާ ދިމާއަށް ބުންޏެވެ. "އޭ ހިމާރުންގެ މަންމައާއެވެ! ތި ދަނީ އަޅެ ކޮންތާކަށް ހެއްޔެވެ؟"

ދެން ޖަވާބުގައި އަންހެން މީހާ ބުންޏެވެ. "އޭ އަހަރެންގެ ދަރިންނޭވެ! އަހަރެން މިދަނީ ބާޒާރަށެވެ!"

10. މުސްކުޅިވެ ދުނިދަނޑިއެއްހެން ވަރަށް ބޮޑަށް ގުދުވެފައި އޮތް މީހަކު ހިނގައިފައި ދަނިކޮށް، އޭނައާ ދިމާއަށް ޒުވާނަކު ބުންޏެވެ. "ބޭބޭއެވެ! ދުނިދަނޑި ވިއްކަނީ ކިހާ ވަރަކަށް ހެއްޔެވެ؟"

"ދެން އެ ބޭބެ ބުންޏެވެ. "ކޮއްކޯއެވެ! އަޅާނުލާށެވެ! ދުވަސްވުމުން ކޮއްކޮއަށް ވެސް ހިލޭ ދުނިދަނޑިއެއް ލިބޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ރަންފިހާރަ ލިޔުމުގެ ކޮމެންޓެއްގަ އޮތީ ތިމަންނަ މިއަހަރު ކީ އެންމެ ފުރިހަމަ ލިޔުންކަމަށް އެއީ. އެކަމަކު އަހަންނަށް މީގަހުރި ހާޒިރު ޖަވާބުގެ މިސާލުތައް މާފައްކާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.