Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް

އެއް ދުވަހަކު ހަރުފައެއް ލަކުޑި ގުދަނަކަށް ވަނެވެ. ލަކުޑިތައް ދަށުންނާއި މަތިން އޭތި ދުވެދުވެ އުޅެނިކޮށް، ލަކުޑިތަކުގެ މަތީގައި ބާއްވާފައި އޮތް ކީހެއް މަތިން ދެވުނެވެ. އެކަމުގެ ސަބަބުން، ހަރުފަ ކުޑަކޮށް ޒަޚަމްވިއެވެ. ހަރުފަ ހީކުރީ ކީހަކީ ދިރިހުރި އެއްޗެއް ކަމަށެވެ. އަދި، ކީސް އެއަށް ހަމަލާދިނީ ކަމަށެވެ. ދެން ބަލާކަށް ނޯވެ ކީހުގައި ހަރުފަ ބާރަށް ދަތްއަޅައި ވިހަލާން އުޅުނެވެ. އެކަމުގެ ސަބަބުން ހަރުފަ އިތުރަށް ޒަޚަމްވެ އޭގެ އަނގައިން ލޭފައިބާން ފެށިއެވެ. ހަރުފައަށް ވާނުވާއެއް ނޭނގުނެވެ. އެންމެ ފަހުން، އޭތި މަރުވެދާނެހެން ހީވުމުން، ހަރުފަަ ގަސްދުކުރީ ކީސް ވެސް "މަރާލާށެވެ." ދެން، ކީހުގައި ބާރަށް އޮޅާލައި ކީސް ފިއްތާލިއެވެ. އާޚިރު ނަތީޖާއަކަށްވީ، އެނގޭނޭ ފަދައިން، އަދިވެސް ބޮޑަށް ހަރުފަ ޒަޚަމްވެ، މަރުވުމެވެ.

މިއިން ލިބިދޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ މީހަކު ދެކެ ނުރުހި ރުޅިއަންނަ ވަގުތުގައި ބައެއް ފަހަރު، އަހަރުމެންނަށް ވެސް އެމީހާގެ ހިތުގައި ޖައްސައި "ޒަޚަމްކޮށްލަން" މަސައްކަތް ކުރެވެއެވެ. ނަމަވެސް، އާޚިރުގައި އަމިއްލައަށް ޒަޚަމްވުން ނޫން ގޮތެއް ދިމާވާތަން ވެސް އާދެއެވެ.

އެހެންވެ، ދިރިއުޅުން އަހަރުމެން ގާތު ބުނެދޭ ވާހަކައަކީ ދިރިއުޅުމުގައި މީސްމީހުންގެ ފަރާތުން ދިމާވާ ކަންކަމާ އެއްގޮތަކަށް ވެސް އަޅާނުލައި އެ ކަންކަމުން އިބުރަތް ލިބިގަތުމެވެ. އަދި، އެފަދަ ހާލަތްތައް މެދުވެރި ކުރުވާ މީހުންނާ ވެސް އަޅާނުލައި އެމީހުންނާ ދުރަށް ދިޔުމަށެވެ. މީހަކު ކުރިމަތިކުރުވާ ކޮންމެ ނުރަނގަޅު ހާލަތަކާ އަދި އެފަދަ ކޮންމެ މީހަކާ ކުރިމަތިލުން ބުއްދިވެރިއެއް ނޫނެވެ. އެހެން ނޫން ނަމަ، ހަރުފައަށް ވީގޮތަށް އަމިއްލަ ނަފްސު ޒަޚަމްވެ، އަމިއްލަ ނަފްސަށް ބޮޑެތި ގެއްލުން ލިބޭ ގޮތް މެދުވެރިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. އެއްވެސް މީހަކު ބީޖޭޕީ އާ ދިމާލަށް ކިތަންމެ ނުރުހުނަސް އެއްޗެކޭ ނުބުނައްޗޭ. ބުރުގާ އަކީ އިސްލާމް ދީނުގައި އެޅުން މަޖުބޫރު އެއްޗަކަށް ނުވާތީ ސްކޫލްތަކުގައި އެފަދަ ގަވައިދެއް ތަންފީޒު ކުރެވިދާނެއޭ ރާއްޖޭގެ ނޫހެއްގަ އެބައޮތް މިއަދު ލިޔެފަ. އެޑިޓަރަށް ހަނދާން ނެތުނީ ކަންނޭނގެ ޖުމްލަ ހަމަޖައްސަން ނުވަތަ ޢިބާރާތް ރަނގަޅުކޮށްލަން. އެހެނަސް އެއްޗެކޭ ކިޔާނެ ކަމެއް ނެތް. އެހެން ނޫން ނަމަ، ހަރުފައަށް ވީގޮތަށް އަމިއްލަ ނަފްސު ޒަޚަމްވެދާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *