12.45
މާފަންނުކޮޅު ގެއެއްގެ ފަސްވަނަ ބުރިން ވަލެއްގައި މަގުމައްޗަށް ބާލަން އުޅުނު ގަސްމުށިތަކެއް ހުރި ފޮށިގަނޑެއް މަގުމަތިން ދިޔަ ޓެކްސީއެއްގެ މައްޗަށް ވެއްޓި ފަހަތު ބިއްލޫރިގަނޑު ފުނޑުފުނޑުވެއްޖެއެވެ.
އިއްޒުއްދީން މަގުގައި ހުންނަ މ. މަނާޒޯގެ ފަސް ވަނަ ބުރީގެ ޓެރަސްމަތީން މިއަދު މެންދުރު މި ފޮށިގަނޑު ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ޓެކްސީގައިވެސް ޑްރައިވަރު ފިޔަވައި އެހެން މީހަކު ނެތެވެ. ނަމަވެސް ޓެކްސީގެ ފުރާޅު ހަލާކުވެ، ފަހަތު ބިއްލޫރިގަނޑު ވަނީ ބޭނުންނުކުރެވޭ ވަރަށް ފުނޑުފުނޑުވެފައެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ގަސްމުށިތައް ހުރި މި ފޮށިގަނޑު ބާލަން އުޅުނީ ވަލެއްގައި އައްސައިގެންނެވެ. ނަމަވެސް ވާ އައްސާފައި ހުރި ގޮތުން ވާގަނޑު ތެރެއިން ފޮށިގަނޑު ދެމިގަތީ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

މި ހާދިސާ ހިނގުމާއެކު ފުލުހުން ގޮސް އެ ސަރަހައްދު ބަންދުކުރިއެވެ.
ޓެކްސީ އެތަނުން ނެގީ ގަސްމުށިތަކުގެ ވެރިފަރާތާއި ޓެކްސީ ޑްރައިވަރު އެއްބަސްވުމަކަށް އައުމަށްފަހުއެވެ.




advertisment