...

Support Us

ކޮލަމް ކޯދު: ރަންފިހާރައިން ވައްކަން ކުރުން

ވަގުންގެ ޖަމާއަތެއްގެ ބޮޑު މީހަކު އޭނާގެ މޫނުމަތި ރީތިކޮށްލައި، މޫނުމަތިން ހެޔޮ ލަފާ ސާލިހު އަޅުވެރިއެއްގެ ގޮތް ދައްކާލިއެވެ. ދެން، ބާޒާރުމައްޗަށް ގޮސް، ރަށުގެ މަޝްހޫރު ރަން ފިހާރައަކަށް ވަނެވެ. އަދި، ސަލާން ގޮވާލާފައި، ރަން ފިހާރައިގެ ސޭޓު ގާތު ބުންޏެވެ. "ދަރިފުޅާއެވެ! އަހަންނަކީ ކޮއްކޮގެ ހެޔޮ އަމަލެވެ!"

ދެން ސޭޓު ހީނލާފައި ބުންޏެވެ. "ކީކޭ ހެއްޔެވެ؟ ބޭބެގެ މޫނުއަލިވެފައި މޫނުމަތިން ހެޔޮލަފާ މީހެއްގެ ގޮތް ފެންނަން އެބަހުއްޓެވެ. ނަމަވެސް ތިމަންނައަކީ މީހެއްގެ ހެޔޮ އަމަލޭ ބުނުމަކީ ދެން ތަންކޮޅެއް ބޮޑުވަރު ނޫން ހެއްޔެވެ؟"

އެ ވަގުތު ވަގުންގެ ޖަމާއަތުގެ އެހެން ދެ މީހަކު، ކައިވެނި ކުރަން އުޅޭ ދެމީހަކަށް ހެދިގެން އައިސް ރަން ފިހާރައަށް ވަދެ ފަށަކާއި އަނގޮޓިއަކާއި އަދި ދެތިން ގަނޑު އުޅާ ގަންނަން ބޭނުން ވާހަކަ ސޭޓު ގާތު ބުންޏެވެ.

ސޭޓު، މެހެމާނުންނަށް ސައި ގެނެސްދީފައި، ބޭނުންވި ތަކެއްޗާއި އެ ތަކެއްޗައްވާ ބިލު ތައްޔާރުކޮށްލާނެ ވާހަކަ ބުންޏެވެ. ދެން، ސޭޓު އެއްލި ކަޅިން، ފެނުނީ އިންނަން އުޅޭ ދެމީހުންގެ ތެރެއިން އަންހެނާ އެއްކަލަ ތަގުވާވެރި މީހާގެ އުނގުގައި އިންތަނެވެ. މިކަމާ ހައިރާންވެގެން، އެކުއްޖާއާ މުޚާތަބުކޮށްފައި އޭނާ ގާތު، އިނބަ ތިއިނީ ސާލިހު ބޭބެގެ އުނގުގައޭ، ސޭޓަށް ބުނެވުނެވެ. ދެން، އަންހެން ކުއްޖާ ބުންޏެވެ. "ތިޔަ ދައްކަނީ ކޮންފަދަ މޮޔަ ވާހަކައެއް ހެއްޔެވެ؟ މިތާކު އެކަކު ވެސް ނެތެއް ނޫން ހެއްޔެވެ!"

އެ ވަގުތު ސާލިހު ބޭބެ ސޭޓު ގާތު ބުންޏެވެ. "އަހަންނަކީ ކޮއްކޮގެ ހެޔޮ އަމަލޭ ކުރިން ވެސް އަހަރެން ބުނީމު ނޫން ހެއްޔެވެ؟ ކޮއްކޮ ނޫން އެކަކަށް ވެސް އަހަންނެއް ނުފެންނާނެއެވެ! އަދި އަހަރެން ދައްކާ ވާހަކައެއް ވެސް ނީވޭނެއެވެ."

ފިހާރައަށް ރަން ގަންނަން އައިމީހުން ރަންގަނެގެން އެއަށްވާ ފައިސާ ދައްކާފައި ދިޔުމުން، ސާލިހު ބޭބެ އަނެއްކާ ވެސް ސޭޓު ގާތު ބުންޏެވެ. އަހަރެން މިއައީކީ އެއްވެސް އެއްޗެއް ކޮއްކޮ އަތުން ބޭނުން ވެގެންނެއް ނޫނެވެ. ނަމަވެސް، ކޮއްކޮގެ އީމާންތެރިކަމާއި ހެޔޮލަފާކަމާއި ވިޔަފާރީގައި ކޮއްކޮގެ ތެދުވެރިކަމުގެ ވާހަކަ އަހާފައި ކޮއްކޮގެ ވިޔަފާރިއާއި މުދަލުގައި ބަރަކާތް ލެއްވުމަށް އެދި ދުއާކުރުމަށެވެ. ކޮއްކޮގެ ކިބައިގައި މި ނަންގަތް ސިފަތައް ނެތް ނަމަ، ކޮއްކޮއަކަށް ވެސް އަހަންނެއް ނުފެނުނީހެވެ.

މިހެން ބުނެފައި، އެ ބޭބެގެ ޖީބުން މަލްމަލް ފޮތީގެ ރުމާލެއް ނަގާފައި ސޭޓަށް ދިނެވެ. އަދި، ބުންޏެވެ. ބިސްމި ކިޔައިފައި ކޮންމެ ދުވަހަކު ވެސް ކޮއްކޮގެ މޫނު މި ރުމާލުން ފޮހެލާށެވެ. އޭރުން، ކޮއްކޮގެ ވިޔަފާރީގެ ބަރަކާތް ލައްވައި ވިޔަފާރި އިތުރަށް ކުރިއަށް ދާނެއެވެ.

ބޭބެ ދިން ރުމާލުގައި ހިފައި، ބޭބެ ބުނި ފަދައިން، އެއިން، ސޭޓު، އޭނާގެ މޫނު ފޮހެލިއެވެ. އެ ވަގުތު ސޭޓު ހޭ ހުސްވެގެން ވެއްޓުނެވެ. ރުމާލުގައި އުނގުޅާފައި ހުރި ކުލޯރޯފޯމު ފަދަ ކީމިޔާއީ މާއްދާއެއްގެ ސަބަބުންނެވެ. ދެން، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަގުންގެ ޖަމާއަތުގެ އެހެން މީހުން އެއްކަލަ ސޯލިހުކަމަށް ހެދިގެން އުޅުނު ބޭބެއާ ބައިވެރިވެ، ފިހާރައިން އެމީހުން ބޭނުން ވަރަކަށް ވަގަށް ރަން ނަގައިގެން ދިޔައެވެ!

ރަން ފިހާރައިން ވައްކަން ކުރިތާ މިހާރު ފަސް އަހަރު ހަމަވަނީއެވެ. އޭރު، ސޭޓު ވަނީ، އެގޮތް މިގޮތުން މަސައްކަތްކޮށްގެން، އޭނާގެ ވިޔަފާރި އަނެއްކާ ވެސް ކޮޅަށް ނަގައިފައެވެ. ދެން، އެހެން އުޅެނިކޮށް، އެއްދުވަހު، ފިހާރައަށް، ފުލުހުންގެ ބަޔަކު އައެވެ. އެއްކަލަ ސޯލިހު ބޭބެ ގައިގައި ހިލިހިލާ ޖަހައިގެން އެބޭބެ ގޮވައިގެންނެވެ. ފުލުހުން ތިބީ ހަތިޔާރު ވެސް އަޅައިގެންނެވެ. ފުލުހުންގެ ތެރެއިން އިސްކޮށް ހުރި މީހާ ސޭޓު ގާތު ބުންޏެވެ. މީގެ ފަސް އަހަރު ކުރިން މި ފިހާރައަށް އައިސް މީނާ ވައްކަން ކުރި ނޫން ހެއްޔެވެ؟ މިއަދު މިއައީ މީނާގެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ވެގެން، އޭނާ ވައްކަން ކުރި ގޮތުގެ ވާހަކަ އޭނާ ލައްވައި ކިޔުއްވައި އޭނާ ލައްވައި އެކަން ތަމްސީލުކޮށް ދެއްކުމަށެވެ.

ދެން، ސިފައިންގެ މީހާ ހިލިހިލާ ޖަހާފައިވާ ސޯލިހު ބޭބެއަށް ބުންޏެވެ. "ކަލޭ ކަންތައް ކުރި ގޮތުގެ ވާހަކަ ސާފުކޮށް ކިޔައިދޭށެވެ!" ޖަވާބުގައި އޭނާ ބުންޏެވެ. "އަޅުގަނޑު ސޭޓު އަތަށް ރުމާލެއް ދިނީއެވެ. އަދި އެ ރުމާލުން ސޭޓު މޫނު ފޮހެން ބުނީއެވެ. ރުމާލުގައި ހުންނާނީ ހޭނެތޭ ކަހަލަ ކީމިޔާއީ މާއްދާއެއް އުނގުޅާފައެވެ." މިހެން ބުނެފައި، ވަރަށް ވެސް އުނދަގުލުން، އޭނާއަށް ދިއްކޮށްލެވެން އޮތް ގޮތަކަށް، ފޮތިކޮޅެއް ސޭޓަށް ދިއްކޮށްލިއެވެ.

އެ ފޮތިކޮޅުގައި ސޭޓު ހިފުމުން، ފުލުހުންގެ އިސް މީހާ ސޭޓަށް ބުންޏެވެ. "ސޭޓު ދެން ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟" ދެން، ތިމަންނާ އެ ރުމާލުން މިހެން މޫނު ފޮހެލީއޭ ބުނެ، ސޭޓު މޫނުމަތީގައި އެ ފޮތިކޮޅު އުނގުޅާލިއެވެ. އެ ވަގުތު އަނެއްކާ ވެސް ސޭޓު ހޭނެތިގެން ވެއްޓުނެވެ.

ވަގުންގެ ޖަމާއަތުގެ މީހުން، ފުލުހުންގެ ހެދުން ބަދަލުކޮށްލައި، ސޯލިހު ބޭބެގެ ހިލިހިލާތައް ނައްޓާލައި، ރަން ފިހާރައިން ވައްކަން ކުރުމަށް އަވަސްވެގަތެވެ. އަދި، އަނެއްކާ ވެސް ރަންފިހާރައިން ގެންދެވެން އޮތް އެއްޗެއް ހިފައިގެން ވަގުންގެ ޖަމާއަތުގެ މީހުން ދުވެ ފިލިއެވެ.

އާދެ، މި ވާހަކަ ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ މިއަދުގެ ސިޔާސީ ހާލަތެވެ. ސިޔާސީ ޕާޓީތަކަކީ ވާހަކައިން ފެނިގެން ދިޔަ ވަގުންގެ ޖަމާއަތް ފަދަ ބަޔެކެވެ. ފަސް އަހަރުން އެއްފަހަރު ރައްޔިތުންގެ 'ރަން ފިހާރައިން' ވައްކަން ކުރުމަށްޓަކައި ސޯލިހު ބޭބެ ހެދިގެން ރައްޔިތުންގެ ކައިރިއަށް އައިސް ރައްޔިތުން މޮޔަ ހައްދައެވެ. އަދި، އެންމެ ހެއްވާ ކަމަކީ، ކޮންމެ ފަހަރަކު ވެސް، ރައްޔިތުން ވެސް މޮޔަ ހެދޭ ކަމެވެ. ގައުމު ބިނާކުރުމުގެ އެއްވެސް ގާބިލު ކަމެއް، ސިޔާސީ ވަގުންގެ ކިބައިގައި ނެތްކަން ކުރިމަތިން ފެނި، ސާބިތުވެފައި އޮތް ކަމުގައި ވިޔަސް ވެހެވެ. ފަސް އަހަރު ނިމޭއިރު، 'ރަން ފިހާރައިން’، އާދެ، ދައުލަތުގެ ޚަޒާނާއިން، އެކި އެކި ނަންނަމުގައި، ހިތަށް އެރި އެއްޗެއް ނެގުން ނޫން ކަމެއް ނުކުރެވޭކަން ފެންނަން އޮތް އިރު ވެސް މެއެވެ. ބަދަލު ދިނުމާއި ދަތުރުތައް ކުރުމާއި އަމިއްލަ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމާއި އަމިއްލަ ދަރިންނާއި ގާތް މީހުންނަށް ބޭރުންނާއި އެތެރޭން ބޮޑެތި ވަޒީފާތައް ދިނުމާއި ޖޫރިމަނާކޮށް މިލިޔަނުން މިލިޔަނުން ފައިސާ ނެގުމާއި މި ނޫން މާ ބޮޑު ކަމެއް ނުކުރެވޭކަން ފެންނަން އޮތް އިރު ވެސް މެއެވެ. މީގެ އިތުރުން، އެކިއެކި ކޮމިޓީތައް ހަދައި، އެތަނަށް ގާތް މީސްމީހުންލައި އެމީހުންނަށް ފައިސާ ބަހައި، އެކަން ނިމުމުން އެ ކޮމިޓީތައް އުވާލައެވެ. އިހުގެ މިވެނި އެވެނި ކަމެއް ތަހުގީގުކުރަނީއޭ ކިޔައި، އެ ތަހުގީގަށް ޖަވާބުދާރީވާން ޖެހޭ އެކަމާ ސީދާ ބެހޭ މީހުން މީގެ އެތަކެއް އަހަރު ކުރިން މި ދުނިޔެ ދޫކޮށްފައިވާ އިރު، 'ރަންފިހާރައިން’، އާދެ، ދައުލަތުގެ ޚަޒާނާއިން އަދިވެސް އިތުރަށް ނެގެން އޮތް އެއްޗެއް ނަގަމުން ދާއިރު ވެސް މެއެވެ! މީގެ އިތުރުން، މިކަން ދާއިމީ ސިފައެއްގައި ކުރުމުގެ އެދުމުގައި 'ރަންފިހާރަ' ބެލެހެއްޓުން ބޭރު ބަޔަކާވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވެސް މެއެވެ.

މިހެން ކަންތައް ދިމާވަނީ ކީއްވެބާވައޭ ސުއާލުކޮށްފާނެއެވެ؟ ކުރު ޖަވާބަކަށް ބުނެވެން އަންނަނީ، ވަގުންގެ ޖަމާއަތް ފަދަ، ސިޔާސީ ޕާޓީތަކަށް 'ރަން ފިހާރަ' ހިތަކަށް ލިބިފައި އޮތީ ތަނުގައި، އާންމުންގެ މެދުގައި، ފަސާދަ އާންމުވެފައި އޮތްލެއް ބޮޑުކަމުންނެވެ. ބަދުއަޚުލާގީ އަމަލުތައް ފާޅުގައި ހިންގަމުން ދިޔުމެވެ. ވައްކަމާއި ފޭރުން އާންމުވެފައި ވުމެވެ. މީހުން މެރުމާއި މަރާމާރީ ހިންގުމަކީ ބޮޑު ކަމަކަށް ނުވުމެވެ. ރިޝްވަތު ދީގެން މެނުވީ އެއްވެސް ކަމެއް ކުރެވޭ ގޮތް ނުވުމުން، ރިޝްވަތު ދިނުމާއި ހިފުން އެއީ ކުރަން ޖެހޭ ކަމެއްކަމުގައި އާންމުންނަށް ގަބޫލުކުރެވިފައި އޮތުމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުން އެއީ މައްސަލައަކަށް ނުވުމެވެ. ތަނުގެ ޝަރުއީ ނިޒާމަކީ ކުޅޭކުޅޭ ނިޒާމަކަށް ވުމެވެ. އެކަމުގެ ސަބަބުން ކުށްވެރިނަކީ ކުށްވެރިން ނޫންކަމުގައިވެ، ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން ދާދި ފަސޭހައިން ސަލާމަތްވުމެވެ. މި ދަރަޖައަށް ކަންތައް ދިޔުމުން، ކީރިތި ގުރުއާނުގައި އިޝާރަތްކުރެވިފައިވާ ފަދައިން، ހެޔޮ ގޮތް ފެނުމުން މީހުންގެ ހިތްތައް ބަންދުވެ، ލޯތައް ކަނުވެދެއެވެ. އަދި ހެޔޮ ބަސް އަޑުއިވުމުން ކަންފަތްތައް ބީރުވެދެއެވެ. ކޮންމެ މީހަކަށް ވެސް މުހިއްމުވަނީ ވަގުތީ ގޮތުން ލިބެން އޮންނަ ފައިދާއެވެ. މިހެން ވުމުން، ތަނުގެ ވެރިންނަށް ވަގުންގެ ޖަމާއަތްތަކުގެ މީހުން ހަމަޖެހޭ ގޮތް މެދުވެރިވެއެވެ. އަދި، އެ ފަދަ މީހުންގެ އަތްމަތީ ތަނުގެ ހަލާކައި ނިމުން އާދެއެވެ.

މިކަމުން ސަލާމަތްވާ އެދޭ ނަމަ، އެންމެ ފުރަތަމަ ޖެހޭނީ އާންމުން އިސްލާހުވާށެވެ. ރަނގަޅަކީ ރަނގަޅު ކަމަށް ދެކޭން ޖެހެއެވެ. އަދި، އޭގައި ގަދައަށް ހިފަހައްޓަން ޖެހެއެވެ. ހަމަ އެހެންމެ ނުބަޔަކީ ނުބައިކަމަށް ދެކެން ޖެހެއެވެ. ކޮންމެ މީހަކު އެކަން ކުރިކަމުގައި ވިޔަސް ވެހެވެ. އެ ގޮތަށް ކަންތައް ކުރެވޭ ނަމަ، ހިތްތަކައި ލޯތައް ހުޅެވޭނެއެވެ. އަދި، ތިމާއަކީ 'ހެޔޮ އަމަލޭ' ކިޔައިގެން، ރަންފިހާރައިން ވައްކަން ކުރަން އަންނަ 'ސޯލިހު' މީހުންގެ ވާހަކައަކަށް ހެއްލިދާ ގޮތެއް ނުވާނެއެވެ!

ކުރިއަށް މިއޮތީ ރޯދަ މަހެވެ. މި ނަންގަތްހެން އިސްލާހުވުމުގެ ރަނގަޅު ފުރުސަތެކެވެ. ތިމާމެންގެ އަމިއްލަ ނަފްސުތައް ހޭލައްވާލައްވައި ރަންފިހާރައިން ވައްކަން ކުރަން އުޅޭ ވަގުން ހުއްޓުވުމަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
92

7 Responses

  1. އެބައެއްގެ މައްޗަށް ލައްވާނީ އެބަޔަކު ކަހަލަ ވެރީންނެވެ. ޤައުމު މިއޮތީ ވަގުންނާއި ޕާޓޭއިންގެ އަތްމަތީގައެވެ. ތެދެކެވެ. ކުށްކުރިޔަސް ކުށްވެރިން މާވަރުގަދަ އެވެ. 100 އަށްވުރެ ގިނަ ކިލޯ އަތުލިއިރު އެންމެ ބޮޑުމީހާ ހަމަ އެދުވަހު ދޫކޮށްލީއެވެ. ކޯޓު އަމުރުވެސް ފޮރުވީއެވެ. އަދި އެންމެ އިސްކޮށް އެތަކެތި އެތެރެކުރި ދެމީހުން ކަމަށް ފުލުހުން ބުނި ޝިެުހާނާއި މިދުހަތު އަށް ދައުވާ ކުރަނީ 3 އަހަރު ދުވަހަށްވުރެ ބޮޑު ހުކުމެއް ނާންނަ ގޮތަށް ފަރުވާ ދޭ ގޮތަށެވެ. ކެނަބިސް ބޭނުންުކުރި ކަމަށް ބުނެއެވެ. އެކަމަށް ގާނޫނުގަ ދެވޭ އެންމެ ބޮޑު އަދަބަކީ 3 އަހަރަށް ޖަލަށްލުމެވެ. ނުވަތަ ކޮމިއުނިޓީ ފަރުވާ އެެެެެެެެެވެ އެމީހުންގެ ޝަރީއަތަށް ނޫސްވެރިންވެސް ނުވައްދައެވެ. އެހެންވީމާ މޮޅު ވާހަކަ ދައްކަނީ ފިސާރަ ރަނގަޅަށް ވަގުން ލައްވާ ކުށް ކުރުވައި ރަންފިހާރަ ދޮވެލުމަށެވެ.

    1. ކުރިމިނަލް ކޯޓުގެ ގާޒީއެއް ކޯޓު އަމުރު ފޮރުވީ. ނޫސްތަކުގަ އޮތް އެހެން. އެއީ އަންހެން ގާޒީއެއް. ގާޒީގެ މައްސަލައެއްތަ އެއީ ނޫނީ ރަންފިހާރަގެ މައްސަލައެއްތަ؟ ފެހިކުލައިގެ ޕެކެޓުގަ ހުރި އެމަސްތުވަތަކެތީގެ މައްސަލާގަ ހައްޔަރުކުރި މިދުހަތު އަކީ ސިޔާސީ ބޭފުޅެއްގެ ޅިޔަނު. ދެން އަނެއްކާ ހެއްވާ ކަމަކީ އިއްޔެ އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގަވެސް ސީޕީ އާންމުކުރި ފޮޓޯގަ ފެންނަން ހުރި ތިބުނާ މިދުހަތު ހައްޔަރުކުރި އިރު ފެނުނު ޕެކެޓުތައް. އެހެންވީމަ މަސްތުވާ ބިޑެތި އަދަދުތަކުން ސަމާނު ގެންނަނީވެސް ރަންފިހާރައިގެ ބައިވެރިންނާ ގުޅުންހުރި ބައެއްކަން އެބަ ދޭހަވޭ. މިދުހަތު އަކީ މިސަރުކާރުގެ ނުފޫޒު ހިނގާ މީހެއްގެ ޅިޔަނު.

  2. ލަނޑަޔާ ވާނީ ލަނޑަޔާއަށެވެ. ބޭބެ ވަގުންނާ ބައިވެރިވެ ރަންފިހާރައިގަ ހުރި ހުރިހާ ރަނެއް އެނެގީ އެވެ. ދެނެއް އިންޝާﷲ އެފުރުޞަތެއް ނުދޭނަމެވެ.

  3. ދެން ނުހެއްލޭނަން ވޯޓު ހޯދަން އަންނަހާ މީހަކު ކިޔާ އެއްޗަކަށް. ރާއްޖެ ސަލާމަތްކުރެވެނީ އަހަރެމެން އެންމެން މަސައްކަތް ކޮއްގެން. ރާ ބުއިމާ ޒިނޭކުރުމަކީ ރީތި ކަމަކަށް ވެއްޖެ. މަންމާ މިއީ މައި ބޯއިފްރެންޑޭ ކިޔާފަ ދައްކާއިރު މައިންނަކަށް މައްސަލައެއް ނޫން އެއީކީ…އަހަރެމެންގެ ދަރިންތައްވެސް ރަންފިހާރައާ ހަވާލުވި މީހުން ގެނައި ބަދަލު ތަކުގެ ސަބަބުންއޮޔާ ގޮއްސި. ޒިނޭވެސް ފެޝްނަކަށް ވެއްޖެ. ނުފޫޒު ގަދަ މީހަކު ބިލިއަން ރުފިޔާ ވަގަށް ނެގިޔަސް އޭނާ އަށް އޮތީ އަރާމުގަ އޭނަގެ ގޭގަ އުޅުން. މިދައްކަނީ އެންމެ ބޮޑު ސިއްރު އެމްއެމްޕީއާރުސީގެ ވާހަކަ. އަދީބު ވައްކަން ކުރިކަމަށް އިއުތިރާފު ބަޔާން ދީފި. ނަމަވެސް އޭނަ އެއޮތީ ގޭގަ. އެކަމަކު ފިހާރައަކުން ވަގަށް ސެންޓުފުޅި ނެގި ކުއްޖާ 6 އަހަރު ޖަލުގަ. ކޮބާ އިންސާފު. އިންސާފަކީ ތިބުނާ ރަންފިހާރަ ހިންގުމާ ހަވާލުވެ ތިބޭ މީހުންނަށް އެކަނި އޮންނަ އެއްޗެއްތަ؟

    1. ރަނގަޅު. އެކަން ކުރެވޭނީ އެންމެން ވެސް އެކުގައި މަސައްކަތް ކޮށްގެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.