Support Us

ކޮލަމް މާޒީ: މުނާފިޤު ޑިމޮކްރެސީ

އިސްލާމް ދީނަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ މުނާފިޤުންގެ ނުރައްކަލެވެ. ކާފިރުންގެ ނުރައްކަލެއް ނޫނެވެ. އެހެނީ ކާފިރުންނަކީ ކާފިރުންކަން މުސްލިމުންނަށް އެނގޭނެއެވެ. އެ މީހުން އެކަން ސިއްރުކުރާކަށް ނޫޅޭނެއެވެ. އެ މީހުން ޣައިރު މުސްލިމުންގެ ގޮތުގައި ތިބެނީ އެއީ އެ މީހުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ދެކެގެންނެވެ. ކާފިރުންނަކީ މުސްލިމުންނަށް ހެދިގެންނެއް ނޫޅޭނެއެވެ. އެހެންވީމާ، އެ މީހުންނަކީ އެ މީހުންކަން އެނގިގެން އުޅޭން މުސްލިމުންނަށް އެނގޭނެއެވެ. މިއާ ޚިލާފަށް މުނާފިޤުންނަކީ ބޭރުފުށުން މުސްލިމުންކަމުގައި ހެދިގެން މުސްލިމުންނާ އެކުގައި، މުސްލިމުންގެ ތެރޭގައި އުޅޭ ބަޔެކެވެ. ނަމަވެސް އެމީހުންގެ ހިތުގައި އޮންނަނީ މުސްލިމުންނާ ދެކޮޅުވެރިކަމެވެ. ކާފިރުކަމެވެ. އެ މީހުން ވާގިވެރިވާނީ ޣައިރު މުސްލިމުންނަށެވެ. މުސްލިމުންގެ ސިއްރުތައް ހޯދައިގެން ކާފިރުންނަށް އެ މީހުން އެ މައުލޫމާތު ގެންގޮސްދޭނެއެވެ. މި ފަދަ މީހުންގެ ނުރައްކާތެރިކަން ބޮޑުވަނީ އެހެންވީމައެވެ.

މި ގޮތުން ބަލާއިރު ފާޅުގައި ޚުދުމުޚުތާރު ޤައުމުތަކުގައި އޮންނަނީ ޚުދުމުޚުތާރު ސަރުކާރެއްކަން އެ ޤައުމުގެ ރައްޔިތުންނަށް އެނގޭނެއެވެ. އެހެންކަމުން ރައްކާތެރިވެގެން އުޅޭން ރައްޔިތުންނަށް އެނގޭނެއެވެ. ނަމަވެސް ޑިމޮކްރެސީގެ ނަމުގައި ހިންގާ ޚުދުމުޚުތާރު ސަރުކާރުތަކަކީ ރައްޔިތުންނަށް ވަރަށް ނުރައްކާތެރި ވެރިކަމެކެވެ. މި ފަދަ ވެރިކަމެއްގައި ނަމަ، ޑިމޮކްރެސީގައި ހުންނަ ހުރިހާ މުއައްސަސާތަކެއް ހަދައިފައި ހުންނާނެއެވެ. ދުނިޔޭގެ ޑިމޮކްރެސީއެއްގައި ހުރި ނަމަ ހުރި ހުރިހާ މުއައްސަސާތަކެކެވެ. ނަމަވެސް އެއިން ކޮންމެ ތަނަކުންވެސް ޢަމަލުކުރާނީ ޚުދުމުޚުތާރު ވެރިޔާ އަންގާ ގޮތަކަށެވެ. ލިޔެވިފައިވާ ޤާނޫނުތަކުގައި ހުންނަ ގޮތަކަށް ނޫނެވެ.

މި ދެންނެވި ފަދަ ޚުދުމުޚުތާރު ވެރިކަން ހިންގާ ޤައުމުތަކުގައި ލިޔެވިފައިވާ ޤާނޫނު އަސާސީއަކާއި އެތައް ބައިވަރު ޤާނޫނުތަކެއް ހުންނާނެއެވެ. ނަމަވެސް އެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ހަމައެކަނި ބޭނުންކުރާނީ ވެރިކަން ދިފާޢުކުރާށެވެ. ވެރިކަމުގައި ތިބޭ މީހުން ބޭނުންވާ ކަމެއް ކުރާންވީމާ ޤާނޫނުއަސާސީއެއް ޤާނޫނެއް ނުބަލާނެއެވެ. މި ފަދަ "ޑިމޮކްރެސީ"އަށް ކިޔާން އަޅުގަނޑަށް އެންމެ ރަނގަޅު ނަމަކީ "މުނާފިޤު ޑިމޮކްރެސީ"އެވެ. މިއީ ޚުދުމުޚުތާރު ވެރިކަމުގެ އެންމެ ނުރައްކާތެރި ވައްތަރެވެ.

މުނާފިޤު ޑިމޮކްރެސީތަކުގައި ލިޔެފައި އޮންނަ ޤާނޫނު އަސާސީގައި، އެ ތަނެއްގައި އޮންނަނީ ރިޔާސީ ވެރިކަމެކޭ، ނުވަތަ ކޮންމެ ވެސް އެހެން ނަމެއް ކިޔާ ވެރިކަމެކޭ ލިޔެފައި އޮވެދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް ވެރިކަން އޮންނާނީ އެ މީހުންގެ ވެރިކަން ޙިމާޔަތްކޮށްދޭ ބޭރުގެ ގައުމަކަށް ހިބައިން ދީފައެވެ. ހަގީގަތުގައި ވެރިކަން ކުރާނީ އެ ބިދޭސީންނެވެ. ރައީސަކަށް ހުންނަ މީހާއަކީ ބަރުލަމާނީ ވެރިކަމެއްގައި ރައީސަކަށް އޮންނަ ދައުރު އަދާކުރާން ހުންނަ މީހެކެވެ. އެއީ ރަސްމިއްޔާތުތަކާއި އިޙުތިފާލުތައް ފަޅުފިލުވާން ހުންނަ މީހެކެވެ. ރައީސަކަށް ހުންނަ މީހަކަށް އޮންނާނީ އެ މީހުންގެ މައްޗަށް ބާރު ހިންގާ ގައުމުގެ ސަފީރު އަންގާ ކަންކަން ރަސްމީކޮށްލުމަށް ޓަކައި ބުނާ ކޮންމެ ކަމެއް ކުރުމާއި ދައްކާ ކޮންމެ އެއްޗެއްގައި ސޮއިކޮށްލުމާއި ލިޔެފައި ދޭ އެއްޗެއް ކިޔައިލުމެވެ.

މުނާފިޤު ޑިމޮކްރެސީއެއްގައި ނަމަ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި އޮންނަ ކަމަށް ޤާނޫނާއި ޤާނޫނުތަކުގައި ލިޔެފައި އޮންނާނެއެވެ. ނަމަވެސް ސަރުކާރުން ކުރާ ޤާނޫނާ ޚިލާފު ކަންކަމާއި ސަރުކާރުން ހިންގާ ކޮރަޕްޝަންތަކާ ދެކޮޅަށް ވާހަކައެއް ދައްކައިފާނެހެން ހީވާނަމަ، އެ ފަދަ އެއްވުމަކަށް ފުރުޞަތެއް ނުދޭނެއެވެ. އަދި އެ ފަދަ އެއްވުމެއް ބާއްވާން ކަނޑައަޅައިފައި އޮންނަ ގަޑިއަށް ސްކޫލްތަކުން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ބެލެނިވެރީންގެ ބައްދަލުވުންތައް ވެސް ބާއްވާނެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ވެސް ހިންގާނީ ސިޔާސީ ޙަރަކާތެވެ.

މުނާފިޤު ޑިމޮކްރެސީއެއްގައި ނަމަ، ކޮރަޕްޝަނާ އިދިކޮޅަށް މަސައްކަތްކުރުމުގެ ނަމުގައި ކޮމިޝަންތަކާއި ކޮމިޓީތަކާ ހަދައިފައި ހުންނާނެއެވެ. ނަމަވެސް ސަރުކާރުގެ ބޮޑަކު ކިތަންމެ ބޮޑު ކޮރަޕްޝަނެއް ހިންގިޔަސް އެކަން ބަލައި ފިޔަވަޅުއެޅުމުގެ ބާރެއް ނޯންނާނެއެވެ. އަދި ފަހަރެއްގައި ވެސް އެ ފަދަ ކަމެއް ބަލާން އުޅޭހެން ހީވިޔަސް އެ ބަޔަކަށް އިންޒާރުދީ، "ޤާނޫނުގެ ތެރެއިން" ވަކިކުރާނެއެވެ. ނުވަތަ އިސްތިޢުފާ ދޭން މަޖުބޫރުކުރާނެއެވެ.

މުނާފިޤު ޑިމޮކްރެސީގައި، ގިނަ ފަހަރަށް މަކަރާއި ޙީލަތާއި އޮޅުވައިލައިގެން ނުވަތަ ރިޝްވަތު ދީގެން ނަމަވެސް ވެރިއަކަށް ގެންނާނީ ގައުމަށް ކުލުނެއް އަދި ގައުމީވަންތަކަން އަމުދުން ނެތް، އެ ބަޔަކު ގަބޫލުކުރާ އަގީދާއަކަށް ވެސް ޙުރުމަތެއް ނެތް މީހެކެވެ. "އިންތިޚާބުގެ ނަމުގައި" ގިނަ ފަހަރަށް ވެރިކަމަށް ގެންނާނީ، ތަޖުރިބާއެއް ހުނަރެއް ޤާބިލުކަމެއް ނެތް ޖާހިލުންނެވެ. އެ ފަދަ މީހަކަށް ކުރީން ދުވަހަކު ވެސް އުންމީދު ނުކޮށް ހުއްޓައި "ރައީސްކަން" ނުވަތަ "ބޮޑުވަޒީރުކަން" ލިބިއްޖެ ނަމަ، ގައުމަށް ކޮންމެ ގޮތެއް ވިޔަސް އޭނާއަށް ވަރިހަމަވާނެއެވެ. އޭނާއަށް ލިބޭ މުސާރައާއި ޢިނާޔަތްތަކާއި ކޮރަޕްޝަނަށް ހުންނަ ފުރުޞަތުތައް ފަހިވެފައިވާނަމަ، އަދި ދުނިޔޭގެ ޢިއްޒަތާއި ޝާނާއި ޝައުކަތު ލިބިއްޖެ ނަމަ، އެ މީހަކަށް އެ ނިމުނީއެވެ. ނަމަވެސް ހިތާމައަކީ އޭނާ ނިސްބަތްވާ ގައުމު ބޭރުގެ ބާރުގެ ދަށަށް މުޅީން ދާ ހިސާބުން އެއްކަލަ ޚިޔާނާތްތެރިވި ރައީސް ނުވަތަ ބޮޑުވަޒީރަށް ދޭ އިޙުތިރާމާއި އަޅައިލުން ވެސް އެއް ކަލަ ބޭރުގެ ބާރުން ދޫކޮށްލާނެކަމެވެ. މިއަދު އުތުރުކަރައިގެ ސްޓޭޓަކަށް ހަދައިލައިފައިވާ "ސިއްކިމް"ގެ ޣަދަރުވެރި، ޚިޔާނާތްތެރި ވެރި މީހާއަށް ވީ ގޮތް ތާރީޚުން ފެންނާން އެބަހުއްޓެވެ. "މުނާފިގު ޑިމޮކްރެސީ"އިން ދައްކާ ހިތާމަވެރި ހަގީގަތަކީ މިއީއެވެ.

މި ދެންނެވި ފަދަ، "މުނާފިޤު ޑިމޮކްރެސީ"ތަކުގައި ދިފާޢީ ބާރުތަކުގެ ހަމައެކަނި މަސައްކަތަކަށް އޮންނާނީ، ސަރުކާރުގެ ވެރީން ޙިމާޔަތްކުރުމާއި، ސަރުކާރާ ދެކޮޅު ޚިޔާލު ފާޅުކުރާ މީހުންނަށް ދުއްތުރާކުރުމެވެ.

އެންމެ މަޖާކަމަކީ މި ބާވަތުގެ ޑިމޮކްރެސީތަކުގައި ވެސް ޢަދުލުއިންސާފާއި ހަމަހަމަކަމުގެ ނަމުގައި ބޮޑު މުސާރަ ދީފައި ފަނޑިޔާރުންނާއި އެޓާރނީން ތިބޭކަމެވެ. އަދި ދަޢުވާކުރާން ބަންޑާރަ ދަޢުވާވެރިޔަކު ވެސް ހުންނާނެއެވެ. ނަމަވެސް މި ބަންޑާރަ ދަޢުވާވެރިޔާގެ މަސައްކަތަކަށް އޮންނާނީ، ސަރުކާރުގެ ޣައިރުޤާނޫނީ ޢަމަލުތަކަށް ފާޑުކިޔާ މީހުން ގޮޅިއަކަށް ފެއްތޭނެ ގޮތެއް އޮތްތޯ ދިރާސާކޮށް މައްސަލަތައް އުފައްދައި އެ ފަދަ މީހުންގެ މައްޗަށް ދައުވާ ކުރުމެވެ. އަދި ހެކީންގެ ގޮތުގައި "ވަޒީފާ ދީފައި ތިބޭ" ބަންޑާރަ ހެކިވެރީން ވެސް ތިބެދާނެއެވެ. ސަރުކާރުން ބޭނުންވާ ކޮންމެ މައްސަލައެއްގައި ސަރުކާރުން ބުނާ ކޮންމެ ގޮތަކަށް އެ މީހުން ހެކިބަސް ދޭނެއެވެ.

ނަމުގައި "މިނިވަން" ފަނޑިޔާރުގެއެއް ވެސް މި ފަދަ "މުނާފިޤު ޑިމޮކްރެސީތަކުގައި" އޮންނާނެއެވެ. ނަމަވެސް އެ މީހުން އިއްވާ "ޙުކުމް" އެއީ ވަކި ބަޔަކު ލިޔެފައި ދޭ އެއްޗެއް ކަމުގައި ގިނަ ފަހަރަށް ހަދާނެއެވެ. މި ފަދަ "އިންސާފުވެރި" ފަނޑިޔާރުގެއެއްގެ އެންމެ ފުރިހަމަ ނަމޫނާއެއް ތާރީޚުން ފެންނާން އޮތީ ލޫޠުގެފާނުގެ ޒަމާނުގައި ޞަދޫމު ސަހަރުންނެވެ. އެ ތާނގައި "އިންސާފު" ލިބޭނީ ގިނައިން ރިޝްވަތު ދިން މީހަކަށެވެ.

"މުނާފިގު ޑިމޮކްރެސީ"ތަކުގައި ބަރުލަމާނެއް ވެސް އޮންނާނެއެވެ. ބަރުލަމާނަށް އިންތިޚާބުގެ ނަމުގައި ގެނެސްފައި ތިބޭނީ ސަރުކާރަށް ސަނާ ކިޔާ ޖާހިލުންނެވެ. އެ މީހުންނަށް އޮންނާނެ ކަމަކީ ސަރުކާރުން ބޭނުންވާ ކޮންމެކަމެއް "ފާސް"ކޮށްލުމަށް ޓަކައި އަތް ހިއްލައިލުމެވެ. އެއީ ކޮންފަދަ ކަމެއްތޯ ވިސްނާކަށް ވެސް ނުޖެހޭނެއެވެ. ހަމައެކަނި ބަލައިލާނީ އެއީ ސަރުކާރުން ހުށަހެޅިކަމެއްތޯއެވެ. ރައްޔިތުންނަށް ވާނެ ގޮތެއް ނުވިސްނާނެއެވެ. ޤާނޫނުއަސާސީ ލިޔެފައި އޮތަސް ގާނޫނުއަސާސީއާ ޚިލާފު ކަންތައްތަކެއް ސަރުކާރުން ކުރިޔަސް ބަރުލަމާނީން އެ ކަމަށް ތިބޭނީ ލޯ މަރައިލައިގެން ބީރު ކަންފަތެއް ދީގެންނެވެ. އަދި މި ފަދަ ސަރުކާރުތަކުގައި ހަގީގަތުގައި އެއްވެސް އާރެއް ބާރެއް ނޯންނާނެއެވެ. އެ ސަރުކާރު އޮންނާނީ ބޭރުގެ ބާރެއްގެ "ގޮނޑިކޮއްކޮއެއް"ގެ ގޮތުގައެވެ. ސަރުކާރުގެ ވެރިޔާއަށް އަމުރުކުރާނީ އެ ގައުމުގައި ހުންނަ ބޭރު ގައުމެއްގެ އެޖެންޓެކެވެ. މި ފަދަ މުނާފިގު ޑިމޮކްރެސީތަކުގައި ސަލާމަތީ ބާރުތަކެއްގެ ނަމުގައި މުސާރައާއި އިނާޔަތްތައް ދީފައި ތިބޭ ބަޔަކު ތިއްބަސް އެ މީހުން އަމަލުކުރާންޖެހޭނީ ބޭރުގެ ބާރެއްގެ ސިފައިން ބުނާ ގޮތަކަށެވެ. އެ ނޫން އެއްވެސް ބާރެއް "މުނާފިގު ޑިމޮކްރެސީ"ގެ "ސަލާމަތީ ބާރު"ތަކަކަށް ނޯންނާނެއެވެ.

މި ފަދަ "މުނާފިގު ޑިމޮކްރެސީތައް" އޮންނަ ހުރިހާ ގައުމެއް އިގުތިސާދީ ގޮތުން ކުރިއަރައިފާނެ ހުރިހާ ދޮރުތަކެއް، ބޭރުގެ ބާރަކުން އޮންނާނީ ބަންދުކޮށްފައެވެ. މިއީ އެހާރާއި މިހާރުގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަ ބާވަތުގެ ޑިމޮކްރެސީތަކެކެވެ. ދުނިޔެއަށް ފެންނާނީ "ޑިމޮކްރެސީ"ގެ ނަމުގައެވެ. ނަމަވެސް ސީދާ ޚުދުމުޚުތާރު ރަސްކަންތަކުގައި ރައްޔިތުންނަށް ލިބޭ ފަދަ މިނިވަންކަމެއް ވެސް މުނާފިޤު ޑިމޮކްރެސީތަކުގައި ރައްޔިތުންނަކަށް ނުލިބޭނެއެވެ.

މިއީ ޖާހިލިއްޔަ ޒަމާނުގައި ދުނިޔެ ދެކެފައިވާ ބާވަތުގެ ވެރިކަންތަކެއް ކަމަށް ވީ ފަދައިން މިއަދު ވެސް މި ފަދަ "މުނާފިޤު ޑިމޮކްރެސީ"ތައް ދުނިޔޭގެ އެކި ބައްރުތަކުން އަދި ޚުދު އޭޝިއާ ބައްރުން ވެސް ފެންނާން އެބަ ހުއްޓެވެ. މި ފަދަ މުނާފިޤު ޑިމޮކްރެސީތަކުން ރައްޔިތުންނަށް ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކަށް އޮންނާނީ ރައްޔިތުން ހޭލުންތެރިވެގެންނެވެ. ރައްޔިތުން ހޭލުންތެރި ބަޔަކަށްވާތީ އެ ރައްޔިތުންނަކީ ހުސް ހިތަކައިގެން ކިޔުންތެރިކަމަށް ލޯބިކުރާ ބަޔަކަށް ވެގެންނެވެ. އެހެން ނޫންނަމަ، ރައްޔިތުންނަށް ނޭނގި ތިއްބައި އެ ރައްޔިތުން ނިކަމެތިވެ ބޭރު ބަޔެއްގެ އަތްމައްޗަށް އެ ބައިމީހުންގެ ހުރިހާ ކަމެއް ދިޔުމަކީ ދާދި ގާތުގައި އޮންނާނެ ކަމެކެވެ. ކޮންމެއަކަސް ޚުދުމުޚުތާރު ވެރިކަމަށްވުރެ، "މުނާފިޤު ޑިމޮކްރެސީ"ތަކުގެ ގެއްލުމާއި ނުރައްކާ މާ ބޮޑެވެ. ކާފިރުންނަށް ވުރެ މުނާފިޤުންގެ ނުރައްކާތެރިކަން ބޮޑު ފަދައިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
9

One Response

  1. ވަރަށް ފުރިހަމަ ލިޔުމެއް. ވަކި ގައުމެއްގެ ނަން ނުޖައްސަވާ މި ދޫނި ރާއްޖެ ނުވަތަ ބަނާނާ ރިޕަބްލިކާއި މިގައުމުގެ ރައީސް ގެ ވާހަކަ ގެނެސްދެއްވާފައި ތިއޮތީ ވަރަށް ފުރިހަމަކޮށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *