Support Us

ދުވަސްތައް ވޭތުވާން ދޫކޮށްލާށެވެ.

ދުވަސްތައް ވޭތުވެ ބޭނުންގޮތެއް ވާން ދޫކޮށްލާށެވެ. އަދި ޘާބިތުވެ ހުންނާށެވެ. އެހެނީ ޤަޟާގަދަރު ވަނީ ކަނޑައެޅިފައެވެ.

ރޭގަނޑާ ހަމަޔަށް ވެފައިވާ ކަންތަކަށް ބިރުނުގަންނާށެވެ. އެހެނީ ދުނިޔެވީ ކަންތަކަކީ ތާއަބަދަށް ދެމިގެންދާ ކަންތަކެއް ނޫނެވެ.

އަދި މުޞީބާތުގެ ވަގުތުގައި ޘާބިތު ހަރުދަނާ ފިރިހެނަކަށް ވާށެވެ. އަދި އޯގާތެރިކަމާއި ތެދުވެރިކަން ތިބާގެ ތަރުބިއްޔަތަށް ހަދާށެވެ.

މީސްތަކުންގެ ކުރިމަތީގައި ތިބާގެ ކުށްތައް މާގިނަ ވެއްޖެނަމަ، އަދި އެކަންތައް ތިބާ ވަންހަނާ ކުރުމަށް އެދޭނަމަ އެ ކަންތައްތައް އޯގާތެެރިކަމުން ވަންހަނާ ކުރާށެވެ. އެހެނީ ކޮންމެ ކުށެއްވެސް ފޮރުވިފައިވަނީ އޯގާތެރިކަމުން ކަމަށް ބުނެވެއެވެ.

އަދި ދުވަހަކުވެސް އެއްވެސް ދުޝްމަނަކަށް މަޑުމައިތިރިކަން ނުދައްކާށެވެ! އެހެނީ ދުޝްމަނެއްގެ ނުބައި ނިޔަތަކީ ވަރުގަދަ އިމްތިޙާނެކެވެ.

ދަހިވެތިކަމުން ދީލަތިކަމަށް އުންމީދެއް ނުކުރެވޭނެއެވެ. އެހެނީ ކަރުހިއްކައިގެންފައިވާ މީހަކަށް އަލިފާނުގައި ފެނެއް ނުވެއެވެ.

ދިރިއުޅުމުގެ ލަސްތަކަކާ ހުރެ ތިބާގެ ރިޒުޤް މަދެއް ނުވާނެއެވެ. އަދި ތިބާގެ އަވަސްވެގަތުމަކުން އިތުރެއްވެސް ނުވާނެއެވެ.

އެއްވެސް ހިތާމައެއް އަދި އުފަލެއް ދެމިގެން ނުދާނެއެވެ. އަދި ފަޤީރުކަންމަތީ ނުވަތަ މުއްސަނދިކަންމަތީ ތިބާ ދެމިއެއް ނުހުންނާނެއެވެ.

ތިބާގެ ހިތުގައި ނަފްސުގެ ފުދުންތެރިކަމެއް ވާނަމަ ތިބާއާއި ދުނިޔެ މިލްކުކޮށްފައިވާ މީހުންނާ އެއްވަރެވެ.

އަދި އުދަރެހުން މަރު އައިސްފައިވާ މީހާއަށް، އެއްވެސް ބިމެއް އަދި އުޑަކަށްވެސް އޭނާ ހިމާޔަތްކޮށެއް ނުދެވޭނެއެވެ.

ހަމަ ކަށަވަރުން ﷲ ގެ ބިން ތަނަވަސްވެގެން ވެއެވެ. ނަމަވެސް ޤަޟާގަދަރު އައިސް ފޭބުމުން ދުނިޔެ ކުޑަވެގެންދެއެވެ.

ދުވަސްތައް ވޭތުވެގެން ގޮސް ތިބާއަށް ބޭވަފާތެރިވާ އެއްޗަކަށް ހަދާށެވެ. އެހެނީ މީހަކަށް މަރުން ސަލާމަތްވުމަށް އެއްވެސް ބޭހެއް ނުވެއެވެ.

– އިމާމް ޝާފިޢީ (ރަހުމަޙުﷲ)ގެ ޅެމެއްގެ ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *