Support Us

ކުރު ވާހަކަ: ފިލްމެއް ބެލުމަށް ފަހު، ކުޑަކުއްޖަކުގެ ބޭނުންވި ކަންތައް

ކުޑަ ކުއްޖަކު އޭނާގެ މަންމައާއި ބައްޕައާ އެކު 'ރަސްގެފާނުގެ އަނބިއަނބިކަނބަލުންގެ ވާހަކަ’، މި ފިލްމު ބެއްޔެވެ. ފިލްމު ބަލާ ނިމުމުން، ކުޑަ ދަރިފުޅު މަންމަ ގާތު ބުންޏެވެ. "މަންމާއެވެ! ކޮއްކޮ ވެސް ބޭނުންވަނީ ރަސްކަލަކަށް ވާށެވެ. އަދި، އެއަށް ފަހު، ހަތް ޖާރިޔާއިން ގެނެސްގެން ގެންގުޅޭށެވެ!

ދެން މަންމަ، ސަމާސާ ރާގެއްގައި އެއްސެވެ. "ދަރިފުޅާއެވެ! އެއީ ކީއްކުރަން ހެއްޔެވެ؟"

ދެން ދަރިފުޅު ޖަވާބުގައި ބުންޏެވެ. "އެކަކު ހުންނާނީ ކޮއްކޮއަށް ކައްކައިދޭށެވެ. އަނެކަކު ކޮއްކޮގެ ހެދުން ދޮންނާށެވެ. އަނެކަކު ކޮއްކޮގެ ގަނޑުވަރު ސާފުކޮށް ބަލަހައްޓާށެވެ. އަނެކަކު ކޮއްކޮއަށް ލަވަކިޔައިދޭށެވެ. އަނެކަކު ކޮއްކޮ ރައްކާތެރިކަމާއެކު ބަލަހައްޓާށެވެ. އަނެކަކު ކޮއްކޮއާ އެކު ރޭގަނޑު ހޭލައި އިނދެ ވާހަކަ ކިޔައިދޭށެވެ! އަދި ދެން ހުރި ޖާރިޔާ ބަހައްޓާނީ ކޮއްކޮގެ ކާރު ދޮވެ ސާފުކުރާށެވެ!"

ދެން ހީނލާފައި މަންމަ އެއްސެވެ. އެއިން އެއް ޖާރިޔާއެއް ވެސް ދަރިފުޅު ކައިރީގައި ނިދަން ނުބާއްވާނަން ހެއްޔެވެ؟"

"ކޮއްކޮ ކައިރީގައި ނިދަން އޮންނާނީ މަންމައެވެ. އެއީ ކޮއްކޮ މަންމަ ދެކެ ލޯބިވާތީއެވެ." ދަރިފުޅު ޖަވާބު ދިނެވެ.

ދެން، އުފަލުން ފެންކަޅިވެފައި މަންމަ އެއްސެވެ. "ދެން ހުރިހާ ޖާރިޔާއިން ނިންދަވާނީ ކޮންތާކު ހެއްޔެވެ؟"

ދަރިފުޅު ބުންޏެވެ. "ހުރިހާ ޖާރިޔާއިން ވެސް ނިދަން ބާއްވާނީ ބައްޕަ ކައިރީގައެވެ!"

އެ ވަގުތު، އުފަލުން ފެންކަޅިވެފައި ބައްޕަ ބުނާ އަޑު އިވުނެވެ. "ދަރިފުޅާއެވެ! މާތްﷲ ދަރިފުޅަށް ދިގު އުމުރެއް ދެއްވާށިއެވެ!"