Support Us

ކޮލަމް ކޯދު: އެނގުމާއި ނޭނގުން، ކުރިއެރުމާއި ކުރިނޭރުން ގުޅެނީ ބޭރުފުށާ ކަމުގައިވުން!

އަސާސީ ގޮތެއްގައި، ދިވެހި ބަހުގެ ކުރިއެރުން ގުޅެނީ ތާނަ ލިޔުމުގައި ތިކި ޖެހުމާއި ނުޖެހުމުގެ މައްޗަށެވެ. ފަހަރެއްގައި ވެސް ވިސްނާ ފިކުރުކޮށް އެކަންކަން އިބާރަތްކޮށް، ލިޔެ ފާޅުކުރުމުގެ މައްޗަކަށް ނޫނެވެ. މިހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ހުރިހާ ކަމެއްވެސް އަޅުގަނޑުމެން މިނެކިރާ އުޅޭ މިންގަނޑަކީ ބޭރުފުށެވެ. ދެ ތިން މިސާލެއް ލިޔެލާނަމެވެ.

ބޭރުފުށަށް އިސްކަން ދެވިގެން ބަސްބަހާ ބެހޭ ކަންކަން ނިންމުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާ ކަމެއް ނޫނެވެ. މިއީ، 1950ގެ އަހަރުތަކުގެ ތެރޭގައި، އަލަށް، އާއްމު ގޮތެއްގައި، ރާއްޖޭގައި އިނގިރޭސި ބަސް ކިޔަވައިދޭން ފެށުނު ދުވަސްވަރު ދިމާވި ކަމެކެވެ. "ބޯއި" ކިޔާނޭ ގޮތުގެ މައްސަލައެވެ. އިނގިރޭސި ކުލާހުގެ ބައެއް ދަރިވަރުން ބުނަނީ އެ ލަފްޒު ކިޔާނީ "ބޯއި" މިހެން ކަމަށެވެ. އަނެއް ބަޔަކު ބުނީ "ބޯއި"ގެ "ބޯ" އެހާ ބޮޑަށް ދަމައިފައި ކިޔަން ނުޖެހޭނެ ވާހަކައެވެ. އަދި ކިޔަންވާނީ "ބޮއި"އާ ގާތްކޮށް ކަހަލަ ގޮތަކަށެވެ. އަދި އެހެން ކުދިބަޔަކު ބުނީ އެ ދެގޮތް ވެސް ރަނގަޅު ނޫން ކަމަށެވެ. ޞައްޙަ ގޮތަކީ ބާގައި އޮންނަ ފިލި އޮބޮފިއްޔަކާއި އޯބޯ ފިއްޔަކާ ދެމެދުން ކިޔައި ދެންއޮތް އަލިފު އެބެފިއްޔެއްހެން ކިޔުމަށެވެ. އާދެ، "ބޮއެ" ކިޔާ ކަހަލަ ގޮތަކަށް ކިޔުމަށެވެ. އެ ދުވަސްވަރު، މި މައްސަލަ ވަރަށް ބޮޑު މައްސަލައަކަށްވިއެވެ. އަދި، އިނގިރޭސިބަސް އެނގުމާއި ނޭނގުން، އެ ކުއްޖަކު ދެކޭ ސައްހަގޮތުގައި "ބޯއި" ކިޔުމުގެ މައްޗަށް، ބިނާވެގެންދިޔައެވެ.

ދެން، ހަމަ، މިފަދައިން ބޭރުފުށަށް ބާރު އެޅިގެން ކަންކަން މިހާރު ނިންމާލެވޭ މިސާލުތަކަށް ބަލައިލަމާ ހެއްޔެވެ؟

މީހާގެ ދީންވެރިކަމާއި ތަގުވާވެރިކަން ގުޅިފައި އޮންނަނީ މީހާ ލާ ހެދުމާއި ބޭރު ފުށުގެ ކަންކަމުގެ މައްޗަށެވެ. ފަޓުލޫނުގެ ފައިކުރިއާއި ތުނބުޅީގެ ކުރު ދިގުމިން މިނެވި އެކަމުގެ ނަތީޖާއަށް ބެލިގެންނެވެ. މިކަމުގައި މީހާގެ އަމަލުތަކަށް ބެލުމަކީ އަސާސީ ކަމެއް ނޫނެވެ. ފަހަރެއްގައި ވެސް، މިކަމާ ބެހޭ، ކީރިތި ގުރުއާނާއި ހަދީސްގެ ނައްސުތަކަށް ބަލާކަށް ނުޖެހޭ ކަހަލައެވެ. އަލްމާއިދާ ސޫރަތުގެ އަށްވަނަ އާޔަތުގައްޔާއި އަލްހުޖުރާތު ސޫރަތުގެ ތިން ވަނަ އާޔަތުގައި އޮންނަ، ދީންވެރިކަމާއި ތަގުވާވެރިކަން ގުޅެނީ އެކަކު އަނެކަކަށް އިހުތިރާމުކުރުމާއި އަދުލު އިންސާފުން އެންމެނާ މެދު ކަންތައް ކުރުން ކަމަށް ބާރުއެޅިފައި އޮންނަ އޮތުމަށް ބަލާކަށް ނުޖެހެއެވެ. މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެން ވަނީ މީސްތަކުންގެ އެތެރެފުށަށާއި އަމަލުތަކަށް ކަމަށް އޮންނަ ހަދީސަކަށް ވެސް ބަލާކަށް ނުޖެހޭ ކަހަލައެވެ. ބޭރު ފުށް ވަކި ގޮތަކަށް ހުރުމުން ހުރިހާ ކަމެއް ހަމަޔަކަށް އެޅޭ ކަމަށް ބެލެވޭތީއެވެ.

ދެން، އަޅުގަނޑުމެންގެ ގައުމީ ތަރައްގީއާއި ކުރިއެރުމުގެ ވާހަކައަށް ބަލާލަމާހެއްޔެވެ؟ ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުގައި މި މަސައްކަތް ފެށުނުއިރު އެކަން ގުޅިފައި އޮތީ އަމިއްލައަށް ކުރާ މަސައްކަތާއެވެ. މީގެ އެންމެ ވަރުގަދަ ހެއްކަކީ ފަސްދޮޅަހުގެ އަހަރުތަކުގައި އެންމެންގެ އަމިއްލަ މަސައްކަތުން ނިންމާލެވުނު ހުޅުލޭގެ ވައިގެ ބަނދަރެވެ. ދެން، މިކަން ބަދަލުވީ ބޭރުގެ އެހީ ހޯދުމާއެވެ. މިއީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެ އެހީ އަކީ، ފަސާދައިގެ ބޭނުމަށް ޚަރަދުނުކޮށް، ތަރައްގީގެ މަސައްކަތަށް ހޭދަކުރެވޭ ނަމައެވެ. ނަމަވެސް، މިހާރު އެކަން ބިނާވަނީ ހަމަ އެކަނި ބޭރުގެ އެހީ ހޯދުމަކާ ނޫނެވެ. ބޭރު ގައުމުތަކަށް އަމިއްލަ ގައުމު ވިއްކާލުމާއެވެ. އަދި، އަމިއްލަ ގައުމު ގަންނަ ފަރާތުން، އެކަން ކުރާތީ، އަމިއްލަ ގައުމު ގަތުމުގެ ފައިސާވެސް ދޭންޖެހެނީ އަމިއްލައަށެވެ! ވަރަށް ވެސް އަޖައިބު ކަމެކެވެ. ނަމަވެސް، މިއީ ކަން އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތްކަމުގައި އެކަން ކުރާ މީހުން ގަބޫލުކުރުމުގެ އިތުރުން، އާންމު ރައްޔިތުން ވެސް މިކަން ގަބޫލުކުރަން ޖެހެއެވެ! ނުކޮށް ފިނަމަ، އެއީ ކުރީ ސަރުކާރުތަކުގެ ވައްކަމާއި ފަސާދައަށް ތާއީދުކުރާ މީހެއް ކަމުގެ ތައްގަނޑާއި ލައްގަނޑު ޖެހިގެން ދެއެވެ. ފަހަރެއްގައި ވެސް، އަމިއްލައަށް، މުސްތަގިއްލު ސިފައެއްގައި، ވިސްނާލާފައި އެއްޗެއް ބުނެވިދާނެ ކަމަކަށް ނުބެލެވެއެވެ. އެހެނީ، އޮންނަނީ ހަމައެކަނި ދެކުލަ ކަމަށްވާތީއެވެ. ކަޅާއި ހުދެވެ. އެ ދެމެދުގެ އެއްވެސް ކުލައެއް ނޯވެއެވެ!

ދެން ވެސް އެހެން މިސާލެކެވެ. މީހާގެ ޝަޚުސިއްޔަތުގެ ވަރުގަދަކަން ކަނޑައަޅާލެވޭ ގޮތެވެ. އެކަން ވެސް ގުޅެނީ މީހާގެ ހެދުމާއެވެ. އޭނާ ލާ ކޯޓު ފަޓުލޫނާއެވެ. އަދި އޭނާގެ ޖީބުގައި ޖަހާލައިފައި ހުންނަ ގަލަމާއެވެ. ލިޔަންކިޔަން ވެސް ނޭނގި، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ގޮތަށް އޭނާގެ ވާހަކަ ހުރި ކަމުގައި ވިޔަސް ހެވެވެ. ކޮންމެ ދުވަހަކު ވަކި ކުލައެއްގެ ކޯޓު ފަޓުލޫނެއް ލެވުނީމާ އޭނާގެ ޝަޚުސިއްޔަތުގެ ވަރުގަދަކަން ފެނިގެން ދެއެވެ. މިއީ ހައްގު ތެދުކަމާއި ކަން އޮންނަން ޖެހޭ ގޮތްކަން އަންގަންދިނުމުގެ ގޮތުން، މި ކަހަލަ ވާހަކަތައް ނޫސްތަކުގެ މައި ޚަބަރަކަށްވެ، ވަރަށް ތަފްސީލާއެކު ގެނެސްދެއެވެ.

އާދެ، ބަސް ކުރިއަރަނީ ފަހަރެއްގައި ވެސް ލިޔެކިޔުން އިތުރުވެގެންނެއް ނޫނެވެ. މިހާރުގެ ކަމާ ބެހޭ މާހިރުން، ބަސްޖަގަހާގައި ބަހުސްކޮށް ވިދާޅުވާ ގޮތުގައި ތާނަ ލިޔުމުގައި ތިކި ޖެހުން ހުއްޓާލެވިގެންނެވެ! އޭރުން، ވިސްނުމާއި ފިކުރުކުރުމުގެ ކުރިއެރުން، އަޅުގަނޑުމެންނަށް ލިބޭނެއެވެ. ބޭރުފުށަށް އިސްކަން ދެވިގެން ދީންވެރިވެ ތަގުވާވެރިވެވޭ ގޮތަށެވެ. ގައުމުގެ ތަރައްގީއާއި ރައްކާތެރިކަން ގުޅެނީ ގައުމު ވިއްކާލައިގެން ކަމަށް ބެލެވޭ ގޮތަށެވެ! އަޅާ ހެދުމުންނާއި ޖަހާ ސެންޓުން، އަދި އަތުކުރީގައި އޮންނަ ގަޑިއާއި ގެންގުޅޭ ރުމާލުން ޝަޚުސިއްޔަތު ވަރުގަދަވާ ފަދައިން ވެސް މެއެވެ. ވެއްޓި ހަލާކުވާ އިމާރަތްތަކުގެ ބޭރުފުށުގައި ކުލަލުމުން އިމާރާތް އާވާ ގޮތަށެވެ. ކަން ނުކޮށް، ބުނާ ބަހުން ކަންކަން ކުރެވުނު ކަމަށް ނިންމާލެވޭ ފަދައިންންވެސް މެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. ޑރ ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމް ގެ ކޯދަކީ މިހާތަނަށް އެންމެ ޖޯޝުގައި މަ ކިޔާ ކޮލަމް. ބައެއް ރޭރޭ ކޮލަމްތައް ކިޔަން ފޯނު ނަގައިގެން އޮންނާތީ ކައިރީގައި އޮންނަ އަންހެނުންވެސް ޝަކުވާ ކުރޭ. ޝަކުވާ ކުރާއިރަށް މަބުނެލަން ކަލޭވެސް ކިޔާލަބަލާށޭ ޑރ ގެ ލިޔުން. އެހެންތަ ވާނީ. އެހާޢާ ޢިބުރަތްތެރި އަދި ކިޔާހިތްވޭ. ނަމަވެސް މިފަހަރުގެ ކޮލަމް އެހާ އެހަ އެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *