Support Us

ކޮލަމް ކޯދު: މައްސަލަތައް ހައްލުކުރާނޭ ގޮތް ޖުހާގެ ސިޔާސީ ދުލުން

އެއްދުވަހު ޖުހާގެ ރަހުމަތްތެރިއަކު ޖުހާ ކައިރިއަށް ގޮސް، އޭނާއަށް ކުރިމަތިވެފައިވާ މައްސަލައާ ބެހޭ ގޮތުން ޝަކުވާކޮށް އޭނާ ބުންޏެވެ. "ޖުހާއެވެ. މިހާރު އަހަންނަށް ދިރިއުޅެން ވަރަށް ދަތިވެއްޖެއެވެ. އަހަންނާއި އަހަރެންގެ އަންހެނުންނާއި އަހަރުމެންގެ ހަ ކުދިންނާއި އަދި އަހަރެންގެ ޅިޔަން ފަހަރިންނާއި އެންމެން ދިރިއުޅެމުން މިގެންދަނީ ކުޑަ ކޮޓަރިގަނޑެއްގައެވެ. މިކަމަށް އޮތް ހައްލަކީ އަޅެ ފަހެ ކޮބައިހެއްޔެވެ؟"

ޖަވާބުގައި ޖުހާ ބުންޏެވެ. "މާދަމާ ބާޒާރަށް ގޮސް ހިމާރެއް ގަންނާށެވެ. އަދި، ކޮޓަރީގެ ކަނެއްގައި އެ ހިމާރު ބާއްވާށެވެ. އަދި، ދެ ދުވަސް ފަހުން ކަންތައް ވާގޮތް އަހަންނަށް އަންގާށެވެ!"

ޖުހާގެ ރަހުމަތްތެރިޔާ، ޖުހާ ބުނި ގޮތަށް ކަންތައްކޮށްފައި ދެ ހަފްތާ ފަހުން ޖުހާ ކައިރިއަށް ގޮސް ޝަކުވާކުރިއެވެ. "ޖުހާއެވެ. ކުރިއަށް ވުރެ މިހާރު ކަންތައް މާ ގޯހެވެ!"

ދެން ޖުހާ ބުންޏެވެ. "މާދަމާ ބާޒާރަށް ގޮސް ކަންބަޅިއެއް ގަނެގެން ގެންގޮސް ކޮޓަރީގައި ބާއްވާށެވެ. އަދި، ދެ ދުވަސް ފަހުން އަންނާށެވެ!"

އަނެއްކާވެސް ޖުހާގެ ރަހުމަތްތެރިޔާ ޖުހާ ބުނި ގޮތަށް ކަންތައް ކުރުމަށް ފަހު، ދެ ދުވަސްކޮށްފައި ޖުހާ ކައިރިއަށް ދިޔައެވެ. އަދި ބުންޏެވެ. "ޖުހާއެވެ. މިހާރު އެއް ގޮތަކަށް ވެސް ކެތްކުރެވޭ ވަރެއް ނުވެއެވެ!"

ޖަވާބުގައި ޖުހާ ބުންޏެވެ. "މާދަމާ ބާޒާރަށް ގޮސް ކުކުޅެއް ގަނެފައި ކޮޓަރީގައި ބާއްވާށެވެ! އަދި ދެ ދުވަސް ފަހުން އަންނާށެވެ!"

އަނެއްކާ ވެސް ރަހުމަތްތެރިޔާ ޖުހާ ބުނި ގޮތަށް ކަންތައް ކޮށްފައި ދެ ދުވަސް ފަހުން އެނބުރި އައެވެ. އަދި ބުންޏެވެ. "ޖުހާއެވެ. މިހާރު ކަންތައްތައް އަހަރެން އަމިއްލައަށް މަރުވާ ދަރަޖައަށް ހިނގައްޖެއެވެ!"

ޖަވާބުގައި ޖުހާ ބުންޏެވެ. "މާދަމާ ބާޒާރަށް ހިމާރު ގެންގޮސް ވިއްކާލާފައި ވާނުވާ އަހަންނަށް އަންގާލާށެވެ!"

ދެން އަނެއް ދުވަހު ހިމާރު ވިއްކާލާފައި ރަހުމަތްތެރިޔާ އައިސް ޖުހާ ގާތު ބުންޏެވެ. "މިހާރު ކުޑަކޮށް ހަމަޖެހުން ލިބިެއްޖެއެވެ."

ދެން ޖުހާ ބުންޏެވެ. "މާދަމާ ކަންބަޅި ވެސް ބާޒާރަށް ގެންގޮސް ވިއްކާލާށެވެ! އަދި ވާނުވާ އަހަންނަށް އަންގާލާށެވެ!"

އަނެއް ދުވަހު ކަންބަޅިވެސް ވިއްކާލާފައި ރަހުމަތްތެރިޔާ ޖުހާއާ ބައްދަލުކޮށް ބުންޏެވެ. މިހާރު ހުރިހާ ކަމެއް ހަމަޖެހިއްޖެހެން ހީވެއެވެ."

ދެން ޖުހާ ބުންޏެވެ. "މާދަމާ ކުކުޅު ވެސް ބާޒާރަށް ގެންގޮސް ވިއްކާލާފައި ވާނުވާ އަހަންނަށް އަންގާލާށެވެ!"

ދެން ޖެހިގެން އައި ދުވަހު ކުކުޅު ވިއްކާލާފައި ރަހުމަތްތެރިޔާ އައިސް ޖުހާ ގާތު ބުންޏެވެ. "ހަމްދު ހުއްޓެވެ! އަދި ހިތުގެ އެންމެ ފުންމިނުން ކަލެއަށް ޝުކުރު އަދާކުރަމެވެ. މިހާރު އަހަރެންގެ ކަންތައްތައް ހަމަ އެންމެ ރަނގަޅު ވެއްޖެއެވެ!"

އާދެ، މިއީ ހޮޅި ވާހަކަތަކުގެ ސިޔާސީ ވެރިން މައްސަލަތައް ހައްލުކުރާ ގޮތެވެ. ބައެއް ފަހަރު، ނެތް އާ މައްސަލަތައް ކުރިމަތިކުރުވައި، އެ ކަންކަން ނައްތާލައި، އަސްލު މައްސަލަ ހައްލުކުރާ ކަމަށް ހަދައެވެ. ނަމަވެސް ކަންތައްތައް އޮންނަނީ ހަމަ އެ އޮންނަ ގޮތަކަށެވެ.

އިންތިޚާބެެއްގެ ވަގުތު ޖެހުމުން ގެއަށް އައިސް ކުނިކަހައިދީ ކެއްކުމުގައި ބައިވެރިވެ އުޅެއެވެ. ހައްލު ނުވެފައި އޮތް މައްސަލައަކީ ކުނިކެހުމާއި ކެއްކުން ހެން ހީވާ ކަހަލައެވެ! އަދި، މި މީސްމީހުން އިންތިޚާބު ކުރެވެނީ ކުނިކަހައި ކައްކައިދޭންކަން ހީވާ ކަހަލަ ވެސް މެއެވެ!

ދެން، މިހެން މުނާފިގު ހެދިގެން އައިސް އުޅޭ އުޅުމުގައި، އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ހުރިހާ މައްސަލަތަކަށް ހައްލު ގެނެސްދޭނޭ ކަމަށް ބުނެއެވެ. ދެން، ދުވަސްކޮޅެއް ވުމުން، ކަންތައްތައް ހައްލުވާނީ އަދި އިތުރު އިންތިޚާބެއް ކާމިޔާބުވުމުން ކަމަށް ވެސް ބުނެއެވެ. އެ އިންތިޚާބު ވެސް ކާމިޔާބު ވުމުން، ކަންތައްތައް ހައްލުކުރަން އަދި ވެސް އިތުރު ވަގުތު ބޭނުންކަމާއި އަދި އިތުރު އިންތިޚާބު ކާމިޔާބުކުރުން ވެސް ބޭނުންކަމަށް ބުނެއެވެ.

ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ ބަސްފުޅެއްގައި އޮވެއެވެ. މުއުމިނެއްގެ ގަޔަކަށް އެއް ހޮރަކުން ދެ ފަހަރަކު ކައްޓެއް ނުޖަހާނެއެވެ. ނަމަވެސް އެއި އެ މުއުމިނާއަކީ އަމިއްލައަށް ވިސްނާ ފިކުރުކުރާ މީހަކަށް ވާނަމަތާއެވެ. މިހެން ނުވުމުން، އޭނާގެ ގަޔަށް އެއް ހޮރުން އެތައް ހާސް ފަހަރުވެސް ކަށިޖަހާފާނެެއެވެ. އާދެ، އަމިއްލައަށް ވިސްނާ ފިކުރު ނުކުރާ ނަމަ، މީސް މީހުންގެ މުނާފިގު ވާހަކަތަކަށާއި މުނާފިގު ދަޅަތަކަށް ރައްޔިތު މީހާ، ދާދި ފަސޭހައިން ހެއްލިދެއެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ހާސް ފަހަރު ވެސް މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. ކިހިނެއް ހައްލުކުރާނީ. ގޭގައި ދިޔާ އެއްޗެހި ބުއިއްޔާ އޮފީހުގައި ހިކި އެއްޗެހި މަޖިލިސްކުރާގެގައި ދެންޖެހުނު އެއްޗެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *