...

Support Us

ކޮލަމް ކޯދު: ނިކޮސް ކާޒާންޓްޒަކީސްގެ ވާހަކަކޮޅެއް

ނިކޮސް ކާޒާންޓްޒަކީސްއަކީ ޔޫނާނުގެ ލިޔުންތެރިއެކެވެ. ޔޫނާނުގެ ލިޔުންތެރީންގެ އެންމެ ވަރުގަދަ އަސްވާރުންގެ ތެރޭގައި ހިމެނޭ ލިޔުންތެރިއެކެވެ. ނުވަ ފަހަރު، އަދަބިއްޔާތުގެ ނޮބެލް އިނާމު ލިބިދިނުމަށްޓަކައި އޭނާގެ ނަން ނުވަ ފަހަރު ހުށަހެޅުނެވެ. ނަމަވެސް، އެ އިނާމު އޭނާއަކަށް ނުދެއެވެ. މި ދުނިޔެ ދޫކޮށް އޭނާ ދިޔައީ 1957ގައެވެ.

ނިކޮސް ކާޒާންޓްޒަކީސް (ފޮޓޯގައި) ބުނެފައި އޮވެއެވެ. "މާތް ރަސްކަލާނގެ ގެކޮޅުތަކުން އެކަލާނގެ ފެނިދިޔުމުގެ އުއްމީދުގައި އެކަލާނގެ ހޯދައި އުޅުމުގެ އެއްވެސް ފައިދާއެއް ނެތެވެ. އަހަރުމެންގެ ހިތްތަކުން އެކަލާނގެ ނެތިކޮށް ގެއްލުވައިލައިފީމުއެވެ."

މި ވާހަކަކޮޅު އިތުރަށް ތަފްސީލުކޮށް ދިނުމުގެ ގޮތުން ކިޔައިދީފައި އޮތް ވާހަކައެއް ލިޔެލަމެވެ.

އަދަކީ އެކިއެކި މައިދާންތަކުގައި 'ނަފްއިއްޔަތުގެ' (ޕްރެގްމެޓިސިމް) މަޒުހަބު ބޭނުން ކުރެވޭ ދުވަސްވަރެވެ. ޚާއްސަ ގޮތެއްގައި ސިޔާސީ މައިދާނުގައެވެ. އެއިން ފައިދާ ކޮށްފާނޭ ކޮންމެ ފަދަ ކަމެއް ކުރުމަކީ ވެސް ހުއްދަ ކަމެއްގެ ގޮތުގައި ސިޔާސީ ވެރިން ދެކެއެވެ. ކަންކަން ކުރުމުގައި އަޚުލާގީ އެއްވެސް މިންގަނޑަކަށް ބަލާކަށް ނުޖެހެއެވެ. ކަންކަމުގެ ތެދު ދޮގު ހޯދާކަށް ނުޖެހެއެވެ. ބުނުމުގެ ބޭނުމެއް ނެތްފަދައިން، ސިޔާސީ ވެރިންގެ ކިބައިން، މިކަންކަން ފެނިގެން ދެއެވެ. މިސާލެއްގެ ގޮތުން ވަރަށް ފަހުގެ ދެ މިސާލެއް ލިޔެލާނަމެވެ. އަޅުގަނޑުމެންގެ އިސް ވަޒީރަކު ބުނި ވާހަކައެކެވެ. 'އިންޑިޔާގެ މުސްލިމުން ތިބީ ވަރަށް ވެސް އުފަލުންނެވެ.' މިއީ ތެދު ހަގީގަތަކަށް ވެގެން ބުނި ވާހަކައެއް ނޫނެވެ. އަދި ކަމުގެ ހަގީގަތް ނޭނގޭތީ ބުނި ވާހަކައެއް ވެސް ނޫނެވެ. މިވަގުތު އޭނާގެ މަސްލަހަތު ގުޅެނީ ކަނު ގޮތެއްގައި ވަކި ބަޔެއްގެ މަސްލަހަތު ދިފާއުކުރުން ކަމަށް ވެފައި، މިހެން ބުނުމުން އެކަން ކުރެވޭ ކަމަށް އެ މިނިސްޓަރަށް ހީވާތީއެވެ.

އަދި އެހެން މިސާލެކެވެ. ދާދި ފަހުން އުތުރުތިލަފަޅުގެ އެއްބަސްވުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖުލީހުގެ މެމްބަރަކު ބުނި ވާހަކައެކެވެ. ގައުމު ހިމާޔަތްކޮށް، ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ރައްކާކުރެވެން އޮންނަނީ ބޭރުގެ އަސްކަރީ ބަޔަކާ ގުޅިގެން ކަމުގެ ވާހަކައެވެ. މި މެމްބަރަކު ވެސް މިހެން ބުނީ، އެއައްބަސްވުން ބަލައި، ކިޔައި، އެކަމާ ބެހޭ ހުރިހާ ކަމެއް ދިރާސާކޮށް، އެ ކިޔުމާއި ދިރާސާގެ މައްޗަށް ބުރަވެ ހުރެގެންނެއް ނޫނެވެ. ނަމަވެސް، މިވަގުތު އޭނާގެ އަމިއްލަ ޒާތީ މަސްލަހަތު ގުޅެނީ އެހެން ބުނުމާކަމަށް ވާތީއެވެ.

ކޮންމެއަކަސް މި ދެ މިސާލުން- ވަޒީރުގެ ވާހަކައާއި މެމްބަރުގެ ވާހަކައިން- ފެނިގެންދަނީ ނަފްއިއްޔަތުގެ މަޒުހަބު މަސައްކަތްކުރާ ގޮތުގެ ނަމޫނާއެކެވެ. ކުރިންވެސް ބުނިހެން، ނަފްއިއްޔަތުގެ މަޒުހަބު ސިޔާސީ މައިދާނުން ފެނިގެން ދިޔުމަކީ ހައިރާން ކުރުވާ ކަމެއް ނޫނެވެ. އެއީ މިހާރު އާދައެއް ކަމަށް ވެފައި އޮތީމައެވެ.

ނަމަވެސް، ނަފުއިއްޔަތުގެ މަޒުހަބު ދީނީ މައިދާނުން ފެނިގެން ދިޔުން އެއީ ހައިރާންކުރުވާ ކަމަކަށް ވެެއެވެ. ދީނަކީ ގައުމުގެ ޒަމީރު ކަމަށް ވެފައި، ދީނަކީ ތަނުގެ އަޚުލާގީ މިންގަނޑު ހިފަހައްޓަން ޖެހޭ މުއައްސަސާ ކަމަށްވާތީއެވެ. ކަން މިހެއް އޮންނަން ޖެހުނަސް، ދީނީ މީހުންގެ ކިބައިން ވެސް، ވަރަށް ގިނަ ފަހަރަށް ފެނިގެން ދަނީ ނަފްއިއްޔަތުގެ މަޒްހަބަށް ތަބާވާ ތަނެވެ. މިކަން ސާފުކޮށްލަދިނުމުގެ ގޮތުން ކުރު ވާހަކައެއް ލިޔެލާނަމެވެ.

ފައްޅިއެއްގެ ކައިރީގައި މީހަކު ރާ ވިއްކާ ފިހާރައެއް އެޅިއެވެ. މިކަމާ ފައްޅީގެ މީހުން ވަރަށް ނުރުހުންވިއެވެ. އަދި، ކަމާ ބެހޭ ފަރާތުގައި ޝަކުވާކޮށް މައްސަލަ ޖެއްސިއެވެ. އަދި، ފައްޅިއެއް ކައިރީގައި، ރާ ޚާނާއެއް ހުޅުވިގެން ވާނީ ކިހިނެއްތޯ ވެސް ފައްޅި ތަމްސީލުކުރި ފާދިރީ މަސްއޫލުވެރިން ގާތު ނަންގަތެވެ.

ޝަކުވާ ކުރުމުގެ އިތުރުން ފައްޅީގެ އަހުލުވެރިން ކޮންމެ ރެއަކު ރޭ އަޅުކަންކޮށް ދުއާކޮށް ހެދިއެވެ. ރާ ޚާނާ ހަލާކުވެ، ނެތިދޭތޯއެވެ.

ކޮންމެއަކަސް ރާ ޚާނާ ހުޅުވަން އޮތް ދުވަހުގެ ކުރީ ރޭ ވަރަށް ގަދައަށް ރަށަށް ވިއްސާރަކުރިއެވެ. އަދި އެ ގަދަ ވިއްސާރައިގައި ގުގުރިޖަހައި ރާ ޚާނާއަށް ހޮނު އެޅިއެވެ. ދެން ރާ ޚާނާ އަނދައި ހުލިވެ ދިޔައެވެ.

އަނެއް ދުވަހު، ފައްޅީގެ އަހުލުވެރިން އުފާފާޅުކޮށް އިހުތިފާލުކުރިއެވެ. އަދި، މާތްރަސްކަލާނގެ، އެމީހުންގެ ދުއާ އިޖާބުކުރެއްވީ ކަމަށް، ހިތުގެ އަޑިން އެމީހުން ގަބޫލުކުރިއެވެ.

ދެން، ރާ ޚާނާގެ ވެރިޔާ ނިންމީ ފައްޅީގެ އަހުލުވެރިންގެ މައްޗަށް ބޮޑު ދައުވާއެއް އުފުލުމަށެވެ. އެމީހުންގެ ދުއާގެ ސަބަބުން ރާ ޚާނާ އަނދައި ހުލިވެ ދިޔުމުން ލިބުނު ބޮޑު ގެއްލުން ފޫބެއްދުމަށްޓަކައި، ކުރާ ދައުވާއެވެ. އަދި، ލިބުނު ގެއްލުމުގެ ބަދަލުގައި ދެ މިލިޔަން ޑޮލަރު ފައްޅީގެ ފަރާތުން ރާ ޚާނާގެ ވެރިޔާއަށް ލިބެން ޖެހޭނޭކަން ވެސް އެ ދައުވާގައި ބުނެފައި އޮތެވެ.

ދެ ފަރާތުގެ- ފައްޅިއާއި ރާ ޙާނާގެ ވެރިޔާގެ- ވާހަކަތައް ކަނުލައި ގާޒީ އެއްސެވިއެވެ. ރާ ޚާނާގެ ވެރިމީހާ ބުނީ ރާ ޚާނާ އަނދައި ދިޔައީ ފައްޅީގެ އަހުލުވެރިންގެ ދުއާގެ ސަބަބުން ކަމެވެ. އެހެންވީމާ އެކަމުގެ މަސްއޫލިއްޔަތު އެ މީހުން އުފުލަން ޖެހޭނޭ ކަމެވެ. އަދި ބަދަލުގައި ދެ މިލިޔަން ޑޮލަރުވެސް ދޭން ޖެހޭނޭ ކަމެވެ.

ފައްޅީގެ އަހުލުވެރިން ބުނީ ދުއާއަކީ އެއްވެސް ބާރެއް އޭގައި ނުވާ ކަމެއް ކަމަށެވެ. މިހެން ބުނެ، މިއީ ހަގީގަތްކަން އަންގަން ދުއާގެ ބާރެއް އޮތްތޯ ބަލަން ޑރ. ހާބަޓް ބެންސަންގެ ދިރާސާގެ ވާހަކަ ގެނެސް، އެ ދިރާސާގައި ދުއާގައި އެއްވެސް ބާރެއް ނެތްކަން ސާބިތުކުރެވިފައިވާކަންވެސް ފައްޅީގެ އަހުލުވެރިން ގާޒީއަށް ހަނދާންކޮށްދިނެވެ. އާދެ، ފައްޅީގެ އަހުލުވެރިން ވެސް ސިޔާސީވެ، ނަފުއިއްޔަތުގެ މަޒުހަބުގެ ބޭނުންކުރީއެވެ. ކޮންމެހެން އެމީހުން ގަބޫލުކުރަނީ ކޮން ކަމެއްތޯ ނުވަތަ ގަބޫލު ނުކުރަނީ ކޮން ކަމެއްތޯ ބެލުމެއް ނެތި، އެ ވަގުތު އެމީހުންނަށް ފައިދާ ހުރީ ކޮން ގޮތަކަށްތޯ ބަލައި، އެ ގޮތަކަށް ކަންތަައް ކުރިއެވެ.

ދެން ކޮންމެެއަކަސް، ދެ ފަރާތުގެ ވާހަކަތައް އަޑު އެހުމަށް ފަހު، ގާޒީ ވިދާޅުވިއެވެ. މިއީ ގޮތެއް ނިންމައި ހުކުމެއް އިއްވުމަށް ވަރަށް ވެސް އުނދަގޫ މައްސަލައެކެވެ. އެހެނީ އެއްކޮޅުގައި ހުރީ މާތްރަސްކަލާނގެ ވޮޑިގެންވާ ކަމަށް އީމާންވެ، އެކަން ގަބޫލުކޮށް، އެކަލާނގެއަށް ދުއާކުރުމުގައި ބާރާއި ތައުސީރު އޮންނަކަން ގަބޫލުކުރާ ރާ ވިއްކާ ޚައްމާރެކެވެ. އަނެއްކޮޅުން މިފެންނަނީ މާތްރަސްކަލާނގެ ގެކޮޅުތަކުގައި ރޭ ދުވާ ހޭދަކޮށް އުޅޭ، ނަމަވެސް، އެކަލާނގެ އަށް ދުއާކޮށް ދަންނަވާ ދެންނެވުމުގަައި އެއްވެސް ބާރެއް، ތައުސީރެއް އޮވެދާނެ ކަމަށް ގަބޫލު ނުކުރާ ދީންވެރި ބައެކެވެ.

އާދެ، ނިކޮސް ކާޒާންޓްޒަކީސް ބުނި ފަދައިން، އަހަރުމެންގެ ހިތްތަކުން ވަނީ މާތްރަސްކަލާނގެ ފޮހެލެވިފައެވެ. އެހެންވެ، މާތްރަސްކަލާނގެ ގެކޮޅުތަކުން އެކަލާނގެ ފެންނާނީ ކިހިނެއް ހެއްޔެވެ؟

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.