ހިތުގެ ކިޑިކީގައި އެވާ ފެހި ފަށުވި ފަރުދާ ހެލިލުމުން
ހިތުގެ އުމްގުން އުތުރިއަރަނީ ފޮނި ޝުޢޫރޭ އޮއްސަމުން
ރޯޅި އެއް ފިނި ފިނި ނަސީމުގެ ބީހިލާ ދިން މެސެޖަކުން
މޯޅިނުވެ ފަރިމާ ފޮޅޭ ހެން ހީވެޔޭ ވަސް ފަތުރަމުން
އުދުހެމުން ކުދި ކުދި ކޮކާތައް މާމަލަށް ފޮނި ދައްކަމުން
ގުދުވެ ބޮސްދީ ފިޔަތަކާ ކުޅެމުން ދަނީ ފިރުމާ ލަމުން
ގުލްހަޒާރާ ގުލް އެޗަމްޕާ ޒާރުގައި ފޮޅި ފަރިވަމުން
ބުލްބުލަށް ދައުވަތު ދެނީ ހެން ހީވެޔޭ ހިނިތުންވަމުން
ހުދު ވިދާ ރިހި ތުނޑި ތަކަށް ކުދިރާޅުތައް ބީއްސާލަމުން
ޤުދުރަތުގެ ފުރިހަމަ ކަމޭ ދައްކައި ދެނީ ދިރުމެއް ދެމުން
އުދުހެމުން ދާ ކަފަ ވިލާތައް އުދަރެހުން އެކި ކޮޅުކޮޅަށް
އުދަވެ އިރު ހަނދު ދައުރުވާކަން ލަފުޒު ތަކަކުން ބުނެދެމުން