Support Us

ކޮލަމް: ރަންދެލި

މިއަދަކީ ދުނިޔޭގެ ނިދީގެ ދުވަސް

މިއަދަކީ ދުނިޔޭގެ ނިދީގެ ދުވަހެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ، ފަހަރެއްގައިވެސް އެންމެން ދެފައި ދަމާފައި ނިންދެވުމެއް ނޫނެވެ. އާދެ މި ފަދަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ނިދީގެ މުހިއްމުކަން އަންގައިދީ، ހާސްވުމާއި ކަންބޮޑުވުމުގެ ސަބަބުން ނިދަން އުނދަގޫވާ ފަރާތްތަކަށް އެހީތެރިވެދީ ހޭލުންތެރި ކުރުމެވެ.

ހަމަ ނިދި ނުލިބުމުގެ ސަބަބުން، އިންސާނާއަށް ލިބޭ ޞިއްޙީ އަދި ނަފްސާނީ ގެއްލުންތަކުގެ އިތުރަށް، އެކަމުގެ ސަބަބުން އިޤްތިޞާދީގޮތުން އެމީހާއަށާއި އަދި ޖުމްލަގޮތެއްގައި އެމީހަކު ނިސްބަތްވާ ގައުމަށްވެސް އޭގެ ގެއްލުން ފޯރައެވެ.

"ދުނިޔޭގެ ނިންޖާއިބެހޭ ޖަމުޢިއްޔާ" އިން ލަފާކުރާ ގޮތުގައި ފުރިހަމަ ނިދި ނުލިބުމުގެ ސަބަބުން، އިޤްތިޞާދީގޮތުން އަހަރެއްގެ ތެރޭގައި އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން، ދުނިޔޭގެ އެކި ގައުމުތަކަށް ލިބެމުންދެއެވެ.

އެގޮތުން، އަހަރެއްގެ ތެރޭގައި، އެމެރިކާއަށް 411 ބިލިއަން ޑޮލަރު، ޖަޕާނަށް 138 ބިލިއަން ޑޮލަރު، ޖަރުމަނަށް 60 ބިލިއަން ޑޮލަރު، އިނގިރޭސި ވިލާތަށް 50 ބިލިއަން ޑޮލަރު އަދި ކެނެޑާއަށް 21 ބިލިއަން ޑޮލަރުގެ ގެއްލުންވެއެވެ.

އެކޮސްޓިކަލް ސޮސައިޓީ އޮފް އެމެރިކާއިން 2021 ވަނައަހަރު، އާންމުކޮަށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އަހަރެއްގެ ތެރޭގައި އެމެރިކާގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި، ޞިއްޙީ ދާއިރާގެ މީހުންނަށް ހެދޭ ގޯސްތަކުގެ ސަބަބުން 100،000 އަށްވުރެ ގިނަ މީހުން މަރުވެއެވެ. މިފަދަ މައްސަލަތަކުގައި ގިނައީ، ހަމަ ނިދި ނުލިބުމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނަށް ހެދޭ ގޯސްތަކުގެ ސަބަބުން މަރުވާ މީހުން ކަމަށްވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މިއަހަރުގެ، ދުވަހުގެ ޝިޢާރަކީ، "ފެންވަރު ރަނގަޅު ނިދި، ތޫނުފިލި ސިކުނޑި، އުފާވެރި ދުނިޔެ" އެވެ.

ރޭގަނޑު ހަމަ ނިދި ލިބިގަތުމަކީ، ތިބާގެ ޞިއްޙަތަށްޓަކާ، ތިބާއަށް ކޮށްދެވޭނެ އެންމެ މުހިންމު ކަންތަކެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ތަފާތު އެތައް ބައްޔެއް ޖެހުމަށް މަގު ފަހިވެގެންދެއެވެ. އެގޮތުން، ރާއްޖެބައްޔާއި، ހާސްވެ ކަންބޮޑުވުމާއި، ލޭމައްޗަށްދިއުމާއި، ހިތުގެ ބަލިތަކާއި، ނޭވާހިއްލުމާއި، ހަކުރުބައްޔާއި، ކިޑްނީގެ ބަލިތަކާއި، ފަލަ ބައްޔާއި އަދި ކެންސަރު ޖެހުމަށް މަގުފަހިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެމެރިކާއާއި އަދި ކެނެޑާގެ ބޮޑެތި މީހުންގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ނިދަން އުނދަގޫވުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ. (ސްލީޕް ރިސަރޗް ސޮސައިޓީ)

ދުނިޔޭގެ އާބާދީގެ 62 އިންސައްތަ މީހުން ބުނާގޮތުގައި އެމީހުންނަށް، އެމީހުން ބޭނުންވާ މިންވަރަށް، ހަމަ ނިދި ނުލިބެއެވެ. (ފިލިޕްސް ގްލޯބަލް ސްލީޕް ސަރވޭ 20194)

ދުނިޔޭގެ އާބާދީގެ ކޮންމެ 10 މީހަކުން 8 މީހަކު، އެމީހުންގެ ނިދީގެ ހާލަތު ރަނގަޅުކުރަން ބޭނުންވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އޭގެތެރެއިން 60 އިންސައްތަ މީހުންނަށް ޞިއްޙީ މާހިރުންގެ އެހީތެރިކަން ލިބިފައިނުވެއެވެ. (ފިލިޕްސް ގްލޯބަލް ސްލީޕް ސަރވޭ، 2019)

އެމެރިކަން އެކަޑެމީ އޮފް ސްލީޕް މެޑިސިންގެ ސާރވޭއަކުން ދައްކާ ގޮތުގައި ޢާއިލާ ފިޔަވައި، އެމެރިކާ މީހުންނަށް އެންމެ މުހިންމު އެއްޗަކީ ނިދުމެވެ. އެހެންނަމަވެސް، އެމީހުން ނިންޖަށް ދޭންވާ އިސްކަން ނުދެވޭކަންވެސް، އެ ސަރވޭގައި ބައިވެރިވި މީހުން ބަޔާންކޮށްފައިވެއެވެ. އެމެރިކާގެ ބޮޑެތި މީހުންގެ އާބާދީގެ 88 އިންސައްތަ މީހުން ޓީވީ އާއި އިންޓަރނެޓުން އެކިއެކި ސީރީޒްތައް ބެލުމުގައި ނިދި ނަގާލެވޭކަމަށް އެއްބަސްވެފައިވެއެވެ. އަދި 18 އަހަރާއި 44 އަހަރުގެ ޢުމުރު ފުރާގައި މި ނިސްބަތް އުޅެނީ 95 އިންސައްތައިގައެވެ.

މިއީކީ ހަމައެކަނި އެމެރިކާގައި މިކަން އޮތް ގޮތެއް ނޫނެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް އެ ނިސްބަތް އުޅޭނީ އެހާ ހިސާބުގައެވެ. ނުވަތަ އެއަށްވުރެ މަތީގައެވެ. އެކަން އެނގޭ އެންމެ ބޮޑު ސަބަބަކީ ފާއިތުވި ތިން އަހަރު ނަފްސާނީ ބަލީގެ ނިސްބަތް ރާއްޖޭގައި މައްޗަށް ގޮސްފައިވާ މިންވަރެވެ. މިފަދަ ގިނަ މައްސަލަތައް ހަގީގަތުގައި ގުޅިފައިވަނީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ނުލިބުމުގެ ސަބަބުންކަން އެނގޭނީ ރަނގަޅު ދިރާސާއެއް ކޮށްލުމުންނެވެ.

ކުރިންވެސް، ބުނިފަދައިން އަޅުގަނޑުމެންނަށް ކުރިމަތިވާ ގިނަ ބަލިތަކުގެ އަސްލަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަ ބެހެއްޓޭގޮތުން ކުރިމަތިވާ ކަންކަމެވެ. އެގޮތުން، ރެއާއި ދުވާލު ގިނަ ވަގުތުތަކުގައި ކޮފީ މޭޒުތަކުގައި ހޭދަކުރުމަށްފަހު ބާކީހުރި ވަގުތުކޮޅު ހޭދަކޮށްލަނީ ޓީވީއާއި، މޯބައިލް ފޯނުގައެވެ. އޭގެސަބަބުން، އަޅުގަނޑުމެންގެ ނަފުސަށް ދޭންވާ ސަމާލުކަން ކުޑަވެ، މީހާގެ ޅަޢުމުރުގައި ގިނަ ބަލިތަކަކަށް ހުށަހެޅޭގޮތް ވަނީއެވެ.

ރޭގަނޑު ނިދުމުގެ މުހިންމުކަން، މީގެ 1443 އަހަރުކުރިން އިސްލާމްދީނުގައި ވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން، ސަޙީޙު ބުޚާރީގެ 1874 ވަނަ ޙަދީސްގައި، ކީރިތި މާތް ނަބިއްޔާ صلي الله عليه وسلّم އެކަލޭގެފާނުގެ ޞަޙާބީއަކު، ރޭއަޅުކަމުގައި ގިނަވަގުތު ހޭދަކުރައްވާތީ، ޙަދީސްފުޅު ކުރެއްވި ކަމަށް ބަޔާންކޮށްފައިވެއެވެ. " ރޭއަޅުކަން ކުރައްވާށެވެ! އަދި ނިދިވެސް ކުރައްވާށެވެ! އެހެނީ ތިބާގެ ނަފުސަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ތިބާގެ މައްޗަށް ވެއެވެ."

ނިންޖަކީ، ﷲ ސުބުޙާބަހޫ ވަތަޢާލާގެ މަތިވެރި ހެކިތަކުގެ ތެރެއިން ހެއްކެއް ކަމުގައި ކީރިތި ޤުރުއާނުގެ ރޫމް ސޫރަތުގެ 23 ވަނަ އާޔަތުގައި، ﷲ ވަޙީ ކުރައްވާފައިވެއެވެ. އެ އާޔަތުގެ މާނައަކީ، " އަދި ރޭގަނޑާއި ދުވާލުގެ ވަގުތުގައި ތިޔަބައިމީހުން ނިދާ ނިދުމާއި، އެކަލާނގެ ފަޟުލުވަންތަ ކަމުގެ ތެރެއިން އެދި ތިޔަބައިމީހުން މަސައްކަތް ކުރުންވަނީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެކަމުގައި އަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ."

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، އަދި އެ މަގުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު މިންވަރުކޮށް ދެއްވުމެވެ. ދިރިއުޅުމުގެ އާދަކާދަތައް ހެޔޮގޮތުގައި ތަރުތީބުކުރުމުގެ ހެޔޮ ވިސްނުން މިންވަރުކޮށް ދެއްވުމެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއް ދެއްވައި، ރޭގަނޑުގެ އަރާމު ނިދި މިންވަރުކޮށް ދެއްވުމެވެ. އާމީން.