Support Us

ކޮލަމް ކޯދު: ގައުމީ ހިމާރުގެ ވާހަކަ

މެޑެލްތަކާއި އަގުބޮޑެތި ހަދިޔާތައް، ރަސްގެފާނު ބައްސަވަމުން ގެންދަވާ ވާހަކަ، ހިމާރަކަށް އަޑުއިވުނެވެ. ދެން، ހިމާރު ވެސް ރަސްގެފާނުގެ އަރިހަށް ދިޔުމަށް ނިންމިއެވެ. މެޑެލަކާއި ހަދިޔާއެއް ހޯދުމުގެ އުއްމީދުގައެވެ.

ރަސްގެފާނުގެ ގަނޑުވަރާ ހަމައަށް އަރައި ވަރަށް ބާރަށް ހިމާރު ގޮވާލިއެވެ. ރަސްގެފާނަށް ހިމާރުގެ އަޑު އިވިވަޑައިގަތުމުން، ކޯފާވެވަޑައިގެން، ދަރުބާރަށް ހިމާރު ހާޒިރުކުރައްވައި ސުއާލުކުރެއްވިއެވެ.

ރަސްގެފާނު ހިމާރާ މުޚާތަބުކޮށް ވިދާޅުވީ، ކަލޭ މިތަނަށް ތިއައީ ކީއްވެ ހެއްޔެވެ؟

ވަރަށް ވެސް އަދަބުވެރިކަމާއެކު ޖަވާބުގައި ރަސްގެފާނަށް ހިމާރު ދެންނެވިއެވެ. "މާތް މަނިކުފާނު މެޑެލާއި ހަދިޔާ ބަދިޔާ ދެއްވަމުން ގެންދަވާ ވާހަކައިގެ އަޑުއަހައިފައި އެކަން އަދައިގެންނެވެ."

ދެން ރަސްގެފާނު ވިދާޅުވިއެވެ. "ކަލެއަށް އެފަދަ މެޑެއްޔަކާއި ހަދިޔާ ހައްގުވާން ގައުމަށްޓަކައި ކަލޭ ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ؟"

ރަސްގެފާނަށް ހިމާރު ދެންނެވިއެވެ. "މަނިކުފާނުގެ ވެރިކަން ދަމަހައްޓަނީ އަޅުގަނޑުމެންގެ ޖަމާއަތުގެ މީހުންނެވެ. އާދެ، އަޅުގަނޑު ފަދަ ހިމާރުންގެ ބައިގަނޑެކެވެ. މަނިކުފާނުގެ ވަށައިގެން، އަޅުގަނޑު ފަދަ، ހިމާރުން ނުވާ ނަމަ، މަނިކުފާނުގެ ރަސްކަން ދެމި އޮތީސްތޯއެވެ؟ މަނިކުފާނުގެ ގަނޑުވަރުގެ އޮފީސް ހިންގަން ވެސް އެތިބީ ހަމަ އަޅުގަނޑުމެންގެ މީހުންނޫން ހެއްޔެވެ؟ އެމީހުން ނެތް ނަމަ، ތަޚުތުގައި މަނިކުފާނަށް އިންނެވުނީސްތޯއެވެ؟ މަނިކުފާނުގެ ވަޒީރުންގެ މަޖުލިހަށް ބައްލަވާލެއްވިޔަސް، ބޮޑު އަޚުލަބިއްޔަތަކީ ހަމަ އަޅުގަނޑުމެންގެ ހިމާރުންގެ ޖަމާއަތުގެ މީހުންނެވެ. ދެން، މަނިކުފާނުގެ ލަޝްކަރުގެ އިސް ސަފުތަކަށް ބައްލަވާލެއްވިޔަސް ހަމަ އެފަދައެވެ. ފެންނަނީ ހަމަ އަޅުގަނޑުމެން ފަދަ ހިމާރުންނެވެ. މަނިކުފާނުގެ ރައްޔިތުންނަށް މަގުދައްކަންވެސް ގިނައިން އެތިބީ ހަމަ އަޅުގަނޑުމެންގެ އަޚު ހިމާރުންނެވެ. މިހެން ކަންތައް އޮތް އިރު، އަޅުގަނޑަށް ވެސް މެޑެއްޔާއި އަގުބޮޑު ހަދިޔާ ހައްގުވާނެ ނޫންތޯއެވެ؟ އަޅުގަނޑަކީ ވެސް، ހަމަ މަނިކުފާނު ގާތް ކުރައްވައިގެން ތި ގެންގުޅުއްވާ ހިމާރުން ފަދަ ހިމާރެއް ނޫންތޯއެވެ؟"

ހިމާރުގެ މި ވާހަކަ އައްސަވައި، ތަރުހީބުގެ އަތްތިލަބަޑިޖައްސަވައި، ރަސްގެފާނު ވަރަށް ބާރަށް ހިނިފުޅުވަޑުވާލެއްވިއެވެ. އަދި ވިދާޅުވިއެވެ. "ހިމާރާއެވެ! ތިޔަ ބުނީ ހަމަ ފިސާރި ތެދު ވާހަކައެކެވެ."

ދެން، މެޑެއްޔާއި ހަދިޔާ ބަހާ މީހާއާ މުޚާތަބުކޮށް ރަސްގެފާނު އަމުރުފުޅު ކުރެއްވިއެވެ. "މި ހިމާރަށް މެޑެއްޔާ އަދި އަގުބޮޑު ހަދިޔާ ދޭށެވެ. އަދި ހިމާރުގެ ބުރިކަށިމަތި ޝަރަފުގެ އެކިއެކި ކުލަތަކުން ފުރާލާށެވެ! ހިމާރު ބުނިފަދައިން، އަހުރެންގެ ވެރިކަމުގެ ތަނބަކީ މިފަދަ ހިމާރުންނެވެ. އަހަރެންގެ ވެރިކަން ދެމި އޮންނަނީވެސް ހަމަ މިފަދަ ހިމާރުންގެ ސަބަބުންނެވެ!"

(ތަރުޖަމާއެއް)