...

Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: އާސަންދައަށް ކޮރަޕްޝަންގެ ކެންސަރު

ލިވަރުގައި މައްސަލަޖެހި، ދަރިފުޅުގެ ލިވަރުން ބައެއް ނަގައި ޝަރީފުގެ ލިވަރާ ގުޅުވުމަށް އިންޑިއާގެ ކޮޗިންއަށް ގޮސް ޝަރީފު ބޮޑު އޮޕަރޭޝަނެއްކުރިއެވެ. އާސަންދައިގެ އެހީގައެވެ. އޮޕަރޭޝަން ކާމިޔާބެވެ. ވޭނުގައި އުޅުނު ދުވަސްތައް މާޒީއާ އެކުވެ ޝަރީފަށް އަލުން ދިރުން ލިބުނެވެ. އުންމީދު އާވެއްޖެއެވެ. ހުރިހާވެސް ޝުކުރެއް ހައްގުވެގެން ވަނީ ހެއްދެވި ފަރާތަށެވެ.

އެކަމަކު ޝަރީފު މިއަދު ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާގެ ބޭސްފަރުވާގެ ހުރިހައި ކަމެއް އާސަންދައިގެ ދަށުން، ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުން ކުރަމުންދިޔައިރު، އޭނާގެ ނަމުގައި އެތައް ބައިވަރު އިސްރާފެއް ކޮށްފައިވާތީއެވެ. އާސަންދަ ބަޖެޓު ހިތަކަށް ލިބިފައިވާތީ އެ މީހުން ދިޔައީ ހަދާނެ އެއްޗެއް ހަދަމުންނެވެ. ޝަރީފަށް އެކަން ކަށަވަރުވީ އެންމެ ކަމަކުންނެވެ. އެއީ އޭނާއަށް ކޮންމެ ފަހަރަކު ދޭ ބޮޑު ބޭސް ފޮށިގަނޑުގެ ސަބަބުންނެވެ.

ހޮސްޕިޓަލުން ދޫކޮށްލަމުން ތިން މަހުގެ ބޭސް ދިނެވެ. ބޮޑު ފުޅިމަދު ފޮށިގަނޑެއްގައެވެ. އެކަމަކު ޖެހިގެން އައި ހަފުތާގައި ޑޮކްޓަރު ބަލައިފައި އަނެއްކާ ވެސް ބޭސް ބަދަލުކުރިއެވެ. ކުރިން ދިން ތިން މަހުގެ ބޭސް ފޮށިގަނޑު ޖެހުނީ ޑަސްބިނަށް އަޅާލާށެވެ. އޭގައި ހުރީ 48,000 ރުޕީސް (ގާތްގަނޑަކަށް 10 ހާސް ރުފިޔާ)ގެ ބޭހެވެ.

އެއީކީ ޝަރީފު އަލަށް ކުރި ކަމެއް ނޫނެވެ. ކޮޗިންގައި ފަސް މަހެއްހާ ދުވަހު ހުރުމަށްފަހު މި މަހު ކުރީކޮޅު މާލެ އައީ އެކަހަލަ ކިތަންމެ ބޭސް ފޮށިގަނޑެއް ޑަސްބިނަށް އަޅާލައިފައެވެ. އެ ވާހަކަތައް ޝަރީފު ވަނީ އޭނާގެ ފޭސްބުކްގައި ލިޔެފައެވެ.

އާސަންދައަކީ އިޖުތިމާއީ ސިއްހީ ރައްކާތެރިކަމަށްޓަކައި ސަރުކާރުން އެންމެނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމުގެ ނިޒާމެކެވެ. ރާއްޖޭގައި އުޅޭ ދިވެހިން އައި.ޑީ ކާޑު ދައްކައިލުމުން އާސަންދައިގެ ދަށުން ހިލޭ ބޭސްފަރުވާ ކުރެވެއެވެ. ލަންކާ އާއި އިންޑިއާގައި އުޅޭ މީހުންނަށް ވެސް އެ ހިދުމަތް ލިބެއެވެ. އެކަމަކު ޝަރީފުގެ ކަންބޮޑުވުމަކީ ދިވެހި ހުރިހައި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވެން އޮންނަ ނިޒާމެއްގެ ނާޖާއިޒު ފައިދާ ބޭރު ބަޔަކު ނަގާތީއެވެ. އެކަން އެގޮތަށް ކުރަނީ ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން، އެ މީހުންނަށް ވެސް ބައިއެޅޭ ގޮތަށް ކަމަށް އަބަދުވެސް ތުހުމަތުކުރެވެއެވެ. އެ ތުހުމަތު ކުރުމުގެ ފުރުސަތު ވެސް ބޮޑެވެ.

އާސަންދައިގެ ދަށުން ހިލޭ ހުރިހައި ކަމެއް ކުރެވެނީ ރާއްޖޭގައި ހުންނަ ސަރުކާރު ހޮސްޕިޓަލްތަކުން އެކަންޏެވެ. ރާއްޖޭގެ އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓާތަކުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވެނީ، އާސަންދައިން ކަނޑައަޅައިފައި އޮންނަ އަގުތަކެއްގައެވެ. އިތުރުވާ ބައި އަމިއްލަ ޖީބުން ލާންޖެހެއެވެ. އެހެން ނަމަވެސް ނިސްބަތުން އެއީ ކުޑަ އަދަދެކެވެ.

އާސަންދައިގެ އެހީ ލިބޭތީ، ކޮންމެހެން ކުރަން ނުޖެހޭ ޓެސްޓްތައް ހަދައި، ބައެއް ބޭސްތައް ވެސް ޑޮކްޓަރުން ލިޔެއެވެ. އެކަން އެންމެ ބޮޑީ އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓާތަކުގައެވެ. ޑޮކްޓަރު ބުނީމާ ބަލިމީހާއަށް ޖެހެނީ ހުރިހައި ޓެސްޓެއް ހަދައި، ބޭސްތައް ވެސް ނަގާށެވެ.

ކުރިން އޮތީ ދިވެހި އައިޑީ ކާޑު އޮންނަ ކޮންމެ މީހަކަށް އާސަންދައިގެ ދަށުން އަހަރަކު އެއް ލައްކަ ރުފިޔާގެ ބޭސްފަރުވާ ހިލޭ ކުރެވޭ ގޮތަށެވެ. މާނައަކީ ކޮންމެ އައިޑީ ކާޑަކީ އެއް ލައްކަ ރުފިޔާއެވެ. ނަމަވެސް ފަހުން ވަނީ "ހުސްނުވާ އާސަންދަ" އަށް ބަދަލުކޮށްފައެވެ. މާނައަކީ ކިތަންމެ ލައްކައެއް އެރިނަމަވެސް ބޭސްފަރުވާ ހިލެއެވެ.

މާލޭގެ އަމިއްލަ ކްލިނިކުތަކާއި ހޮސްޕިޓާތަކުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވެނީ، އެތަނުން ކަނޑައަޅައިފައި އޮންނަ އަގުތަކެއްގައި ކަމަށް ވިޔަސް، ރާއްޖެއިން ބޭރަށް ދިއުމުން އެކަމެއް އެހެނެއް ނޯވެއެވެ. އަމުދުން އިންޑިއާގައި އެކަން އޮންނަނީ ބޮއްސުންލައިފައެވެ.

ރާއްޖެއިން ބޭރުގައި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވެނީ "ޚާއްސަ" ބައެއް ހޮސްޕިޓާތަކުންނެވެ. އެ ތަންތަނަކީ އާސަންދައާއެކު "އެއްބަސްވުންތަކެއް" ހަދައިފައި ހުންނަ ތަންތަނެވެ. އެކަމަކު އެ އެއްބަސްވުންތަކުގެ އަޑީގައި ވަނީ، ކެންސަރަށްވުރެ ނުރައްކާތެރި ބައްޔެކެވެ. އާސަންދައިން އާންމުކޮށް މީހުން ފޮނުވަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. ޓްރިވެންޑްރަމް، ބެންގަލޫރު ނުވަތަ ކޮޗިންއަށެވެ. ލަންކާއަށް ފޮނުވަނީ ވަރަށް މަދުންނެވެ. ސަބަބަކީ "ގުޅުން" ބޮޑީ އިންޑިއާގެ ހޮސްޕިޓަލްތަކާ ކަމަށް ވާތީ ކަމަށް ވެސް ވެދާނެއެވެ.

ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރުމަށް އާސަންދައިގެ އެހީ، އުސޫލެއް ގޮތުން ލިބެނީ ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބަލިބައްޔަށެވެ. އަދި ރާއްޖެއިން ހެދެން ނެތް ޓެސްޓުތައް ހަދާށެވެ. އެހެން ނަމަވެސް، މާ ގިނަ ލިޔެކިއުންތަކެއް ނެތަސްވެސް، ވަކި މެމްބަރަކާ ނުވަތަ ވަކި މީހަކާ ގުޅައިގެން، އާސަންދައިގެ ދޮރު އޮންނަނީ ހުޅުވޭ ގޮތަށެވެ. ހުރިހައި ނިކަމެތީންނަކަށް ނޫނެވެ. ބައެއް މީހުންނަށެވެ. ބައެއް ރަށްރަށް ނުވަތަ ދާއިރާތަކުގެ މީހުންނަށެވެ.

އާސަންދައިގެ އިގުރާރުގައި އޮންނަ ގޮތުން ބޭސްކުރަންދާ ކަންތައް ނޫން އެހެން ކަމަކަށް ބޭސްކުރަން ނުވަތަ އެހެން ޓެސްޓެއް ހަދަންޖެހިއްޖެ ނަމަ އެކަމެއް ކުރަންޖެހެނީ އަމިއްލަ ހަރަދުގައެވެ. ނުވަތަ އާސަންދައަށް ލިޔެގެން ހުއްދަ ހޯދައިގެންނެވެ. އެހެން ނަމަވެސް، އިންޑިއާގެ ހޮސްޕިޓަލަކަށް ދެވުމުން އެ ހުރިހައި ކަމެއް ވަރަށް ފަސޭހައިން ހައްލުވެއެވެ. ހޮސްޕިޓަލަށް ފައިދާ ހޯދުމަށްޓަކައި، އެކި ނަންނަމުގައި ބޮޑެތި ޓެސްޓުތައް ހަދަނީއެވެ؛ ރާއްޖެއިން ކުރެވެން ނެތް ޓެސްޓުތަކުގެ ގޮތުގައެވެ.

ފާތުން ކިޔާ މެދު އުމުރުގެ މީހަކު، އާސަންދައިގެ އެހީ ހޯދައިގެން އިންޑިއާއަށް ގޮސް ހޮސްޕިޓަލަށްދިޔައެވެ. ގޮހޮރުގެ ކޮންމެވެސް ކަމަކު ފަރުވާ ހޯދާށެވެ. ޖިސްމާނީ ގޮތުން މާ ބަލި މީހަކަށް ނުވާތީ އޭނާ ހޮސްޕިޓަލަށް ދިޔައީވެސް ހިނގައިފައެވެ. ނަމަވެސް ޑޮކްޓަރު ބަލައިފައި ބުނީ އަވަހަށް އެޑްމިޓްކުރުމަށެވެ. އެހެން ބުނެ ވަގުތުން އޭނާ އައި.ސީ.ޔޫ އަށް ލިޔެވެ. އެތަނުގައި ބާއްވައިގެން ހަފުތާއެއްހާ ދުވަހު ފަރުވާކޮށްފައި ދޫކޮށްލިއެވެ. ހެދި ޓެސްޓުތަކާއި ދިން ބޭސްތަކުގެ އަދަދުވެސް އޭނާއަކަށް ނޭނގެއެވެ. އަދި މާލެއިން ކުރެވޭ ކަށީގެ ބައްޔަކަށާއި ދަތުރުގެ ބައްޔަކަށް ވެސް، އައި.ސީޔޫގައި އޮވެގެން އޭނާ ފަރުވާ ހޯދިއެވެ. އެ ދެކަމަށް އޭނާ ފަރުވާ ހޯދީ، ދެން ހުރީ ކޮންކޮން ބައްޔެއްތޯ ޑޮކްޓަރުން ސުވާލުކުރުމުންނެވެ. އެކަމަކު ހުރިހައި ކަމެއް ވެސް ކުރީ އާސަންދައިގެ ދަށުންނެވެ. ހެދި ނެހެއްޖެއް ފާތުންއަކަށް ނޭނގެއެވެ.

ފާތުންގެ އެހީތެރިޔަކަށް ދިޔައީ އޭނާގެ ފިރިމީހާއެވެ. އޭނާވެސް އުޅުނީ ބަލިކޮށެވެ. އިންޑިއާ އިން ބޭސްކުރަން އޭނާ ވެސް ބޭނުމެވެ. އެކަމަކު ރާއްޖެއިން ކުރެވޭ ފަރުވާއަކަށް ވާތީ އޭނާއަކަށް އާސަންދައެއް ނުލިބުނެވެ. އިންޑިއާ ހޮސްޕިޓަލްގެ ޑޮކްޓަރުން ބުނީ އެކަމާ ހާސްނުވުމަށެވެ. ފާތުންގެ ނަމުގައި، ފިރިމީހާގެ ބޭސްފަރުވާގެ ހުރިހައި ކަމެއް ވެސް ނިންމައިލަދީފިއެވެ. ހާދަހާވާ ހެވެވެ.

ކޮންމެ މީހަކަށް އަހަރަކު އައިނެއް ހެދޭ ގޮތަށް އާސަންދައިގައި 1،000ރ. އޮވެއެވެ. އެއީ ނަންބަރު އައިނެވެ. ނަމަވެސް އައިނު ނާޅާ މީހުން، އައިނު ފިހާރައަކަށް ގޮސް، އެތަނުގެ އިސް މީހަކާ ގުޅާލައިގެން އަވިއައިނު ވެސް ނަގައެވެ. ނަންބަރު އައިނުގެ ގޮތުގައި ޕްރިސްކްރިޕްޝަނާއި އެހެނިހެން ލިޔެކިއުންތައް ހަދައިގެންނެވެ. އަދި އިތުރުވާ ބައި އަމިއްލަ ޖީބުން ދައްކައިގެންނެވެ. ބައެއް ފަހަރު އައިނު ނުނަގާ، ފައިސާކޮޅު ވެސް ނަގައެވެ. އެއްބައި އެ ފިހާރައިގެ "ރަހުމަތްތެރިޔާ" އަށް ދޭ ގޮތަށެވެ. އަދި އެކި މީސްމީހުންގެ އައި.ޑީ ކާޑު ގެންގޮސްގެން ވެސް (ބައެއް ފަހަރު އައި.ޑީ ނަންބަރުން އެކަނި ވެސް ފުދޭ) މި ސަކަރާތެއް ޖަހައެވެ. މި ކަމުންވެސް ތަނަށް ފައިދާވާތީ އެގޮތަށް އެކަން ކުރަނީއެވެ. ވާނުވާއެއް އާސަންދައަކަށް ނޭނގެއެވެ. އާސަންދަ އޮތީ ވެންޓިލޭޓަރުގައެވެ.

އާސަންދައިގެ ބަލި މީހަކު އިންޑިއާ ހޮސްޕިޓަލަކަށް ހިނގައްޖެ ނަމަ، އެ މީހުން ތިބެނީ އިންތިހާއަށް އުފާވެފައެވެ. ސަބަބަކީ ހުސްނުވާ ބަޖެޓެއް އެމީހުންނަށް ހިތަކަށް ލިބޭތީއެވެ.

ބައްޔަކީ ރާއްޖެއިން ބޭސްފަރުވާ ކުރެވޭ އަދި އެއީ ރާއްޖޭގައި ހެދެން ހުންނަ ޓެސްޓެއް ނަމަ، ހަދާ ގޮތަކީ ރާއްޖެއިން ފަރުވާކުރެވެން ނެތް ބައްޔެއްގެ ގޮތުގައި އެ ޓެސްޓްތައް ހަދައި ފަރުވާވެސް ކުރަނީއެވެ. ހެސްކިޔައިފައި ބޭސްތައް ވެސް ދެނީއެވެ. އަދި ތިން މަހަށް ބޭސް ދީފައި، ފަހުން އަނެއްކާ ވެސް ބޭސް ބަދަލުކޮށް، އަނެއްކާ ތިން މަހަށް ބޭސް ވެސް ނަގަނީއެވެ. އަދި އެގޮތަށް ތަކުރާރުކުރަނީއެވެ. ވާނުވާއެއް އާސަންދައަކަށް ނޭނގެއެވެ. އާސަންދަ އޮތީ ކޯމާއެއްގައެވެ.

އާސަންދައިގެ ބަލި މީހަކު އިންޑިއާ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފި ނަމަވެސް، އޭނާ އޮންނަ ކޮޓަރި ހީވާނީ ފެޝަން ޝޯއެއްހެންނެވެ. ފަހަރަކު ޑޮކްޓަރަކު ފަހަރަކު ޑޮކްޓަރަކު ވަންނާނެއެވެ. ޑޮކްޓަރަކު ވަންނަ ކޮންމެ ފަހަރަކު ބިލަށް އެބައި އިތުރުކުރާނެއެވެ. ބުނެވޭ ގޮތުގައި އެޑިމިޓްކޮށްލާ ކޮންމެ ބަލި މީހެއް ކައިރިއަށް، އެ ހޮސްޕިޓަލްގެ ހުރިހައި ޑޮކްޓަރުންހެން، އެތައް ފަހަރަކު ޒިޔަރާތް ކުރެއެވެ. އެމީހުންނަށް ގިނަ ފައިސާ ލިބޭނީ އޭރުންނެވެ. ވާނުވާއެއް އާސަންދައަކަށް ނޭނގެއެވެ. އާސަންދަ އޮތީ ހޭނެތިފައެވެ.

އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭ އިންޑިއާ ހޮސްޕިޓަލްތަކަކީ، ދިވެހި ސަރުކާރުގެ ނުވަތަ އާސަންދަ ކުންފުނީގެ އިސް މީހުންނާ ވަރަށް ބޮޑު "ގުޅުންތަކެއް" އޮންނަ ހޮސްޕިޓަލްތަކެއް ކަމަށް އަބަދުވެސް ތުހުމަތުކުރެވެއެވެ. ހޮސްޕިޓަލުން ބިލް ހަދަނީ، ހޮސްޕިޓަލަށް ހިނގާ ހަރަދުގެ އިތުރަށް، މާލޭގައި ހުންނަ ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް ވެސް ބައި އަޅައިގެންނެވެ. އެހެންކަމުން، އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުން އެހާ އުނދަގޫ ކަމަކަށް ނުވެއެވެ. އެކަން ވަނީ އާސަންދަ އަށް ވެސް ލިބޭ އުފަލަކަށެވެ.

އައި.ޖީއެމް.އެޗުން ނޫނީ ސެނަހިޔަ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ޑޮކްޓަރަކަށް ދެއްކިޔަސް އަދި ޓެސްޓެއް ހެދިއަސް، ބިލް ހެދުމާއެކު، ބިލަށް އެރި ވަރާއެކު އެ މީހެއްގެ ފޯނަށް މިހާރު މެސެޖެއް އާދެއެވެ. ނަމަވެސް އެހެން ހޮސްޕިޓަލަކުން އެހެނެއް ނުވެއެވެ. ބޭސް ފިހާރަތަކަކުން ވެސް އެހެނެއް ނުވެއެވެ. ފަހަރުގައި، އެހެން ވަނީ ފަހުން ބިލްކޮށް، އާސަންދައިން ފައިސާ ނަގާތީ ކަމަށް ވެސް ވެދާނެއެވެ. އޭ.ޑީ.ކޭ ނުވަތަ ޓްރީ ޓޮޕުން ދޭ ފައިސާގެ ރަސީދުގައި އާސަންދައިން މިވެނި ވަރެއް ކެނޑި ކަމަށް އޮވެއެވެ. އެކަމަކު ހަގީގަތުގައި އޭނާގެ ނަމުގައި އާސަންދައަށް ބިލް ފޮނުވަނީ ކޮން އަދަދެއް ޖަހައިފައި ކަމެއް ނޭނގެއެވެ. ފަހުން ނަމަވެސް އެކަން އެނގެންޖެހޭނެ ކަމަށް ގަބޫލްކުރެވެއެވެ.

އިންޑިއާގައި މިހެނެއްވެސް ނުވެއެވެ. ހުރިހައި ހަރަދެއް ކުރަނީ އާސަންދައިގެ ދަށުންނެވެ. އެހެންކަމުން އިންޑިއާގެ ހޮސްޕިޓަލްތަކަށް ލިބޭ ފައިދާ އެތައް ގުނައަކުން ވަނީ މައްޗަށް ގޮސްފައެވެ.

ހުސްނުވާ އާސަންދައިގެ ދަށުން އިންޑިއާ އަށް ގޮސް ހުރިހާ ކަމަކަށް ބޭސްފަރުވާ ކުރެވުމުން ބަލި މީހާ އަށް ވެސް ފައިދާއެވެ. އޭނާ ހުންނަނީ ހިނިތުންވެފައެވެ. އޭނާގެ ބިލް ބޮޑުވުމުން އެންމެ ހިނިތުންވަނީ ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ ވެރިންނެވެ. ދެން އާސަންދައިގެ ވެރިންނެވެ. މި އެންމެނަށް ވެސް ފައިދާއެވެ. ހަގީގަތުގައި އާސަންދައަށް "ކޮރަޕްޝަންގެ ކެންސަރު"ޖެހި، ހޭނެތި، ކޯމާއެއްގައި އޮތުމުން އެކަމުގެ ގެއްލުން ވަނީ ދިވެހި ރައްޔިތުންނަށެވެ. އާސަންދަ އަށް ފައިސާ ހަރަދުކުރަނީ އެ މީހުންގެ ޖީބުން ނަގާ ޓެކްސް ފައިސާ އިން ކަމަށްވާތީއެވެ. ޝަރީފުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީއެވެ. އެކަމަކު ޝަރީފަށް ކުރެވެން އޮތީވެސް ކޮން ކަމެއްހެއްޔެވެ؟ ފޭސްބުކްގައި ލިޔެލުން ފިޔަވައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.