Support Us

ކޮލަމް ކޯދު: ވަގުންގެ އަމާނަތާއި ޝަރަފު ވެސް ވަގުން ނޫންކަމަށް ދައުވާކުރާ މީހުންގެ ކިބައިގައި ނެތިގެން ދިޔުން

ވަގަކު މީހެއްގެ ފައިސާ ދަބަސް ވަގަށް ނެގިއެވެ. ދެން އެ ފައިސާ ދަބަސް ހިފައިގެން އޭނާގެ ޖަމާއަތުގެ މީހުން ގާތަށް ދިޔައެވެ. ވަގުންގެ ޖަމާއަތުގެ މީހުން ދަބަސް ހުޅުވާލިއިރު، ލައްކަ ގިނަ ފައިސާ ދަބަހުގައި ހުއްޓެވެ. އަދި، ދަބަސްތެރޭގައި ކުޑަ ނޯޓެއް ވެސް އޮތެވެ. އެ ނޯޓުގައި ކުޑަ ދުއާއެއް ލިޔެފައި އޮތެވެ. އެ ދުއާގައި މާތްރަސްކަލާނގެއަށް ދަންނަވއިފައި ވެއެވެ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި ދަބަސް ވަގެއްގެ އަތުގައި ނުޖެހޭ ގޮތަށް ރައްކާތެރި ކުރައްވާށިއެވެ!"

ފައިސާ ދަބަހުގައި އޮތް ނޯޓު އިއްވާލުމުން ވަގުންގެ ޖަމާއަތުގެ ރައީސް ބުންޏެވެ. ތިޔަ ދަބަސް، އޭގައި ހުރި ފައިސާއާ އެކު، އޭގެ ވެރިފަރާތަށް ރައްދުކުރާށެވެ!"

ވަގުންގެ ރައީސްގެ ވާހަކަ އަހައި، ވަގުންގެ ޖަމާއަތުގެ މީހުންނަށް ހައިރާންކަން ލިބުނެވެ. ފައިސާ ދަބަހެއް އަތަށް އަރައި، އެ ފައިސާތައް ދޫކޮށްލަން ޖެހޭތީއެވެ. އެހެންވެ އެންމެނަށް އެއް އަޑުން ބުނެވުނެވެ. ރައީސެވެ! މި ފައިސާތައް އޭގެ ވެރިފަރާތަށް ރައްދުކުރަންވީ ކީއްވެގެން ހެއްޔެވެ؟"

ޖަވާބުގައިި ވަގުންގެ ރައީސް ބުންޏެވެ. "އަހަރުމެންނަކީ ވަގުންނެވެ. އަހަރުމެން ވަގަށް ނަގާނީ މީހުންގެ މުދަލާއި ފައިސާއެވެ. ފަހަރެއްގައި ވެސް މީހުންގެ އަގީދާތައް، ގަބޫލުކުރާކުރުންތައް އަހަރުމެން ވަގަށް ނަގައެއް ނޫޅެމެވެ. ތި ދަބަހުގެ ވެރިޔާ މާތްރަސްކަލާނގެއަށް ވަކީލުކުރާ ކުރުމާއި އިތުބާރުގައި ރެނދުއެޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނާ ހެއްދެވިފަރާތާއި އޭނާއާ ދެމެދުގައި އޮތް ވަކީލުކުރުން ކިލަނބުވެގެންދާކަށް އަހަރުމެން ނޭދެމެވެ."

ވަގުންގެ ރައީސް ބަހަށް ހުރިހާ ވަގުން އެއްބަސްވިއެވެ. އަދި، އެ ފައިސާ ދަބަސް، އޭގެ ވެރިފަރާތަށް ރައްދުކުރިއެވެ.

ގައުމުތައް ހިންގުމުގެ އަމާނަތް އެ މީހުންނާ ހަވާލުވެފައި ތިބި މީހުންގެ ފަރާތުން، އެކަން އެމީހުންނާ ހަވާލުކުރި މީހުން އެދެނީ އެންމެ ކުޑަވެގެން މަތީގައި ނަންގަނެވިދިޔަ ވަގުންގެ ޝަރަފު ހިފެހެއްޓުމެވެ. ވެރިކަމުގެ އަމާނަތް ރައްކާތެރިކަމާއެކު ބަލަހައްޓާނެކަމަށް އިތުބާރުކޮށްފައި އެކަން ހަވާލުކުރުމުން، އެކަން އެގޮތުގައި ކުރާނެ ކަމަށް އިތުބާރުކުރިއެވެ. ނަމަވެސް، ފެނިގެންދަނީ ވަގުންގެ ކިބައިގައި ހުންނަ އަމާނާތުގެ މިންވަރުވެސް ނެތްތަނެެވެ!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ވަރަށް އިބުރަތްތެރި. ﷲ ގެ ކުޅަދުންވަންތަކަން ކިތަންމެހާވެސް ބޮޑެވެ. އެކަލާނގެއަށް ވަކީލްކުރި މީހާގެ ފައިސާ ދަބަސް ސަލާމަތްވެއްޖެއެވެ. ހިތާމައަކީ ގައުމުގެ މިނިވަންކަން ގެއްލޭއިރުވެސް މަތީފަޑީގައި ތިބި ވަގުންނަށް އެކަން ނޭނގޭތީއެވެ. ފަހަރުގައި އެމީހުންނަކީ އަގީދާއިން ވައްކަންކުރާ ބަޔަކަށް ވުމެވެ. ވަﷲ އަޢުލަމް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *