ރަޝިޔާ ސިފައިން ޔުކްރޭނުގެ ދެކުނުގެ މުހިއްމު ސަހަރެއް ކަމުގައިވާ ޚަރްސަން ރޭ ހިފައިފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނު އީގޯރު ކޯނާޝިނޯފް ހާމަކުރެއްވި ގޮތުގައި ޚަރްސަންގެ މުޅި ސަރަޙައްދު މިހާރު އޮތީ ރަޝިޔާ ސިފައިން ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ.
ޔުކްރޭނާއި އިނގިރޭސިވިލާތުން ބުނާގޮތުގައި ރަޝިޔާއިން މި ސަރަޙައްދުގައި މިނިވަން ޖުމްހޫރިއްޔާއެއް އިޢުލާންކޮށްފާނެ ކަމުގެ ބިރު އެބަ އޮތެވެ. ޚަރްސަން މޭޔަރ ވިދާޅުވާގޮތުގައި އެ ސަރަޙައްދު އޮތީ "ކާބޯތަކެއްޗާއި ފެނާއި ކަރަންޓުން މަޙްރޫމު ވެފައެވެ." ޔުކްރޭން ނޫސް އޭޖެންސީ ބުނާގޮތުގައި ހާލުގައިޖެހިފައި ތިބި މީހުން ރަށުން ފޭބުމަށް އަމާން މަގެއް ވެސް ނެތެވެ.
ޚަރްސަނަކީ އިޤްތިޞާދީ މުހިއްމު މަރްކަޒެކެވެ. އެއީ ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ މުހިއްމު ބަނދަރެކެވެ. ޚަރްސަނަކީ ޔުކްރޭނުގައި ބޯޓު ބަނުމުގެ ޞިނާޢަތުގެ އެންމެ މުހިއްމު މަރްކަޒެވެ. އެހެންކަމުން މި ސަރަޙައްދަކީ ރަޝިޔާއަށް ވަރަށް މުހިއްމު ބިމެކެވެ.
ރަޝިޔާ ސިފައިން މި ސަރަޙައްދު ހިފަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ ސަރަޙައްދުގެ މަގުތައް މަތީގައި ރަޝިޔާ ސިފައިންނާ ޔުކްރޭން ސިފައިންނާ ދެމެދުގައި ވަނީ ހަނގުރާމަތައް ހިނގައިފައެވެ.
އަނެއްކޮޅުން ޔުކްރޭންގެ ރައީސް ޒެލެންސްކީ އިންޒާރު ކުރައްވާ ގޮތުގައި ޑޮންބާސް ސަރަޙައްދުން ވަކިވެގަންފައިވާ ދެ ސަރަޙައްދާ އެއްގޮތަށް މި ސަރަޙައްދުގައި ވެސް މިނިވަން ޖުމްހޫރިއްޔާއެއް އިޢުލާނުކޮށްފާނެކަމުގެ ބިރު ވަރަށް ބޮޑަށް އެބަ އޮތެވެ. އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ވެސް މިފަދަ ކަމެއް ނުކުރުމަށް ރަޝިޔާއަށް ދަނީ އިންޒާރުދެމުންނެވެ.
ރަޝިޔާއިން ޔުކްރޭނަށް އަރައި ހަނގުރާމަ ކުރަމުން ދާތީ އެމެރިކާއާއި ހުޅަނގުން ވަނީ މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ އެތައް ހާސް ފިޔަވަޅުތަކެއް އަޅައިފައެވެ.



advertisment