Support Us

ކުރު ވާހަކަ: ނަރަކައިން ސިޓީއެއް!

ވިހި އަހަރު ވަންދެން އުފަލުގައި ކައިވެނިކޮށްގެން އެ މީހުންގެ ހަޔާތް ވޭތުކުރަމުން އަންނަ ދެމަފިރިއެކެވެ. އެމީހުންގެ ކައިވެންޏަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ޗުއްޓީއެއް ހޭދަކޮށްލަން، ކައިރި ރަށަކަށް ދާން ގަސްދުކުރިއެވެ. ނަމަވެސް، ދެ މީހުންގެ ވެސް މަސައްކަތް ހުރި ގޮތުން، ދެމަފިރިންނަށް އެކުގައި ދަތުރުކުރެވޭ ގޮތެއް ނުވިއެވެ. އެހެންވެ، ދެ މީހުން ގަސްދުކުރީ ވަކިވަކިން ދަތުރުކުރުމަށެވެ. އެންމެ ފުރަތަމަ ފިރިމީހާއެވެ. އޭގެ ދެ ދުވަސް ފަހުން، އަންހެނުން ދަތުރުކޮށް ފިރިމީހާއާ ބައްދަލުކޮށް އެކުގައި ވުމަށެވެ.

ދެން، ފިރިމީހާ ފުރަން އޮތް ދުވަހު އޭނާ ފުރިއެވެ. އަދި، ދެ ދުވަހުގެ ދަތުރަކަށް ފަހު، އެ މީހުން ތިބެން ހަމަޖެހިފައިވާ ހޮޓަލަށް ދެވުނެވެ. ހޮޓަލުގައި އޭނާ ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށް ވަދެ، ހަމަޖެހިލިއެވެ. ކޮޓަރީގައި ކޮމްޕިޔުޓަރާއި އިންޓަނެޓުގެ ޚިދުމަތް ހުރުމުން، އޭނާ ގަސްދުކުރީ، އަންހެނުންނަށް އީމޭލެއް ލިޔެ، އޭނާގެ ހާލުއަހުވާލު އަންހެނުންނަށް އަންގާލާށެވެ.

ކޮންމެ އަކަސް އޭނާގެ އަންހެނުންނަށް އީމޭލެއް ލިޔުނެވެ. ނަމަވެސް، ކުޑަކޮށް ވަރުބަލިވެފައި ވެސް ހުރުމާއެކުގައްޔާއި، އަދި، ބަލަންވީ ވަރަށް ނުބެލުމުގެ ސަބަބުން، އަންހެނުންގެ އީމޭލް އެޑުރެސް ލިޔުމުގައި އަކުރެއް ގޯސްކޮށް ލިޔެވުނެވެ. ނަތީޖާއަކީ އޭނަ ލިޔުނު އީމޭލު ލިބުނީ އޭނަގެ އަންހެނުންނަކަށް ނޫނެވެ. ކޮންމެވެސް އެހެން އަންހެނަކަށެވެ.

އިއްތިފާގުން ކަންތައް ދިމާވީ، އެ އީމޭލު ލިބުނީ އެދުވަހު އެ އަންހެން މީހާގެ ފިރިމީހާ މަރުވެ، ހުވަފަތްވީ އަންހެނަކަށެވެ. އޭނާގެ ފިރިމީހާ ވަޅުލުމުގެ ކަންތައް ނިންމާލާފައި ގެއަށް އައިސް، ގާތް ތިމާގެ މީހުންނާއި ރައްޓެހިންގެ ތައުޒިޔާއާއި ހަމްދަރުދީގެ މެސެޖުތައް ބަލާލަން ކަމަށް ގަސްދުކޮށް އޭނާގެ އީމޭލު ހުޅުވާލިއެވެ. އެ ހިނދު އޭނާއަށް ފެނުނީ ޗުއްޓީ ހޭދަކޮށްލަން ހޮޓަލުގައި ހުރި ފިރިހެން މީހާ އޭނާގެ އަންހެނުންނަށް ލިޔުނު އީމޭލްއެވެ. އެ އީމޭލު ކިޔައިފައި ހުވަފަތްވި އަންހެން މީހާ އަނބުރައިގަނެގެން ވެއްޓުނެވެ.

އެ ވަގުތު ހުވަފަތްވި އަންހެން މީހާގެ ދަރިފުޅު އޭނަގެ މަންމަ ކޮޓަރިއަށް ވަނެވެ. އަދި، މަންމަ ހޭނެތިފައި އޮތްތަން ފެނުނެވެ. ހުޅުވާލައިފައި އޮތް އީމޭލު ވެސް ކޮމްޕިޔުޓަރުން ފެންނަން އޮތެވެ. ދަރިފުޅު އަވަސް އަވަހަށް އީމޭލު ކިޔައިލިއެވެ. މަންމައަށް ވީ ކީއްތޯ ސާފުވެދާނެކަމަށް ހީކޮށެވެ. އެ އީމޭލުގައި އޮތެވެ.

"ލޯބިވާ އަންހެނުންނެވެ! ސަލާމަތުން އަހަންނަށް އަހަރެންގެ މަންޒިލަށް އާދެވިއްޖެއެވެ. މިތަނުގައި ކޮމްޕިޔުޓަރާއި އިންޓަނެޓުގެ ޚިދުމަތް ލިބެއެވެ. އެހެންވީމާ، ކައިރީގައި ނެތަސް، އިންޓަނެޓު މެދުވެރިކޮށް، އަހަރުމެންނަށް އެކަކު އަނެކަކުގެ ހާލު ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އަދި، ހަމަ އެހެންމެ، ގާތް ތިމާގެ މީހުންނަށް ވެސް އަހަރެންގެ ޚަބަރު އަންގާލުމުގެ ފުރުސަތުވެސް އެބަ އޮތެވެ. އަހަންނަށް އަހަރެންގެ މަންޒިލަށް އާދެވުނީ ހަމަ ދާދި ދެންމެއެވެ. ދެން، ކަލާ ވެސް ދެ ދުވަހެއްގެ ތެރޭގައި އަހަރެން ކައިރިއަށް އައިސް އަހަންނާ ބައްދަލުކުރެވޭނެއެވެ. ބޯ ފޮތީގެ ހެދުން ގެންނަން ހަދާނެ ކަމެއް ނެތެވެ. އެހެނީ މި ނަރަކައިގެ ޖައްވު ވަރަށް ވެސް ހޫނެވެ!"

މި ހިސާބުން ދަރިފުޅަށް މަންމައަށް ވެގެން އުޅޭ ގޮތް ސާފުވިއެވެ!

މިއިން ލިބޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟ އީމޭލު އެޑުރެސް ވެސް އަދި އެހެން އެއްޗެއް ވެސް ލިޔުމުގައި ސައްހަކޮށް ލިޔުމަށް ފަރުވާތެރިވުމެވެ. ނޫން ނަމަ، އީމޭލަކީ ޖަހައްނަމައިން ލިޔާ އީމޭލެއް ކަމުގައި ހީކުރެވިދާނެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
112

One Response

  1. ހީހީ ހަލާކު. ސެންޑަރގެ ނަން އޭނަ ބެލިނަމަ ދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *