Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ހަމައެކަނި ޓެކްސީގެ އަގުތައް ސަރުކާރުން ކޮންޓްރޯލްކުރަނީ ކީއްވެ؟

އެގްރީމަންޓެއްގެ ދަށުން، މަހަކު 15 ހާސް ރުފިޔާއަށް މަނިކުބެ ކުއްޔަށް ހިފައިގެން އުޅޭ ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި، އަންނަ މަހުން ފެށިގެން 17 ހާސް ރުފިޔާއަށް ބޮޑުކޮށްފީމޭ ގޭގެ ވެރިފަރާތުން އަންގައެވެ. ސަބަބަކީ މުދަލާއި ތަކެތީ އަގު ބޮޑުވުމެވެ. ދެ އަހަރު ދުވަހުގެ އެގްރިމަންޓުގައި ބާކީ ދޮޅު އަހަރު އަދި އެބައޮތެވެ. މަނިކުބެއަށް އޮތީ ދެގޮތެވެ؛ މަހު ކުއްޔަށް ދެ ހާސް ރުފިޔާ އިތުރުކޮށްގެން އެ ތަނުގައި އުޅުމެވެ. ނޫނީ ތަން ދޫކޮށްލުމެވެ.

މަނިކުބެއަކީ ޓެކްސީ ޑްރައިވަރެކެވެ. ގްރޭޑް އަށެއް، ނުވައެއް އަދި ދިހައެއްގައި ކިޔަވާ ތިން ކުދިން އެބަތިއްބެވެ. ކެއިންބުއިމާއި ކަރަންޓާއި ފެނާއި ނެޓާއި، ޓީވީ ބިލްގެ އިތުރުން އެ ކުދިންގެ ޓިއުޝަން ފީ ވެސް ދައްކަންޖެހެއެވެ. ހުރިހައި ކަމެއް ކިރިޔާ ދެކޮޅު ޖެހެނީ މަނިކުބޭގެ ހަތަރު ފުރޮޅުން ލިބޭ އެއްޗެއްގެ ތެރެއަށް، އަނީސާ ހެދިކާ ހަދައިގެން ލިބޭ ލާރިކޮޅު ލީމައެވެ.

ގޭ ކުއްޔަށް ކުއްލިއަކަށް އިތުރުވި ދެ ހާސް ރުފިޔާ އަކީ، ކިރިޔާ ދެކޮޅުޖެހޭނުޖެހޭގައި ދިރިއިއުޅެމުންދިޔަ މަނިކުބޭގެ އާއިލާއަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަމަކު ގޭގެ ވެރިފަރާތަށް ބޮޑުވި ކަމަށް ބުނާ ހުރިހައި ހަރަދެއް ހަގީގަތުގައި މަނިކުބެއަށް ވެސް ވަނީ ބޮޑުވެފައެވެ. އެކަމަކު، ދިރިއުޅުމަށްޓަކައި އެންމެ ޒަރޫރީ ކަންތައް ކަމުގައިވާ ބޯހިޔާވަހިކަމުގައި މަނިކުބެއަށް ކުރިމަތިވި މި މައްސަލައިގެ ހައްލު ހޯދަން އޭނާ ދާނެ އެއްވެސް ތަނެއް ނެތެވެ. މާލޭގެ ގެދޮރުގެ ކުއްޔަކީ ގޭ ވެރިމީހާ ހިތަށް އެރި ވަރެކެވެ. ތަން ބޭނުމިއްޔާ ޖެހޭނީ އެ ކުލި ދޭށެވެ. އެހެން ނޫނީ "އައުޓް"އެވެ. (އަނެއްކާ އަޅުގަނޑު މި ކިޔަނީ "އިންޑިއާ އައުޓް" އޭ ހިތަށް ނާރުވައްޗެވެ. ހަތިޔާރު ނެތަސް، އެހަރަ މަތިމަސްތައް ފެނިފައި އަޅުގަނޑު ބިރުގަނެއެވެ.)

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން، ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ތެލަށް ހިނގާ ހަރަދު ބޮޑުވުމުން މަނިކުބެގޭ ޓެކްސީން ލިބޭ ދުވަހުގެ އާމްދަނީން، ގެއަށް ގެންދެވޭވަރު ވަނީ ދަށްވެފައެވެ. އެހެންވެ ޓެކްސީ ދަތުރުން ނަގާ ފީ ބޮޑުކުރަން މަނިކުބެއަށް ވެސް މަޖުބޫރެވެ.

ޓެކްސީ/ ޕިކަޕް ދުއްވައިގެން ޑްރައިވަރުންނަށް ލިބެނީ ދުވާލަކު ނޫނީ މަހަކު މިވެނި ވަރެކޭ، އަދި އެ އަދަދުތަކަކީ އެ މީހުންނަށް އެންމެ އެކަށީގެންވާ އަދަދުތަކެއް ކަމަށް ބުނެ ބައެއް މީހުން ހަމަދައްކައެވެ. އެކަމަކު ފައިސާއިން ހިތްފުރޭނީ ކާކުތޯއެވެ؟ އެހެންނަމަ ރާއްޖޭގައި އެންމެ ބޮޑެތި އިންވެސްޓަމްންޓްތައް ކޮށްފައިވާ އެއް ވިޔަފާރީގެ ތެރެއަށް، ކަފަބުރު ވިއްކާ ރީޓެއިލް "މާޓް"ތަކެއް ވަރަށް ފަހަކުން އިތުރެއް ނުކުރާނެކަން ޔަގީނެވެ. ނަފާ ލިބެން އޮތް ހުރިހައި ދިމާލަކުންވެސް ނަފާ ހޯދުމަކީ، އަދި ކިޔެއްތަ، އެންމެ ބޮޑު ނަފާއެއް ހޯދުމަކީ ހުރިހައި ވިޔަފާރިވެރިންވެސް ކުރާ އަދި ކުރާނެ މަސައްކަތެކެވެ. މަނިކުބެއަށް ވެސް ވީވަރެއް ހަމަ ކުރަންވީއެވެ.

ގޭގޭ އެޕާޓްމަންޓު ކުއްޔަށް ދިނުމަކީ ވެސް ބޮޑު ވިޔަފާރިއެކެވެ. ބައެއް ގޭގޭގައި އިންނަ އަންހެނެއްގެ އަތަށް ކުލި ދޭންޖެހުމުން އެއީ އޭނާ ލިއްލާހި އަށްޓަކައި ކުރާ ކަމެކޭ ބައެއް މީހުންނަށް ހީވެދާނެއެވެ. އެކަމަކު ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. އެއީ ހަމަ ވިޔަފާރިއެކެވެ. ބޮޑުވެގެންވާ ވިޔަފާރިއެކެވެ.

ތެދެކެވެ. ބުރިބުރިއަށް ގެ ހަދަން ލޯނު ނަގައެވެ. އަދި ކޮންމެ މަހަކު ލޯނު ދައްކަން ވެސް ޖެހެއެވެ. އެކަމަކު ލޯނަށް ދައްކަނީކީ މަހު ކުއްޔަށް އެ ނަގާ 15 ހާސް ނޫނީ 17 ހާސް ރުފިޔާ އެއްކޮށެއް ނޫނެެވެ. ލޯނަށް ދައްކަނީ ނިސްބަތުން ކުޑަ އެއްޗެކެވެ. ގިނަ އެޕާޓްމަންޓުތައް ހުންނަ ތަންތަނުން ބޮޑު ފައިދާއެއްވެއެވެ. ލޯން ދައްކައި ނިމުމުން އަދި މާ ބޮޑު ފައިދާއެއްވެއެވެ.

އެޕާޓްމަންޓު ކުއްޔަށް ދިނުމާއި ވިއްކުމަކީ ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް ހިނގާ އެއް ވިޔަފާރިއެވެ. އެންމެ ޑިމާންޑް ބޮޑު އެއް ވިޔަފާރިއެވެ. އެހެން ނޫން ނަމަ، ހުޅުމާލޭގައި އެޕާޓްމަންޓެއް އަޅާ ކަމަށް ބުނެ ހަމައެކަނި ކުލަ ފޮޓޯއެއް ދައްކާލައިފައި އެޑްވާންސަށް ދެތިން މިލިއަން ރުފިޔާއެއް ނުނެގުނީހެވެ. ފޮޓޯ ދައްކައިގެން އެޑްވާންސަށް ފައިސާ ނެގި ބައެއް މީހުން ލާރިކޮޅު ކާލައިގެން ފިލިވެސް މެއެވެ. އަނެއް ބަޔަކު ނުއެއްފިލައެވެ. އެކަމަކު، ދުވަހަކު އެ ބުނާ ތަނެއް ނުނިމެއެވެ. ތަން ނިމޭނެ ކަމަށް ބުނި މުއްދަތު ފަހަނަޅައި ދިޔަތާ އެތައް ދުވަހެކެވެ.

މާލޭގައި ހަދަމުން އަންނަ އިމާރާތްތައް: ޓެކްސީ އަގުތައް ކޮންޓްރޯލް ކުރިޔަސް ގެދޮރު ކުލީގެ އެއްވެސް ކޮންޓްރޯލެއް ނޯވޭ. -ފޮޓޯ: އަހުމަދު އާމިރު/ އެފް.ބީ

މާލޭގައި އެޕާޓްމަންޓްތައް ކުއްޔަށް ދޭކަށް ވަކި އަގެއް ނޯވެއެވެ. އެޕާޓްމަންޓްތައް ވިއްކާކަށްވެސް ވަކި އަގެއް ނޯވެއެވެ. ފޮޓޯ ރީތިކުރެވުނު ވަރަކަށް އަގު މަތިކުރަނީއެވެ. ބޯހިޔާވަހިކަމަކީ އިންސާނަކަށް އެންމެ ލާޒިމް އެއް ކަންތައް ކަމަށް ވިޔަސް، ބޯހިޔާވަހިކަމުގެ އަގުތައް ކޮންޓްރޯލްކުރާނެ ބަޔަކު ނެތެވެ. އެކަމަށް އަޑު އުފުލާނެ ބަޔަކުވެސް ރާއްޖެއަކުނެތެވެ. ތަންތަން ކުއްޔަށް ދީގެން އުޅެނީ ތަންކޮޅެއް ފޯރާ މީހުން ކަމަށްވާތީ ބާވައެވެ؟

މަނިކުބެ މިއަދު ވަނީ ރިހޭފައިމައްޗަށް ފޮއިވެއްޓިފައެވެ. ގޭގެ ކުލި ބޮޑުކުރީއެވެ. ހަމަ އެ ދަނޑިވަޅު، ޕެޓްރޯލްގެ އަގުވެސް ބޮޑުކުރީއެވެ. އެކަމަކު، ގޭގެ ކުލި ބޮޑުކުރި ގޮތަށް އޭނާގެ އަމިއްލަ ޓެކްސީގެ ދަތުރުގެ އަގު މަނިކުބެއަށް ބޮޑުކުރެވޭކަށް ނެތެވެ. ޓެކްސީ ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގު ސަރުކާރުން މި އޮންނަނީ ކަނޑައަޅައިފައެވެ. އެކަމަކު ޓެކްސީ އަށް އަރާ މީހުންނަށް ވުރެ، ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުން މާލޭގައި ގިނަވާނެއެވެ.

ގެދޮރުގެ ކުލި އެހާ ބޮޑުވަނީ ތޮއްޖެހިފައިވާ މާލޭގައި ކުއްޔަށް ދޭ ތަންތަން އެކަށީގެންވާ ވަރަށްވުރެ މަދުވުމުންނެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ ވައުދުތައްވެ، އެކިއެކި ސްކީމްތައް ސަރުކާރުން ހިންގައި، ހުޅުމާލޭގައި ފްލެޓްތައް އަންނަނީ އަޅަމުންނެވެ. ވައުދުތައް ނުފުއްދުނު ނަމަވެހެވެ. ހުޅުމާލެއަށް މީހުންތައް ފޭދޭ ވަރަކަށް، މާލެތެރެއިން ތަންތަން ކުއްޔަށް ހިފަން ފަސޭހަވެފައި، އަގުތައްވެސް ކޮންމެވެސް ވަރަކަށް ތިރިވެއްޖެހެން ހީވެއެވެ. އެކަމަކު މާ ބޮޑަކަށް ނޫނެވެ.

ގެދޮރު ކުއްޔަށް ދޭން ވަކި މިންގަނޑެއް ނެތްއިރު، އެކަން މައިތިރި ކުރުމަށް އޮތް އެންމެ ބޮޑު ހައްލަކީ ޑިމާންޑް ކުޑަކުރުމެވެ. ގެދޮރު ކުއްޔަށް ހިފުމަށް އޮތް ޑިމާންޑް ކުޑަކުރެވޭނީ އަމިއްލަ ބޯހިޔާވަހިކަން އަދިވެސް ގިނަ ބަޔަކަށް ލިބިގެންކަން ޔަގީނެވެ. ހުޅުމާލޭގައި ބިނާކޮށްފައި ހުރި އެތައް ހާސް ފްލެޓެއް މިހާރު ހުރީ ނިމުމުގެ ފަހު މަރުހަލާގައި ކަމަށް ވެއެވެ.

ދެން އޮތީ މަނިކުބޭގެ ޓެކްސީގެ ވާހަކައެވެ. ޓެކްސީ ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަބަދުމެ ހަތަރު ފަރާތް ބަލަހައްޓައިގެން އިނދެ ކުރަންޖެހޭ، ވަރަށް ޒިންމާދާރު މަސައްކަތެކެވެ. ޖަހައިލެވޭ އެންމެ ލޮލުފިޔައަކުން، ތިމާ އާއި އެތައް ބައެއްގެ ފުރާނަ ގެއްލި، ނުވަތަ މުޅި އުމުރަށް ނުކެޅެދޭ މީހުންނަށް ވާންޖެހޭ ފަހަރުފަހަރު ކުރިމަތިވެއެވެ.

ތެލުގެ އަގު ބޮޑުވުމާ ވިދިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރުމުން، ސަރުކާރުން އެކަން މަނާކުރުމުގެ ބޭނުމަކީ ފަހެ ކޮބައިހެއްޔެވެ؟ ނޫނީ ޓެކްސީ ދަތުރުތަކުގެ އަގު ސަރުކާރުން ކޮންޓްރޯލްކުރަންވީ ކީއްވެގެންހެއްޔެވެ؟ އަގު ކޮންޓްރޯލް ކުރަންޏާ ކޮންޓްރޯލް ކުރަންވީ ހަމައެކަނި ޓެކްސީ ދަތުރުގެ އަގުހެއްޔެވެ؟ ގެދޮރު ކުލީގެ އަގު ކޮބައިހެއްޔެވެ؟ ސިއްހީ ހިދުމަތުގެ އަގުތައް ކޮބައިހެއްޔެވެ؟ ކަނޑުމަހާއި މޭވައާއި ތަރުކާރީގެ އަގު ކޮބައިހެއްޔެވެ؟ މިއީ ހުސް، ޒަރޫރީ ހިދުމަތާއި އެއްޗިއްސެވެ. ހަމައެކަނި ޓެކްސީ ދަތުރުގެ އަގު ކޮންޓްރޯލް ކުރަން މި އުޅެނީ ކީއްވެގެންހެއްޔެވެ؟ ސަރުކާރުން ދާދި ފަހަކުން ވެސް ކަނޑައެޅީ މަސްވެރިން އަތުން މަސް ގަންނަ އެންމެ ކުޑަ އަގެވެ. މަސްވެރިން މަސް ކިލޯއެއް ވިއްކާ އެންމެ ބޮޑު އަގެއް ނޯވެއެވެ. އެ ދުވަހަކު އޮޔާއި ވަޔާއި ވިލާ ހުރި ގޮތަކުން، މަހުގެ އަގު ރަނަށް ވެސް ވެދާނެއެވެ. އާންމުންގެ ގިނަ ބަޔަކު މަހެއްގައި އަތްލާން ނުކެރި މާރުކޭޓުތެރޭގައި އެނބުރޭއިރު، ފިޝަރީޒް މިނިސްޓްރީން ނޫނީ ސަރުކާރުގެ އެހެން ތަނަކުން ގޮސް އެކަން ބަލައިލާތޯއެވެ؟ ވޯޓުގެ ދުވަސްވަރަކަށް ނުވާތީ ކަމަށް ވެސް ވެދާނެއެވެ.

ދިރިހުރުމަށްޓަކައި އެންމެ މުހިންމު އެއްޗަކީ ރަނގަޅު ސިއްހަތެކެވެ. އެކަމަކު ރާއްޖޭގައި ހުރި އަމިއްލަ ހޮސްޕިޓަލްތަކުންނާއި ކްލިނިކުތަކުގެ އަގުތައް ސަރުކާރުން ކޮންޓްރޯލެއް ނުކުރެއެވެ. މާލޭގެ އެންމެ މުހިންމު ހިސާބުން ބޮޑު ސިންގާހާ ކޮއްޓެއް އެއްކޮށް އޭ.ޑީ.ކޭ އަށް ކުޑަ ކުއްޔެއްގައި ދިނުމުން ހިދުމަތުގެ އަގު ކުޑަތޯއެވެ؟ އެތަނަށް ކިތަންމެ ކުޑަ ކަމަކު ވަދެލައިފައި ނުކުތަސް، އެތައް ހާސް ރުފިޔާއެއްގެ ބިލެއް ދޭނެއެވެ. ޓްރީ ޓޮޕްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެ ހޮސްޕިޓަލް ފެށުނުއިރު ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުންތައް ގިނަވެފައި ހިދުމަތްވެސް ވަރަށް ރަނގަޅެވެ. މިހާރު ޓްރީ ޓޮޕެކޭ އޭ.ޑީ.ކޭއެކޭ މާ ބޮޑު ތަފާތެއް ނެތެވެ. އެނބުރިއެނބުރި އުޅެނީ އެއް ދިވެހި ޑޮކްޓަރުންތަކެކެވެ. އެއް ދުވަހު އައި.ޖީ.އެމް.އެޗްގައި، އަނެއް ދުވަހު އޭ.ޑީ.ކޭގައި އަނެއް ދުވަހު ޓްރީ ޓޮޕްގައެވެ. މިވީ ކޯންޗަކަށް ހެއްޔެވެ؟ ގަބޫލްކުރަމެވެ. ޓްރީ ޓޮޕަކީ އެންމެ ހަގު ހޮސްޕިޓަލް ކަމަށް ވިޔަސް، އެންމެ ހިދުމަތް ރަނގަޅު ކަމަށް މަޝްހޫރީ އެތަނެވެ. އެކަމަކު އެއީ ހަމަ ނަމެކެވެ. ހުރިހައި ގޮތަކުން ބަލާއިރު އަދިވެސް އަޅުގަނޑަށް ހަމަ އެންމެ ކަމުދަނީ ދަރުމަވަންތަ/ އައި.ޖީ.އެމް.އެޗެވެ. ހުރިހައި ހިދުމަތެއް ހިލެއެވެ. ބޮޑެތި ޓެސްޓުތައް ހެދި ވަރަށް ބޮޑެތި އޮޕަރޭޝަންތައް ވެސް ކުރެވެއެވެ. އެ ފެންވަރުގެ ސަރުކާރު ހޮސްޕިޓަލެއް މި ސަރަހައްދުގައިވެސް މަދުވާނެއެވެ. (އެކަމަކު އައި.ޖީ.އެމް.އެޗްގައި ވެސް ރަނގަޅުކުރަން ހުރި ބައިވަރު ކަންތައް އެބަހުއްޓެވެ.)

"ދަރުމަވަންތަ ހޮސްޕިޓަލް" ޖަހައިފައި 25 ބުރީގެ އުސް އިމާރާތެއް ހުއްޓަސް، އެ ތަނުގައި އަދިވެސް ހިދުމަތް ދެނީ އައި.ޖީ.އެޗްގެ މެމޯއަށެވެ. ހުރިހައި ޑޮކްޓަރުންނާއި ނަރުހުންނާއި މުވައްޒަފުންނަކީ ވެސް އައި.ޖީ.އެޗްގެ މުވައްޒަފުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބިނާކުރި "ދަރުމަވަންތަ ހޮސްޕިޓަލް" ރަސްމީ ސިފައެއްގައި ހުޅުވާކަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރަކަށް ނުކެރުނެވެ. ކިންގް ސަލްމާން މިސްކިތް ފަދައިންނެވެ. އެ މިސްކިތް ވެސް ނިމި، ލޮނު ބުރަބުރާ އެހެން ހުންނަތާ ދެ އަހަރު ވަނީއެވެ.

ދަރުމަވަންތަ ރަސްމީކޮށް ނުހުޅުވިޔަސް، ރައީސް ޔާމީނާ އަދާވާތްތެރި ބޭބެ، ރައީސް މައުމޫނަށް ކޮވިޑް ޖެހުމުން ވެސް ފަރުވާ ހޯއްދެވީ އެތަނުންނެވެ. އަދި ރައީސް ސޯލިހުގެ އާއިލާ ބޭފުޅުންވެސް ތިއްބެވީ އެ ހޮސްޕިޓަލުގައެވެ. އެކަމަކު، ކިންގް ސަލްމާން މިސްކިތުގެ އޮޅިމަތިން ވެސް ގިރާކޮށްލުމުގެ ހުއްދައެއް އަދި ނެތެވެ. ރަސްމީކޮށް ރިބަންފަށް ކަނޑަންދެން ބޭނުންނުކޮށް މިހާތަނަށް ބަހައްޓާން ޖެހުނީ އެ މިސްކިތް އެކަންޏެވެ. އެހެން އެ ވަނީ އެއީ މިސްކިތަކަށް ވާތީ ކަމަށް ވެސް ވެދާނެއެވެ.

ކިންގް ސަލްމާން މިސްކިތް: ހުޅުވަން ތައްޔާރުވެފައި ހުންނަތާ އެތައް ދުވަހެއް. -ފޮޓޯ: އަހުމަދު އާމިރު/ އެފް.ބީ

ސިއްހީ ހިދުމަތުގެ އަގުތަކުގެ ވާހަކަ ދައްކާއިރު، ދަތުރުފަތުރު ކުރުމަށްޓަކައި، އިހަކަށް ދުވަހާ ހަމައަށް ކޮންމެހެން ހަދަންޖެހުނު ޕީ.ސީ.އާރް ޓެސްޓުގެ އަގުތަކަށް އެކަނި ވިސްނާލަމާތޯއެވެ. އެއްވެސް ކޮންޓްރޯލެއް ނެތެވެ. ފުރަތަމަކޮޅު ޓެސްޓަކަށް ހާހެއްހާ ރުފިޔާވެސް ނެގިއެވެ. ފަހުންފަހުން ތިން ސަތޭކައެއްހާ ރުފިޔާ އަށް ވެސް އެ ޓެސްޓް ހެދުނެވެ. އެކަމަކު އަގުތައް ތިރިވިިއިރު، ސިއްހީ ހިދުމަތުގެ ދާއިރާގައި އިސްކޮށް އުޅުނު ބައެއް މީހުން ތިބީ މިލިނިއަރުންނަށް ވެފައެވެ. އެ މީހުންގެ ބަނޑުތައް ހުރީ ފަޅައިގެންދާވަރަށް ފުއްޕާލައިފައެވެ. ސަރުކާރުން އަގުތައް ކޮންޓްރޯލް ނުކުރުމުން ވީ ގޮތެވެ.

ޓެކްސީ ދަތުރުގެ އަގު ބޮޑުކުރަން ސަރުކާރުން ހުއްދަ ނުދިނުމުން، އެކަމާ ދެކޮޅު ހަދައި، މަސައްކަތަށް ނުނުކުމެ، ރައްޔިތުންނަށް ތުރާޖައްސައި ސަރުކާރު ކޮށިއަރުވާލުމުގެ ބާރު މަނިކުބޭ އަށާއި އޭނާގެ އެކުވެރި އެހެން ޓެކްސީ ޑްރައިވަރުންނަށް އަބަދުވެސް ލިބެއެވެ. އެހެންވެ ޓެކްސީ ޑްރައިވަރުން ކުކުރާލާއިރަށް، ސަރުކާރުން ގިނަ ފަހަރަށް ޖެހެނީ ބޯލަނބާށެވެ. ނޫނީ އެ މީހުން ނަގަމުންދާނީ އެ މީހުންނަށް ފެންނަ އަގެކެވެ. މިހާރުގެ ހަގީގަތަކީ ވެސް އެއީއެވެ. ކުރިމަތީގައި ވޯޓެއް ނެތިއްޔާ، ރައްޔިތުން ޖެހޭނީ ބޮޑު އަގުގައި ދަތުރުކުރާށެވެ. ރައްޔިތުން ބާރުވެރި ބަޔަކަށް ވަނީ ގޮނޑިތައް ހުސްވެ، ވޯޓު ކަރުދާސް ޗާޕްކުރަން ފެށުމުންނެވެ. ކުރިން ނަމަ އީ.ސީ ޝަރީފެވެ. މިހާރު ފުއާދެވެ. ކޮމަންޑޫ މީހުންނަށް ލެއްވި ނަސީބެއް އެންމެނަކަށް ނުލިބޭނެތާއެވެ؟

ޓެކްސީ ދަތުރުގެ މައްސަލައިގެ ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ޓެކްސީ ޑްރައިވަރުންނަށް އެކި ކަހަލަ އިންޒާރުދީ ބިރު ދައްކާށެވެ. ބޮޑު އަގު ނަގައިފިނަމަ ޖޫރިމަނާކޮށް، ލައިސަންސް ބާތިލްކުރާނަމޭ ކިޔައިގެންނެވެ. އެކަމަކު އެއީކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ހުރިހައި ޓެކްސީ ޑްރައިވަރުންގެ ލައިސަންސް ބާތިލެއްވެސް ނުކުރެވޭނެއެވެ. އަދި ލައިސަންސް ބާތިލްކުރުމަކުން މައްސަލަ އަށް ހައްލެއްވެސް ނުލިބޭނެއެވެ. ހުރިހައި ޓެކްސީތައް ދުއްވާކަށް މިނިސްޓަރު ނަހުލާއަކަށް ނީންނެވޭނެތީއެވެ. އެއީ ހަމަ ފިސާރި ކަނބަލެކެވެ. އެކަމަކު ބާބަޕާޕާއެއް ނޫންވިއްޔާއެވެ!

ޓެކްސީގެ ޑިމާންޑް ދަށްކުރުމަށްޓަކައި މާލެއަށް މިއަދު އެންމެ ބޭނުންވެފައި ވަނީ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެކެވެ. ހަގީގަތަކީ މިއީއެވެ. ރަށުތެރޭގައި މިނީބަސް ދުއްވާނަމަ، އެ ވިއުގަ ބޭނުންކުރާ މީހުން ގިނަވެ، ޓެކްސީތަކަށް އަރާ މީހުން ބޮޑުތަނުން މަދުވާނެއެވެ. އަދި ކުޑަ އަގަކުން ރަށުތެރޭގެ ދަތުރުފަތުރު ކުރެވޭނެއެވެ. އެއާއެކު ޓެކްސީއަށް ބަރޯސާވުން އިންތިހާއަށް ކުޑަވެގެންދާނެއެވެ. ޓެކްސީ ޑްރައިވަރުންނަށް ސަރުކާރު ކުޑަކަކޫމައްޗަށް ތިރިއެއް ނުކުރެވޭނެއެވެ.

މާލެއަށް ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް އަންނަ ވާހަކަ ދައްކާތާ ވެސް ލައްކަ ދުވަސްވެއްޖެއެވެ. އެކަމަކު ނަހުލާއަކަށް ވެސް އެކަމެއް ނުވިއެވެ. އެކަން ކުރަން އުޅޭހެނެއްވެސް ހިޔެއްނުވެއެވެ. ފޮރުވިފައިވާ ކޮންމެވެސް ސިއްރެއް އޮންނާނެކަން ޔަގީނެވެ.

މާލޭގައި ތޮއްޖެހިފައިވާ މިހިރަމިހިރަ ބޮޑެތި މައްސަލަތައް ހައްލުކޮށްލަން މިއަދު ބޭނުންވަނީ ކުޑަކުޑަ އެންމެ ކަމެކެވެ. އެއީ ރައްޔިތުންގެ މަޖިލިސްގެ މާލޭ ގޮނޑިއެއް ހުސްވުމެވެ. ރައްޔިތުން ދެކެ އެހާ ލޯބިވާ ނަމަ، މި ވަގުތު އެކަން ކޮށްލަން ކެރޭ އެންމެ މެމްބަރަކުވެސް މާލޭގެ ގޮނޑިއެއްގައި އެބައިންނެވިބާވައެވެ؟ އިންނެވި ނަމަ ރައްޔިތުންގެ ދެކެ ތިޔަވާ ލޯބި ސާބިތުކޮށްދެއްވަބައްލަވާށެވެ!

ޓެކްސީ ދަތުރެކޭ އެއްގޮތަށް އަތޮޅުތެރޭގެ ފެރީ ދަތުރުގެ އަގުތައް ވެސް އަމިއްލަ ލޯންޗުފަހަރުން ބޮޑުކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ އަދި އެއްވެސް ލިޔެކިއުމެއްގައި އަގު ޖަހައިފައި ނެތް ދަތުރުތަކެކެވެ. އެ އަގުތައް ބޮޑުކުރުމުން ނަހުލާ ވިދާޅުވާނީ ކީކޭބާވައެވެ؟ އެކަމަކު މީގެ އެތައް ފެރީ ލޯންޗެއް ދުވާލަކު އެތައް ފަހަރަކު މާލެ އައިސްގޮސްވެއެވެ. އެތައް ސަތޭކަ ބަޔަކު އުފުލައެވެ. ލޯންޗު ދަތުރުފަތުރުގެ ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް، ހައި ސްޕީޑް ފެރީގައި، ދާދި ފަހުން ވަނީ ތިލަދުންމަތީގައި އެމް.ޓީ.ސީ.ސީން ތައާރަފުކޮށްފައެވެ. ހަގީގަތުގައި މިއީ މާލޭ ސަރަހައްދަށް ވެސް ތައާރަފު ކުރަންވީ ސިސްޓަމެކެވެ. ހައި ސްޕީޑް ފެރީ ނިޒާމަށް އެންމެ ޑިމާންޑް ބޮޑީވެސް މި ސަރަހައްދުގައި ކަމަށް ވީތީއެވެ.

މިއަދުގެ ހާލަތަށް ބަލާއިރު، މަނިކުބޭމެން ކަހަލަ ޓެކްސީ ޑްރައިވަރުންނަށް މަޖުބޫރު ވަނީ ބޮޑު އަގު ނަގައިގެން ޓެކްސީ ދަތުރުކުރާށެވެ. ގެދޮރު ކުއްޔަށް ދިނުމާއި އަސާސީ އެހެން ހިދުމަތްތަކާއި ތަކެއްޗަށްވެސް ކޮންޓްރޯލް އަގުތަކެއް ނެތް ކަމަށް ވަންޏާ، ހަމައެކަނި ޓެކްސީ ދަތުރުގެ އަގުމަތީގައި ސަރުކާރުން އަތްއަޅައިގެން އޮތުމުގެ ބޭނުމަކީ ފަހެ ކޮބައިހެއްޔެވެ؟ މަނިކުބޭމެން ފަދަ ރައްޔިތުން އެންމެ އެދޭ ގޮތަކީ އެއީހެއްޔެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
81

3 Responses

  1. ގައިޑެންސް އައްބާސް ވީމަ އަގަށް ބަދަލެއް ނުގެނެވެނީތޯ؟ ނަހުލާގެ އާއިލާއިން ތެޔޮ ވިއްކާ އަގަށް ބޭނުންވީމަ ހަމަ ކޮންމެ ދަނޑިވަޅަކުވެސް އަގު ބޮޑުކޮށްލެވޭ. މިހާރު ހިތަށް އެރި އަގެއްގަ ކުކުޅު ބިސް ރީޓެއިލް ކޮށް ވިލާއިން ވެސް އެބަ ވިއްކާ.. މިދެން އަރަތެއް ކަހަލަ ކަމަކަށް ވެއްޖެ. ޓެކްސީ ތަކަށް ބޮޑު ސަބްސިޑީ ދޭންވީ ނޫންތޯ.. އޭރަށް އަހަރެމެން އަގު ތިރިކޮށްލަ ދީފާނަން.

  2. ޕަބްލިކް ސާރވިސް އެށް ދިނުމުގެ ޤާބިލު ކަމެއް ސަރުކާރުގައި ނެތުމުން ފަރުދުންގެ މުދާ ރަހީނުކޮއް އޭގެ މައްޗަށް ވެރިވެ ގަނެގެން ޓެކްސީ ޑްރައިވަރުން އަޅު މަސައްކަތް ކުރާން ޖެހޭ ސަބަބަކައްވެފައި މިއޮތީ

  3. މިހިންގަނީ ހޫސް ޖަރީމާ. ރައްޔިތުން ގުނބޯ ހައްދާާފަ އެމީހުން މަތިފަޑީގަތިބެގެން މާލިއްޔަތު ދިރުވާލަނީ. ބަލަގަ ޓެކްސީގެ އަގު ކިތަންމެ ބޮޑުވިޔަސް އަހުންނަށް ހެޔޮ. ދިރިއުޅުމުގަ އެއަށްވުރެ ބޮޑެތި ޙަރަދުކުރަންޖެހޭ ވ ގިނަ ކަންކަން އެބަހުރި. ރައްޔަތުން އަބަދުމެ ތަކުރާރުކޮށް ދައްކަމުންދާ ވ ގިނަ ކަންކަން އެބަހުރި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *