...

Support Us

ކޮލަމް ކޯދު: ރޫމީގެ "އަހަރެން މަރުވުމުން" މި ޅެމުގެ ދިވެހިކޮށްލުމެއް

ޖަލާލުއްދީނު މުހައްމަދު ރޫމީއަކީ ދުނިޔޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމަނާލެވޭ އިލްމުވެރިއެކެވެ. ހަނަފީ ފަގީހެކެވެ. މާތުރީދީ އުސޫލީއެކެވެ. އިލްމުވެރިކަމުގެ އިތުރުން، އޭނާއަކީ ވަރަށް ވެސް މަޝްހޫރު ޅެންވެރިއެކެވެ. އޭނާގެ މަޝްހޫރުން ނަމުން ބުނާ ނަމަ، ރޫމީ އުފަންވެވަޑައިގަތީ 1207ގައި ބަލްޚުއޭ ކިޔޭ ރަށެއްގައެވެ. އެއިރު އެއީ ޚުރާސާނުގެ ސަރަހައްދުގައި ހިމެނޭ ރަށެކެވެ. ބަލްޚު މިހާރު ހިމެނެނީ އަދުގެ އަފްޣާނިސްތާނުގައެވެ. އޭނާ އަވަހާރަވީ 1273ގައި ކޮންޔާ، އިހުގެ އައިކޯނިއާ ގައެވެ. މިއަދު ކޮންޔާއަކީ ތުރުކީވިލާތުގެ ރަށެކެވެ.

އޭނާގެ ގިނަ ލިޔުންތައް އޭނާ ލިޔުއްވީ ފާރިސީ ބަހުންނެވެ. ނަމަވެސް، އަރަބި ބަހާއި ތުރުކީ ބަހާއި އަދި ޔޫނާނީ ބަސް ވެސް އޭނާގެ ލިޔުންތަކުގައި ބޭނުންކުރައްވައިފައި ވެއެވެ. އޭނާގެ އެންމެ މަޝްހޫރު ލިޔުމަކީ ފާރިސީ ބަހުން އޭނާ ލިޔުއްވި، 25،000 ބައިތުގެ މައްޗަށް އެކުލެވޭ މަޘްނަވީއެވެ. މިއީ ފާރިސީ ބަހުގެ އެންމެ މަޝްހޫރު ޅެން ކަމުގައި ބެލެވެއެވެ. މި ޅެމުގައި މައިގަނޑު ގޮތެއްގައި ބަލާލެވިފައި ވަނީ މާތްﷲ މައުރިފާކޮށް އެކަލާނގެއަށް ލޯބިކުރާނީ ކިހިނެއް ކަމާ މެދުގައެވެ. (މަތީގައި އެވާ ތަސްވީރުން އެ ފެންނަނީ މަޘްނަވީގެ ސޫރައެކެވެ.)

***

އަހަރެން މަރުވުމުން

1
އަހަރެން މަރުވުމުން،

އަހަރެންގެ ސަންދޯއް،

ބޭރަށް ނެރެވުމުން،

ފަހަރެއްގައި ވެސް ކަލޭމެން ހީކޮށްގެން ނުވާނެއެވެ.

ދުނިޔެ މަތިން އަހަރެން ހަނދާން ކުރާ ކަމެވެ.

2
އަހަރެންގެ މައްޗަށް ކަރުނަ އޮހޮރަން ނުހަދާށެވެ!

އަހަރެންގެ މައްޗަށް ހިތާމަ ނުކުރާށެވެ!

އަހަންނަށް ހަމްދަރުދީ ނުވާށެވެ!

އަހަރެން މި ވެއްޓެނީ

ފުރޭތައެއްގެ އަނދަވަޅަކަށް ނޫނެވެ!

3
ކަލޭމެންނަށް ފެނުމުން،

އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ގެންދެވޭ މަންޒަރު،

(ކަލޭމެން ދޫކޮށް،) އަހަރެން ދާތީ ރޯން ނުހަދާށެވެ.

އެހެނީ އަހަރެން، ދަނީކީ ނޫނެވެ.

ކަލޭމެންނަށް ފެނުމުން،

އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ގެންދާތަން،

(ކަލޭމެން ދޫކޮށް) އަހަރެން ދާތީ ރޯން ނަހަދާށެވެ.

އެހެނީ އަހަރެން، ދަނީކީ ނޫނެވެ.

(ނަމަވެސް، އޭރުން،) ދާއިމީ ލޯބީގެ (މަންޒިލަށް) އަހަންނަށް ވާސިލުވެވެނީއެވެ.

4
އަހަރެން ދޫކޮށްފައި ކަލޭމެން ދިޔުމުން،

ގަބުރު ތެރެއަށް،

އަހަންނަށް އަލްވިދާއުގެ ސަލާން ކުރަން ނުހަދާށެވެ.

(އަބަދުވެސް) ހަނދާން ކުރާށެވެ! ގަބުރަކީ

ހަމައެކަނި ފަރުދާއެއް ކަމެވެ!

5
ކަލޭމެންނަށް ހަމައެކަނި ފެންނާނީ

އަހަރެން ގަބުރަށް ތިރިކުރެވޭ ތަނެވެ.

ދެން، އަހަރެން ތެދުވާ ތަން ދެކޭށެވެ!

ނިމުމެއް އޮންނާނީ ކިހިނެއް ހެއްޔެވެ؟

އިރު އޮއްސުމުންނެވެ! ނުވަތަ،

ހަނދު އޮއްސުމުންނެވެ!

6
މަރުވުމަކީ ނިމުމެއްހެން ހީވެދާނެއެވެ!

މަރުވުމަކީ އިރު އޮއްސި (ދުވަހެއްގެ) ނިމުންހެން ހީވެއެވެ!

ނަމަވެސް، ހަގީގަތުގައި މަރުވުމަކީ (އާ) ފަތިހެކެވެ

ކަލޭގެ ހަށިގަނޑު ގަބުރުތެރޭގައި ބަންދުކުރެވި ތަޅުއެޅުވުމުން،

އެއީ ކަލޭގެ ފުރާނަ މިނިވަންވާ ވަގުތެވެ!

7
ދުވަހެއްގައި ވެސް ކަލޭމެން ދުށީމު ހެއްޔެވެ؟

އޮށެއް ބިންމައްޗަށް ވެއްޓޭ ތަނެވެ.

އަދި، އެއަށް ފަހު، އެ އޮށް ފޯދި ތެދުވެ، އާ ދިރުމަކުން ދިރޭ ތަނެވެ.

ފޯދި ތެދުވެދާނޭ ކަމާ މެދު ކަލޭމެން ޝައްކު ކުރަންވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟

އިންސާނާއޭ މިކިޔާ އޮށް (ފޯދި، ތެދުވެދާނޭ ކަމާ މެދުއެވެ!)

8
ކަލޭމެން ދުވަހެއްގާ ވެސް ދުށީމު ހެއްޔެވެ؟

ފެން ވަޅެއްގެ ތެރެއަށް ތިރިކުރާ ބާލިދީއެއް،

ހުސްކޮށް ނެގޭ ތަނެވެ.

އެހެންވީމާ ފުރާނައަކާ މެދު ހިތާމަކުރަންވީ ކީއްވެ ހެއްޔެވެ؟

އެ ފުރާނަ (ދިރި) އަލުން އެނބުރި އަތުވެދާނޭ ކަމަށްވާ އިރުއެވެ

ޔޫސުފުގެފާނު ވަޅުން އެނބުރި ވަޑައިގެން ފަދައިންނެވެ.

9
އެންމެ ފަހު ފަހަރަށް،

ކަލޭގެ އަނގަ ކަލޭ ލައްޕާލުމުން،

ކަލޭގެ ބަސްތަކާއި ކަލޭގެ ފުރާނަ،

ވަނީ އެ ދުނިޔޭގައެވެ.

ވަގުތާއި ޖާގަ (މި ދުނިޔެ ފަދައިން އެ ދުނިޔޭގައި) ނުހިމެނޭ (ދުނިޔޭގަ)އެވެ!

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.