...

Support Us

ކޮލަމް ކޯދު: ގައުމުތައް ހަލާކުވެދިޔުމުގެ މައިގަނޑު ސަބަބު

މީހަކު ބުނެފައި އޮވެއެވެ. ހިޓުލަރުގެ ސިޔާސަތުތަކަށް ހުރިހާ ޖަރުމަނުންނެއް ތާއީދެއް ނުކުރެއެވެ. ނަމަވެސް، ހިޓިލަރުގެ ސިޔާސަތުތައް ހިންގާލުމަށްޓަކައި ޖަރުމަރުނުގެ ހުރިހާ މުވާތިނުންގެ ތާއީދަކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވީ އޭނާގެ ދިމާރީ ސިޔާސަތުތަކާ އަޅާނުލައި، ބީރު ކަންފަތެއް ދީގެން ތިބޭ ރައްޔިތެކެވެ. އެ ފަދަ ރައްޔިތެއް އޮތުމުން، އޭނާގެ ދިމާރީ ސިޔާސަތުތައް ހިންގާލުމުގެ މަގުފަހިވެގެން ދިޔައެވެ. ނަތީޖާއަކީ ހެއްޔެވެ؟ ނަތީޖާއަކީ 1945ގެ މޭ މަހު ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު އެތައް އެތައް މިލިޔަން މީހުނެއް މަރުވެ، ހުރިހާ ގޮތަކުން މުޅި ދުނިޔޭގައި އެންމެ ކުރިއަރާފައި އޭރު އޮތް ގައުމު، ޖަރުމަނުވިލާތް ފުނޑުފުނޑުވުމެވެ.

މިއަދު، ރާއްޖެއިން ވެސް މިފެންނަނީ ހަމަ މި ނަންގަތް ކަހަލަ މަންޒަރެކެވެ. ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ތައާރުފު ކުރުމުގެ ކުރިން، ރާއްޖޭގައި އޮތީކީ އެންމެ ރަނގަޅު ސިޔާސީ ނިޒާމެކޭ ނުބުނެވޭނެއެވެ. ނަމަވެސް، އޭގެ ކުރީގައި އޮތް ސިޔާސީ ނިޒާމަކީ އޭގައި އެތައް އުނިކަމެއް އެކުލެވިގެންވީ ނިޒާމަކަށް ވިޔަސް، އެ ނިޒާމުގެ ސިޔާސަތުތައް ބިނާވެފައި އޮތީ ގައުމު ބިނާކުރުމުގެ މައްޗަށެވެ. ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރާ ގޮތުގެ މަތިންނެވެ.

ނަމަވެސް، ގިނަ ޕާޓީތަކުގެ ސިޔާސީ ނިޒާމު ތައާރުފުކުރެވުމުން، ޕާޓީތަކުގެ ސިޔާސަތުގައި އެންމެ އިސްކަން ދީފައި އޮތީކީ ގައުމު ބިނާކުރުމަކަށް ނޫނެވެ. ޕާޓީތަކުގެ މަސްލަހަތު ރައްކާތެރިކުރުމަށެވެ. ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުވާލުމަކީ ވެސް، ޕާޓީގެ މަސްލަހަތު ރައްކާކުރެވޭ ކަމަކަށް ވަންޏާ އެކަން ވެސް ކުރަންވީއެވެ. ދައުލަތުގެ ފައިސާއަކީ ގައުމު ބިނާކުރަން އޮތް ވަސީލަތެއް ނޫނެވެ. އެއީ ޕާޓީތަކުގެ މީހުން އެމީހުންގެ އިސް މީހުންގެ އަމިއްލަ ފައިދާއަށް ބަހައިލާން ލިބިފައި އޮތް އެއްޗެކެވެ. ދައުލަތުގެ ވަޒީފާތަކަކީ، އެމީހުންގެ މީހުންނަށް، އެއީ ކަމުގެ އެއްވެސް ގާބިލުކަމެއް ނެތް ބައެއް ކަމުގައި ވިޔަސް، ބަހާލާ ވަޒީފާތަކެކެވެ. ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ނިޒާމު ރާއްޖޭގައި ތައާރުފު ކުރުމުން، ދިވެހި ދައުލަތް ވެގެން ދިޔައީ ވެރިކަން ކުރާ ޕާޓީގެ ކަންމަތީ ކަޑައަކަށެވެ. ވެރިކަން ކުރާ ޕާޓީން ހިތު ހުރި ގޮތަކަށް އެ ކަޑައިގެ ވަތްގަނޑަށް އަތް ބާނައި ފައިސާ ނަގައި ބޭނުން ކަމެއް ކުރަންވީއެވެ! މީގެ އިތުރުން، ޕާޓީގެ ނިޒާމު އެހެން ކަމެއް ވެސް ތައާރުފު ކުރިއެވެ. އެއީ، ޕާޓީގެ އިސް އެންމެންނަކީ ވެސް ދައުލަތުގެ އެންމެ އިސްވެރިޔާކަމުގެ މަގާމު ލިބިފައި ތިބޭ ބަޔަކަށް ވުމެވެ. އާދެ، ހަގީގީ ވެރިޔަކީ ކާކުކަން ނޭނގޭ ހިސާބަށް ކަންތައް ގޮސްފައި އޮތުމެވެ. ރައީސަކީ ވެސް ވެރިއެކެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސަކީ ވެސް ވެރިޔެކެވެ. ވެރިކަން ކުރާ ޕާޓީގެ ވެރިޔަކީ ވެސް ވެރިޔެކެވެ. ކައުންސިލްތަކުގެ ވެރިންނަކީ ވެސް ވެރިޔާގެ މައްޗަށް އަމުރު ހިންގާ ވެރިއެކެވެ.

ދެން، މި ނަންގަތް ކޮންމެ ވެރިޔަކު، ކޮންމެ ފަދަ ކަނޑުކޮސް، ތާކުންތާކު ނުޖެހޭ ވާހަކައެއް ދެއްކި ކަމުގައި ވިޔަސް، އެއީ ހަގީގަތެއް ކަމުގައި އެމީހުންނަށް ތާއީދުކުރާ މީހުން ދެކެއެވެ. ތިމާމެންނާ އިދިކޮޅު ކޮންމެ ބަޔަކާ ބެހޭ ގޮތުން، ހަގީގަތާ ޚިލާފު ނަމަވެސް، އެއްޗެއް ބުނެފި ނަމަ، އެއީ ވަހީގެ ދަރަޖަ ލިބިގެންވާ ފަދަ ތެދު ހަގީގަތަކަށް ހަދާލެވެއެވެ. ދެން، އަނެއް ބަޔަކު، މިކަންކަމާ އަޅާ ނުލައި އެއީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ ކިޔައި، ދުރުގައި އެމީހުންގެ އަމިއްލަ މަސައްކަތް ކުރުމުގައި ތިބެއެވެ. އާދެ، ދެވަނަ ބޮޑު ހަނގުރާމައިގެ ކުރީގެ ދުވަސްތަކުގައި ހިޓިލަރުގެ ސިޔާސަތުތަކާއި އަޅާނުލައި ޖަރުމަނުގެ އެތައް ބަޔަކު ތިބި ގޮތަށެވެ. މިހެންވުމުން، ރާއްޖޭގައި މިހާރު ފާޅުވެގެން މި އުޅޭ، ރާއްޖޭގެ ދީނީ އަގުތަކަށް ވެސް ކުޑަކޮށް ވެސް އިހުތިރާމެއް ނުކުރާ، އިންތިހާޒީ ސިޔާސީ ވެރިން، އެމީހުންގެ ޕާޓީ މެދުވެރިކޮށް، އެމީހުންގެ ޒާތީ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ. ރައްޔިތުންގެ އަތުން ޓެކްސް ނަގައި، އެ ފައިސާއަކީ އެމީހުންގެ އަމިއްލަ އެއްޗެއް ކަމުގައި ދެކެ، އެމީހުން ހިތި ހުރި ގޮތަކަށް ޚަރަދުކޮށްލުމުގެ ފުރުސަތު ލިބެއެވެ.

މިފަދަ ސިޔާސީ އިންތިހާޒީ ކަސްބީން ބޭނުން ގޮތަކަށް ކަންތައް ކުރުމަށް ދޫކޮށްލައިގެން ތިބެއްޖެ ނަމަ، އާޚިރުގައި ކަންތައްވާނީ ކިހިނެއް ހެއްޔެވެ؟ ޖަރުމަނު ފުނޑުފުނޑުވެ، އެމީހުންގެ މިނިވަންކަން ވެސް ގެއްލުނު ގޮތަށް، ރާއްޖެ ވެސް ހަލާކުވެ ދިޔުމެވެ. މިކަން ހުއްޓުވަން ބޭނުން ނަމަ، ސިޔާސީ އިންތިހާޒީ ކަސްބީންނަށް ކެރިގެން ނޫނެކޭ ބުނަން ޖެހެއެވެ. މިނިވަން ގަލަންތަކެއް ނެރެ، އެފަދަ މީހުންގެ ދޮގު ވާހަކަތަކަކީ ދޮގޭ ބުނެ، އެ ފަދަ ވާހަކަތައް ފެތުރުނަ ނުދޭން މަަސައްކަތް ކުރަން ޖެހެއެވެ. އެއްވެސް ތަހުލީލަކާއި ތައުލީގައި ނުލައި، އެފަދަ ކަނޑުކޮސް ދޮގު ވާހަކަތައް ރިޕޯޓުކުރުން ވެސް ހުއްޓާލަން ޖެހެއެވެ. ކަންބަޅިތަކެއް އޭގެ އައިނުގެ ފަހަތުން ދުވާހެން، ތިމާގެ ޕާޓީގެ ފަހަތުން ދުވުން ހުއްޓާލައި، ކޮންމެ މީހަކު ވެސް، މާތްﷲ އެމީހަކަށް ދެއްވާފައި އޮތް ސިކުނޑި ރަނގަޅު ގޮތުގައި ބޭނުން ކުރަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. ހިތާމައަކީ ފުލުހުންގެ މުއައްސަސާ ވެސް އޮތީ ކަސްބީ ކަންމަތީގައެވެ. މުޅި ނިޒާމު މިއޮތީ ކަސްބީ ތަންމަތީގައި ކަަލައެވެ. ބޮޑު ދޮގެއް ހެދިޔަސް މިއުޅޭ ބައެއް ކުލީ ގަލަންތަކުން އެވާހަކަތައް ރިޕޯޓް ކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *