Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ހެޔޮ ބަސް ބުނުން 

އެއްދުވަހު ރަސްގެފާނު އިއުލާނެއް ނެރުއްވިއެވެ. ހެޔޮ ބަހެއް ބުނި ކޮންމެ މީހަކަށް ފައިސާގެ އިނާމެއް ދެއްވާނޭ ކަމުގެ އިއުލާނެކެވެ.

ދެން، އެއްދުވަހަކު، ދަރުބާރުގޭ އިސް ވެރިންނާއެކު ރަސްގެފާނު ރަށުތެރެ ބައްލަވާލެއްވުމަށްޓަކައި ނިކުންނެވިއެވެ. އަދި މާ ގިނަ އިރުތަކެއް ނުވަނީސް، އުމުރުން ދުވަސްވެފައިވާ މީހަކު ޒައިތޫނި ގަހެއް އިންދަން އުޅެނިކޮށް ރަސްގެފާނު ދެކިވަޑައިގަތެވެ. އަދި، އެމީހާ ކުރެން ރަސްގެފާނު އެއްސެވިއެވެ.

ރަސްގެފާނު: ބޭބެ ތި ޒައިތޫނު ގަސް އިންދަން ތިއުޅެނީ ކީއްކުރަން ހެއްޔެވެ؟ އެ ގަސް ފޯދި، އެއިން މޭވާ ލިބެން އަހަރުތަކެއް ނަގާނެ ނޫން ހެއްޔެވެ؟ ބޭބެ ތިހުރީ އުމުރުން ދުވަސްވެފައި ނޫން ހެއްޔެވެ؟ އެ ގަހުން ބޭބެއަށް ފައިދާއެއް ކޮށްފާނެ ހެއްޔެވެ؟

ބޭބެ: އަޅުގަނޑުމެން ކެއީ އިހު އުޅުނު މީހުން އިންދި އެއްޗެހިންނެވެ. އެހެންވެ، އަންނަން އޮތް ޖީީލުތަކަށް އަޅުގަނޑުމެން ވެސް ގަސްގަސް އިންދަންވާނެ ނޫންތޯއެވެ؟

ބޭބެގެ ޖަވާބާ މެދު ރަސްގެފާނު ހިތްޕުޅާ ހަމަކުރައްވައި އުފާކުރެއްވިއެވެ. އަދި ވިދާޅުވިިއެވެ. "ބޭބެ އެ ބުނީ ހެޔޮ ބަހެކެވެ!" ދެން ބޭބެއަށް ފައިސާގެ އިނާމެއް ދޭން ރަސްގެފާނު އަމުރުކުރެއްވިއެވެ.

އެ ވަގުތު ބޭބެ ހިނިތުންވެލިއެވެ. ދެން، ރަސްގެފާނު ސުއާލުކުރެއްވިއެވެ. "ބޭބެ ތި ހީނލީ ކީއްވެހެއްޔެވެ؟"

ޖަވާބުގައި ބޭބެ ދެންނެވިއެވެ. "ޒައިތޫނި ގަސް ފޯދި އެއިން މޭވާ ލިބެން އެތައް އަހަރެއް ނަގާނެ ވާހަކަ ރަސްގެފާނު ވިިދާާޅުވީމު ނޫންތޯއެވެ! ނަމަވެސް، އަޅުގަނޑު އިިންދި ގަހުން މޭވާ ލިބެން މާ ގިނައިރުތަކެއް ނުވިއެއް ނޫންތޯއެވެ؟"

ބޭބެގެ ޖަވާބާއި އަނެއްކާވެސް ހިތްޕުޅާ ހަމަކުރައްވައި ބޭބެއަށް އިތުރު އިނާމުދޭން ރަސްގެފާނު އަމުރުކުރެއްވިއެވެ.

އަނެއްކާވެސް ބޭބެ ހީނލިއެވެ. ދެން، ރަސްގެފާނު ބޭބެ ކުރެން ބޭބެ ހީނލުމުގެ ސަބަބަކީ ކޮބައިތޯ އެއްސެވުމުން ބޭބެ ރަސްގެފާނަށް ދެންނެވިއެވެ. "އާންމު ގޮތެއްގައި، ޒައިތޫނި ގަހުގައި މޭވާ އަޅަނީ އަހަރަކު އެއްފަހަރުއެވެ. ނަމަވެސް، އަޅުގަނޑުގެ ގަހުގައި މި އަހަރުތެރޭ މިހާރު ދެފަހަރު މޭވާ އަޅައިފިއެވެ."

ބޭބޭގެ ޖަވާބު އައްސަވައި އުފާކުރައްވައި، އަދިވެސް އިތުރަށް ބޭބެއަށް އިނާމު ދެއްވުމަށް ފަހު، ރަސްގެފާނު ރަށުތެރެ ބައްލަވާލެއްވުމުގެ ދަތުރުފުޅު ކުރިއަށް ގެންދިވިއެވެ.

އާދެ، މިވާހަކައިން ލިބިދޭ އިބުރަތަކީ، ފިލާވަޅަކީ، ކޮބައިހެއްޔެވެ؟ ހެޔޮ ބަހަކީ އަގު ބޮޑު ޖަވާހިރެއް ފަދަ އެއްޗެއް ކަމެވެ. ހެޔޮ ބަސް ބުނުމާއި ރިވެތި އަޚުލާގު މެދުވެރިކޮށް ހިތްތައް މަޑުކޮޅިކޮށް، ހިތްތަކަށް ވެރިވެވޭ ކަމެވެ. އެހެންވެ، އަޅުގަނޑުމެންގެ ދޫތައް ހެޔޮ ބަސްތަކުން ޒީނަތްތެރިކުރަން މަސައްކަތް ކުރުމަކީ ވަރަށް ވެސް މުހިއްމު އަދި ވަރަށް ވެސް އެދެވިގެންވާ ކަމެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވެސް، އެމީހުންގެ ހިތާމަތަކަށް، ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދިނުމަށްޓަކައި ހެޔޮ ބަހަކަށް ބޭނުންވެފައިވާ މީހެކެވެ. އެމީހުންގެ ދަތިތައް އުފުލުމަށްޓަކައި ކެތްތެރިކަމާއި ހިއްވަރު ލިބިގަތުމަށްޓަކައެވެ. މި ސަބަބަށްޓަކައި ހިނިތުންވެ، ހެޔޮ ބަހެއް ބުނުމަކީ ސަދަގާތެއް ކަމުގައި ނަބަވީ އިރުޝާދެއްގައި ކަނޑައެޅިފައި އޮވެއެވެ.

(ތަރުޖަމާއެއް)